Support Us

ކޮލަމް: ރަންދެލި

އަޒަރުބައިޖާނާއި އަރުމީނިއާގެ ހަނގުރާމަ

ފާއިތުވި ހަފްތާގައި އަޑުއިވިގެންދިޔައީ އަޒަރުބައިޖާންއާއި އަރުމީނިއާ އާއި ދެމެދު މައްސަލަ ޖެހިފައިވާ "ނަގޯރުނަ ކަރުބާޚު" ސަރަޙައްދުގެ މައްސަލާގައި، ދެފަރާތުން ހަނގުރާމަ ފެށި ވާހަކައެވެ. އެންމެފަހުން މިފެށުނު ހަމަނުޖެހުމުގައި 100 އަށްވުރެ ގިނަ އާންމުންނާއި އަދި އަރުމީނިއާގެ ހނަގުރާމަވެރިންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ. ރަސްމީގޮތުން އަޒަރުބައިޖާންއިން ހަނގުރާމައިގައި ލިބެމުންދާ ގެއްލުންތަކާއި މަރުވާމީހުންގެ ޢަދަދު ހާމަކޮށްފައެއް ނުވެއެވެ.

ނަގޯރުނަ ކަރުބާޚް މައްސަލައިގައި، މި ދެޤައުމުގެ ދެމެދުގައި ހަނގުރާމަ ހިނގާތާ އެތައް ދިހައެއް ވެއްޖެއެވެ. އެހެންނަމަވެސް މިހާރު މިފެށިގެން އުޅޭ ހަނގުރާމައަކީ، މިހާތަނަށް ދެފަރާތުގެ ދެމެދުގައި ކުރެވޭ އެންމެ ނުރައްކާތެރި ހަނގުރާމައެވެ. މި ހަނގުރާމަ ފެށުމާއިއެކު، އަޒަރުބައިޖާންގެ ރައީސް އިލްހާމް ޢަލިޔޭވް ޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، އަޒަރުބައިޖާންގެ ސަރަޙައްދެއް ކަމަށްވާ ނަގޯރްނަ ކަރުބާޚް ސަރަޙައްދުން އެއްވެސް ޝަރުޠެއްނެތި އަރުމީނިއާގެ ހަނަގުރާމަވެރިން ފޭބުމުން ނޫނީ ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތްކަމަށެވެ.

 

