Support Us

މި ސަރުކާރު އޮތްހާ ދުވަހަކު މަޖުލީސް ތަޅުލާފައި ބަހައްޓަން ފެނޭ: ޝިޔާމް

މި ސަރުކާރު އޮތްހާ ދުވަހަކު ރައްޔިތުންގެ މަޖުލީސް ތަޅުލާފައި ބަހައްޓަން ފެނިވަޑައިގަންނަވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅިވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އިންޑިޔާއާއެކު މި ސަރުކާރުން ހަދައި އަދި އާކޮށްފައިވާ ހުރިހާ އެގްރީމެންޓެއްގެ ތަފްޞީލް ހާމަކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރިޔާސަތުން ކަނޑައެޅުއްވުމުން ނިޒާމީ ނުކުތާ ނަންގަވައި މިއަދު ދެއްކެވި ވާހަކައިގައެވެ.

"އަޅުގަނޑު ވަރަށް ހިތާމަކުރަން، މި މަޖުލީސް ޑިމޮކްރަސީގައި ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑުު ދެކެނީ. އަޅުގަނޑަށް ހީވަނީ، މި ސަރުކާރު އޮތްހާ ދުވަހަކު މި މަޖުލީސް އަޅުގަނޑަށް ފެންނަނީ ތަޅުލާފަ ބަހައްޓަން،" ޕީ.ޕީ.އެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރިޔާސަތުން ކަނޑައެޅުއްވުމުން އޭނާ ވިދާޅުވިއެވެ.

ޝިޔާމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ "ދިވެހިރާއްޖެ އާއި އިންޑިޔާއާއެކު ވެފައިވާ އެކިއެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ހިނދު، ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ދިވެހިރާއްޖޭގައި ތިބުމަކީ ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ބޭނުންވާ ކަމަކަށް ނުވާތީއާއި، އިންޑިޔާގެ ހެލިކޮޕްޓަރުތައް ދުއްވަން 50 އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި، މި ހެލިކޮޕްޓަރުތައް ދުއްވަން 10 އަހަރު ތެރޭގައިވެސް ދިވެހި ޕައިލެޓުން ތަމްރީންކޮށްފައި ނުވުމާއި، 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އެއަރޕޯރޓް ބޮޑުކުރުމުގެ މަޝްރޫޢު އިންޑިޔާ ސަރުކާރުން ކުރާގޮތަށް އެއްބަސްވެފައިވުމާއި، އަދި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމްއެއް އަޅަން ނިންމާފައިވާކަން އިންޑިޔާއިން ހާމަކޮށްފައިވާއިރު މިހާ ބޮޑު ހޭދައެއް ކޮށްގެން ކްރިކެޓް ސްޓޭޑިއަމްއެއް ރާއްޖޭގައި އަޅަން ޖެހުނީ ކީއްވެކަން ރައްޔިތުން ސާފުކުރަން ބޭނުންވާތީއާއި މި ދެ އެއްބަސްވުމުގައި ހިމެނޭ އެއްވެސް ކަމެއް ރައްޔިތުންނަށް ހާމަކޮށްދީފައިނުވާ" ކަމަށެވެ.

"އަދި އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާބޯޓު ދުއްވާ މަރާމާތު ކުރަންވެސް އިންޑިޔާގެ އެތައް ސިފައިންނެއް ރާއްޖޭގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވުމާއި، މި އެއްބަސްވުމުގައި ޝަރުތު ކޮށްފައިވަނީ ކޮންކަމެއްކަން ހާމަކޮށްފައިނުވުމާއި، އައްޑޫ ސިޓީގައި ޤާއިމްކުރާ މަރުކަޒާ ގުޅިގެންވެސް މިހާރު ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުންތަކެއް އޮތުމާއި، ދާދި ފަހުން ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިޔާއިން ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާއިރު، މިލޯނުގެ ތަފްސީލެއްވެސް ހާމަކޮށްފައި ނުވުމާއި، މިސަރުކާރުން ވެރިކަމާ ޙަވާލުވެ، އިންޑިޔާއާއެކު ވެފައިވާ އަދި އާކޮށްފައިވާ އެއްވެސް އެއްބަސްވުމެއްގެ ތަފްސީލް މިހާތަނަށް ހާމަކޮށްފައިފައިނުވާތީ އާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ދާއިމީކޮށް ބޭތިއްބުމުގެ ބަދަލެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ތައްޔާރަށް އޮތްކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވުމާ، އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން އަޑިނޭނގޭ ކަންތައްތަކެއް ކުރަމުންދާ ކަމުގެ ޝައްކު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާތީ އާއި މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ބުރޫ އަރާނެތީ، އިންޑިޔާ ސަރުކާރާއެކު މި ސަރުކާރުން ހަދާފައިވާ އަދި އާކޮށްފައިވާ ހުރިހާ އެގްރީމެންޓެއްގެ ތަފްޞީލް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *