މި ލިއުމުގައި އަލިއަޅުވާލާފައި ވާނީ އިބުނު ޚަލްދޫން ލިއުއްވާފައިވާ އިޤްތިޞާދީ ފިކުރަށެވެ. މި ލިއުމުގެ ބޭނުމަކީ ފަހަކަށް އައިސް މަޝްހޫރު ބޮޑެތި ޢިލްމުވެރިން އިޤްތިޞާދީ ފިކުރުގެ ތާރީޚުގެ ތެރެއިން އިބުނު ޚަލްދޫނަށް ދަރާފައިވާ ދަރަނި އަދާކޮށް އިބްނު ޚަލްދޫނަށް ޙައްޤު މަގާމު ދިނުމަށް ކޮށްފައިވާ މަސައްކަތް ހާމަކުރުމެވެ.
އޭގެ އިތުރުން، މި ލިއުމުގައި އަލިއަޅުވާލައިފައިވާ ބައެއް ވާހަކަތަކަކީ 2006 ވަނަ އަހަރު ސްޕޭނުގައި ބޭއްވި ޢިލްމީ ފޯރަމެއްގައި ކުރި ބަހުސެއްގެ ނަތީޖާއެވެ. މި ފޯރަމަކީ "ޢަރަބި-މުސްލިމުންގެ އެހާރާއި މިހާރުގެ އިޤްތިޞާދީ ފިކުރު: އިބްނު ޚަލްދޫން އިޤްތިޞާދަށް ކުރައްވާފައިވާ ޚިދުމަތްތައް" މި ނަމުގައި 03-05 ނޮވެމްބަރު 2006 އަށް ސްޕޭނުގެ މެޑްރިޑްގައި ބޭއްވުނު ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ.

"ޙަޟާރަތް ތަރައްޤީވެ އާބާދީ އިތުރުވުމުން، މަސައްކަތްތެރިން އިތުރުވެއެވެ. އެއާ ވިދިގެން ފެންވަރު ރަނގަޅު މުދަލާއި ޚިދުމަތް އިތުރުވެ އޭގެ ނަތީޖާއެއްގެ ގޮތުން ފައިދާ އިތުރުވުމާއި އަދި އާދަކާދަ އާއި ފެންވަރު ރަނގަޅު މުދަލާއި ޚިދުމަތަށް އެދޭ މިންވަރު މަތިވެގެންދެއެވެ. ހިފާ ގެންގުޅޭ ތަކެއްޗާއި އެކިއެކި ބޭނުންތަކަށް އުފައްދާ ތަކެތި އުފެއްދުމުގައި ބަލާނީ އެންމެ ފެންވަރު މަތީ ތަކެތި އުފެއްދުމަށެވެ. އޭގެއިން ލިބޭ ފައިދާއާއި ނަފާ އިތުރުވެ ނަތިޖާއެއްގެ ގޮތުން އެ ސަހަރަކުން ލިބޭ ނަފާ އަނެއްކާވެސް ފަށްފަށްވެގެން ދާނެއެވެ. އަދި އެތަނެއްގެ އުފެއްދުންތެރިކަން އިހުނަށްވުރެ ކުރިއަރައި ކާމިޔާބުކަމާ އެކު ކުރިއަށް ދާނެއެވެ. އެހެންކަމުން އުފެއްދުންތެރިކަމާއި ނަފާ ލިބޭ މިންވަރު ދެގުނަ ނުވަތަ ތިންގުނަ މައްޗަށް ޖެހިގެންދާނެއެވެ. ދިރިއުޅުމުގެ އެކިއެކި ބޭނުންތައް ފުއްދުމަށް ބޭނުންވާ މަސައްކަތްތެރިންނާ އަޅައިބަލާއިރު، މަސައްކަތުގެ މައިދާނަށް އިތުރުވާ މަސައްކަތްތެރިންގެ ބޭނުން ހިފާނީ ފެންވަރު މަތީ މުދަލާއި މުއްސަނދިކަން އިތުރުކުރުމަށެވެ."
