އައްޑޫ ސިޓީން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) އާއެކު އިތުރު ހަތް މީހުން މިއަދު ދޫކޮށްލައިފި އެވެ.
ގާތްގަނޑަކަށް 100 އެއްހާ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަށް ކަނޑުމަތީގައި ފުލުހުން ހިންގި މި އޮޕަރޭޝަންގައި 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މި އޮޕަރޭޝަންގައި ބޮންޑާ ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.
ބޮންޑާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކު ނޫން ކަމަށާއި އޭނާއަކީ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް އޮންނަ މީހެއް ނޫން ކަމަށް ބޮންޑާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންގެ ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އަށް މީހަކު މިއަދު ދޫކޮށްލާފައިވަނީ ތަހުގީގަށް އެމީހުން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށެވެ.
"މިއަދު ދޫކޮށްލި އަށް މީހުން ދޫކޮށްލީ ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ. ނަމަވެސް އެމީހުންގެ ތަހުގީގު ކުރިއަށްދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ސ.ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހީމް، 33، އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރު ބަޔަކު ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމާ ގުޅިގެން މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަބްދުﷲ އިބްރާހީމްގެ އިތުރުން ސ. ހިތަދޫ، ކޯޅި، މުޙައްމަދު ޔާމީން ނަސީރު، 23، ގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަނދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން މި މައްސަލާގައި ތުހުމަތު ކުރެވޭ އެހެން މީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖިލިސް ނިމުނު މީހުންގެ ބަންދަށް ކޯޓުން ވަނީ މިދިޔަ ހަފްތާގައި ފަސް ދުވަސް ޖަހައިދީފައެވެ.



advertisment