ނަގޯރްނަ ކަރުބާޚަކީ ކޮންބައެއްގެ ތަނެއް؟

ނަގޯރުނަ ކަރުބާޚަކީ ހުޅަނގު އޭޝިޔާއާއި އިރުމަތީ ޔޫރަޕާއި ދެމެދު އަޒަރުބައިޖާންގެ ތެރޭގައި އޮންނަ ސަރަޙައްދެކެވެ. މި ސަރަޙައްދަކީ ބައިނަލްއަޤްވާމީ ގޮތުން، އަޒަރުބައިޖާންގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާ ދުނިޔެއިން އެކަން ޤަބޫލުކޮށްފައިވާ ތަނެކެވެ. އެހެންނަމަވެސް މި ސަރަޙައްދުގެ ބޮޑުބައެއްގެ ކޮންޓްރޯލް އޮންނަނީ އަރުމީނިއާއިން ވާގިވެރިވާ ހަނގުރާމަވެރިންގެ އަތްދަށުގައެވެ. ސޯވިއެޓް ދުވަސްވަރުގައިވެސް ނަގޯރުނަ ކަރުބާޚަކީ އަޒަރުބައިޖާނުގެ ސަރަޙައްދެކެވެ. ސޯވިއެޓް އިއްތިޙާދު، 1980 ގެ ފަހުކޮޅު ރޫޅެން ފެށުމާއެކު، އަރުމީނިއާގެ ސަރަޙައްދީ ބަރުލަމާނުން ވަނީ ނަގޯރުނަ ކަރުބާޚަކީ އަރުމީނިއާގެ ބައެއްގެ ގޮތުގައި ކަނޑައަޅާ އެގޮތަށް ފާސްކޮށްފައެވެ. އެހެންނަމަވެސް ސޯވިއެޓް އިއްތިޙާދުން ވަނީ އަރުމީނިއާގެ އެ ހުށަހެޅުން ޤަބޫލުނުކޮށް އަނބުރާ ރައްދުކޮށްފައެވެ. އެއަށްފަހު ރަޝިއާގެ އިއްތިހާދުގައި ހިމެނުނު ޖުމްހޫރިއްޔާތަކަށް މިނިވަންކަން ލިބުނުއިރު ނަގޯރުނަ ކަރުބާޚަކީ އަޒަރުބައިޖާންގެ ސަރަޙައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އެ ސަރަޙައްދުގެ އަރުމީނިއާ ދަރިކޮޅުގެ ހަނގުރާމަވެރިން އެކަން ޤަބޫލުނުކޮށް އެ ޒަމާނުން ފެށިގެން މިއަދާއި ހަމައަށްވެސް، މި ސަރަޙައްދުގެ މައްސަލާގައި އަޒަރުބައިޖާނުގެ ސިފައިންނާއި ހަނގުރާމަވެރިންނާ ދެމެދު ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި 1990 ގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގައި އެތައްހާސް ބަޔަކު މަރުވެ، އެތައް ސަތޭކަ ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. އޭގެ ފަހުން 1994 ވަނަ އަހަރު ރަޝިޔާއިން ހަނގުރާމަ ހުއްޓުވުމަށްޓަކައި މެދުވެރިއެއްގެ ރޯލު އަދާކޮށް، އެންމެފަހުން ހަނގުރާމަ ހުއްޓާލިއިރު ނަގޯރްނަ ކަރުބާޚުގެ ކޮންޓްރޯލްވަނީ އަރުމީނިއާ ނަސްލުގެ މީހުންގެ އަތުގައެވެ.

އެހެން ނަމަވެސް އެ ސަރަޙައްދު އަދިވެސް އޮތީ އަޒަރުބައިޖާންގެ ތަނެއްގެ ގޮތުގައެވެ. މިއަދު އެތަނުގައި ވެރިކަން ހިންގަނީ އަރުމީނިއާގެ ހަނގުރާމަވެރިންނެވެ. އެމީހުން ވަނީ އެތަނަކީ "މިނިވަން ނަގޯރުނަ ކަރުބާޚު ޖުމްހޫރިއްޔާއެއް" ކަމަށް ކަނޑައަޅާ އެކަން އިޢުލާންކޮށްފައެވެ. އަރުމީނިއާއިން، ނަގޯރުނަ ކަރުބާޚަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައި ނުވިޔަސް ސިޔާސީ ގޮތުންނާއި އަސްކަރީގޮތުން ހަނގުރާމަވެރިންނަށް ކެނޑިނޭޅި  ދަނީ އެހީތެރިވަމުންނެވެ.

ދެފަރާތުން 1994 ގައި ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރި ކަމުގައިވިޔަސް، ދެފަރާތުގެ ދެމެދުގައި އާންމުގޮތެއްގައި ޙަމަލާތައް ދަނީ ބަދަލުކުރަމުންނެވެ. އެންމެފަހުން 2016 ވަނަ އަހަރު ކުރެވުނު ހަތަރު ދުވަހުގެ ހަނގުރާމައާ ގުޅިގެން، އޯގަނައިޒޭޝަން ފޮރ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް، މި ޖަމާޢަތުން ރަޝިޔާއާއި ފްރާންސުން އިސްވެތިބެ އެތައް އަހަރަކަށް ސުލްޙަވެރިވެ ތިބުމަށް އެކުލަވާލި މުޢާހަދާގައި އަޒަރުބައިޖާނާއި އަދި އަރުމީނިއާއިން ވަނީ ސޮއިކޮށް ހަނގުރާމަ ހުއްޓާލާފައެވެ.

ހުސްވި ސެޕްޓެމްބަރު 27ގައި، މިހާރު ފެށިގެން އުޅޭ ހަނގުރާމައަކީ އަޒަރުބައިޖާނުން އިސްވެ ހަމަލާދިނުމުން ފެށިގެން އުޅޭ ހަނގުރާމައެއް ކަމަށް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. ދެފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމަށް ވަނީ ބުނެފައެވެ. އަޒަރުބައިޖާންގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރަމުންދާ ހަނގުރާމައަކީ 30 އަހަރު ވަންދެން ދުޝްމަނުން ހިޞޯރުކޮށްގެން ތިބި އަޒަރުބައިޖާންގެ ބިން ޙިމާޔަތްކޮށް އެތަން ސާފުކުރުމުގެ މަސައްކަތެވެ. އަޒަރުބައިޖާނުން ތުހުމަތުކުރާ ގޮތުގައި، އަރުމީނިއާއިން ދަނީ ރަޝިޔާގެ އެހީތެރިކަމާއެކު ނަގޯރުނަ ކަރުބާޚުގެ ވަށައިގެން ސެކިއުރިޓީ ޒޯނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ތާރީޚީ ގޮތުން އަޒަރުބައިޖާން

މަޝްހޫރު ޕަރޝިއަން އެމްޕަޔަރގެ އުފެދުނު އިރުވެސް އަޒަރުބައިޖާނު ސަރަޙައްދަކީ އީރާނުގެ ބައެކެވެ. އެންމެ ފުރަތަމަ ޕަރޝިއަން އެމްޕަޔަރއެއްގެ ބިންގާ އެޅުއްވީ މީލާދީން 550 ބީސީގައި، ސައިރަސް ދަ ގްރޭޓް އެވެ. ތާރީޚީ ބައެއް ފަތްފުށްތަކުގެ އަލީގައި ތާރީޚް ދިރާސާކުރައްވާ، ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި "ސައިރަސް ދަ ގްރޭޓް" އެއީ ޛުލްޤަރުނައިނި އެވެ. ވަﷲ އަޢުލަމް. ޕަރޝިއަން އެމްޕަޔަރ ނުވަތަ ފާރިސީ ދައުލަތް ވެގެން ދިޔައީ މިހާތަނަށް ދުނިޔޭގެ ތާރީޚުގައި ގާއިމްކުރެވުނު އެންމެ ބިޔަ ދައުލަތް ކަމުގައެވެ. ހުޅަނގުން ޔޫރަޕްގެ ބަލްކަން ޕެނިންސިއުލާއިން ފެށިގެން އިރުމަތިން އިންޑިއާގެ އިންޑަސްވެލީއާއި ހިސާބަށް، ފާރިސީ ދައުލަތް ފުޅާވެގެން ގޮސްފައިވެއެވެ. ސައިރަސްގެ ވެރިކަމުގައި އަވަށްޓެރި ރަސްކަންތައް، ހަނގުރާމަކުރައްވައި ފަތަޙަކުރެއްވުމަށްފަހު ފާރިސީ ދައުލަތުގެ ދަށަށް ގެންދެވިއެވެ. އެގޮތުން މީޑިއާ އާއި، ލައިޑިއާ އަދި ބާބިލް ފާރިސީ ދައުލަތުގެ ދަށަށް ގެންދެވިއެވެ. މީޑިއާއަކީ އީރާނުގެ ހުޅަނގު އުތުރުގައި އޮތް ސަރަޙައްދެކެވެ. އެ ސަރަޙައްދުގެ ތެރޭގައި ހިމެނެނީ މިހާރުގެ އަޒަރުބައިޖާނާއި، ކުރުދިސްތާނާއި އަދި ކެރަމަންޝާހު އެވެ. ލައިޑިއާއަކީ ހުޅަނގު އަނަޓޯލިއާގެ ސަރަޙައްދެކެވެ. އެއީ މިހާރުގެ ތުރުކީގެ ބަޔަކާއި ސްޕޭނާއި އަދި ޕޯޗްގަލް ހިމެނޭ ސަރަޙައްދެވެ.

އަމްބަރާޠޫރު ސައިރަސްގެ ޒަޢާމަތުގައި މާގިނަ ދުވަސްތަކެއްނުވެ ފާރިސީ ދައުލަތް، ދުނިޔޭގެ އެންމެ ބާރުގަދަ ދައުލަތް ނުވަތަ ސުޕަރ ޕަވަރަކަށް ވެއްޖެއެވެ. އެޒަމާނުގައި ދުނިޔޭގައި އޮތް، އެންމެ ވަރުގަދަ ތިން ޙަޟާރަތު އޮތީ ފާރިސީ ދައުލަތުގެ ދަށުގައެވެ. އެގޮތުން މެސަޕޮޓޯމިއާ އާއި މިސްރުގެ ނީލަކޯރު ވާދީގެ ޙަޟާރަތާއި، މިހާރުގެ ޕާކިސްތާނުގެ އިންޑަސް ވާދީގައި އޮތް ސިންދު ވާދީ ޙަޟާރަތު ހިމެނެއެވެ.

ފާރިސީ ދައުލަތުގެ ހަތަރުވަނަ ރަސްގެފާނު ޑެރިއަސް (ދާރަ) ދަ ގްރޭޓްގެ ރަސްކަމުގެ ދުވަސްވަރަކީ ފާރިސީ ދައުލަތް އެންމެ ފުޅާވެފައިވީ ޒަމާނެވެ. އެގޮތުން ޑެރިއަސްގެ ބާރުގެ ދަށުގައި ކޯކަސްއާއި ހުޅަނގު އޭޝިއާ، އޭރުގެ ގޮތުންނަމަ މެސެޑޯނިއާ، ބަލްގޭރިއާ، ރޮމޭނިއާއި އަދި ޔުކްރޭނާއި (މިހާރުގެ ބަލްކަންސް) ކަޅުކަނޑުގެ ސަރަޙައްދާއި، މެދުތެރޭ އޭޝިއާއާއި އަދި އެފްރިކާގެ ހިމެނޭގޮތަށް ލީބިޔާއާއި މިސްރުގެ ބައެއްވެސް އޮތީ ފާރިސީ ދައުލަތުގެ ބައެއްގެ ގޮތުގައެވެ. ޑެރިއަސް މިބިޔަ ސަރަޙައްދު އެއް ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކާ، އެއްފައިސާއެއް ތަޢާރުފްކުރައްވާ، މިނެކިރުމުގައި ބޭނުންކުރާނޭ މިންގަނޑުތަކެއް ކަނޑައެޅުއްވިއެވެ. އަދި އަރަމައިކް ބަހަކީ ފާރިސީ ދައުލަތުގެ ރަސްމީ ބަސްކަމަށް ހަމަޖައްސަވައި، މަގުމަތަކާއި ޢިމާރާތްތައް ހެއްދެވިއެވެ. ދުނިޔޭގެ ތިން ބައްރަށް އާންމު ގޮތެއްގައި މުވާސަލާތު ކުރެވޭނޭ ގޮތް ހެއްދެވީވެސް ފާރިސީންނެވެ. އެގޮތުން އެފްރިކާއާއި، އޭޝިއާއާއި އަދި ޔޫރަޕަށް ދެވޭގޮތަށް އާ މަގުތަކެއް ހައްދަވައި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޕޯސްޓުގެ ޚިދުމަތް މި ތިން ބައްރަށް ތަޢާރަފް ކުރެއްވިއެވެ.

ދިވެހި ޅެންވެރިއެއް ކަމަށްވާ މަރުހޫމް މުޙައްމަދު ޢަބުދުއްލަޠީފްގެ ޅެމެއް ކަމަށްވާ "ޙަޤީޤަތަކީ މިއީއެވެ" މި ޅެމުގައި، މަތީގައި ބަޔާންކޮށްފައިވާ ޑެރިއަސް ނުވަތަ ދާރަ އަދި ލިއުމުގެ ދެންއޮތް ބައިގައި ބަޔާންކޮށްފައިވާ އެލެގްޒެންޑަރ ދަ ގްރޭޓް ނަން ގެނެވިފައިވެއެވެ. ހަނދާން އާކޮށްލުމުގެ ގޮތުން ޅެމުގެ އެބައިތު ލިޔެލާނަމެވެ.

"ދާރަޔާ ސިކަންދަރާ، ސީޒަރާ ނަޕޯލިއަން
މާދުރަށް ވިދާލި ނަން އޮބައިފިޔޭ އެ ފަނޑުވެގެން"

ޕާރޝިއަން އެމްޕަޔަރ ވެއްޓުން

މީލާދީން 480 ބީސީގައި ގްރީކުން ފާރިސީ ދައުލަތުގެ ބިންތަކަށް ހަމަލާދޭން ފެއްޓިއެވެ. ދެފަރާތުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ހިނގައި، ގްރީކުން އެ ހަނގުރާމައިން ބަލިވިއިރު، ޕާރޝިއަން އެމްޕަޔަރއަށް އޮތީ މާލީގޮތުން އަރައިނުގަނެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ހަނގުރާމައަށް ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުން އަތުން ނަގަމުން އައި ވާރު އެތައް ތަނަކުން ބޮޑުކުރުމުގެ ނަތީޖާއަކަށްވީ މިބިޔަ ސަރަޙައްދުގެ ތެރޭގައި ވަކިވެގަތުމުގެ ޚިޔާލު އުފެދި ޕަރޝިއަން އެމްޕަޔަރ މަޑުމަޑުން ރޫޅެން ފެށިއެވެ.

މެސެޑޯނިއާގެ ރަސްގެފާނު މަޝްހޫރު އެލެގްޒެންޑަރ ދަ ގްރޭޓް މީލާދީން 330 ބީސީގައި މިސްރަށް ހަމަލާދެއްވިއެވެ. އެކަމަކު މިސްރަށް ހަމަލާދެއްވީ އެލެގްޒެންޑަރގެ ފަރާތުން ސުލްޙައިގެ ހުށަހެޅުމެއް ހުށަހަޅުއްވައި، ޑެރިއަސް 3 އެކަން ޤަބޫލުފުޅު ނުކުރެއްވުމުންނެވެ. އެތައް ހަފްތާއެއް ވަންދެން މިސްރު ހިސޯރު ކުރެއްވުމަށްފަހު، އެންމެފަހުން އެލެގްޒެންޑަރ މިސްރު ފަތަޙަކުރެއްވިއެވެ. އަދި މިސްރުގެ އިސްކަންދަރިއްޔާ ސަހަރު (އެލެގްޒެންޑްރިއާ) ބިނާކުރެއްވިއެވެ.

މިސްރު ފަތަޙަ ކުރުމާއެކު، މީލާދީން 331 ބީސީގެ އޮކްޓޯބަރު މަހުގެ ތެރޭގައި، ޑެރިއަސް 3 ގެ ބިޔަ ލަޝްކަރާއި ކުރިމަތި ލައްވަން އެލެގްޒެންޑަރއަށް ޖެހިވަޑައިގަތެވެ. ދެފަރާތުންވެސް އެތައްބަޔަކު ފަނާވެގެންދިޔަ މިކުރިމަތިލުމުގައި އެންމެފަހުން ޑެރިއަސް 3 ބަލިވެވަޑައިގެން ފިއްލެވުމުން، އޭނާގެ ލަޝްކަރުގެ ތެރެއިން ބަޔަކު، ޑެރިއަސް އަވަހާރަކޮށްލީއެވެ. ބުނެވޭގޮތުގައި ޑެރިއަސްގެ ފުރާނަ ނެތް ހަށިގަނޑު އެލެގްޒެންޑަރއަށް ފެނިވަޑައިގަތުމުން އެކަމާ ހިތާމަފުޅު ކުރައްވައި، ރަސްމީ ޢިއްޒަތުގައި ޑެރިއަސް 3 ގެ ޖަނާޒާ ބޭއްވެވިއެވެ. އެއަށްފަހު އެލެގްޒެންޑަރއަކީ މުޅި ފާރިސްކަރައިގެ ރަސްގެފާނު ކަމުގައި އެލްގްޒެންޑަރ އިޢުލާން ކުރެއްވިއެވެ.

މުސްލިމުން ފާރިސްކަރަ ފަތަޙަކުރެއްވުން

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲ އަންހުގެ ޚަލީފާކަމުގައި މުސްލިމުން ފާރިސްކަރަ ފަތަޙަ ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އޭރު ފާރިސީ ދައުލަތުގެ ރަސްކަލަކަށް ހުންނެވީ ޚުރުމޫޒުގެ ދަރިކަލުން ރުސްތުމްއެވެ. ރުސްތުމް އުފަންވެ ވަޑައިގަތީ އަޒަރުބައިޖާނުގައެވެ. ފާރިސީންގެ ސަސާނީ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީވެސް ރުސްތުމްއެވެ. ޤާދިސިއްޔާގެ ހަނގުރާމައިގައި ސާސާނީ ލަޝްކަރުބަލިވެ ރުސްތުމްއާއި އެލަޝްކަރުގެ ބޮނޑުންގެ ތެރެއިން ގިނަބަޔަކު ޤަތުލުވީއެވެ. އެ ލަޝަކަރުގެތެރެއިން ސަލާމަތްވި ފައިރޫޒް ޚުސްރޫ، ނަހާވަންދުގައި މުސްލިމުންނާއި ހަނގުރާމަކުރިއެވެ. ނަހާވަންދުގެ ހަނގުރާމަ ވެގެންދިޔައީ މުސްލިމުންނަށް އަޒަރުބައިޖާނާއި އަރުމީނިއާއާއި އަލްބޭނިއާއަށް ވަދެގަތުމަށް ހުޅުވުނު ދޮރެއް ކަމުގައެވެ. ދެފަރާތުގެ ދެމެދުގައި ނުރައްކާތެރި ހަނގުރާމައެއް ހިނގައި އެންމެފަހުން ފާރިސީން އެ ހަނގުރާމައިންވެސް ބަލިވީއެވެ. އެއަށްފަހު މުސްލިމުން އަޒަރުބައިޖާނަށް ހަމަލާދެއްވިއެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު އާއެކު ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވާލައި، އިސްލާމީ ޚިލާފަތުގެ ދަށުގައި ޖިޒީ ދައްކައިގެން އޮންނަ ވިލާޔަތެއް ނުވަތަ ޕްރޮވިންސެއްގެ ގޮތުގައި އަޒަރުބައިޖާން ހަމަޖެއްސެވިއެވެ. އަދި އީރާނުގެ އެކިއެކި ސަހަރުތަކުގައި މުސްލިމުން ވަޒަންވެރިވީ ފަދައިން އަޒަރުބައިޖާނުގައިވެސް މުސްލިމުން ވަޒަންވެރިވިއެވެ. އޭރުވެސް ނަގޯރުނަ ކަރުބާޚަކީ އަޒަރުބައިޖާނުގެ ބައެކެވެ. އަޒަރުބައިޖާނުގެ ތާރީޚު ލިޔުއްވި އަޙުމަދު ކަސްރަވީ ބަޔާންކުރާ ގޮތުގައި އީރާނުގެ އެހެން ސަހަރުތަކަށްވުރެ މުސްލިމުން އަޒަރުބައިޖާނުގައި ވަޒަންވެރިވި މައިގަނޑު އެއް ސަބަބަކީ އަޒަރުބައިޖާނުގެ ބިމުގެ މޮޅުކަމެވެ.

ހަތް ވަނަ ޤަރުނުގެ ތެރޭގައި މުސްލިމުން އަޒަރުބައިޖާން ފަތަޙަކުރުން ވެގެންދިޔައީ ވަކި ބަހަކާއި އަދި ވަކި ގައުމެއްގެ ގޮތުގައި އަޒަރުބައިޖާން އުފެދުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމުގައެވެ. އަޒަރުބައިޖާނުގައި އިސްލާމްދީން ފެތުރި އާބާދީގެ ބޮޑުބައެއް އިސްލާމްދީން ޚިޔާރުކުރިއެވެ. އޭގެތެރޭގައި ތުރުކީ ނަސްލުގެ މީހުންނާއި އަލްބޭނިއާ ދަރިކޮޅުގެ މީހުންނާއި އަދި އެހެން ބައިމަދު ނަސްލުތަކުގެ މީހުންވެސް ހިމެނުނެވެ. އެއަށްފަހު އަޒަރުބައިޖާނުގެ ތެރޭގައި ވަކި ސަގާފަތެއް ގާއިމްވެގެން ދިޔައެވެ. ނުވަ ވަނަ ޤަރުނާއި ހިސާބަށް އައިއިރު އަޒަރުބައިޖާނުގެ އާބާދީގެ ބޮޑުބަޔަކީ ތުރުކީ ދަރިކޮޅުގެ މީހުންނެވެ. ފަހުން އެމީހުން ވެގެންދިޔައީ ވަކި ނަސްލެއް ކަމުގައިވާ އާޒާރީންނަށެވެ. މިހާރުވެސް އަޒަރުބައިޖާންގެ އާބާދީގެ 91.6 އިން ސައްތަ މީހުންނަކީ މިދެންނެވި އާޒާރީންނެވެ. އަޒަރުބައިޖާނުގެ އާބާދީގެ 96.9 އިން ސައްތަ އަކީ މުސްލިމުންނެވެ.

މިނިވަން ވަކި ގައުމެއްގެ ގޮތުގައި އަޒަރުބައިޖާން އުފަންވީ 15 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގެ ތެރޭގައެވެ. މިއީ އަޒަރުބައިޖާންގެ ތާރީޚުގެ ވަރަށް މުހިންމު ދުވަސްވަރެކެވެ. މީލާދީން 1501 ން 1524 އަށް އަޒަރުބައިޖާންގައި ވެރިޔަކަށް ހުންނެވި އަޒާރީ ދަރިކޮޅަށް ނިސްބަތްވާ ޝާހް އިސްމާޢީލް ޚަޠާއީ، އަޒަރުބައިޖާނުގެ ހުރިހާ ސަރަޙައްދުތަކެއް (ނަގޯރްނަ ކަރުބާޚް ހިމެނޭގޮތަށް) އެއްކުރައްވައި އޭނާގެ ބާރުގެ ދަށަށް ގެންނެވިއެވެ. އަދި އެހިސާބުން އަޒަރުބައިޖާނުގައި ޞަފަވިއްޔަ ދަރިކޮޅުގެ ވެރިކަމެއް ގާއިމްކުރެއްވިއެވެ. އަދި ވެރިރަށަކީ ތަބްރޭޒް (މިހާރު އީރާނުގެ ރަށެއް) ކަމުގައި ހަމަޖެއްސެވިއެވެ. މިދެންނެވި ތަބްރޭޒަކީ، ދިވެހިރާއްޖެ އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވިކަމަށް ދިވެހި ތާރީޚުގެ ބައެއް ފަތްފުށްތަކުގައި ބަޔާންކުރައްވާފައިވާ، ޝެއިޚް އަބޫ ރިކާބު ޔޫސުފް އަލްތަބްރޭޒީ ނުވަތަ ޝެއިޚް ޖަލާލް ޔޫސުފް ތަބްރޭޒީ ނިސްބަތްވެ ވަޑައިގަންނަވާ ރަށެވެ. އަދި އެ ވެރިކަމުގައި އަޒަރުބައިޖާނު ބަހަކީ، ރަސްމީ ބަސްކަމުގައި ހަމަޖެއްސެވިއެވެ.

އެއަށްފަހު، ސަފަވިއްޔަ ދައުރު ނިމި 1736 ން 1747 އަށް އަޒަރުބައިޖާންގެ ކޮމާންޑަރެއް ކަމަށްވާ، ނާދިރު ޝާހް އަފްޝަރު، އޭނާގެ ނަމަށް ނިސްބަތްކޮށް އަފްޝަރިދް ދަރިކޮޅުގެ ވެރިކަމެއް ޤާއިމްކޮށް އަޒަރުބައިޖާންގެ ހުރިހާ ސަރަޙައްދެއްގެ ހިމެނޭގޮތަށް ވެރިކަން ކުރެއްވިއެވެ. އޭނާގެ ވެރިކަމުގައި އަޒަރުބައިޖާނުގެ ސަރަޙައްދު ޙިމާޔަތް ކުރެއްވުމުގެ އިތުރުން، އެހެން ސަރަޙައްދުތަކަށްވެސް އޭނާގެ ވެރިކަން ފުޅާކުރެއްވިއެވެ. އެގޮތުން 1739 ގައި، އުތުރު އިންޑިއާއަށް ޙަމަލާދެއްވައި ދިއްލީވެސް އޭނާގެ ބާރުގެ ދަށަށް ގެންނެވިއެވެ. އޭނާ އަވަހާރަވުމަށްފަހު، 18 ވަނަ ޤަރުނުގެ ތެރޭގައި އެ ދަރިކޮޅުގެ ވެރިކަމުގެ ބާރުތައް ވަރަށް ބޮޑަށް ކުޑަވެގެންދިޔައެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ވަކިވަކި ދައުލަތްތަކެއް އުފެދިގެން ދިއުމެވެ.

އަށާރަ ވަނަ ޤަރުނުގެ ތެރޭގައި، މީލާދީން 1796 ން 1925 އަށް އީރާނުގެ ފާރިސީ ވެރިކަން، އަޒަރުބައިޖާނުގެ ގަޖަރު ދަރިކޮޅުގެ އަތްމައްޗަށް ދިޔައެވެ. އެ ދަރިކޮޅުގެ މައިގަނޑު ސިޔާސަތަކަށްވީ، އެ މީހުންގެ ކާބަފައިން ވެރިކަންކުރި ހުރިހާ ބިމެއް އެމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. އޭގެ ނަތީޖާއަކަށްވީ ރަޝިޔާއާ ދެކޮޅަށް ދިގުދެމިގެންދިޔަ އެތައް ހަނގުރާމައެއް ކުރަން ޖެހުމެވެ. ދެފަރާތުންވެސް ބޭނުންވީ އަޒަރުބައިޖާނު، އެ ސަރަޙައްދެއްގައި އޮންނަ ދެކުނު ކޯކަސް އެބައެއްގެ ބާރުގެ ދަށަށް ގެނައުމެވެ. އެންމެފަހުން އީރާނުގެ ފާރިސީ ދައުލަތާއި ރަޝިޔާއާއި ދެމެދު އަޒަރުބައިޖާން ދެބަޔަށް ބެހިގެން ދިޔައީއެވެ. އުތުރު އަޒަރުބައިޖާން ރަޝިޔާއާއި އެއްކޮށް ލެވުނުއިރު، ދެކުނު އަޒަރުބައިޖާން ފާރިސީ ދައުލަތުގެ ބައެއްގެ ގޮތުގައި އީރާނާއި އެއްކޮށްލެވުނެވެ. އޭގެފަހުން ސޯވިއެޓް އިއްތިޙާދު ރޫޅުނުއިރު އުތުރު އަޒަރުބައިޖާން އަނެއްކާވެސް ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ދެވަނަފަހަރަށް އުފަންވީއެވެ. އެހެންނަމަވެސް ދެކުނު އަޒަރުބައިޖާން އަދިވެސް އޮތީ އީރާނުގެ ބައެއްގެ ގޮތުގައެވެ.