ފެނަކައިގެ 13 މިލިއަން ރުފިޔާގެ އިންޖީނު ހިފައިގެން ހދ. ކުޅުދުއްފުއްޓަށް ދަނިކޮށް މި މަހު 13 ވަނަ ދުވަހުގެ ރޭ ށ. ނަލަންދޫ ފަރަށްއެރި ކޮޅުވެއްޓި ފުންކުރުމަށް 17 ދުވަސް ވަންދެން ކުރި މަސައްކަތް ކާމިޔާބުނުވުމުން، މަސައްކަތް ހުއްޓާލައިފިއެވެ.
ހެވީލޯޑު މޯލްޑިވްސްގެ "ހެވީ ސްޓާރ 7″ ނަމަކަށް ކިޔާ 140 ފޫޓުގެ ކޮޅުވެއްޓި ނަލަންދޫ ފަރަށް އެރިތާ 10 ދުވަސްފަހުން، އިންޖީނުތަކާއި ޕެނަލް ބޯޑު ބާލައިގެން ށ. މިލަންދުއަށް ވަނީ ގެންގޮސްފައެވެ. ކޮޅުވެއްޓި ފުންކުރުމަށް އޭގެ ފަހުން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވުމުން އެކަމުގައި ހަރަކާތްތެރިވި ހެވީ ލޯޑުގެ 11 މީހަކު މިއަދު ވަނީ މާލެ އައިސްފައެވެ. ނަމަވެސް ކޮޅުވެއްޓި ބަލަހައްޓަން ދެ މީހަކު އެބަތިއްބެވެ.
މިކަމުގައި ހެވީ ލޯޑުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ރިސޯޓެއް ހަދަން ދޫކުރަން ހަމަޖެހިފައިވާ ނަލަންދޫ ފަރުމަތީގައި ތަޅަތަޅައި ކޮޅުވެއްޓި ވެސް ވަނީ ވަރަށް ބޮޑަށް ފޫގޮސްފައެވެ. އަދި އެ ހިސާބުގަނޑުގެ މުރަކަތައް ވަނީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކޮޅުވެއްޓިން ފޫގޮސްފައިވާ ބާގަނޑުތައް ބައްދަން ސަތަރި އަޅައި، ސެމިންތި ޖަހައިގެން ވެސް ހައްލެއް ވަނީ ނުލިބިފައެވެ. އަދި ޓަގެއްގައި ވާ އައްސާފައި ޖެހުމުން، ކޮޅުވެއްޓީގެ މޫޓުތައް ވެސް ވަނީ ލުހިގެން ގޮސްފައެވެ.
"ވަރަށް ބާވެފައި އޮތް އެއްޗެއް މިއީ. އެހެންވެ ތަންތަންގަނޑު ނައްޓައިގެން ދަނީ،" ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެނގި ހުރި މީހަކު ކިޔައިދިނެވެ. "ސައްބީސް ކޮތަޅުގެ ސިމެންތި ގެނެސްގެން ވެސް ދިޔަވުން ނުހުއްޓުވުނު. ހުރިހައި ސިމެންތިއެއް ވެސް ފަރުމައްޗަށް ފައިބާފަވީ."
ކޮޅުވެއްޓި ފުން ނުކުރެވި ފަރުމަތީގައި ހުންނަތާ 17 ދުވަސް ވީއިރު ވެސް، އެންވަޔަރަންމަންޓް މިނިސްޓްރީން ވެސް އަދި އެންޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން ވެސް އެއްވެސް ކަމެއް އަދި ނުކުރެއެވެ. އަދި ފަރުތަކާއި ތިމާވެށި ހިމާޔަތްކުރާ އެއްވެސް ޖަމާއަތަކުން ވެސް އެއްޗެއް ނުބުނެއެވެ.
އުޅަނދުފަހަރު ފަރަށް އެރުމުން، ފަރަށް ލިބޭ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި، ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އެ އުޅަނދެއްގެ ވެރިފަރާތް ޖޫރިމަނާ ކުރެއެވެ.



advertisment