މަތީގައިވާ ޢިބާރާތުން، އިބްނު ޚަލްދޫން (1332-1406ސީއީ) ވަނީ އޭނާގެ ނުފޫޒު ގަދަ ފޮތްކަމުގައިވާ "އަލް މުޤައްދިމާ"ގައި އިޤްތިޞާދީ ކުރިއެރުމާ ބެހޭގޮތުން އަލިއަޅުވާ ލައްވާފައެވެ. އިބުނު ޚަލްދޫންގެ އިޤްތިޞާދީ ފިކުރުގެ ތާރީޚު މީގެ އެތައް ޤަރުނެއް ކުރިން ހަނދާނުން ފޮހެވިގެން ގޮސްފައި ވިޔަސް އިބްނު ޚަލްދޫން، އިޤްތިޞާދާއި އިޖުތިމާއީ ޢިލްމާއި އަދި އިންސާނީ ޙަޟާރަތުގެ މާއްދީ ކަންތައްތަކާ ބެހޭގޮތުން އަލިއަޅުވާލައްވާފައިވާ ކަންތައްތައް ގިނަ ޢިލްމުވެރިންނަށް މިހާރު ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް އެކަންތައްތައް އެމީހުންނަށް އެނގިފައި ވަނީ ވަރަށް ފަހުންނެވެ. އިބްނު ޚަލްދޫންގެ ލިޔުއްވުންތަކުގެ އަސްލު އެއީ އިސްލާމީ ޢިލްމުގެ ހުރިހާ ޚަބީރުންވެސް ބަލައިގަންނަ ލިޔުއްވުންތަކެކެވެ. އަދި މިހާރު އެމީހުން ވަނީ އިޖުތިމާޢީ ސައިންސްގެ އޭރުގެ ތާރީޚު އަލުން ބިނާކުރައްވާފައެވެ.
އިބްރާހިމް އުވޭސިސް އޭނާގެ ލިއުއްވުންތަކުގައި އިބްނު ޚަލްދޫނާ ބެހޭގޮތުން ވިދާޅުވަނީ އިބްނު ޚަލްދޫނަކީ އިޤްތިޞާދީ ޢިލްމުގެ ބައްޕަ ކަމުގައެވެ. "ތަފާތު ދާއިރާތަކުގެ ޢިލްމުގެ ބިންގާ އިބްނު ޚަލްދޫން ވަނީ އަޅުއްވައިދެއްވާފައެވެ. ވަކިން ޚާއްސަ ގޮތެއްގައި ޙަޟާރަތްތަކުގެ ސައިންސްގެ ދާއިރާގެ ތެރެއިން ޢުމްރާނީ ތަރައްޤީގެ ދާއިރާގައެވެ."
އިބްނު ޚަލްދޫން އިޤްތިޞާދީ ޢިލްމަށް ކުރައްވާފައިވާ ފާހަގަކުރެވޭ ޚިދުމަތްތަކުގެ ސަބަބުން ކޮންމެ ގޮތެއްގައިވެސް އިޤްތިޞާދީ ފިކުރުގެ ތާރީޚުގެ ތެރޭގައި އިޤްތިޞާދީ ޢިލްމުގެ ބައްޕަ ކަމުގައި ނުވިޔަސް އެ ދާއިރާގެ އެންމެ އިސް ސަފުގައި އިބްނު ޚަލްދޫން ހިމެނިވަޑައިގަންނަވައެވެ. އިބްނު ޚަލްދޫން އަވަހާރަވިތާ 370 އަހަރު ފަހުން އިޤްތިޞާދީ ޢިލްމުގެ ބައްޕައެއްގެ ލަގަބު އެޑަމް ސްމިތަށް ލިބިވަޑައިގަތީ އެ ދާއިރާއިން އޭނާ ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކާއި ޝާޢިއު ކުރައްވާފައިވާ ލިއުއްވުންތަކުގެ ސަބަބުންނެވެ. އިބުނު ޚަލްދޫން ހަމައެކަނި ޤަދީމީ އިޤްތިޞާދީ ޢިލްމު މުޑުވައް ކުރެއްވީކީއެއް ނޫނެވެ. އޭގެ އިތުރުން މިޒަމާނުގެ އިޤްތިޞާދީ ނަޒަރިއްޔާގެ ތެރޭގައި ހިމެނޭ އުފެއްދުންތެރިކަމާއި، މުދަލާއި ޚިދުމަތް ލިބެންހުރި މިންވަރާއި، އަގާއި، މުދަލާއި ޚިދުމަތް ބޭނުންކުރުމާއި، މުދަލާއި ޚިދުމަތަށް އެދޭ މިންވަރާއި އަދި އަސާސީ ޚިދުމަތްތަކާއި ބެހޭގޮތުން އެންމެ ފުރަތަމަ ލިއުއްވާފައި ވަނީ އިބްނު ޚަލްދޫނެވެ.

އިބްނު ޚަލްދޫންގެ ކުރިން، ވަކި ދާއިރާއަކުން ޚާޢްޞަވުމާއި، އަދި މަސައްކަތްތެރިން ބެހިގެންވާ ބައިތަކާއި ބެހޭގޮތުން ފަހަރެއްގައި ފުރަތަމަ ފަހަރު ސާދާ ގޮތެއްގައި ލިއުއްވާފައިވަނީ ޕްލެޓޯ އާއި އޭނާއާ އެއް ދުވަސްވަރެއްގައި އުޅުއްވި ޒެނޯފޯން ކަމުގައި ވެދާނެއެވެ. ޢަމަލީ ގޮތެއްގައި ޤަދީމީ މިސްރު މީހުން ވަކި ދާއިރާއަކުން ޚާއްޞަވުމުގެ ފަންނީ އުސްލޫބުތައް ވަނީ ބޭނުންކޮށްފައެވެ. ވަކިން ޚާއްސަ ގޮތެއްގައި މިސްރުގައި ރަސްކަން ކުރެއްވި 18 ވަނަ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ވަގުތު ސަލާމަތްކުރުމަށާއި، މަސައްކަތު ގަޑީގައި ވީހާވެސް ގިނަ މަސައްކަތް ކުރުވުމުގެ ބޭނުމުގައި މި އުސްލޫބުތައް ވަނީ ބޭނުންކޮށްފައެވެ. ޕްލެޓޯގެ ފަހުން، އެރިސްޓޮޓްލް ވަނީ އިޤްތިޞާދުގެ ތަޢާރުފާއި، މުދަލަށް މުދާ ބަދަލުކުރުމުގައި ފައިސާ ބޭނުންކުރުމާ މެދު ވިސްނައި ތަޙުލީލުތަކެއް ކުރައްވާފައެވެ. އެރިސްޓޮޓްލްގެ މިސާލެއް ކަމަށްވާ އަރަން ގެންގުޅޭ ފައިވާނުގެ ބޭނުމާއި އަދި ބަދަލުކުރަން ބޭނުންކުރާ ފައިވާނުގެ ބޭނުމާއި ބެހޭ މިސާލު އޭގެފަހުން އެޑަމް ސްމިތު ވަނީ ބޭނުންކުރާ އެއްޗެއްގެ އަގާއި އަދި ބަދަލުކުރާ އެއްޗެއްގެ އަގުގެ ގޮތުގައި ހުށަހަޅުއްވާފައެވެ. އިބުނު ޚަލްދޫންގެ ކުރިން އިޤްތިޞާދީ ފިކުރުގެ އެހެން ދާއިރާއެއްގައި ޢާލިމުންނާއި އަދި ކަނީސީން، ވަނީ މުޅި އިންސާނިއްޔަތުގެ ހެވާއި ލާބައަށްޓަކައި ދީނީ ޢަޤީދާއާއި އަދި އަޚުލާޤީ ހަމަތަކުގެ މަތިން އެކުލަވާލެވޭ ޤާނޫނީ އޮނިގަނޑެއްގެ ތެރޭގައި އިޤްތިޞާދު ރާވައި ހިންގުމަށް ހުށަހަޅުއްވާފައެވެ. އެހެންކަމުން އިޤްތިޞާދުގެ ހުރިހާ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންދެވޭނީ މިދެންނެވި ޤާނޫނުގެ ތަރަޙައިގެ ތެރޭގައެވެ.
"އޭގެ ތެރޭގައި ދީނީ އަދި އަޚުލާޤީ ހަމަތައް ހިމެނޭގޮތުން، މި ފިކުރުތަކާއި ރައުޔުތައް ވަރަށް ރަނގަޅަށް އިބްނު ޚަލްދޫނަށް އެނގިވަޑައިގަންނަވައެވެ. އެއްކޮޅުން އަޚުލާޤީ އަދި ދީނީ މަބާދިއުތަކާއި އަދި އަނެއްކޮޅުން ހެޔޮވެރިކަމެއް ނުވަތަ ރަނގަޅު ދައުލަތެއްގެ ދެމެދުގެ ގުޅުން ވަރަށް ރަނގަޅަށް ޝަރަޙަކޮށްދެއްވައި، ޠާޙިރު އިބްނު އަލް ޙުސެއިން (775 ން 822 މީލާދީ ސަނަތުން)، އެކަލޭގެފާނުގެ ދަރިކަލުން ޢަބުދުﷲއަށް ލިއުއްވި މަޝްހޫރު ސިޓީފުޅަށާއި އަދި ދައްކަވާފައިވާ ވާހަކަފުޅުތަކަށް އިބްުނު ޚަލްދޫން ވަނީ ޙަވާލާދެއްވާފައިވެއެެވެ. ޢަބުދުﷲ އާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން، މީލާދީ ސަނަތުން 872 ވަނަ އަހަރާއި ހަމައަށް ޚުރާސާނުގައި ވެރިކަން ކުރައްވާފައިވެއެވެ. ޠާހިރުގެ އިބްތިދާއީ ފިކުރުތަކުގެ އަލީގައި، އިބްނު ޚަލްދޫންވަނީ ޓެކްސް ނުވަތަ ވާރުނެގުމުގެ ނަޒަރިއްޔާއެއް އުފަންކުރައްވާފައެވެ. އަދި އެ ނަޒަރިއްޔާއިން މިވަނީ އެމެރިކާއާއި އަދި އެހެން ޤައުމުތަކުގެ ޒަމާނީ އިޤްތިޞާދީ ފިކުރަށާއި، އަދި އިޤްތިޞާދީ ސިޔާސަތުތަކަށް އަސަރުތަކެއް ފޯރުވާފައެވެ."
އިބްނު ޚަލްދޫންގެ ޙަޔާތްޕުޅާއި އަދި އެކަލޭގެފާނުގެ މަސައްކަތްޕުޅާއި ބެހޭގޮތުން ޑޮކްޓަރ މުޙައްމަދު ޙޯޒިން މި ބައްދަލުވުމުގައި ވިދާޅުވެފައިވަނީ "ޢަބުދުލްރަޙުމާން އިބްނު ޚަލްދޫނަކީ 14 ވަނަ ޤަރުނުގައި އުތުރު އެފްރިކާގައި އުފެދުނު ވަރަށް މަޝްހޫރު މުއައްރިޚެއް އަދި މުފައްކިރެކެވެ. ތާރީޚު ޢިލްމުގެ ފަލްސަފާއާއި އަދި އިޖްތިމާޢީ ސައިންސްގެ އަސްލު ނަޒަރިއްޔާތަކާ ބެހޭގޮތުން އެންމެ ފުރަތަމަ ވާހަކަފުޅު ދައްކަވާ އަދި ލިއުއްވާފައި ވަނީ އިބްނު ޚަލްދޫނެވެ."

އިބްނު ޚަލްދޫނުގެ ފޮތެއް ކަމުގައިވާ "ދައުލަތެއްގެ ކުރިއެރުމާއި އަދި ވެއްޓުން" މި ފޮތާ ބެހޭގޮތުން ކެރޮލައިން ސްޓޯން ވިދާޅުވެފައި ވަނީ މިފަދައިންނެވެ. "ސާދަ ވަނަ ޤަރުނުގެ ތާރީޚް ޢިލްމުވެރިޔާ އަދި ތާރީޚް ލިއުއްވުންތެރިޔާ އަބޫ ޒައިދު ޢަބުދުއްރަޙުމާން އިބްނު ޚަލްދޫންއަކީ ތޫނުފިލި ޢާލިމެކެވެ. އަދި މުފައްކިރެކެވެ. އެކަލޭގެފާނާމެދު މިހާރު ދެކެނީ އެއީ ޒަމާނީ ތާރީޚް ޢިލްމާއި، އިޖުތިމާޢީ ޢިލްމާއި އަދި އިޤްތިޞާދީ ޢިލްމުގެ ބާނީ ކަމުގައެވެ. އިންސާނިއްޔަތަށް ކުރިމަތިވި އެންމެ ހަމަނުޖެހުން ބޮޑު ޤަރުނުގައި ހިނގާފައިވާ ކަންތައްތައް އަމިއްލަފުޅަށް ދެކެވަޑައިގެން އެކަންކަން ވަނީ ތަޖުރިބާ ކުރައްވާފައެވެ. އެގޮތުން އާ ދަޢުލަތްތައް އުފަންވުމާއި، މުސްލިމުން ވެރިކަން ކުރަމުން އައި އަލް އަންދަލުސް ނުވަތަ މިހާރުގެ ސްޕޭން ބައިބައިވެ އޭގެ ނަތީޖާއެއްގެ ގޮތުން ނަޞޯރާއިން އަލުން އަންދަލުސް ހިފުމާއި، 100 އަހަރުގެ ހަނގުރާމައާއި، އުސްމާނީ ޚިލާފަތު ފެތުރި ފުޅާވެގެން ދިއުމާއި، ބައިޒަންޓައިން ދައުލަތުގެ ނިމުމާއި އަދި "ކަޅު މަރުގެ" ރޯގާ އެކަލޭގެފާނު ވަނީ ދެކެވަޑައިގެންފައެވެ. މިޒަމާނުގެ ފާޑުކިއުންތެރިން ދެކޭ ގޮތުގައި ތާރީޚް ޢިލްމުގެ ފަލްސަފާ އުފައްދައި އުފަންކުރެއްވީ އެކަލޭގެފާނެވެ. އެއީ ޝައްކެއްނެތް ގޮތުގައި ބުއްދީގެ އަހުލުވެރިޔަކަށް ކުރެވޭނެ އެންމެ މަތިވެރި މަސައްކަތެވެ. އެކަލޭގެފާނު އުޅުއްވި ޒަމާނާ އަޅާބަލާއިރު އެކަލޭގެފާނުގެ ވިސްނުންފުޅާއި ހުށަހަޅުއްވާފައިވާ ޚިޔާލުފުޅުތަކަކީ މުޅިން އާ ޚިޔާލުފުޅުތަކެކެވެ. އެކަލޭގެފާނުގެ ލިއުއްވުންތަކުން ފެނިގެންދަނީ ހަމައެކަނި އެކަލޭގެފާނުގެ ޒަމާނެއް ނޫނެވެ. އެކަމަކު ހުޅަނގާއި މުސްލިމުންގެ ގުޅުމުގެ އެހާރާއި މިހާރުވެސް ވަރަށް ރަނގަޅަށް ތަޞައްވުރު ކުރެވެއެވެ.
އިބްނު ޚަލްދޫނުގެ އުފަންކުރައްވާފައިވާ އިޤްތިޞާދީ ތިއަރީތަކުގެ ތެރޭގައި ސްޓޭޓް ތިއަރީ، ވަކި ދާއިރާއަކުން ޚާއްޞަވެގަތުމާއި (ސްޕެޝަލައިޒޭޝަން)، އަދި އިޤްތިޞާދީ އަރަންޏާއި، ތަކެއްޗާއި ޚިދުމަތަށް އެދޭ މިންވަރާއި، ތަކެއްްޗާއި ޚިދުމަތް ފޯރުކޮށްދެވޭ މިންވަރާއި، މަނިޓަރީ ސިޔާސަތާއި، ފިކްސްޑް ޕްރައިސްއާއި، މުދަލުގެ ޙައްޤުވެރިކަމާއި ބެހޭ ތިއަރީތައް ހިމެނެއެވެ.

އިބްނު ޚަލްދޫނުގެ ޓެކުހުގެ ތިއަރީއާއި އަދި އެ ތިއަރީއާ، މިޒަމާނާއި ހުރި ގުޅުން ބަޔާންކުރައްވަމުން ޑޮކްޓަރ ޢަބުދުލް ޢާޒިމް އިސްލާޙީ ވިދާޅުވަނީ ޓެކުހުގެ ތިއަރީއަކީ އިޤްތިޞާދީ ފިކުރަށް އިބްނު ޚަލްދޫން ކުރައްވާފައިވާ އެންމެ މުހިންމު އެއް ހަދިޔާ ކަމުގައެވެ. އިބްނު ޚަލްދޫންގެ ފޮތެއް ކަމުގައިވާ "އަލްމުޤައްދިމާ" ގައި ދައުލަތުގެ ޚަރަދުތަކާއި ޓެކުހުގެ ތިއަރީއާ ގުޅުވާލަމުން އިބްނު ޚަލްދޫން ވިދާޅުވަނީ ޓެކްސް ކުރާ ރޭޓް ކުޑަވެއްޖެނަމަ މަސައްކަތްކުރުމުގެ ރޫޙު ނުކެނޑި އުފަލާއެކު ޓެކްސް ދައްކާނެ ކަމުގައެވެ. އިބްނު ޚަލްދޫން ވިދާޅުވާ ގޮތުގައި ވިރާސީ ރަސްކަމެއް ފެށިގެން އަންނައިރު ޓެކްސްކުރެވޭ ވިޔަފާރިތައް ނިސްބަތުން މަދުކަމުގައިވިޔަސް، ޓެކުހުގެ ގޮތުގައި ނެގޭ މިންވަރު މަތިކަމަށާއި އަދި ވިރާސީ ރަސްކަމެއް ނިމިގެންދާއިރު ޓެކްސްކުރެވޭ ތަންތަން ނިސްބަތުން އިތުރުވެފައި ވިޔަސް ޓެކްސްގެ ގޮތުގައި ނެގޭ މިންވަރު ދަށްވާނެ ކަމުގައެވެ. އިބްނު ޚަލްދޫން ވަނީ ދައުލަތުން ކުރާ ޚަރަދުތަކުގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރުތައްވެސް ތަޙުލީލު ކުރައްވާފައެވެ. އޭނާ ވަކާލާތު ކުރައްވަނީ ދައުލަތުގެ ޚަރަދުތައް ވާންޖެހޭނީ ޙިކުމަތްތެރި އަދި އޭގެއިން ނަތީޖާ ނެރެވޭނޭ ސިޔާސަތެއްގެ މައްޗަށް ބިނާކުރެވިފައިވާ އެއްޗެއް ކަމުގައެވެ. އިބްނު ޚަލްދޫންގެ އިޤްތިޞާދީ ދުރު ވިސްނުންފުޅާއި އަދި ޙިކުމަތްތެރި ކަމުގެ ސަބަބުން އޭނާ ހިމެނިވަޑައިގެންފައިވަނީ ޓެކުހަށްވެސް މި ޒަމާނާގުޅޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅުއްވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޓެކްސްކުރެވޭ ރޭޓް މަތިވެއްޖެނަމަ އިޤްތިޞާދީ ޙަރަކާތްތައް ދަށަށްގޮސް އޭގެ ނަތީޖާއެއްގެ ގޮތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ދާނީ ދަށްވަމުންނެވެ.

އިޤްތިޞާދީ ފިކުރު ތަރައްޤީ ކުރެއްވުމަށް އިބްނު ޚަލްދޫން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތައް ހުޅަނގުގެ ޤައުމުތަކުގެ ޢިލްމީ އުދަރެހުގައި އެއްގޮތަކަށްވެސް ފާހަގަކުރެވިފައި ނުވެއެވެ. އެހެންނަމަވެސް އިބްނު ޚަލްދޫނުގެ އެންމެ މުހިންމު އަދި އެންމެ ކާމިޔާބު އެއް މަސައްކަތް ކަމަށްވާ އޭނާގެ "އަލްމުޤައްދިމާ" މިހާރު ދަނީ ހުޅަނގުގެ ޢިލްމީ އުދަރެހުގައި ދިރާސާކުރެވި، އޭނާގެ އިޤްތިޞާދީ ފިކުރާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި އޭނާއަށް ދަރާފައިވާ ދަރަނި އަދާކުރަމުންނެވެ. ޒަމާނީ އިޤްތިޞާދުގެ ބައްޕަ ކަމުގައި ބެލެވޭ އެޑަމް ސްމިތަށްވުރެ 370 އަހަރު ކުރިން، އިބްނު ޚަލްދޫން ވަނީ މަސައްކަތުގެ ދާއިރާގައި ޚާއްސަވެގަތުމާއި، ވިޔަފާރިއާއި، ބާޒާރުގެ ދައުރާއި، އަދި ތަކެތީގެ އަގު ކަނޑައެޅުމުގެ ނިޒާމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ބަހުސް ކުރައްވާފައެވެ. އެހެންކަމުން އިބްނު ޚަލްދޫން އަވަހާރަވިތާ 370 އަހަރު ފަހުން މި ޒަމާނުގެ އިޤްތިޞާދީ ޢިލްމުގެ ބައްޕަ ކަމުގައި ބެލެވޭ އެޑަމް ސްމިތު، ހަމަ އެވާހަކަތައް އޭނާގެ ފޮތް ކަމުގައިވާ "ވެލްތު އޮފް ނޭޝަންސް"ގައި ބަޔާންކުރުމަކީ އެއީ އިއްތިފާޤެއް ނޫނެވެ.
