Support Us

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ:

އަދީބު ގޭގައި ހުންނެވުމުން ޖާބިރު ރަތަށް: "މުޅި ދައުލަތް ލޫޓުވާލި މީހެއް ގެޔަށް ބަދަލުވެގެން އެ ދިޔައީ"

އަދީބު ގޭގައި ހުންނަންޏާ ޔާމީންވެސް ގޭގައޭ ހުންނަންވާނީ. ނޫނިއްޔާ ދެ މީހުން އެއްކޮށް ޖަލުގައި ތާއުމުރު ބަހައްޓާށޭ: ޖާބިރު

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 20 އަހަރަށް ޖަލަށް ލައި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން އޮކްޓޯބަރު 5 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް އަދީބު ގޭގައި ބަހައްޓާފައި ހުރި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ވަރަށް ކޯފާވެގެން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވައިފިއެވެ.

ގާނޫނު އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ތަފާތުކުރުންތައް ވަރަށް ބާރަށް ފެންނަމުންދާ ކަމަށެވެ.

"އިއްޔެގައި އަޅުގަނޑަށް އަޑު އިވިގެންދިޔައީ ދިވެހި ސަރުކާރުން ހާއްސަ، ސްޕެސިފިކް ޑީލެއްގެ ދަށުން އަދީބު ގެޔަށް ބަދަލުވެގެންދިޔަތަން. (އަދީބަށް ކޮށްފައި ވަނީ) ވިހި އަހަރު ދުވަހުގެ ހުކުމަކާއި ދެ މިލިއަނެއްހާ ރުފިޔާ (ދައްކަން). މުޅި ދައުލަތް ލޫޓުވާލި މީހެއް އޭނާ ގެޔަށް ބަދަލުވެގެން އެ ދިޔައީ. ގާނޫނު އުގޫބާތާއި ގާނޫނީ އިޖުރާއަތްތައް ކަނޑައަޅަމުން އަޅުގަނޑުމެން މި ދަނީ. ތަފާތުކުރުންތައް ވަރަށް ބާރަށް ފެންނަމުން މިދަނީ،" ޖާބިރު ވިދާޅުވިއެވެ. "ސަރުކާރާ ޑީލް ހަދައިގެން ބޮޑެތި ވަގުން މިންޖުވެގެން މިދަނީ."

އެމްއެމްޕީއާރްސީއާ ގުޅުންހުރި މަނީލޯންޑަރިން މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވެ ފަސް އަހަރުގެ ޖަލު ހުކުމާއެކު ޔާމީނު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންގޮސްފައި، އަދީބު ގޭގައި ހުންނަވާ މައްސަލަ ވެސް ޖާބިރު ނެންގެވިއެވެ.

"އަބްދުﷲ ޔާމީން ޖަލުގައި އެހެރީ. އަދީބު އެހެރީ ގޭގައި. މިއީ ކޮން ކަހަލަ ވާހަކައެއްތޯ މި ދައްކަނީ؟ އަޅުގަނޑު ގަބޫލް ނުކުރަން. އަދުލް އިންސާފު ގާއިމްކުރަން ޖެހޭނެ،" ޖާބިރު ވިދާޅުވިއެވެ. "މިއަދު ޔާމީން ޖަލުން ވަގްތުން ވަގްތަށް ގެއަށް ބަދަލުކުރަން. ވަގްތުން ވަގްތަށް. އެހެން ނޫނީ އަދީބު ޖަލަށް ލާށޭ. އޭނާއަށް ހުކުމްކުރީ ކީއްވެގެންތޯ؟ ކާކަށް ކިހާވަރެއްގެ ރިޝްވަތެއް ދީގެންތޯ އޭނާ ގެއަށް ބަދަލުކޮށްގެން އެ އުޅެނީ ބަލަން އަޅުގަނޑު ބޭނުންވޭ މި މަޖުލީހުގައި. ގާނޫނު އުގޫބާތުގެ ވާހަކަ މި ދައްކަނީ. އުގޫބާތް ކަނޑައެޅިފައި އޮންނައިރު، ޖަލަށް ހުކުމް ކުރީމަ ޖަލަށް ދާންޖެހޭނީ."

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް ޕްރޮސެކިއުޓަރ ޖެނެރަލް އާއި އަދީބާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް އިއްވާފައިވަނީ ވަރަށް ލުއި ހުކުމްތަކެކެވެ.

"…ވަގްތުން ވަގްތަށް ޔާމީން ގެއަށް ބަދަލުކޮށްފައި އަދީބު ޖަލަށްލާށޭ. އަދީބު ގޭގައި ހުންނަންޏާ ޔާމީންވެސް ގޭގައޭ ހުންނަންވާނީ. ނޫނިއްޔާ ދެ މީހުން އެއްކޮށް ޖަލުގައި ތާއުމުރު ބަހައްޓާށޭ. ގަބޫލްކުރަމޭ އެގޮތް. ހުކުމްކުރަން ޖެހޭނީ ރަނގަޅަށޭ. އަދުލްއިންސާފު ގާއިމްކުރަންޖެހޭނީ އެއްވަރަކަށޭ. ކިތަންމެ ރުޅިއަޔަސް، ކިތަންމެ އަދާވާތްތެރިވިޔަސް، އަދުލް އިންސާފު މުގުރާލައިގެން ނުވާނެޔޭ،" ޖާބިރު ވިދާޅުވިއެވެ.


ޖާބިރު މި ވާހަކަތައް ދައްކަވައި ނިމުމުން ދެން ވާހަކަ ދެއްކެވި ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވަނީ ޖާބިރަށް ޝުކުރު އަދާކުރައްވައިފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އަދީބު 20 އަހަރަށް ޖަލަށް ލައި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ހުކުމްކުރި ނަމަވެސް އަދީބު ހުންނެވީ ގޭގައެވެ.

"ބަލިހާލަތު ހުރި ގޮތުން މި ވަގުތު ހުރީ ގޭގައި،" ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވުމުގެ މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 17 ނޮވެމްބަރު 2013 އިން 22 ޖުލައި 2015 އަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ދެ ދައުވާއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *