Support Us

އައްޑޫ ސިޓީގައި ފުލުހުން ހިންގާ ޑްރަގް އޮޕަރޭޝަން:

މިހާތަނަށް 14 މީހަކު ހައްޔަރުކޮށް، 98.4 ކިލޯގެ މަސްތުވާތަކެތި ހޯދައިފި

އައްޑޫ ސިޓީގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކޮށް، 98.4 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނާ ބެހޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރުމަށް ފުރަތަމަ ފަހަރަށް ފުލުހުން އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އޮޕަރޭޝަނަކީ ސ.ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހީމް، 33، އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރު ބަޔަކު ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމާ ގުޅިގެން މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހިންގަމުން އައި އޮޕަރޭޝަނެއް ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަބްދުﷲ އިބްރާހީމްގެ އިތުރުން ސ. ހިތަދޫ، ކޯޅި، މުޙައްމަދު ޔާމީން ނަސީރު، 23، ގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަނދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން މި މައްސަލާގައި ތުހުމަތު ކުރެވޭ އެހެން މީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖިލިސް ނިމުނު މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި މިހާތަނަށް ހައްޔަރުކުރި 14 މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދު ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެމްޑީއެމްއޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ކަމަށް ފުލުހުން ބުންޏެވެ.

"މި އޮޕަރޭޝަނަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިސަންގައި ގާއިމްވެ ތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއް،" އެ ނޫސްބަޔާނުގައިވެ އެވެ.


ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހައްޔަރުކުރި އަބްދުﷲ އިބްރާހިމަކީ 2019 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހެއް ކަމަށެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅުމުން އޭނާ ދޫކޮށްލާފައިވަނީ 30 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އައްޑޫ ސިޓީގައި ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނަކީ ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް އެޖެންސީން ފޯރުކޮށްދީފައިވާ މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވާހަކަތައް ދިވެހި ފުލުހުން ވަނީ ދޮގުކޮށްފައެވެ. އަދި މި އޮޕަރޭޝަންގެ މައުލޫމާތު ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރި ގުޅުން އޮޅުންފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި އޮޕަރޭޝަނަކީ ސީދާ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއް. މިއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

މި އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ކުރަމުން ގެންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *