ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި އޮޅުވާލުމާއި މަކަރު ހަދައިފައިވާ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ބިޑް ކޮމިޓީގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ މި މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ ކަމަށާއި މި މައްސަލައަކީ އެ ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ފެށި މައްސަލައެއް ކަމަށެވެ.
"މި މައްސަލައަކީ މި ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށް ބަލާއިރު ނިސްބަތުން އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވީނަމަވެސް، އެންމެ އަވަހަށް ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަކަން ފާހަގަކުރަމެވެ. މިމައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލޫމާތު އެއްކުރެވިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން، ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަޙްޤީޤު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވެއެވެ. މީގެ ތެރޭގައި، މި މައްސަލައާ ގުޅުން ހުރި އެކި ފަރާތްތަކުގެ ގިނަ ޢަދަދެއްގެ ބޭންކް އެކައުންޓްތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވެއެވެ." އޭ.ސީ.ސީގެ ބަޔާނުގައިވެއެވެ.
ހެލްތް މިނިސްޓްރީން ބޭނުންވާ 75 ވެންޓިލޭޓަރެއް ގަތުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއާ ހަވާލުކުރުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ މަސައްކަތް ހަވާލުކުރި މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މުގައްރިރު، ހެލްތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު ގއ.ދާންދޫ/ ހަނދުވަރީވާދީ އާއި، އެ މިނިސްޓްރީގެ ޑިރެކްޓަރ، ކ.ގުރައިދޫ/ ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ އާއި، ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ އާއި، އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ، ފާޠިމަތު ލިމްޔާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ވަނީ ހުށަހަޅާފައެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، ހެލްތް މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށް، 75 ޕަސަންޓަށްވާ ފައިސާ އާއި 15 ޕަސަންޓަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ މައްސަލާގައި ހެލްތު މިނިސްޓްރީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެފައިވާ އެ މިނިސްޓްރީގެ ޑިރެކްޓަރ އަދި ފައިނޭންސް އެގްޒެކްޓިވް ތ.ކިބިނދޫ/ ބޯގަންވިލާ، އަހުމަދު އަސްލަމްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް އޭސީސީން ވަނީ އެދިފަ އެވެ.
ކޮވިޑް-19 އާގުޅޭ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފިhttps://t.co/l86jEBo25a pic.twitter.com/labXUf3fiw
— ACC-MALDIVES (@ACC_Maldives) October 14, 2020
"މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ކުރި ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ އަޙްމަދު އަސްލަމްކަން ތަޙްޤީޤަށް ފާހަގަވާތީ އާއި، އަޙްމަދު އަސްލަމްގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ޕްރޮކިއުމަންޓްގެ ކަންކަން ހިމެނިފައި ނެތްއިރު، ޕްރޮކިއުމަންޓްގެ ކަންކަން ކުރަމުންދާ ޔުނިޓާ އެކަން ހަވާލުނުކޮށް، ޢަމަލީ ގޮތުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަޙްމަދު އަސްލަމް ކަމަށްވާތީ،" އޭސީސީން ބުނެފައިވެއެއެވެ.
މީގެ އިތުރުން ވެންޓިލޭޓަރުތައް ހޯދުމަށް ކޯޓޭޝަން ހޯދަންވީ ފަރާތުގެ މައުލޫމާތު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން، އަހުމަދު އަސްލަމަށް ފޮނުއްވާފައިވާ ކަމަށާއި ކޯޓޭޝަން ޑރ. އަލީ އަލް ޓަކްމަޗީ އަށް ރިކުއެޓްސްކޮށް ޓެކްނިކަލް އިވެލިއޭޝަން ރިޕޯޓް ލިބުމުގެ ކުރިން އަދި ބިޑް ކޮމިޓީއަށް އެ ރިޕޯޓް ހުށަހެޅުމުގެ ކުރިން އެ އޯޑާ ކޮންފާމްކޮށްފައިވާ ކަމަށް އެ ކުންފުންޏަށް އަސްލަމް އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ ވެންޓިލޭޓަރުތައް ގަތުމަށް ޑުބާއީގެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ 75 ޕަސެންޓަށްވާ ފައިސާ ދެއްކުމަށް ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވާ އެއް ފަރާތެއްގެ ގޮތުގައި އަސްލަމް ހިމެނޭއިރު އެޑްވާންސްކޮށް ކޮންޓްރެކްޓްގެ 90 ޕަސެންޓް ދައްކާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ފަދައިން އެޑްވާންސް ޕޭމަންޓްގެ ގެރެންޓީ ހޯދައިގެން ނޫން ކަމަށާއި މި ކަން ކޮށްފައި ވަނީ ޑުބާއީގެ އެ ކުންފުންޏަށް އެ ކޮންޓްރެކްޓް ހޯދައިދޭން އަސްލަމް ދީފައިވާ އިރުޝާދުގެ މައްޗަށް ކަމަށް ދަލީލުކުރެވޭ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
އޭސީސީން ބުނީ ހެލްތް މިނިސްޓްރީން ބޭނުންވާ 75 ވެންޓިލޭޓަރު ހޯދުމަށް ޑުބާއީގެ ކުންފުނީގެ މައުލޫމާތު އެ މިނިސްޓްރީއަށް ފޯރުކޮށްދީފައި ވަނީ ހެތްލް މިނިސްޓަރު އަމީން ކަމަށާއި އެ ކުންފުންޏަށް ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓް އަވަސްކުރުމަށް އަމީން މަސައްކަތް ކުރައްވާފައިވާ ކަމަށާއި މިކަމާ ބެހޭ ހުރިހާ ކަމެއް ޕޮލިސީ ޓޭބަލަށް އެރުވުމަށްޓަކައި އަމީން މައުލޫމާތު ހޯއްދަވަމުން ގެންދެވިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި މި ކަމަކީ އެ ކުންފުންޏަށް އެ ކޮންޓްރެކްޓް ހޯއްދެވުމަށް އަމީން ކުރައްވާފައިވާ ކަމެއްކަން އެނގޭތީ ގާނޫނު އުގޫބާތުގެ ފަސް މާއްދާއެއްގެ މައްޗަށް ރިޔާއަތްކޮށް އަމީންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ވަނީ ހުށަހަޅައިފަ އެވެ.
"ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއް ކަމަށް ބަލައި، އެކަމަށް ކޮންސިޑަރކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީ އާއި، އެއީ ހެލްތް މިނިސްޓަރު އަމީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ޑުބާއީގެ ކުންފުންޏާ އެކޮންޓްރެކްޓް ހަވާލުކޮށްފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވެސް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވާ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން 75 ވެންޓިލޭޓަރު ހޯދުމުގައި ޑުބާއީ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތް ކޮށްފައިވާތީ ހެލްތުގެ ލީގަލް އޮފިސަރ، ފެއަރީގާރޑެން/ ލ.ގަން، އަލީ ޝިހާމްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ވެންޓިލޭޓަރުތައް ހޯދުމަށް އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 ޕަސަންޓަށްވާ ފައިސާ އާއި 15 ޕަސަންޓަށްވާ ފައިސާ ދީފައި ވަނީ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގ އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ލިޔުމުން އެއްބަސްވުމެއް ނެތި ކަމުގައިވާއިރު އެކަމަށް ހުއްދަދިން ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑައިރެކްޓަރ، މުޝްތަރީގެ/ ހއ. ދިއްދޫ ޢަބްދުﷲ ހަފީޒް ކަމުގައިވާތީ އޭނާގެ މައްޗަށް ދައުވާކުރަން ވަނީ ހުށަހަޅާފަ އެވެ.
އެ ވެންޓިލޭޓަރުތަކަށް އެޑްވާންސްކޮށް ފައިސާ ދައްކާފައި ވަނީ ހެލްތް މިނިސްޓްރީއަށް ޑުބާއީގެ އެ ކުންފުނިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް ލިބުނު ކަމަށް އެންޓާކޮށްގެން ކަމަށް ލިޔެކިޔުންތަކުން ދައްކާ ކަމަށާއި އެގޮތަށް އެކަން ކޮށްފައިވާތީ ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހ. ޝާޒް، ހުސައިން ނިޔާޒްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ވަނީ ހުށަހަޅާފަ އެވެ. އަދި މި ފައިސާ ހަރަރަދުކުރުމަށް ހުއްދަދީ، ސެޕް ސިސްޓަމުން މި ދެ ޕޭމެންޓް ޕޯސްޓްކޮށްފައިވަނީ އެ މިނިސްޓްރީގެ ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އަބްދުﷲ ޝަރީފް ކަމުގައިވާތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.



advertisment