Support Us

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ:

އަދީބަށް އިއްވި ޙުކުމަކީ އިންޞާފަށް ލިބުނު ކުރިއެރުމެއް ނޫން: ޑރ. ޖަމީލް

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި، ޕްރޮސެކިއުޓަރ ޖެނެރަލާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 20 އަހަރަށް ޖަލަށްލައި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ "އިންޞާފަށް ލިބުނު ކުރިއެރުމެއް ނޫން" ކަމަށާއި އެކަމާ "އުފަލެއް ނުވޭ" ކަމުގައި ފުންނާބު އުސް ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

"ކުށަށް ބަލާއިރު ޙުކުމަކީ އިންޞާފަށް ލިބުނު ކުރިއެރުމެއް ނޫން. އުފަލެއްނުވޭ،" އަދީބުގެ މައްޗަށް ރޭ އިއްވި ހުކުމާ ގުޅިގެން ޑރ. ޖަމީލް ޓްވީޓަރގައި ވިދާޅުވިއެވެ. "މިއީ ޢިބްރަތެއް: ގޯހަކުން ލިބޭނެ މޮޅެއް، ޢިއްޒަތެއް އަދި ޙައްޤަކަށް އަރައިގަނެގެން ލިބޭނެ ކުރިއެރުމެއް ނެތްކަން. މީހުން ފްރޭމްކޮށްގެން ކުރި ނުލިބޭނެކަން، ތަޤްދީރުގެ ނިޔާ މާ މޮޅުވާނެކަން ޤަބޫލްކުރަންވާނެ."

އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވުމުގެ މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 17 ނޮވެމްބަރު 2013 އިން 22 ޖުލައި 2015 އަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ދެ ދައުވާއެކެވެ.

ޑރ. ޖަމީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސެވެ. ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގުމަށް ވެސް ޑރ. ޖަމީލް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ނަމަވެސް، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްތާ ގިނަ ދުވަސްތަކެއްނުވެ، ޑރ. ޖަމީލްގެ މައްޗަށް ތަފާތު ތުހުމަތުތައްކޮށް، އެންމެފަހުން ރައްޔިތުންގެ މަޖިލިސްގައި އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ޖަމީލް ވަނީ 21 ޖުލައި 2015 ގައި މަގާމުން ދުރުކޮށްފައެވެ. ޑރ. ޖަމީލާ ދެކޮޅު ސިޔާސީ ހަރަކާތްތައް ފެށުމާއެކު، އޭނާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަތް ގޮތަށް، އެނބުރި މާލެ ވަޑައިގަތީ، 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމުންނެވެ.

ޑރ. ޖަމީލް މަގާމުން ދުރުކުރުމުގެ އަޑީގައި އެންމެ އިސް ރޯލެއް އަދާކުރެއްވީ، ނައިބު ރައީސް ކަމަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވެފައި ހުންނެވި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު ކަމަށް އެ ދުވަސްވަރު އަޑުފެތުރުނެވެ. ޑރ. ޖަމީލްގެ ޓްވީޓުގެ ފަހު ބައިގައި އިޝާރާތް ކުރައްވާފައި ވަނީ އެ ކަމަށް ކަމުގައި، ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ޑރ. ޖަމީލަށްފަހު ނައިބު ރައީސް ކަމަށް ވަޑައިގެންނެވީ އަދީބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *