ކޮވިޑް19 ޖެހިގެން އިތުރު މީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 35 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު މެންދުރުފަހު އަންހެނަކު މަރުވެފައިވާ ކަމަށާއި އެމީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން މީހަކު މަރުނުވާތާ ގާތްގަނޑަކަށް ތިން ހަފްތާ ވެފައިވަނިކޮށް މަރުވި މީހެކެވެ.
ރާއްޖެއިން ކޮވިޑް19 ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވެފައި ވަނީ މި އަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެފަހަރު މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު 10،808 އަށް އަރާފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 9،654 އެވެ. އައިސޮލޭޝަން ތަކުގައި 369 މީހަކު ތިބިއިރު ހޮސްޕިޓަލްތަކުގައި 74 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވާން ފެށީ މިދިޔަ އޮގަސްޓް މަހު އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅަން ފަށައިފައިވާ ފިޔަވަޅުތަކާ އެކު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ ދަށަށް ދާން ފަށައިފަ އެވެ. އަދި އެއާ އެކު ބަލިކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 8 އިން ފަތިހު 5 އަށް ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ ރޭގަނޑު 10 އިން 5 އަށް ބަދަލުކޮށްފަ އެވެ.
ކޮވިޑް19 ޖެހޭ މީހުން އަދަދު ދަށަށް ދިޔަ ނަމަވެސް މިއީ ކޮންޓްރޯލްވި ކަމުގެ އަލާމާތެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލް ކުރަމުން ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮވިޑް19 އަށް ވެކްސިނެއް ނުލިބެނީސް ކޮވިޑްގެ ކުރީގެ ދިރިއުޅުމަށް ނުދާނެ ކަމަށް ހެލްތް އެމެޖެންސީ ސެންޓަރުން ވަނީ ބުނެފައެވެ.



advertisment