Support Us

"ހަދިޔާ"އަށް މާނައެއް އިތުރުކުރާން ޖެހިފައި

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަދި ދިވެހީން ދަންނަ ގޮތުގައި "ހަދިޔާ"އަކީ ގާތްކަމުގެ ގޮތުން، ނުވަތަ އެކުވެރިކަމުގެ ގޮތުން ހަމަ މުޅިން ހިލޭ (ޝަރުޠެއް ނެތި ބަދަލަކަށް ނޭދި) ދޭ އެއްޗަކަށް ކިޔާ ނަމެކެވެ. ހަދިޔާ ދިނުމަށްފަހު، އެ ދިން ހަދިޔާއެއްގެ ހުރިހާ ޙައްޤަކާއި މިލްކުވެރިކަމެއް އޮންނާނީ، އެ ހަދިޔާ ދެވުނު ފަރާތަކަށް އެކަންޏެވެ. އެ ދިން މީހަކަށް އެއްވެސް ބާރެއް އޭގެ މައްޗަކަށް ނޯންނާނެއެވެ. އެއަށް ހަދާނެ ގޮތެއް ހަދާނީ އެ ލިބުނު ފަރާތުންނެވެ. އެ ހިސާބުން ހަދިޔާ ދިންމީހާގެ ހުރިހާ މިލްކުވެރިކަމާއި ޙައްޤެއް އެ ހަދިޔާއަކުން ކެނޑިގެންދިޔައީއެވެ.

ކަން ހުރީ މިހެން ކަމަކަށް ވިޔަސް، މިއަދު ދިވެހި ރާއްޖޭގެ މިތުރަކު ދޭ ހަދިޔާއަކީ މިގޮތަށް ދީފައި ދޫކޮށްލާ އެއްޗަކަށް ނުވެއެވެ. ރާއްޖެއަށް "ހަދިޔާކުރި" ދެ ހެލިކޮޕްޓަރު ހަދިޔާކުރުމަށްފަހު، އޭގެ ބޭރުގައި MNDF ޖަހައިލުން ފިޔަވައި، އިތުރު އެއްވެސް ޙައްގެއް ދިވެހީންނަކަށް ނޯވެއެވެ. ހެލިކޮޕްޓަރު ދުއްވާން، ތިރީހުން ސާޅީހުން އިންޑިއާ ސިފައިން ރާއްޖޭގައި ބަނޑަހަޖެހީއެވެ. ހެލިކޮޕްޓަރު ދުއްވަނީ އިންޑިއާ ސިފައިންނެވެ. ނަމަވެސް އެ މީހުންނަށް ކާންދީ ހަދާންޖެހެނީ ދިވެހި ދައުލަތުންނެވެ. ހެލިކޮޕްޓަރު އުދުއްސައިލެވެނީ އިންޑިއަން ހައި ކޮމިޝަނަރަރުގެ ހުއްދައާއެކީގައެވެ. ދިވެހި ސިފައިންނަކަށް ދިވެހި ސަރުކާރަކަށް އޭގެ މައްޗަކަށް ބާރެއް ނުފޯރުވެއެވެ. އޮވެޔޭ ވިދާޅުވި ނަމަވެހެވެ.

އަނެއްކޮޅުން ހުސްވި މަހު 29 ވަނަ ދުވަހު، އިންޑިއާ ސިފައިންގެ މަތީންދާ ބޯޓެއް ރާއްޖެއަށް ހަދިޔާ ކޮށްފިޔޯލައެވެ. ރައްޔިތުންނަށް ދައްކަން، MNDF ޖަހައިލައިފައިވާ ބޯޓެކެވެ. މި ބޯޓު ދުއްވާން ދަންނަ ދިވެހި ޕައިލެޓުންގެ އެތައް ސަތޭކަ ޒުވާނުން ރާއްޖޭގައި ތިބި ކަމަށް ވިޔަސް މި "ހަދިޔާ" ގެންގުޅެ ބަލަހައްޓަނީ އިންޑިއާގެ ސިފައިންނެވެ. އެ މީހުން ބޭނުން ކޮންމެ ގަޑިއަކު ދިވެހި، ވެހި ވައިގެ ބަނދަރުތަކުގައި ޖެއްސުމާއި ފުރުމުގެ ޙައްޤު އެ މީހުންނަށް ވަނީ ލިބިދީފައެވެ. މި "ހަދިޔާ" ދުއްވައި ބަލަހައްޓާން ތިބެނީ އިންޑިއާގެ ސިފައިންނެވެ. މި "ހަދިޔާ" އޮޕަރޭޓްކުރަނީ އިންޑިއާ މިލިޓްރީ ކޮމާންޑްގެ ދަށުން ކަމަށް ވިޔަސް މި "ހަދިޔާ" އޮޕަރޭޓްކުރާނީ ދިވެހި ސިފައިންގެ ކޮމާންޑްގެ ދަށުން ކަމަށް ވިދާޅުވިޔަސް މި "ހަދިޔާ"ގައި އަތެއް ނުލެވެއެވެ. މި ކަމުގައި ވެސް އިންޑިއަން ހައިކޮމިޝަނުން ދޭ މަޢުލޫމާތާއި އެމްއެންޑީއެފުން ވިދާޅުވާ އެއްޗަކާ ވެސް ފުށުއެރުމެއްވެއެވެ. އެ ބޯޓް ދުއްވާނީ ދިވެހި ޕައިލެޓުންކަމުގައި އެމްއެންޑިއެފުން ވިދާޅުވެފައިވީ ނަމަވެސް ހައިކޮމިޝަނުން ބުނެފައިވަނީ އެ އުޅަނދު ދުއްވާނީ އިންޑިއާ ޕައިލެޓުންނާއި ދިވެހި ޕައިލެޓުން ކަމަށެވެ. އިންޑިއާ ސަފީރުގެ އަމުރުގެ ދަށުން ކަމަށް ވިޔަސް MNDF ގެ "ކޮމާންޑް"ގެ ދަށުންނޯލައެވެ.

އިންޑިއާއިން "ހަދިޔާކުރި" ޑޯނިއާ ފްލައިޓް ރާއްޖެ އަށް ޖައްސަނީ -ފޮޓޯ: އެމް.އެން.ޑީ.އެފް

މި ކަންކަމަށް ބަލާ އިރު "ހަދިޔާ"ގެ މާނައިގެ ގޮތުގައި މިހާރު އޮންނަ މާނައިގެ އިތުރު މާނައެއް ދިވެހިބަސް ފޮތަށް އިތުރުކުރާން އެބަޖެހެއެވެ. އެއްވެސް ޝައްކެއް ނެތެވެ! ރާއްޖޭގައި ބަނޑަހަޖަހައިގެން މި ތިބަ އިންޑިއާ ސިފައިން އެ ޤައުމުގެ މަޞްލަޙަތަށްޓަކައި ބޭނުންކުރާ ވައިގެ އުޅަނދުތައް އެއީ "ހަދިޔާ" ކަމަށް ވާނީ، އެ ތަކެތި ރާއްޖޭގައި ބަހައްޓައިފައި ދިވެހި ސަރުކާރާ ޙަވާލުކުރުމަށް ފަހު އިންޑިއާ ސިފައިން އެ ތަކެއްޗާ ނުބެހި ބަދަލަކަށް ނޭދި، މި ރާއްޖެ ދޫކޮށް ފުރައިގެން ދިޔުމުންނެވެ. އޭރުން އެއީ އިންޑިއާއިން ދިން ހަދިޔާއަކަށް ވާނެއެވެ. އެހެން ނޫންނަމަ، އެއީ ހަދިޔާއަކަށް ވާނީ، "ހަދިޔާ"ގެ އިތުރު މާނައެއް ބަސް ފޮތަށް އިތުރުކޮށްގެންނެވެ. "ހަދިޔާ"ގެ އިތުރު މާނައެއް ބަސް ފޮތަށް އިތުރުކުރާ ނަމަ، އެ މާނައެއްކަމަށް ލިޔާން އަޅުގަނޑަށް ފެންނަނީ އެއީ "ޤައުމެއްގެ އަސްކަރިއްޔާގެ ބޭނުމަށްޓަކައި، އެހެން ޤައުމެއްގައި ޖާސޫސްކޮށް ޢަސްކަރީ ބޭނުންތަކަށްޓަކައި ޤާއިމުވެ ތިބޭ ސިފައިން، އެ ދެ ގައުމުގެ ސަރުކާރުން ވެފައިވާ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން ބޭނުންކުރާ އަސްކަރީ އުޅަނދު" ކަމުގައެވެ. މި ދެ ގޮތުންކުރެ ގޮތެއް ހަދައިގެން ނޫނީ، މީހުންނަށް އޮޅުވައިލުމަށް ޓަކައި MNDF ޖަހައިގެން ރާއްޖޭގައި ދުއްވާ، އިންޑިއާގެ ޢަސްކަރީ އުޅަނދުތަކަކީ ދިވެހީންނަށް ދިން "ހަދިޔާ"އެއް ކަމަށް ވާނޭ ހަމަ އެއްވެސް ގޮތެއް އަޅުގަނޑަކަށް އުޅެއުޅެ ވެސް ނުވިސްނުނެވެ.

މީގެ ކުރީން ދިވެހިރާއްޖެއަށް ރައްޔިތުންގެ މަޖިލީސް ކުރާގެއެއް ޕާކިސްތާނުން ހާދިޔާކޮށްފައިވެއެވެ. އެކަމަކު އެ ތަން ބަލަހައްޓާން ތިބެނީ ދިވެހީންނެވެ. ފަހުން އެ ޤައުމުން އެތަން މަރާމާތު ވެސް ކޮށްދިނެވެ. ޕާކިސްތާނުގެ ބަޔަކު އެތަން ކުނިކަހާން ނަމަވެސް ނުއެއް ތިބެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން އަކީ ޕާކިސްތާނުގެ މާލީ އަދި ފަންނީ އެހީގައި ޤާއިމުކުރި މުއައްސަސާއެކެވެ. އެ ތަން ޤާއިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާޙުގެ ނަމަށް ނިސްބަތްކުރާން އޭރު ޕާކިސްތާނުން ބޭނުން ވިޔަސް ދިވެހި ސަރުކާރުން އޭރު އެކަމާ އިޢުތިރާޒްކުރެއްވުމުން ޕާކިސްތާނުން ފަހުން އެ ވާހަކައެއް ނުދައްކައެވެ. ހަމަ ހިތުން ރުހުމުން ހަދިދާކުރީއެވެ. އެ ތަން ބަލަހައްޓާކަށް ޕާކިސްތާނު މީހުންނެއް ނުބާއިތިއްބައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޢީމާރާތަކީ ޗައިނާ ސަރުކާރުގެ ފައިސާއާއި ތަކެތީގެ އެހީގައި ޗައިނާ މީހުން އައިސް ޢިމާރާތްކުރުމަށް ފަހު ދިވެހި ސަރުކާރަށް ދިން ހަދިޔާއެކެވެ. ސުނާމީއާ ގުޅިގެން އެތަން މަރާމާތު ކޮށްދިނީ ވެސް ޗައިނާއިންނެވެ. އަދި ކުރީން ބިނާކޮށްފައިވާ ސިނަ-މާލެ (ފްލެޓްތައް) އަކީ ޗައިނާއިން ދިން ހަދިޔާއެވެ. އެތަންތަން ބަލަހައްޓާކަށް ޗައިނާ މީހުންނެއް ނުބާއިތިއްބައެވެ. މުޅި މާލެ ވަށައި ގެރިގަލުގެ ބޮޑު ތޮށިގަނޑެއްލުމާއި މާލޭގެ އެއްގަމު ތޮށި އެއީ ޖަޕާނުން ދިން ހަދިޔާއެކެވެ. އަދި ދެ އަތޮޅެއް ފިޔަވައި ކޮންމެ އަތޮޅެއްގައި އެހެރަ އަތޮޅު މަދަރުސާތަކުގެ ޢިމާރާތްތަކާއި މާލޭގައި އެހެރަ ކަލާފާނު ސްކޫލްގެ ޢިމާރާތަކީ ޖަޕާނު ސަރުކާރުގެ ހަދިޔާއެވެ. އެ ތަންތަން ބަލަހައްޓާކަށް ޖަޕާނު މީހުންނެއް ނެތެވެ. ނުބާއިތިއްބައެވެ. ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ ކުތުބުޚާނާގެ ޢިމާރާތަކީ ލަންކާ ސަރުކާރުން ދިން ހަދިޔާއެކެވެ. އެ ތަން ބަލަހައްޓާކަށް ވެސް އޮޅުދޫކަރައިގެ މީހުންނެއް ނުތިބެއެވެ. އައިޖީއެމް ހޮސްޕިޓަލަކީ އިންޑިއާ ސަރުކާރުގެ އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރި ތަނެކެވެ. އެ ތަނަށް ނަން ކިޔުމުގެ ޙައްޤު ދިވެހީންނަށް ނުލިބުނު ނަމަވެސް، އަދި 30 އަހަރު ވީ އިރު ވެސް އެ ތަނަށް އީއެމްއާރު މެޝިނެއް ނުގެނެވުނަސް އިންޑިއާ ޑޮކްޓަރުންނާއި ނަރުހުން ގެންގުޅެން ޝަރުޠުކުރެވުނެވެ. ޤައުމީ ޔުނވަރސިޓީގެ އެފްއެޗްޓީއެސް އިމާރާތަކީ އިންޑިއާ ސަރުކާރުން ދިން ހަދިޔާއެކެވެ. އެ ތަން ބަލަހައްޓާކަށް އިންޑިއާ މީހުންނެއް ނެތެވެ. ބަސްފޮތުގައި "ހަދިޔާ"ގެ މާނަ އޮންނަ ގޮތުން މި ދެންނެވި ތަންތާގެ ތެރެއިން އައިޖީއެމްއެޗް ފިޔަވައި އެހެން ހުރިހާ ޢިމާރާތްތަކަކީ ވެސް ހަދިޔާކަމުގައި ބެލެވޭނެއެވެ. އައިޖީއެމްއެޗަކީ އިންޑިއާގެ އެހީ ލިބިގެން ޢިމާރާތްކުރެވުނު ތަނެކެވެ. ހަދިޔާއެއް ނޫނެވެ.

ވީމާ، ރާއްޖޭގައި ދުއްވާ އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރުތަކާއި އަސްކަރީ މަތީންދާބޯޓްތަކަކީ ދިވެހީންނަށް ދިން ހަދިޔާއެއް ކަމުގައި ވާނަމަ، އެ ތަކެތި ބަހައްޓައިފައި ދިވެހީންނާ ޙަވާލުކޮށްފައި، އިންޑިއާ ސިފައި ރާއްޖެ ދޫކޮށްފައި ދާންވީއެވެ. އެއްވެސް އަގެއް ބަދަލެއް ނޭދިއެވެ. އަދި އެއްވެސް ޝަރުޠެއް ނުކޮށެވެ. އެހެން ނޫންނަމަ، ޖެހޭނީ އިސްވެ ދެންނެވި ގޮތަށް "ހަދިޔާ"ގެ މާނައަށް ބަސް ފޮތަށް އިތުރު މާނައެއް އިތުރުކޮށްލާށެވެ. މިކަން ކުރެއްވޭތީ ދައުލަތުގެ އެ ކަމާ ގުޅޭ ވިދާރާއަށެވެ. މި ދެންވި ތަކެއްޗަކީ "ހަދިޔާ"ކަމަށް ވާނީ މި ދެންނެވި ދެ ގޮތުންކުރެ ގޮތެއް ހެދިގެންނެވެ. އެހެން ނޫންނަމަ، ބަޔަކު އަޑަށް ބާރުލައި، ކޮންމެ ވާހަކައެއް ދެއްކިޔަސް، އެއީ ހަދިޔާއަށް ވާނޭ ހަމަ އެއް ގޮތެއް ވެސް ނޯންނާނެއެވެ. ހިލަގަނޑަކަށް ރަންގަނޑެކޭ ބަޔަކު ކީމާ، އެއީ ރަންގަނޑަކަށް ނުވާނެ ފަދައިންނެވެ. އެހެން މީހެއްގެ މުދަލެއްގައި އަޅުގަނޑުގެ ނަންޖަހައިލިޔަސް އެއީ އަޅުގަނޑުގެ މިލްކަކަށް ނުވާނޭ ފަދައިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12

2 Responses

  1. އަހަރެން މިއުޅެނީ ރައީސަށް ގަހެއް ހަދިޔާކުރަން. އެ ގަސް ބަހައްޓާނީ ރައީސްގެ މޭޒުކޮޅުމަތީގައި. ގަހަށް ފެންދީ ބަލަހައްޓަން އަހަރެން ކޮންމެ ދުވަހަކު ހެނދުނު 8ން ހަވީރު 4ށް ރައީސް އޮފީހުގައި އުޅޭނެ. ކޮންމެ ދުވަހަކު މަދުވެގެން ދެ ގަޑިއިރު ރައީސްގެ ގޮނޑިކޮޅުގައި އިނދެގެން ގަހަށް ހޭހަންކުރާނަން. މިވަގުތު ރައީސް ހުންނަވަން ޖެހިވަޑައިގަންނަވާނީ މޭޒުގެ އަނެއް ފަރާތުގައި ހަށަންބަންނަވައިގެން. ރައީސް އޮފީހުން އަހަރެންގެ ކެއުންބުއިމާއި ހުންނާނެ ތަނުގެ ހަރަދު ހަމަޖައްސައިދޭން ޖެހޭނެ. މި ހަދިޔާ ގަބޫލުފުޅުކުރައްވާނެ ކަމަށް އުންމީދުކުރަން.
    ހަދިޔާ ގެ އިތުރުން "ވިއްކުން" މިބަހަށްވެސް މާނަ އިތުރުކުަން ޖެހޭ. ބިންވިއްކަން ފާސްކޮށްފައި އެ ފާސްކުރި މީހުން ބުނި ބިން ވިއްކާއިރު ޝަރުތުކުރާނެޔޯ އެތާނގައި ފައްޅި ނޭޅޭނެ ކަމަށާއި ދިވެހި ރާއްޖޭގެ ގާނޫނުތަކާ ހިލާފުކަމެއް ނުކުރެވޭނެއޭ. މިހާރު ވިއްކުމުގެ މާނަ އޮންނަ ގޮތުން އެކަމެއް އެ ގޮތަކަށް ނުވާނެ.

  2. Dhaulathuge muassasaa thakuge vereenah thibbevi bayakahves MMPRC kiyaa thanakun libilevvee ves agubodu ginaguna faisaage hadhiyaa noontho ekamaku sharee athun miadhu eulhuvvanee ehadhiyaathah athulan noonee adhabuves dhevvan

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *