Support Us

ދައުލަތުގެ ދަރަންޏާއި އޭގެ ޝަރުޠުތައް އެނގުން- ކޮންމެ ރައްޔިތެއްގެ ޤާނޫނީ ޙައްޤެއް

ކޮންމެ މީހަކު ވެސް ނުވަތަ ބަޔަކު ވެސް ކުރާ ރަނގަޅު، މޮޅު ކަންކަން ހާމަވުމަކީ އެކަމުގެ ސަބަބުން އެ މީހެއްގެ މަޤުބޫލުކަމާއި މަޝްހޫރުކަން އިތުރުވާނޭ ކަމެކެވެ. މީހުންގެ ރުހުމާއި ތަޢުރީފު ލިބޭނޭ ކަމެކެވެ. މި ކަންކަން އެނގި ހާމަވުމުން ހިތްހަމަޖެހުމަކީ އިންސާނީ ޠަބީޢަތެވެ. ހަމަ އެފަދައިން މީހަކު ނުވަތަ ބަޔަކު ކުރާ ނުރަނގަޅު ނޭދެވޭ ކަންކަން ހާމަވުމަކީ އެ މީހަކު ނުވަތަ ބަޔަކު ބަދުނާމުވެ، ފަޟީޙަތްވެ މީހުންގެ ކުރިމަތީގައި އަގުވެއްޓޭނެ ކަންކަމެވެ. މި ފަދަ ކަންކަން ހާމަވާން ބޭނުންނުވުމަކީ ވެސް އިންސާނީ ޠަބީޢަތެވެ. ދައުލަތުގެ އިދާރާތަކަށް ނުވަތަ ކުންފުނިތަކަށް ބެއްޔަސް މިކަން އޮންނާނީ މި ގޮތަށެވެ. އެހެންވީމާ، ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރުމަކީ ނުރަނގަޅުކަންކަން ހުއްޓުވާން އެޅޭ ބާރެކެވެ. އެއީ ފަސާދައިގެ ދޮރުތައް ބަންދުކުރާން އެޅޭ ވަރަށް ވަރުގަދަ ފިޔަވަޅެކެވެ.

ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަކީ ޑިމޮކްރެސީގެ މުހިއްމު އަސާސަކަށްވަނީ އިސްވެ ދެންނެވުނު ސަބަބުތަކަށް ޓަކައެވެ. އެހެނީ ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރުމަކީ ނުރަނގަޅު، އަދި ނާޖާއިޒުކަންކަން ހުއްޓުވައި، ފަސާދައިގެ ދޮރުތައް ބަންދުވާނޭ ކަމެކެވެ. ރައްޔިތުންގެ އިތުބާރު އިތުރުވާނޭ ކަމެކެވެ. ފަސާދައިގެ ދޮރުތައް ބަންދުވުމަކީ ޤައުމުގެ ވަސީލަތްތައް އިސްރާފުވުން ހުއްޓި، އެ ވަސީލަތްތައް ޤައުމީ ތަރައްޤީއަށް ފުރިހަމައަށް ބޭނުންކުރެވޭނޭ ކަމެކެވެ. މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ ޙައްޤު، "އަސާސީ" ޙައްޤެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއިން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައއިވަނީ މި ސަބަބަށް ޓަކައެވެ.

މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. މި ކަމުގެ ތަފްޞީލުތައް "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު"ގައި ތަފްޞީލުކޮށްދީފައި ވެއެވެ. އަދި މި ޙައްޤު ކަށަވަރުކޮށްދިނުމުގެ މަސްއޫލިއްޔަތު ވެސް މި ޤާނޫނުން އިންފޮމޭޝަން ކޮމިޝަނަރާ ވަނީ މަތިކޮށްފައެވެ. މި ކަން މި މަގަށް އެކަށައެޅި ޤަރާރުވެފައިވާކަން ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ގަބޫލުފުޅުކުރައްވައެވެ. މިއީ އުފާކުރުން ޙައްޤުކަމެކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރޭ މަޖައްލާއަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބެއްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ މައުލޫމާތު ހާމަކުރާން ފަސްޖެހުނު ވަރަކަށް އެ ބަޔެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށެވެ. އަދި "ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ނޫން"ކަމަށާއި، އެހެންކަމުން "މަޢުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ" ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި ކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދަންނަވަމެވެ. ޝުކުރިއްޔާއެވެ!

އަދި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވެސް މި ހަގީގަތް ގަބޫލުފުޅުކުރެއްވުމަކީ މި ޙައްޤު ކަށަވަރުކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ދަލީލު ލިބޭ ކަމެކެވެ. މި އަހަރުގެ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަހު ބަންޑާރަނައިބު ވިދާޅުވެފައިވަނީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤަކީ ޖަވާބުދާރީ ކުރަނިވި ދައުލަތެއްގެ ބިންގާ"ކަމަށެވެ. އެހެންވީމާ، މި ހައްޤު ކަށަވަރުކޮށް ނުދެވޭ ނަމަ، ޑިމޮކްރެޓިކް ދައުލަތެއްގެ ބިންގާ ފުނޑުފުނޑު ވެދާނެ ކަމަށް އެ މަނިކުފާނު ވެސް ގަބޫލުފުޅުކުރައްވަނީއެވެ. ކޮން ފަދަ އުފާވެރި ކަމެއްތޯއެވެ! ޝުކުރިއްޔާއެވެ!

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ޓަކައި، ޤާނޫނުން މަތިކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެފައިވަނީ ނަޒާހަތްތެރި ދައުލަތެއް ބިނާކުރުމަށް ޓަކައި، އެންމެ މުހިއްމު ވަސީލަތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުންކުރުން ކަމުގައެވެ. އެހެންވީމާ މި ހުރިހާ ބޭފުޅުންގެ ބަސްފުޅުތަކުން އަޅުގަނޑުމެންނަށް ލިބޭ އުންމީދު މަތިވެރިއެވެ. ކޮމިޝަނަރަށް ވެސް ޝުކުރިއްޔާއެވެ!

ކަން ހުރީ އިސްވެ ދެންނެވުނު ގޮތުގައި ކަމަށް ވިޔަސް ޢަމަލީ ގޮތުން ކަން ހިނގަނީ މި މަގުން ނޫންކަން، މީޑިއާއިން ފެތުރޭ ޚަބަރުތަކުން ފެނުމަކީ އަޅުގަނޑަށް ވަރަށް ބޮޑު ޙައިރާންކަމެއް ލިބުނު ކަމެކެވެ. ރައްޔިތުންގެ ޙައްޤުތައް އެ ކަމެއްގައި ހިމެނިފައިވާ އެތައް ކަމެއްގެ މަޢުލޫމާތު ސަރުކާރުން (ހާމަނުކުރައްވައި) ސިއްރުކުރައްވައި ހިފަހައްޓަވާނަމަ، އެކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ބާރު ދައުލަތުގެ ވުޒާރާތަކުގެ މައްޗަށް ބާރު ނުހިނގާ ކަމުގެ ދަލީލެއްތޯ ބަޔަކު ސުވާލު އުފައްދައިފާނެ ކަމެކެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ "ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ނޫން" ކަމަށެވެ. އެހެންވީ އިރު، އެ ފަދަ މަޢުލޫމާތު ނުދެއްވައި ހިފަހައްޓަވާނަމަ އެކަން ކުރައްވަނީ ކާކުގެ އިޚުތިޔާރަކުންތޯ ސުވާލު ނޫފެދޭތޯއެވެ؟

ދިވެހިރާއްޖޭގައި "އިޖުތިމާޢީ ޚިދުމަތުގައި" ހެލިކޮޕްޓަރު ދުއްވައިދޭން އުޅޭ "ޚާދިމުން"ގެ ޢަދަދާއި އެ މީހުންނަށް ދިވެހިރައްޔިތުންގެ ވާރު ފައިސާއިން ކުރާ ޚަރަދު ހާމަކުރައްވާން މިނިސްޓްރީ އޮފް ޑިފެންސުން އިޢުތިރާޒުކުރެއްވި ޚަބަރަކީ އެންމެން ކިޔައި ބާވެފައިވާ ޚަބަރެކެވެ. މިއީ ވެސް ޤާނޫނު ބުނާ ގޮތުން ހިފެހެއްޓެވޭނެ މަޢުލޫމާތެއް ކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. އެހެނީ ދިވެހިރާއްޖޭގައި އުޅޭ އެހެން ޤައުމެއްގެ މީހުންގެ ޢަދަދު ދިވެހިރާއްޖޭގެ އަހުލުވެރިންނަށް އެނގުމަކީ ދިވެހީންގެ ޙައްޤެކެވެ. އަދި ރައްޔިތުންގެ ވާރު ފައިސާއިން (އެހެން ބަޔަކަށް ނަމަވެސް) ކުރާ ޚަރަދުގެ ތަފުޞީލު ދިވެހި ރައްޔިތުންނަށް ލިބުމަކީ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤެކެވެ.

އަނެއްކޮޅުން ބަލާއިރު، ބަޖެޓު ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދިވެހި ސަރުކާރުން ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭ އެއްވެސް މައުލޫމާތެއް (ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުނު ބޮޑު ދަރަންޏާއި އެ ދަރަނި ހޯދާން ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން) ހާމަކުރައްވާން ސަރުކާރުން ދެކޮޅު ހައްދަވައިފައިވާކަން މީޑިއާގެ ޚަބަރުތަކުން އެނގެއެވެ. އަދި އެސްބީއައި އިން ދިވެހި ދައުލަތުން 250 މިލިއަން ޑޮލަރުގެ ބޮންޑު ގަންނަން ނިންމައި، އެކަމާ ގުޅޭ ރަމްޒީ ޗެކެއް ދިވެހި ސަރުކާރާ ހަވާލުކުރެއްވި މަންޒަރު ވެސް ފެނުނެވެ. އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއިން ރަހުމަތްތެރިއަކު ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާއިން ތެދުވެ އެހީތެރިވާ ކަމަށެވެ. އަދި 250 މިލިއަން ޑޮލަރުގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށާއި އިންޑިއާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފައި ވެއެވެ. އާދޭހެވެ! ދިވެހި ދައުލަތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދިން 250 މިލިއަން ޑޮލަރުގެ ދަރަންޏަކީ އިންޑިއާއިން ދިން އެހީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ސިފަކުރެއްވީތާއެވެ.


އެހެންނަމަވެސް 250 މިލިއަން ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދޭން ނިންމީ ދިވެހިދައުލަތުން ބޮންޑެއް ގަނެގެންކަން އެންމެންނަށް ވެސް އެނގެއެވެ. އަދި އެ ބޮންޑުގެ މުއްދަތު ދިހަ އަހަރަށް ދެމިގެންދާ ގޮތަށް ހަދައި، އެއިން ކޮންމެ އަހަރެއްގައި ވެސް ސޫދުގެ ގޮތުގައި ސަރުކާރުން އެސްބީއައި އަށް ފައިސާ ދައްކާން ޖެހޭނެއެވެ. ނަން ހާމަނުކުރާން އެދޭ ފަރާތްތަކުން ދޭ މަޢުލޫމާތަށް ބަލާއިރު، މި ދަރަނީގެ ސޫދަށް އެކަނި ވެސް 83 މިލިއަނެއްހައި ރުފިޔާ އެސްބީއައިއަށް ދައްކާންޖެހޭ ކަމަށްވެއެވެ. މި ކަމާބެހޭ އެއްވެސް ތަފްޞީލެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ. ބަޖެޓު ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދިވެހި ސަރުކާރުން ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭ އެއްވެސް މައުލޫމާތެއް (ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުނު ބޮޑު ދަރަންޏާއި އެ ދަރަނި ހޯދާން ދިވެހި ސަރުކާރުން ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުން) ހާމަކުރައްވާން ސަރުކާރުން ވަނީ ދެކޮޅު ހައްދަވައިފައެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން މަޢުލޫމާތު ބޭނުންވެގެން "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނު"ގެ ދަށުން، އެދިފައިވާ ކަމަށް އެނގިފައިވަނީ އެ ބޮންޑު ވިއްކުމަށް ޓަކައި، އިންޑިއާއާއެކު ވެވުނު އެއްބަސްވުމާއި، އެ ބޮންޑުގެ ސޫދު (އިންޓަރެސްޓު ރޭޓު) އަންގަވައިދެއްވުންއެދިއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ވިދާޅުވެފައި ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާއާއި ބަންޑާރަ ނާއިބާއި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވާ އެއްޗަކާ ޢަމަލީ ގޮތުން ކަން ހިނގާ ގޮތާ ވަރަށް ބޮޑަށް ތަފާތުތާއެވެ.

މި ދެންނެވި މަޢުލޫމާތު ދޫނުކުރައްވައި ފިނޭންސް މިނިސްޓްރީން ހިފެހެއްޓެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 25 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި، އެ މާއްދާއިން ލިބިވަޑައިގަންވާ އިޚުތިޔާރުގެ ދަށުން ކަމަށް އެނގިފައިވެއެވެ. އެހެންނަމަވެސް މި ދެންނެވި މަޢުލޫމާތަކީ އެ ޙަވާލާދެއްވި މާއްދާގެ ދަށުން ނުދެއްވައި ހިފެހެއްޓެވޭނެ މަޢުލޫމާތެއް ނޫނެވެ. ސަބަބަކީ، އެ ޙަވާލާދެއްވި 25 ވަނަ މާއްދާގައި ބުނާ "މަޢުލޫމާތު ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ މަޢުލޫމާތެއް ދޫނުކުރުމުގެ އިޚުތިޔާރު" އެއީ މުޠުލަޤަށް ލިބޭ ބާރެއް ނޫނެވެ. އެ ބާރު ލިބެނީ 25 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން "އެ މަޢުލޫމާތު ހޯދައިފައިވަނީ ހާމަނުކުރާނެކަމަށް އެއްބަސްވެގެން ކަމުގައި ވުމާއެކު،" އެ މަޢުލޫމާތުގައި ޚާއްޞަ ސިފަތަކެއް ހުރެގެންނެވެ. އެ ސިފަތައް އެ އަކުރުގެ ފުރަތަމަ ނަންބަރާއި ދެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. 25 ވަނަ މާއްދާގެ (ހ) ގެ ފުރަތަމަ ނަންބަރުގައި ވަނީ އެ މަޢުލޫމާތެއްގައި "ވިޔަފާރީގެ ސިއްރެއް ހިމެނިގެންވުން" ކަމުގައެވެ. ދެވަނަ ނަންބަރުގައިވަނީ "އެ މަޢުލޫމާތެއް ހާމަކޮށްފި ނަމަ، ތިންވަނަ ފަރާތުގެ ވިޔަފާރީގެ މަޞްލަޙަތަށް ނުވަތަ މާލީ މަޞްލަޙަތަށް އަސަރު ފޯރާނެ ކަމަށް ވުން" ކަމަށެވެ.

މި މާއްދާއަށް ބަލާއިރު، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމަކީ ވިޔަފާރީގެ މުޢާމަލާތެއް ކަމަށް ނުވާކަން ކަށަވަރުވެއެވެ. އަދި މި ތަނުގައި ތިންވަނަ ފަރާތެއްގެ މަޞްލަޙަތެއް ނުވެސް ނެތެވެ. އެހެނީ ދައުލަތޭ މި ކިޔަނީ ރައްޔިތުން ހިމެނޭ ގޮތުން ކަމަށް ވާއިރު، ތިންވަނަ ފަރާތެއްގެ ހައްގެއް މި ތާނގައި ހިމެނިފައެއް ނެތެވެ. އަދި ބޮންޑުގެ މުޢާމަލާތަކީ، "ގަތުން" މި ލަފުޒު ހިމެނިފައި ވިޔަސް މިއީ ވިޔަފާރީގެ މުޢާމަލާތެއް ނޫނެވެ. މިއީ، ދަރަނީގެ މުޢާމަލާތެކެވެ. އެހެންކަމުން، ދިވެހީންގެ ޙިއްޞާ އޮންނަ މުޢާމަލާތެއްގެ މަޢުލޫމާތު ދިވެހީންނަށް ދިނުން އިސްތިސްނާކުރާކަށް މި މާއްދާއިން ޖާގައެއް ނުދެއެވެ.

މި ދެންނެވި މާއްދާގެ (ށ)ގައި ބުނެފައި ވަނީ "ބޭރު ދައުލަތަކާއެކު ހިންގާ މުއާމަލާތެއްގެ ތެރެއިން ނުވަތަ އެފަދަ ޤައުމަކާއެކު ހެދޭ އެއްބަސްވުމެއްގެ ތެރެއިން ލިބޭ މައުލޫމާތު ހާމަކުރުމުން އެ ޤައުމާއި ރާއްޖެއާމެދު އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމުގައި ބެލެވޭ މައުލޫމާތު ހާމަނުކުރުމުގެ އިޚުތިޔާރު ލިބިފައިވާ" ކަމުގައެވެ. މި މާއްދާއަށް ބަލާ އިރު، ވެސް މި ޙާލަތެއް މި ދެންނެވި މަޢުލޫމާތަކަށް ނުފެތެއެވެ. އެހެނީ ހޯދާން މި އެދެނީ ބޮންޑްގެ އިންޓަރެސްޓް ރޭޓާއި، އެ "އެހީ"އާ ގުޅިގެން (ދިވެހި ރައްޔިތުން ހިމެނޭ ގޮތުން) ދިވެހި ދައުލަތުން އުފުއްލާން ލާޒިމުކޮށްފައިވާ އިލްތިޒާމުތައް އޮޅުންފިލުވާށެވެ. އެހެންކަމުން އެ މަޢުލޫމާތު ނުދީ ހިފެހެއްޓޭނެ ޤާނޫނީ އެއްވެސް ޙުއްޖަތެއް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 25 ވަނަ މާއްދާއިން ފެންނާކަށް ނެތެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ނުދީ ހިފެހެއްޓެވުމަށްޓަކައި، 25 ވަނަ މާއްދާ ބޭނުންފުޅުކުރައްވާން ދައުލަތުގެ އިދާރާއަކުން މަސައްކަތްކުރައްވާ އިރު، ދައުލަތުގެ އެ އިދާރާއިން ވަނީ މި ދެންނެވި ޤާނޫނުގެ 20 ވަނަ މާއްދާގެ މަތީން ހަނދުމަފުޅު ނައްތަވައިލައްވައިފައެވެ. 20 ވަނަ މާއްދާގެ (ހ) ގައިވަނީ "……… ކޮންމެ މާއްދާއެއް ވެސް ކިޔާންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ނެގެހެއްޓުމަށް ޖާގަ ލިބިދޭ ގޮތުގެ މަތީން"ކަމަށާއި އަދި "އެ އުޞޫލަށް ހަނިކަމެއް ނާންނާނެ ގޮތުގެ މަތީން" ކަމަށެވެ. މި މާއްދާގެ (ށ) ގައި ވަނީ "މަޢުލޫމާތެއް ދޭން އިންކާރުކުރުމަށްވުރެ އެ މައުލޫމާތު ދިނުމަކީ މުޅި ރައްޔިތުންގެ މަޞްލަޙަތު މާ ރަނގަޅަށް ޙާޞީލުވާނެ ކަމެއް ކަމުގައިވާނަމަ…." އެ މަޢުލޫމާތު ދޫކުރާންވާނެ ކަމުގައެވެ. އަދި މި މާއްދާގެ (ނ) ގައި "ދައުލަތުގެ އިދާރާއަކުން ކަމެއް ކޮށްފައިވާ ގޮތް މީހުންނަށް އެނގިއްޖެ ނަމަ، ޖަވާބުދާރީވާން ދައުލަތުގެ އިދާރާއަކަށް އުނދަގޫވާ ފަދަ މަޢުލޫމާތެއް" ހިމެނިފައިވުމާއި، "ދައުލަތުގެ އިދާރާއަކާމެދު އިތުބާރު ކުޑަވާ ފަދަ މަޢުލޫމާތެއް ހިމެނިގެންވުން" އަދި "……އޭގެ މާނަ ރަނގަޅު ނޫން ގޮތެއްގައި ދޭހަވެދާނެކަމަށް ފެނުން" ފަދަ ކަންކަމަކީ ޢާއްމު މަޞްލަހަތަށް އުނިކަން އަތުވެދާނޭ ކަންކަންކަމަށް ބަލައިގެން ނުވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި އެބަ އޮތެވެ. މާނައަކީ މިއިން އެއްވެސް ސަބަބަކީ މަޢުލޫމާތު ނުދީ ހިފެހެއްޓޭނެ ބަހަނާއެއްނޫނޭއެވެ. އެހެންވީ އިރު، ދައުލަތުން ނަގާ ދަރަނީގެ މަޢުލޫމާތާއި ދަރަންޏަށް ދައްކާންޖެހޭ ސޫދާއި އެ ދަރަނި ނެގުމުގެ ސަބަބުން (ރައްޔިތުން ވެސް ހިމެނޭ ގޮތަށް) ދައުލަތުން އުފުއްލާން ޖެހޭ އިލްތިޒާމުތައް އެ ދައުލަތުގެ ރައްޔިތުންނަށް ހާމަނުކުރައްވައި، ހިފެހެއްޓެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނެތެވެ. އަދި އެއީ ހާމަކުރައްވާން ލާޒިމު މަޢުލޫމާތު ވެސް މެއެވެ. އެ މަޢުލޫމާތަކީ ރައްޔިތުންގެ ޙައްޤެކެވެ. ދައުލަތް ދައުލަތަކަށް މި ވަނީ ރައްޔިތުން ހިމެނޭ ގޮތުންނެވެ.

އަޅުގަނޑު ކަންބޮޑުވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ ޚިލާފަށް ދިވެހި ދައުލަތުގެ، އަދި ވަކީން ޚާއްޞަކޮށް، ސަރުކާރުގެ އިދާރާއަކުން މަޢުލޫމާތު ނުދެއްވައި ހިފެހެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޤާބިލިއްޔަތާ މެދު މީހުން ސުވާލު އުފައްދައިފާނެ ކަމަކަށް ވާތީއެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ "މައުލޫމާތު ހާމަކުރާން ފަސްޖެހުނު ވަރަކަށް އެ ބަޔެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށެވެ." އަދި "ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ނޫން"ކަމަށާއި، އެހެންކަމުން "މަޢުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ" ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެހެންވީ އިރު، މި މަތިވެރި ސިޔާސަތު ތަންފީޒުކުރެއްވުމަކީ އެ މަނިކުފާނުގެ ވަޒީރުންނަށް ލާޒިމުކަމެކެވެ. ހަމަ މިފަދައިން ރައީސުލްޖުމްހޫރިއްޔާއަކީ "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތު އިޢުލާނުކުރައްވައިފައިވާ ބޭފުޅަކަށް ވާތީ، ފަސާދައިގެ ޢަމަލުތަކަށް ޖާގަދެއްވުމަކީ އެ މަނިކުފާނު ބޭނުންފުޅުވާނޭ ކަމެއް ނޫންކަން ވަރަށް ސާފެވެ. އެހެންވީ އިރު، އެ މަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ހިންގަވާ މިނިސްޓްރީ އޮފް ޑިފެންސާއި މިނިސްޓްރީ އޮފް ފިނޭންސުން، އެ މަނިކުފާނުގެ ސިޔާސަތާ އިދިކޮޅަށް މަޢުލޫމާތު ހިފަހައްޓަވާ ނަމަ، އެ ކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ހިސާބުން ފިޔަވަޅުއަޅުއްވާކަށް ނުޖެހޭތޯއެވެ! މި ކަން މި މަގަށް، އެ މަނިކުފާނުގެ ސިޔާސަތާ އިދިކޮޅަށް، ހިނގާކަން އެނގިވަޑައިގަންނަވާ ހިސާބުން ފިޔަވަޅު ނާޅުއްވައިފި ނަމަ، ރައްޔިތުންނަށް އެ ދެއްވެނީ ވަރަށް ނުރަނގަޅު މެސެޖެކެވެ. އެ ދައްކަވާ ވާހަކަފުޅުތަކަކީ، އެ މަނިކުފާނުގެ ހިތްޕުޅުގެ އަޑިން ވިދާޅުވާ އެއްޗެއް ނޫންކަމުގެ ނުރަނގަޅު މެސެޖެވެ. ނުވަތަ އެ ވިދާޅުވެވޭ އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމުގެ ލަދުވެތި މެސެޖެވެ. ކޮންމެވެސް މީހަކު ލިޔެފައިވާ އެއްޗެއް ހަމައެކަނި ވިދާޅުވަނީކަމަށް މާނަކުރުމުގެ ފުރުޞަތު ދެވޭ މެސެޖެވެ. މިއީ އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އަޅުގަނޑުމެން ދެކެން ބޭނުންވާ ކަންކަމެއް ނޫނެވެ. ވީމާ ދައުލަތުގެ އިދާރާއަކުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ބަދުނާމު އެޅިދާނެ ކަންކަން ނުކުރައްވާން ދައުލަތުގެ އެންމެހައި އިދާރާތަކަށް، ދިވެހިރައްޔިތެއްގެ ޙައްސިއްޔަތުން، އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު އިލްތިމާސްކުރަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި ފަލްސަފާއާ ޚިލާފަށް ދައުލަތުގެ އިދާރާއަކުން ކަންކަން ކުރާނަމަ "ޒީރޯ ޓޮލަރެންސެ"ގެ ދަށުން ހަލުވި ފިޔަވަޅުތައް އަޅުއްވައިދެއްވުމަކީ އަޅުގަނޑުމެން ނުހަނު އެދޭ އެދުމެކެވެ. އެހެންކަމުން މަޢުލޫމާތު ހޯދައިލިބިގަތުގެ ޙައްޤު ހަނި ނުކުރައްވައި މަޢުލޫމާތު ހާމަކުރައްވާން، އެދިވަޑައިގަންނަވާ އެދިވަޑައިގަތުން "ވަގުތުން ވަގުތަށް" ތަންފީޒުކުރެއްވުމަކީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އަޅުގަނޑު ވަރަށް އާދޭހާއެކު އެދޭ އެދުމެކެވެ. މި ކަމަށް އެއްބާރުލުން ނުދޭ ކޮންމެ މުވައްޒަފަކާމެދު ފިޔަވަޅުއަޅުއްވައި މަނިކުފާނު ވިދާޅުވާ އެއްޗެއްގެ އިޚުލާޞްތެރިކަން ސާބިތުކޮށްދެއްވާން އިލްތިމާސްކުރަމެވެ. "ޒީރޯ ޓޮލަރެންސް" އެއީ ހަމައެކަނި ދުލުކުރީގައި އޮންނަ ލަފުޒަކަށް ނަހައްދަވައި، އެއީ މަނިކުފާނުގެ އިޚުލާޞްތެރި ފަލްސަފާއެއް ކަމަށް ހައްދަވާށެވެ! ކިތަންމެ ބޮޑު ބާރެއް ލިބިވަޑައިގެންފައި ވިޔަސް ޤާނޫނަށް ޢަމަލުކުރެއްވުން ދޫކޮށްނުލައްވާށެވެ! މިއީ އަޅުގަނޑުގެ އިޚުލާޞްތެރި އިލްތިމާސެކެވެ. އަދި ދިވެހި ދައުލަތުގެ ޢިއްޒަތްތެރި ބަންޑާރަނައިބާއި ޢިއްޒަތްތެރި އިންފޮމޭޝަން ކޮމިޝަނަރާއި ދައުލަތުގެ އެންމެހައި މަސްއޫލުވެރީން ވެސް އަޅުގަނޑުގެ އިޚުލާޞްތެރި މި އިލްތިމާސްގައި ޝާމިލުކުރަމެވެ.