Support Us

އޭނާއަށް ފެންނާނީ އޭނާގެ ބޯޅައެވެ. މަގުމަތީގައި ދުއްވާ އުޅަނދުފަހަރެއް އޭނާއަކަށް ނުފެންނާނެއެވެ!

މިއީ، މަދަރުސާތައްދޮށް ފަދަ، ކުޑަ ކުދިން ގިނަ ސަރަހައްދުތަކުގައި، އުޅަނދުފަހަރު މަޑުން ދުއްވުމަށް އިރުޝާދު ދެމުން ބުނެއުޅޭ ވާހަކައެކެވެ. ކުޑަ ކުއްޖަކު މަގު މައްޗަށް ނިކުމެ ދުއްވައި ގަންނަ އިރު، އޭނާގެ ވިސްނުމާއި ފިކުރު ހުއްޓިފައި ހުންނާނީ ހަމަ އެކަނި އޭނާ ބޭނުންވާ ކަމެއްގެ މައްޗަށްކަން ބުނެދިނުމުގެ ގޮތުން ބުނެއުޅޭ މިސާލު ބަހެކެވެ. މަގުގެ އަނެއް ފަރާތުގައި އޭނާ ބަލައި އައިސް މީހަކު ހުރި ނަމަ، އޭނާއަށް ފެންނާނީ އެމީހާއެވެ. ދެން، އެމީހަކާ ދިމާއަށް އޭނާ ދުއްވައި ގަނެއެވެ. މަގުމަތީގައި ދުއްވާ އެއްޗިއްސާއި ހިނގާ އެހެން ހަރަކާތްތަކަށް ބެލުމެއް ނެތިއެވެ. ހަމަ އެހެންމެ، އޭނާގެ ކުޅޭ ބޯޅަ މަގުމައްޗަށް ހިނގައްޖެ ނަމަ، މަގަށް ނިކުމެ، ބޯޅަ ހޯދުމަށް އަވަހަށް މަގު މައްޗަށް ދުއްވައިގަނެއެވެ. އޭނާއާ ދިމާއަށް އަންނަ ދުއްވާ އެއްޗިއްސަށް ބެލުމުއް ނެތިއެވެ. އާދެ، މިއިން އެނގި ފާހަގަވަނީ ކުޑަކުދިންގެ ވިސްނުމާ ފިކުރު ހުންނަ ގޮތެވެ. އެކުދިންގެ ފިކުރު، އަބަދުވެސް އަމާޒުވަނީ އެކުދިންގެ މައްޗަށް ކަމެވެ. އެކުދިންގެ އަމިއްލަ ބޭނުންތަކުގެ މައްޗަށް ކަމެވެ. އެކުދިންގެ ވަށައިގެން ހިނގާ ކަންކަމުގެ މައްޗަށް ބަލައި، އެކަމުގެ އަލީގައި، ކަންތައް ކުރަންވީ ގޮތެއް ނިންމުކަކީ، އާންމު ގޮތެއްގައި، ކުޑަކުދިންގެ ވިސްނައި ފިކުރުކުރާ ގޮތެއް ނޫނެވެ.

ލިޔެކިޔުމާއި ޒިހުނީ މަސައްކަތާ ދުރު ބައެއްގެ ތެރޭގައި، ލިޔުންތައް ކިޔުން އޮންނަނީ މި ނަންގަތް ފަދަ ސިފައެއްގައެވެ. ކުޑަ ކުއްޖަކު އޭނާގެ ބޯޅަ މަގުމައްޗަށް ދިޔުމުން، މަގުމަތީގައި ވަމުންދާ އެހެން އެއްވެސް ކަމަކަށް އޭނާގެ ސަމާލުކަން ނުދީ، ހަމަ އެކަނި، އޭނާގެ ބޯޅަ އޭނާއަށް ފެނި، އެ ބޯޅަ ބަލައި ދުއްވައިގަންނަ ފަދަ ގޮތަށެވެ. ލިޔެކިޔުމާއި ޒިހުނިއްޔަތުގެ ސަގާފަތެއް ގާއިމުވެފައި ނެތް ބައެއްގެ ތެރޭގައި، އަދަބީ ކިޔުމަކުން ލިޔުންތައް ކިޔައެއް ނުލެވެއެވެ.

އަދަބީ ކިޔުމެކޭ ބުނެ މި އިޝާރަތްކުރަނީ، ލިޔުމެއް ބަލައި ކިޔާއިރު، ލިޔުމުގެ ޒުވާބަކީ (އާގިޔުމެންޓުއަކީ) ކޮބައިތޯ ދެނެގަނެ އެކަމަށް ބާރުދިނުމުގެ ގޮތުން ގެނެވިފައިވާ ހެއްކަކީ ކޮބައިތޯ ބަލައިގެން ކިޔުމެވެ. އެހެކިތައް ތަހުލީލުކޮށް ލިޔުމުގައި ހުށަހަޅާލެވޭ ފިކުރުތަކާ ގުޅުވާލެވިފައި އޮތީ ކިހެނެއްކަން ވެސް ދެނެގަނެގެން ކިޔުމަށެވެ. ބަހާއި ދާޚިލީ އަދި ޚާރިޖީ ސިޔާގު (ކޮންޓެކެސްޓު) ފަދަ މާނަ ކަނޑައެޅުމުގައި ބައިވެރިވާ ބައިތަކަށް ރިއާޔަތްކޮށް، މިކަންކަމުގެ އަލީގައި މިނަންގަތް ގުޅުން އޮތީ ކިހިނެއް ކަމާ މެދު ވެސް ތަންގީދީ ނަޒަރަކުން ބަލައި، އޭގެ ސައްހަކަން ހުރި މިންވަރު ދެނެގެން ކިޔުމަށެވެ. ލިޔުމުގައި އެކުލެވޭ ޕެރަގުރާފުތަކާއި އޭގައި އަމާޒުކުރެވިފައިވާ ފިކުރުތައް، ލިޔުމުގެ މައިގަނޑު ޒުވާބުދިނުމާއި ގުޅުވާލެވެނީ ކިހިނެއްތޯ ބަލައި، ލިޔުމުގެ ތަމާސުކިއްޔަތު (ކޮހެރަންސް، ލިޔުމުގެ ބައިތައް، އެއްބަޔާއި އަނެއްބައި، ގުޅި ލާމެހިފައިވާވުން) އޮތީ ކިހިނެއްތޯ ވެސް ބަލައި، މިހުރިހާ ކަންކަމަށް ވެސް ވިސްނައިގެން ކިޔުމަށެވެ.

މިނަންގަތް ފަދަ އަދަބީ ކިޔުމަކުން ލިޔުންތައް ކިޔުމުގެ ބަދަލުގައި، ގިނަފަހަރަށް، އަޅުގަނޑުމެންގެ ތެރޭގައި، ލިޔުންތައް ކިޔާލެވެނީ ވަކިވަކި ޖުމްލަތަކެއްގެ ސިފައިގައެވެ. އަދި، ވަރަށް ގިނަ ފަހަރަށް، އެ ޖުމްލަތަކުގެ ތެރެއިން ކިޔުން ތެރިޔާއަށް ފެންނަނީ ހަމައެކަނި އޭނާގެ ފިކުރުގައި އޮތް އެއްޗެކެވެ. އެ ޖުމްލައިގައި އޮތް، އޭނާގެ ފިކުރާ ދިމާވެ، އިއްތިފާގުވާ މާނައެކެވެ. މިކަހަލަ ވަރަށް ގިނަ މިސާލުތައް އަޅުނގަޑުމެންގެ ތެރެއިން ކޮންމެ ދުވަހަކުހެން ވެސް ފެނެއެވެ. މީހުން ލިޔެ، ބުނާ އެއްޗެހީގެ ރައްދުގައި ބުނެ ލިޔެފައި ހުންނަ އެއްޗިއްސަށް ބަލާލުމުންނެވެ.

