Support Us

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ:

އަދީބު 20 އަހަރަށް ޖަލަށްލުމާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ހުކުމްކޮށްފި

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަދީބުގެ އަމިއްލަ އިއުތިރާފުން ސާބިތުވެ، އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.

މިއީ މި ދައުވާތަކާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް އާއި އަދީބާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އަވަސްނިޔާގެ ޝަރީއަތެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އިއްވާފައިވާ ވަރަށް ލުއި ހުކުމްތަކެކެވެ.

އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވުމުގެ މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 17 ނޮވެމްބަރު 2013 އިން 22 ޖުލައި 2015 އަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ދެ ދައުވާއެކެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އާއި އަދީބާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް ހުކުމް އިއްވުމަށް މިރޭ އިރުއޮއްސި 6.40 އިން ފެށިގެން ދެ ގަޑިއިރަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ހަސަން ސައީދު ވަކިވަކިން އިއްވެވި ހުކުމްތަކަކީ؛

  1. އެމްއެމްޕީއާރްސީގެ ފައިސާ އަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ފުރަތަމަ ދައުވާ ސާބިތުވުމުން ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން
  1. އެމްއެމްޕީއާރްސީގެ ފައިސާ އަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ވަނަ ދައުވާ ސާބިތުވުމުން ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް ޖަލަށް ލުމަށާއި
  1. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ފުރަތަމަ ދައުވާ ސާބިތުވުމުން ހަ މަސް ދުވަހަށް ޖަލަށްލުން
  1. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ތިން މަސް ދުވަހަށް ޖަލަށްލުން
  1. މަނީލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވުމުން ފަސް އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 1 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުން
  1. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދެ ވަނަ ދައުވާ ސާބިތުވުމުން އެއް މަހާއި 15 ދުވަހަށް ޖަލަށްލުން
  1. މަނީލޯންޑަރިންގެ ކުށުގެ ދެވަނަ ދައުވާ ސާބިތުވުމުން ފަސް އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 1 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުން

 

މި ހުކުމްތައް އިއްވެވުމުގެ ކުރިން، މި ހިޔާނާތްތަކުގައި އަދީބު ބައިވެރިވެވަޑައިގެންފައިވާ ގޮތާއި، ޚިޔާނާތްވެފައި ވަނީ ކޮންކޮން ފައިސާއަކަށް ކަމާއި އެ ފައިސާ އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ބެހިގެން ގޮސްފައިވާ ގޮތުގެ ހުރިހައި ތަފްސީލެއް ވެސް ގާޒީ ވަނީ ދެއްވައިފައެވެ. މި ހުރިހައި ފައިސާ އަކީ ވެސް އެކި ރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ އެގްރިމަންޓުގެ ދަށުން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާއެވެ.

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަދީބުގެ މައްޗަށް ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ އަދީބު އެންގެވި ފަރާތްތަކެއްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީއެވެ. އޭގެ ތެރެއިން ގިނަ ރަށްތަކާއި ފަޅުތަކުން ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ.

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، އަދީބު އެމްއެމްޕީއާރުސީ ބޭނުން ކުރައްވައިގެން، ބިޑްކުރުމެއް ނެތި ރަށްތަކާއި ފަޅުތައް ދޫކޮށް ބަޔަކަށް ފައިދާތަކެއް ހޯދައިދީފައިވާތީއެވެ. ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާކޮށްފައި ވަނީ ވެސް ބިޑް ކުރުމެއް ނެތި ބައެއް ރަށްތަކާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށް، ލިބެންނުޖެހޭ މަންފާތަކެއް ހޯދައިދީފައިވާތީ އެވެ. މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ގަތުމަށް އެމްއެމްޕީއާރުސީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އިން ދެއްކި ފައިސާ އެސްއޯއެފް އާއި އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށް، އޭގެ ނާޖާއިޒް ފައިދާ ހޯދުމާއި އެމްޓީޑީސީން އެމްއެމްޕީއާރުސީން ލޯނެއްގެ ގޮތުގައި ހޯދި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެހެން ފަރާތްތަކެއްގެ އެކައުންޓަށް ޖަމާކޮށް، އޭގެ ނާޖާއިޒް ފައިދާ އަދީބުު ހޯއްދަވާފައިވާތީއެވެ.

މަނީ ލޯންޑްރިންގެ ދައުވާ އަދީބުގެ މައްޗަށް ދައުލަތުން ކުރީ އެކިއެކި ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު 59 މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އަދީބަށް އެނގިވަޑައިގެން ހުންނަވައި، އަދީބުގެ ބެއްލެވުމުގެ ދަށުގައި އެ ފައިސާ ބަހައްޓަވައި އަދި ބޭނުން ކުރައްވާފައިވާތީއެވެ. މަނީ ލޯންޑްރިންގެ ދެވަނަ ދައުވާކޮށްފައިވަނީ އެމްޕީއެލްއާ އެކު އެމްއެމްޕީއާރުސީން ހިންގި ޑޮލަރު ވިއްކުމުގެ މުއާމަލާތުގެ ތެރެއިން ލިބުނު ފައިސާތައް އަދީބުގެ ބެއްލެވުމުގެ ދަށުގައި ބަހައްޓަވައި، ބޭނުންކުރައްވާފައިވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *