އައްޑޫ ސިޓީއާ ހުވަދު އަތޮޅާއި ދެމެދުގައި ސީޕްލޭންގެ ހިދުމަތް ދިނުމާ ބެހޭ އެއްބަސްވުމެއްގައި އައިލެންޑް އޭވިއޭޝަން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާ ދެމެދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލް ކުރައްވާ މަޖިލިސް ބައެއް މެމްބަރުންނާއި އައްޑޫ ސިޓީގެ ކައުންސިލް ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅާ ދެމެދުގައި ދަތުރުތައް ފަށާނެ ކަމަށެވެ.
އިކޮނޮމިކް ޑިވްލޮޕްމަންޓު މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާ ދެމެދު ގަވާއިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާ ގުޅޭ ގޮތުން ވެސް އައިލެންޑް އޭވިއޭޝަނާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަކިން ހާއްސަ ގޮތެއްގައި އައްޑޫ އަތޮޅާއި ހުވަދުއަތޮޅާއި ފުވައްމުލައް ސިޓީގެ އިގްތިސާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމުގައި މި މިނިސްޓްރީން ދެކެމެވެ. މިގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް އަންނަ ފަތުރުވެރިން އިތުރުވުމަށް ބޮޑު ބާރަކަށް މިކަން ވެގެންދާނެއެވެ." އެ ބަޔާނުގައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އިގްތިސާދު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަކަށް މިކަން ވެގެންދާނެ ކަމަށެވެ.
އިގްތިސާދީ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދުފުޅު ކަމަށާއި އެމަގުސަތު ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.



advertisment