Support Us

ކޮލަމް: އަލި

މީސްވާހަކަ ޅެންވެރިކަން

އަދަބިއްޔާތުގެ ގިނަ ވައްތަރުތަކަކީ އޭގެ އޮނިގަނޑުގެ ގޮތުން އުނދަގޫކަމެއް ނެތި ދަނެގަނެވޭނެ ވައްތަރުތަކެވެ. ލިޔުންތެރިކަމުގެ ކޮންމެ އުފެއްދުމަކުން އެލިޔުމެއް ފެނުމާއެކު އޭގެ ވައްތަރާއި އޮނިގަނޑުން އެލިޔުމުގެ ބާވަތާއި އެއީ ކޮންކަމަކަށް ލިޔެވިފައިވާ ލިޔުމެއްތޯ ދަނެގަނެވެއެވެ. މިސާލަކަށް ނާވިލެއް ލޮލަށް ފެނުމުން ކޮންމެ މީހަކަށް ވެސް އެއީ ނާވިލެއްކަން ފާހަގަކުރެވެއެވެ. އެހެން ގޮތަކަށް ބަޔާން ނުކުރާހައި ހިނދަކު އެންމެންނަށް ހެން ޅެން ޝާއިޢުކޮށްފައި ހުންނަ ސިފައާއި ބައްޓަމުން އެއީ ޅެންކަން ފާހަގަކުރެވެއެވެ. އެކަމަކު މީސްޅެންވެރިކަން މިއާ މުޅިން ތަފާތެވެ. މީސްޅެންވެރިކަން ތަޢާރަފް ކުޅައުމަށް ބަޔާންކުރާން ޖެހެނީ ހަމައެކަނި އެ އުފެދިފައިވާ އަސާސްތައް އެކަންޏެއް ނޫނެވެ. އޭގެ އަޚުލާޤު ނުވަތަ ސުލޫކާއި އިންތިޤާލް (ޓްރާންސްމިޝަން) ވެސް ބަޔާންކުރާން ޖެހެއެވެ. ހަމަ މިބީދައިން މީސްވާހަކަ ޅެމަކީ ހަމައެކަނި ޅެމެއް ކަމުގައެއް ނުބެލެވެއެވެ. އެފަދަ ކޮންމެ ޅެމަކުން ވާހަކަ ކިޔައިދެއެވެ. އައު މަޢުލޫމާތުތަކެއް އިތުރުކުރުމަކާ ނުލައި އެއްވެސް ބަޔަކު މީސްވާހަކަޅެން، ވާހަކަޅެމާ ވަތްކެއް ނުކުރެއެވެ. އެހެން ނަމަވެސް މީސްޅެން ނުވަތަ މީސްޅެންވެރިކަމަކީ އޭގެ ޒާތުގައި އާދައިގެ ޅެމަކާ ވަރަށް ތަފާތު ގޮތްތަކެއް އެކުލެވިގެންވާ އަދަބުގެ ބާވަތެކެވެ. މި ވައްތަރުގެ ޅެންވެރިކަން އެންމެ ބޮޑަށް ތަފާތު ވަނީ ޅެންތައް ލިޔެ، ހުށަހަޅައިދޭ ކަންތައްތަކާއި ހުށަހަޅައިދޭ ގޮތެވެ.

މީސްވާހަކަޅެން ކަމުގައި ބަޔާން މިކުރަނީ އިނގިރޭސިބަހުން ކިޔާ ނެރޭޓިވް ފޯކް ޕޮއެޓްރީއަށެވެ. މި އިސްތިލާހުގައި މި ބަޔާން ކުރާ ވާހަކަތަކަކީ މި ފަންނުގައި ލިޔެވިފައި ހުރި ތަކެތި މަދުކަމާއެކު ކޮންމެވެސް މައުލޫމާތުތަކެއް ހިއްސާކޮށްލުމުގެ ބޭނުމުގައި ދަންނަވާ ވާހަކަތަކެކެވެ. ދިވެހި އަދަބިއްޔާތަކީ ވެސް ފުންކަނޑެއްގެ ފުންކަން ހުރި އަދަބިއްޔާތަކަށް ވެސް ވުމާއެކު ހޮދައި ބަލާން ޖެހޭ މިފަދަ އެތައް ދިމާތަކެއް ހުރުމާ ވެސް އެކުއެވެ. މި ލިޔުމުން އައު ވިސްނުމަކަށް ކަމެއް ފަހި ވެއްޖެ ނަމަ އަޅުގަނޑުގެ މަގުސަދު ފުރިހަމަ ވީއެވެ.

އާދޭހެވެ! މީސްވާހަކަޅެން އާދައިގެ ޅެންތަކާ ތަފާތެވެ. މީސްވާހަކަޅެމުގައި ހިމެނިފައިވާނީ ގިނަ ޒާމާންތަކެއް ވާންދެއް ތުންތުން މަތިން އައިސްފައިވާ މީސްވާހަކަތަކެވެ. މިހެންވުމުން، އާދައިގެ ޅެންވެރިކަމާއި މީސްވާހަކަ ޅެންވެރިކަން ދެނެގަތުމަށް ޓަކައި އޭގެ ތާރީޚާއި އޭގެ މަޢުލޫމާތުތައް އެނގުން ވަރަށް މުހިންމު ވެއެވެ. މި ގޮތުން އެ ވާހަކަ ފެށުނު ގޮތާއި ، ތާރީޚާއި ސަގާފަތާ އެ ވާހަކަ ގުޅިފައިވާ މިންވަރާއި، އެ ވާހަކަ އާންމުވެގެން އައި މައިގަނޑު ގޮތް، މިސާލަކަށް: ލަވައެއް، ވާހަކައެއް، ލިޔުމުގެ ސިފައިގައިތޯ އެނގުން ވަރަށް މުހިއްމުވެއެވެ. އެހެންނޫން ނަމަ ، މި ދެ ބާވަތުގެ ޅެންތައް ވަކިކޮށް ދެނެގަންނަން އުދަގޫ ވާނެއެވެ.

މީސްވާހަކަ ޅެންވެރިކަމަކީ އޭގެ ޒާތުގައި ދިރާސާކޮށް ހެދުމުގައި ގިނަ ކަންތައްތަކަށް ރިޢާޔަތް ކުރަން ޖެހޭ ވަރަށް ފަންނީ މަސައްކަތެކެވެ. މީސްވާހަކަ ޅެންވެރިކަން ތަހުލީލުކުރުމުގައި އެ އުފެދުނު ގޮތާއި އެ ވުޖޫދަށް އުފަންވެގެން އައީ ކޮންކަހަލަ ސިފައެއްގައިތޯ ބެލުން ވަރަށް މުހިއްމުވެއެވެ. އެއީ އެ ފަދަ ވާހަކަތައް ޒަމާނާ އެއްގޮތަށް ބަދަލުވަމުން އަންނާތީއެވެ. އެ ވާހަކައިގެ އުފެދުމުގެ އަސްލު އެނގުމުން އެ ވާހަކައިގެ މައިގަނޑު އޮނިގަނޑު ދަނެގަނެވެއެވެ. އުސޫލެއްގެ ގޮތުން މީސްވާހަކަތަކަކީ އެއިރެއްގެ ބައެއްގެ ސަޤާފަތާއި، ޤަބޫލުކުރުންތަކާއި ވައްޓަފާޅީގެ މައްޗަށް ބިނާވެގެން އަންނަ އެއްޗެއްކަމުން އެ ވާހަކައެއްގެ އޮނިގަނޑު ވަށައިގެންވާ ކުދިކުދި ސިފަކުރުންތަކާއި އެހެނިހެން ހާދިސާތައް އަބަދުމެ ބަދަލުވާނެއެވެ. އެހެންނަމަވެސް ކޮންމެ ޒަމާނެއްގައި ވެސް އެ ވާހަކައިގެ މައިގަނޑު ހާދިސާއާއި އޮނިގަނޑަށް މާ ބޮޑު ބަދަލުތަކެއް ނާދެއެވެ. މިހެން މި ކަން އޮތުމުގެ ސަބަބުން ވާހަކައިގެ އަސްލު އައި ގޮތް ދެނެގަތުމުގެ މުހިއްމު ކަން ބޮޑު ވެއެވެ.

މީސްވާހަކަޅެންވެރިކަން ތަހުލީލުކޮށް ބަލައި އިތުރަށް ދިރާސާކުރާ ވަކި ޚާއްޞަކަންތައްތަކެއް ހުރެއެވެ. އޭގެތެރޭގައި ޅެމުގައި ބޭނުންކުރެވިފައިވާ ބަސްމަގު، ލަފުޒުތައް ބުގިސްކޮށްފައިވާ ގޮތް ޅެންވެރިޔާ ޅެމުގައި ބޭނުންކޮށްފައިވާ އުސްލޫބު ހިމެނެއެވެ. ހަމަ މިއާ އެކު އާދައިގެ ޅެމަކާއި މީސްވާހަކަޅެމަކާ އަޅައިބަލާ އިރު އޭގައި ތަމްސީލުކުރުންތައް އެކުލެވޭ މިންވަރާއި ހުށަހެޅުންތެރިކަމާއި ސިފަކުރުމާއި ލަފުޒުތައް ތަކުރާރުކުރެވިފައިވާ މިންވަރާއި ބަސްކޮށާރަށް ބެލެއެވެ.

މީސްވާހަކަޅެމަކީ އެކި ބަސްބަހާއި ސަޤާފަތާއި ދީންތަކާއި ތާރީޚުތަކަށް ޚާއްޞަ ވެފައިވާ އެއްޗެކެވެ. އެކި ބަސްތަކުގައި ހިމެނޭ ބަހުރުވަތަކުގައި ވެސް މި ފަދަ ޅެންޅެން ހުރެއެވެ. އެ ތަކެތީގައި ފާހަގަކުރެވޭ ފަދަ ތަފާތުތައް ވެސް ހުރޭމެއެވެ. އެކި ޒަމާންތަކުގައި އެކި ތަންތާނގައި ހިނގަމުން އައިސްފައިވާ މުހިންމު ކަންކަމަށް މި ފަދަ ވާހަކަތައް އުފެދި ޅެމާއި ލިޔުންތެރިކަމުގެ އެހެނިހެން ބާވަތްތަކުގެ ސިފައިގައި ޖީލުން ޖީލަށް ވާރިދުވަމުން އައިސްފައިވެއެވެ. މި ކަން މިހެން ވަމުން ދާހިނދު އެ ޅެމެއް ލިޔެވި ތައްޔާރުކުރެވިފައި އޮންނަ ބަހުގެ ހަމަތަކާއި ޤަވާއިދުތަކަކީ ވެސް ޅެންވެރިކަމަށާއި ލިޔުންތެރިކަމަށް އޭގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާކަމެކެވެ. މިސާލަކަށް ބޯދާ ތަޢުބީރުތަކާއި ، ޒަމާންވީ އާންމު ދިރިއުޅުމުގެ ވައްޓަފާޅިތައް ބަޔާންކުރާން ބޭނުންކުރެވޭ ޚާއްޞަ ހަރުބަސް، ބޯދާ ބަސް، މުސްކުޅިބަސްތައް ހިމެނިފައިވުން ފަދަ ކަންކަން މި ފަދަ ބައެއް ޅެންޅެމުން ފެންނާން ހުރެއެވެ. އެ ބަހެއްގައި ހިމެނޭ އަޑުތަކާއި އަކުރުތައް އެ ޒަމާނެއްގައި ބޭނުންކުރަމުން އައިސްފައިވާ ގޮތްތައް ވެސް މި ފަދަ ޅެންތަކުން ފެންނާން ހުރެއެވެ. ޒަމާނާ ގުޅިގެން މި ފަދަ ޅެންތަކަށް ވެސް ބަދަލުތައް އާދައެވެ. އެހެނީ ބަހަށް، އަދި ބަހުރުވައާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ކޮންމެ ބަދަލަކީ ލިޔުންތެރިމާއި ބަސް މޮށުންތެރިކަމަށް ވެސް އަސަރުކުރާ އަދި އަސަރު ކުރުވާ ކަމަކަށް ވެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި މިފަދަ ޅެންތައް އުފެދި އަދި ބޭނުންކުރެވިފައިވަނީ އެކިކަހަލަ ތަފާތު ވާހަކަތައް ފެތުރުމުގެ ބޭނުމުގައްޔާއި އެ ވާހަކަތައް އާންމުންނަށް އަންގައި ދިނުމުގެ ބޭނުމުގައެވެ. ބައެއް ހިސާބުތަކުގައި ދީނީ ކަންކަމަށް، އަނެއްބައި ހިސާބުތަކުގައި ވެރިކަމާއި ރަސް-ރަނިކަމުގެ ވާހަކަތާއި، ބިރުވެރި އަދި އެ އިރެއްގެ ދިރިއުޅުމުގައި ދިމާވަމުންދާ މަޝްހޫރު ވާހަކަތަކަށް މި ފަދަ ޅެންތައް ހެދިފައި އެބަހުއްޓެވެ.

ރާއްޖޭ އަދަބިއްޔާތުގެ އެކި ވައްތަރުތަކުގެ ތެރޭގައި މިފަދަ މީސްވާހަކަޅެންތައް ހުރިތޯ ނުވަތަ ނެތްތޯ އިލްމީ ގޮތެއްގައި ބެލިފައެވެ ނެތެވެ. މި މަޒުމޫނުގެ ބޭނުމަކީ އެ މަގަށް މަސައްކަތް ކުރާ މީހަކަށް ކޮންމެ ވެސް އަލިކަމެއް ފޯރުވައި ދިނުމެވެ. ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގެ އަސްލުކަމުގައި ވަނީ ރައިވަރުބައި ކިޔާ ޅެމެކެވެ. ވާރިދުވެގެން އައިސްފައިވަނީ ދޫދޫމަތީންނެވެ. ދޮންމޮހޮނާއި މިޔަރު ވާހަކަ ވެސް ހަމަ މި ފަދައެވެ. މިއީ މީސްވާހަކަ ޅެން ބާވައެވެ! ތަހުލީލީ ނަޒަރަކުން ބަލައިލުން ރަނގަޅު ދިމާއެއް ކަމުގައި ދެކެމެވެ. ދިވެހި ބަހާއި އަދަބަށް އެދެނީ ކުރިއެރުމާއި ފާގަތިކަމެވެ.