ފެނަކައިން އެކި ރަށްރަށަށް މުދާ އުފުލުމަށް މި އަހަރުގެ މޭ މަހުން ފެށިގެން ހަތަރު މަސް ތެރޭގައި އާކާ އިންވެސްޓްމަންޓަށް 3.1 މިލިއަން ރުފިޔާގެ ދަތުރު ދީފައިވާކަން "އަދިވެސް" އަށް ކަށަވަރުވެއްޖެއެވެ.
"އަދިވެސް" އަށް ލިބިފައި ހުރި ފެނަކައިގެ ލިޔެކިއުންތަކުން ފެންނަން ހުރި ގޮތުގައި، ފެނަކައިން ވަނީ މޭ މަހު ދެ ދަތުރު، ޖޫން މަހު ތިން ދަތުރު އަދި ޖުލައި މަހު ދެ ދަތުރު އާކާ އަށް ދީފައެވެ. އެއީ 2.1 މިލިއަން ރުފިޔާއެވެ.
އޯގަސްޓް މަހުގެ ދަތުރުތަކުގެ ތަފްސީލެއް ނުލިބެ އެވެ. ނަމަވެސް ސެޕްޓެމްބަރު މަހު އާކާ އިންވެސްޓްމަންޓަަށް ދިން ފެނަކައިގެ ހަތަރު ދަތުރަށް 1.0 މިލިއަން ރުފިޔާ އަރައެވެ.
"އަދިވެސް" އަށް ލިބިފައި ހުރި ފެނަކައިގެ ލިޔެކިއުންތަކުން ފެންނަން ހުރި ގޮތުގައި، ފެނަކައިގެ ދަތުރުތަކަށް ކޮޅުވެއްޓި އާއި ދޯނިފަހަރު އެންމެ ގިނައިން ކުއްޔަށް ހިފައިފައި ހުންނަނީ އާކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އާކާ އިންވެސްޓްމަންޓަށް ދަތުރުތައް ދީފައި ހުރީ އިއުލާންކުރުމެއް ނެތި، މާލީ ގަވައިދަށް ފައްތަންވެގެން ތިން ކޯޓޭޝަން ހޯދައިގެންނެވެ. މި ކޯޓޭޝަންތަކުގެ ތެރޭގައި ދެން ހިމެނެނީ ހެވީލޯޑް މޯލްޑިވްސްގެ ކޯޓޭޝަނާއި އަޒްރޯވާ މޯލްޑިވްސްގެ ކޯޓޭޝަނެވެ. ނަމަވެސް ހުރިހާ ދަތުރުތަކެއް ލިބެނީ އާކާ އިންވެސްޓްމަންޓަށެވެ. ހެވީ ލޯޑާއި އަޒްރޯވާ އިން ހުށަހަޅާ އަގަށްވުރެ އާކާ އިންވެސްޓްމަންޓުން ހުށަހަޅާ އަގު ކުޑަކަމުންނެވެ. އެކަމަކު، އާކާ އިންވެސްޓްމަންޓުގެ ދަތުރުތައް ކުރަނީ ހެވީލޯޑުގެ އުޅަނދުފަހަރުގައެވެ.
ފެނަކައިގެ 13 މިލިއަން ރުފިޔާގެ އިންޖީނާއި ކޭބަލްތައް ހިފައިގެން އުތުރުގެ ރަށްރަށަށް ދަނިކޮށް ށ. ނަލަންދޫ ފަރަށް މިދިޔަ މަހު 13 ވަނަ ދުވަހުގެ ރޭ އެރި "ހެވީ ސްޓާރ" ކޮޅުވެއްޓި އަކީ ވެސް އާކާ އަށް ލިބުނު ކޮންޓްރެކްޓެއްގައި، ބޭނުންކުރި ހެވީ ލޯޑްގެ ކޮޅުވެއްޓިއެކެވެ.
ނަލަންދޫ ފަރަށް އެރި ކޮޅުވެއްޓިން ފެނަކައިގެ މުދާތައް ބޭލި ނަމަވެސް، އަދިވެސް ކޮޅުވެއްޓި ފުނެއްނުވެއެވެ. ފަރުމަތީގައި ތަޅަތަޅައި، 180 ފޫޓުގެ ކޮޅުވެއްޓި ފޫދިއުމުގެ އިތުރުން، 400 އެނދުގެ ރިސޯޓެއް ހަދަން ކުއްޔަށް ދޭން އޮތް ނަލަންދޫގެ ފަރުމަތި ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ފެނަކައިގެ ދަތުރުތައް ދޭން ކޯޓޭޝަން ހޯދާ ތިން ކުންފުނީގެ ތެރެއިން ހެވީލޯޑް މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އޭނާގެ ބޭފުޅުން ކަމަށްވާ މުދްރިކަތު މޫސާ، ބުޝައިނަތު މޫސާ، މިގްދާދު މޫސާ، އަދި މަރިޔަމް މާހިން މޫސާއެވެ. މެނޭޖިން ޑިރެކްޓަރަކީ މުދްރިކަތު މޫސާއެވެ.
އާކާ އިންވެސްޓްމަންޓްގެ ހިއްސާދާރުންނަކީ މޫސަގެ ދަރިކަލުން މިގްދާދު މޫސާގެ އިތުރުން އިސްމާއިލް ޖައުފަރެވެ.
އަޒްރޯވާ މޯލްޑިވްސްގެ ހިއްސާދާރުންނަކީ އަހުމަދު ޖިނާޒާއި އަބްދުﷲ އާސިމެވެ.
އަޒްރޯވާ އަކީ ފެނަކައިގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ އިސް ވެރިޔަކާ ގާތް ގުޅުން އޮންނަ ކުންފުންޏެއް ކަމަށާއި، އެމް.ޑަބްލިއު.އެސް.ސީގައި 1،537ރ. އަށް ލިބެން ހުރި ހޮޅި، 5،350ރ. އަށް ފެނަކައަށް ވިއްކާފައި ބިލްކުރި ކުންފުންޏެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
"މި ކަންކަމަކީ މިއީ ވަރަށް ރަނގަޅަށް ރޭވިގެން ހިނގާ ކަންކަން،" "އަދިވެސް" އަށް މައުލޫމާތު ހިއްސާކުރި ފެނަކައިގެ މުވައްޒަފަކު ބުންޏެވެ. "ވަރަށް އިންްސާފުވެރިކޮށް ބައި އެޅިގެން ހިނގާ ކަންކަން މިއީ."
ފެނަކައިގެ ހުރިހައި ދަތުރެއް އާކާ އިންވެސްޓްމަންޓަށް ދެނީ ކީއްވެގެންތޯ ސާފުކޮށްލުމަށް ފެނަކައިގެ އެމްޑީ އަހުމަދު ސައީދަށް ދެންނެވުމުން، އެއްވެސް ޖަވާބެއް ނުދެއްވިއެވެ.

ފެނަކައިގެ ކޭބަލްތަކެއް ހއ. ބާރަށަށް ގެންދަން ކޮޅުވެއްޓިއެއް ކުއްޔަށް ހިފައިފައި، ބާރަށް ކައިރީގައި ހުރި އެހެން ރަށްތަކަށް ސާމާނުތަކެއް ފޮނުވުމަށް އެއް ކުންފުންޏަކުން، އެއް ދުވަހެއްގައި އަނެއްކާ ވެސް އެހެން ކޮޅުވެއްޓިއެއް ބޮޑު އަގުގައި ކުއްޔަށް ހިފިކަން ވެސް "އަދިވެސް" އަށް ވަނީ އެނގިފައެވެ.
ފެނަކައިގެ ލިޔެކިއުންތަކުން ފެންނަން ހުރި ގޮތުގައި ދެ ދަތުރެއްގެ ގޮތުގައި ލިޔެކިއުން ތައްޔާރުކޮށް، ސެޕްޓެމްބަރު 9 ގައި ދެ ދަތުރު ވެސް ދީފައި ވަނީ އާކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ. ފުރަތަމަ ދަތުރުގެ ޕާޗޭސް އޯޑަރު ތައްޔާރުކޮށްފައި ވަނީ ބާރަށަށް ކޭބަލްތަކެއް ގެންދަން، ހެވީ ވެހިކަލާއެކު ކޮޅުވެއްޓި ކުއްޔަށް ހިފުމަށް 150،308ރ. އަށެވެ. ހަމަ އެ ދުވަހު، އެ ވަގުތު، އަނެއް ޕާޗޭސް އޯޑަރު ތައްޔާރުކޮށްފައިވަނީ ބާރަށް ކައިރީގައި ހުރި އެހެން ރަށްތައް ވެސް ހިމެނޭ ގޮތަށް، އުތުރުގެ 18 ރަށަކަށް ސާމާނު ގެންދިއުމަށް 380،858ރ. އަށެވެ.



advertisment