މި ނަންގަތް ފަދަ ރައްދު ޖަވާބުތަކަށް ބަލައިލުމުން ފެންނަނީ، މީހަކު އެއްޗެއް ބުނުމުން ނުވަތަ ލިޔުމުން، އެ ބުނެފައި ނުވަތަ ލިޔެފައި އޮތް އެއްޗެއް، އަދަބީ ކިޔުމަކުން ކިޔާލައި، އެއާ މެދު މައުލޫވީ ސިފައެއްގައި (އޮބްޖެކްޓިކްވެ ކޮށް) ބަލާލުމެއް ނެތި، ތިމާގެ ގޮތް ދިފާކުރާ ތަނެވެ. އަދި ތިމާގެ ގޮތް ދިފާކުރުމުގައި ތިމާ ބުނާ އެއްޗަކަށް ބާރު ދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ނުދައްކައެވެ. އަދި، ބައެއް ފަހަރު، އެފަދަ ހެއްކެއް ނެތްކަމުގައި ވިޔަސް، ތިމާގެ އަމިއްލަ ވާހަކަ ދިފާއުކުރާތަން ފެނެއެވެ. އަދި ބަޔެއް ފަހަރު، ތިމާ ބުނާ އެއްޗަކީ، ހަގީގަތާ މުޅިން ޚިލާފު ވާހަކައެއް ކަމުގައި ވިޔަސް ވެހެވެ. އެކަމާ ބެހޭ އިތުރު، އެހެން އެއްވެސް ކަމަކަށް ބެލުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެންނަ ކަހަލައެވެ. އާދެ، އޭނާއަށް ފެންނަނީ ހަމައެކަނި އޭނާ ދެކޭ ގޮތެވެ. ފެންނަން ހުރި ހެކީގެ އަލީގައި، އެއީ ސައްހަ، ނޫނީ ސައްހަ ނޫން، ގޮތެއްކަން ވެސް، ބެލުމުގެ ބޭނުމެއް އޮތް ކަމަކަށް ނުވާ ކަހަލައެވެ. އާދެ، އެކުއްޖާގެ ބޯޅަ މަގުމައްޗަށް ދިޔުމުން، މަގުމަތީ ވަމުންދާ އެހެން އެއްވެސް ކަމަކަށް ބެލުމެއް ނެތި، ނުވަތަ އެހެން އެއްވެސް ކަމަކަށް ސަމާލުކަމެއްނުދީ، ހަމައެކަނި އޭނާގެ ބޯޅަ އޭނާއަށް ފެންނަ، އަދި އެ ބޯޅައިގެ ފަހަތުން މަގުމަތީ ދުވެފައިދާ ކުޑަ ކުއްޖާ ފަދައިންނެވެ. މިފަދަ ގޮތެއްގައި ވިސްނުމާއި ފިކުރުކޮށް ޒުވާބުދިނުމަކީ ހަމައެކަނި އާންމުންނަށް ޚާއްސަވެފައި އޮތް ކަމެއް ނޫނެވެ. ސަރުކާރުގެ އިސް ސަފުތަކުގައި މަސައްކަތް ކުރާ ޚާއްސުންގެ ވިސްނުމާއި ފިކުރުކުރުން ވެސް މިފަދަ ގޮތެއްގައި ހުންނަ ތަން ފެނެއެވެ. ދެތިން މިސާލެއް ލިޔެލާނަމެވެ.

ފުރަތަމަ މިސާލު ގުޅެނީ އަރަބް ނިޔުސް ގައި ނޫސްވެރިޔާ ސަންގުޕްތާ 2020 ޖުލައި 7 ގައި ރާއްޖެއާ ބެހޭ ގޮތުން ލިޔެފައި އޮތް ލިޔުމަކާއި އަދި އެ ލިޔުމަށް ދެވިފައިވާ ރައްދަކާއެވެ. ސަންގުޕްތާގެ ލިޔުމުގައި، ރާއްޖޭގައި ޑިމޮކުރަސީގެ އުސޫލުތައް ހަލާކުވަމުންދާ ވާހަކައާއި އިދި ކޮޅު ސިޔާސީވެރިން ހައްޔަރު ކުރުމުގެ ވާހަކައާއި ރާއްޖެގެ އިގުތިސާދު ވަރަށް ބޮޑަށް ދަށްވަމުންދާ ވާހަކަ ލިޔެވިފައި އޮތެވެ. އަދި، މި ކަންކަމުގައި އަދުގެ ސަރުކާރު ޒިންމާ ނަގަން ޖެހޭ ކަންވެސް އޭނާ ދެކޭކަމުގައި އޭނާގެ ލިޔުމުން ދޭހަވެއެވެ. ކޮންމެ އަކަސް، ސަރުކާރުގެ ފަރާތުން، މިލިޔުމަށް، މުހައްމަދު ނަޝީދު ރައްދެއް ދިނެވެ. މުހައްމަދު ނަޝީދުގެ ރައްދުގައި، ސަންގުޕްތާގެ ލިޔުމުގައި އުފުލާލެވުނު އެއްވެސް މައްސަލައެއްގެ މައްޗަށް ބަލާލެވިފައި ނެތެވެ. އޭނާގެ ރައްދުގައި، އެންމެ ކުޑަ މިނުން، ސަންގުޕްތާގެ ދައުވާތަކަށް އިންކާރުކޮށް، އެލިޔުމުގައިވާ މައުލޫމާތަކީ ނުވަތަ ސަންގުޕްތާގެ ދައުވާތަކަކީ ސައްހަ ނޫން މައުލާމާތެކޭ ނޫނީ ދައުވާތަކެކޭ ވެސް ނުބުނެއެވެ. މުހައްމަދު ނަޝީދުގެ ރައްދުގައި އޮތީ ސަންގުޕްތާގެ ލިޔުމުގައި ހުރި މައްސަލަތަކާ އެއްގޮތަކަށް ވެސް ގުޅުން ހުރި ވާހަކަތަކެއް ނޫނެވެ. އެ ރައްދުގައި އޮތީ ކުރީގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަން ޗައިނާއަށް ވިއްކާލަން އުޅުނު ވާހަކައެވެ. މިފަދައިން ބުނެ ރައްދު ދިނުމުން، ސަންގުޕްތާގެ ލިޔުމުގައި ފާހަގަކުރެވިފައިވާ މައްސަލަތައް، – ޑިމޮކުރަސީގެ އުސޫލުތައް ނެތި ދިޔުން، އިދިކޮޅު ސިޔާސީ މީހުން ބަންދުކުރުން، ރާއްޖޭގެ އިގުތިސާދު ދައްވުން –، މި ކަންކަމަށް، ރައްދު ޖަވާބެއްދެވުނީ ކަމުގައި ބެލެވުނު ކަހަލައެވެ. އާދެ، ކުޑަކުއްޖާގެ ބޯޅަ މަގުމައްޗަށް ދިޔުމުން، މަގު މަތީގައި ވަމުންދާ އެހެން އެއްވެސް ކަމަކަށް ސަމާލުކަން ނުދެވޭ ގޮތަށް ވިސްނާ ފިކުރުކުރުމުގެ ގޮތެވެ. ހަމަ އެކަނި ފެންނަނީ ތިމާއަށް ފެންނަ އެއްޗެކެވެ. ރަނގަޅު ކަމަށް ބަލަން ޖެހެނީ، ހުރިހާ ހާލަތެއްގައި ވެސް، ތިމާ ދެކޭ ގޮތެވެ. އެއީ އޭގެ ޒާތަށް ބަލައި، ރަނގަޅު ގޮތްތޯ ނޫނީ ނޫންތޯ ބަލައިގެން ނުވާ ކަހަލައެވެ. ސަބަބަކީ ހެއްޔެވެ؟ އެ ގޮތަކީ ތިމާގެ އަމިއްލަ ގޮތް ކަމަށްވީމައެވެ. ތިމާއަށް ފެންނަ ގޮތް ވާންޖެހޭނީ ރަނގަޅު ގޮތް ކަމަށްވީ މައެވެ. ދެން، ތިމާއަށް ތާއީދުކުރާ މީހުން ވެސް ދެކެންވާނީ ތިމާ ބުނާ ބުނުމަކީ، ހަމަ އެކަނި، ވަހީ ބަސްފުޅު ފަދަ، ތެދު ބަސްފުޅެއް ކަމުގައި އެކަންޏެއް ނޫނެވެ. މީގެ އިތުރުން، އެމީހުން ގަބޫލުކުރަން ޖެހޭނީ، ތިމާއަށް، ވަރަށް ފުރިހަމަ ރައްދެއް ވެސް ދެވިއްޖެކަމުގައެވެ. ދެން، މި ވަރުގަދަ ކާމިޔާބު ފާހަގަކޮށް، ބާރަށް އަތްޖަހައި، އެއްވެސް ޝައްކެއް ނެތި، ޝަހާދަތުގެ ދެކަލިމަ ގަބޫލުކުރާފަދައިން، އެ ރައްދުޖަވާބު ގަބޫލުކުރަން ޖެހޭނެއެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ އިސް ސިޔާސީ ވެރިންގެ ޒިހުނިއްޔަތު ހުރި ދަރަޖައެވެ. ދެން، ކަނު ސިފައެއްގައި، އެފަދަ މީހުންނަށް ތަބާވާ މީހުންގެ ހާލު ހުންނާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންނަށް ކުރެވެން އޮތްހާ ވެސް ކަމަކީ، އެމީހުންގެ ލީޑަރުންގެ ސަންގުތަކަކަށްވެ، އެ ލީޑަރުންގެ ވާހަކަތައް ތަކުރާރުކޮށް ކިޔައި ގޮވައިހެދުމެވެ. އެމީހުންގެ ލީޑަރުންގެ ވާހަކަތައް، އަމިއްލަ ވިސްނުމުގެ ތަރާދުން، ކިރައި މިނައިލުމެއް ނެތިއެވެ.

ދެން އެހެން މިސާލެކެވެ. މީގެ ދުވަސްކޮޅެއް ކުރިން، ކުރީގެ ސަރުކާރުގެ ވެރިޔާ އަބްދުއްލޯ ޔާމީނުގެ ބޭންކު އެކައުންޓެއްގައި ހުރި ފައިސާގެ ބޮޑު އަދަދެއް – ސަތޭކަ މިލިޔަން ރުފިޔާ – ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ ހާމަ ކުރެވުނެވެ. ދެން، މިއާ ވިދިގެން އެފައިސާއަކީ ނާޖާއިޒު ގޮތުގައި ހޯދައިފައި ހުރި ފައިސާކަމުގައި، އެއްކޮޅުން ގޮވާ އަޑުއިވުނެވެ. އަދި، ގަބޫލުކުރެވިދާނޭ ފަދަ، ބުއްދީގެ ހެކިތަކެއް ވެސް އެ ގޮވުމުގައި އެކުލެވިގެން ވިއެވެ. އެއްވެސް ވިޔާފަރިއެއް ނުކޮށް، ނޫނީ، ރަސްމީ ވަޒީފާ ނޫން އެހެން އެއްވެސް ވަޒީފާއެއް އަދާނުކޮށް ހުންނަ މީހަކަށް، ތިރީސް ފަސްވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދިރިއުޅުމުގެ ހުރިހާ ޚަރަދުތަކެއް ކޮށްފައި، މިވަރުގެ ބޮޑު އަދަދެއް ރައްކާ ކުރެވިދާނޭ ކަމުގެ ސުއާލު، މިބައިމީހުން އުފެއްދިއެވެ.

ދެން، މިސުއާލުތަކާ ވިދިގެން އައީ ކޮންކަހަލަ ރައްދު ޖަވާބެއް ހެއްޔެވެ؟ އަބްދުއްލޯ ޔާމީނަށް ތާއިދުކުރާ މީހުންގެ ރައްދަކަށްވީ އެ ފަދަ ވާހަކަތައް ދައްކަމުންދާ މީހުން ކުށްވެރިކުރުމެވެ. އަދި، އެ ބުނާ މުއްދަތެއްގެ ތެރޭގައި، ސަތޭކަ މިލިޔަން ރުފިޔާ، އާދެ، ގާތްގަނޑަކަށް ހަތް މިލިޔަން ޔޫ.އެސް. ޑޮލަރު ލިބިދާނޭކަމާއި، އަދި އެއަދަދު ސަލާމަތްކޮށް ރައްކާކުރެވިދާނޭ ކަމަށް ބުނުމެވެ. އަބްދުއްލޯ ޔާމީނަށް ތާއީދުކުރާ މީހުންގެ މި ވާހަކައަކީ ހަގީގަތެއް ކަމަށް ވަންޏާ، ކުޑަ ހިސާބުކޮށްލުމަކުން، އެމީހުން ބޭނުންވާ ކަންތައް ސާބިތުކޮށް ހެކި ދެއްކިދާނެއެވެ. މިސާލަކަށް، މީހެއްގެ މުސާރައަށް މިވެނި ވަރެއް ލިބޭ ކަމަށް ވަންޏާ، މިވެނި މުއްދަތެއްގެ ތެރޭގައި މިވެނި ވަރެއް އޭނާއަށް ލިބިދާނޭ ކަމަށް ހިސާބުކޮށް ދެއްކިދާނެއެވެ. އަދި ޚަރަދުތައް ކަނޑާފައި މިވެނި ވަރެއް އޭނާއަށް ރައްކާކުރެވިދާނޭ ކަންވެސް ބުނެވިދާނެއެވެ. ނުވަތަ، އެބުނާ އަދަދަކީ މިވެނި އެވެނި މީހަކު އޭނާއަށް ދިން އެއްޗެކޭ، މިހުރީ އެކަމުގެ ހެއްކޭ ނުވަތަ، ހެއްކާއެކު، އެއީ އޭނާއަށް ވާރުތައިން ލިބުނު އެއްޗެކޭ ބުނެ ވެސް، ބުއްދި ގަބޫލުކުރާ އެކަށީގެންވާ ރައްދެއް ދެވިދާނެއެވެ. ނަމަވެސް، މިފަދަ ގޮތެއްގައި ރައްދުދިނުމުގެ ބޭނުމެއް އޮތްކަމަށް އެމީހުން ނުދެކުނު ކަހަލައެވެ. އޭގެ ބަދަލުގައި، އެމީހުން ދެކޭ ގޮތަކީ ތެދުކަމަށް ބުނެ، އެއަދަދަކީ ލިބިގަނެވިދާނޭ އަދަދެއް ކަމަށް ތަކުރާރުކޮށް ބުނެ ގޮވަމުންދިޔައީއެވެ.

ދެންމެ އިޝާރަތްކޮށްލި ފަދަ، ކުޑަ ހިސާބުކޮށްލުމަކުން، އެމީހުންގެ ދައުވާ ސާބިތުކޮށް ދެވިދާނޭ ފަދައިން އެކަމުގައި ރެނދުއަޅުވާލެވި، އެއީ ބާތިލު ދައުވާއެއްކަން ވެސް، ކުޑަ ހިސާބެއްކޮށްލައި ދެއްކެން އޮވެދާނޭ ކަމުގެ މައްޗަށް ވެސް އަޅާލުމެއް ފަރުވާލެއް ނެތިއެވެ. އެފަދަ ހިސާބުކޮށްލުމުން، ދައްކަނީ ކޮން ކަހަލަ ނަތީޖާއެއް ހެއްޔެވެ؟ މިސާލަކަށް އެބުނާ ތިރީސް ފަސް އަހަރު ދުވަހުގެ ތެރޭގައި މީހެއްގެ އެވްރެޖު މުސާރައަކީ މަހަކު ފަންސާސް ހާސް ކަމަށް ބަލައި، އެއިން ބޮޑު ލާރިއެއް ވެސް ޚަރަދު ނުކުރާ ނަމަ، އެ މުއްދަތުގެ ތެރޭގައި އެމީހަކަށް ރައްކާކުރެވޭނީ ގިނަވެގެން އެކާވީސް މިލިޔަން ރުފިޔާއެވެ. ޔޫ.އެސް. ޑޮލަރުން ނަމަ، ގާތްގަނޑަކަށް ދޮޅު މިލިޔަން ޑޮލަރެވެ. މިތާނގައި، މީގެ ވިހި، ނޫނީ ފަނަރަ، ވަރަކަށް އަހަރު ކުރިން، ރާއްޖޭގައި، ބޮޑެތި ވަޒީފާތަކުގެ މުސާރަ ވެސް، ފަންސާސް ހާހަށް ނާރާނޭކަން، ހަނދާންކޮށްލަން ޖެހެއެވެ. ނަމަވެސް، މިކަހަލަ ހިސާބެއްކޮށްލައި އެމީހުންގެ އިންކާރުގެ ވާހަކައަކީ ބާތިލު ވާހަކައެއް ކަމުގައި ދެއްކުމުގެ ފުރުސަތު އޮވެދާނެ ކަމަކަށް ވެސް ޖެހެލުމެއް ނުވެއެވެ. ތިމާމެން ދެކޭ ގޮތް ރަނގަޅުވާން ޖެހޭނޭކަން ދެކޭތީއެވެ. މައްސަލަތަކުގެ އެއްކޮޅާއި އިދިކޮޅަށް ބަލައި، މައުޟޫއީ ސިފައެއްގައި، މައްސަލަތަކާ މެދު ބަހުސް ނުކުރެވުމުން، ނުވަތަ ކުރަން ބޭނުން ނުވުމުން، ކޮންމެ މީހަކަށް ވެސް ފެންނަނީ ހަމައެކަނި އެމީހަކު ބަލަން ބޭނުންވާ ގޮތެވެ. އެއީ ހަމަ ބުއްދިއާ ޚިލާފު ގޮތް ކަމުގައި ވިޔަސް ވެހެވެ. އެއްކަލަ ތުއްތު ކުއްޖާއަށް މަގުމަތިން، ހަމައެކަނި، އޭނާގެ ބޯޅަ ފެންނަ ގޮތަށެވެ.

ނަތީޖާއަކީ ހެއްޔެވެ؟ މަގުގެ ދެކޮޅުން، ބާރަށް، އުޅަނދުފަހަރު ދުއްވާ މަގެއްގެ މައްޗަށް ދިޔަ ބޯޅައެއް ބަލާ، މަގުމައްޗަށް ދުވެފައި ނިކުންނަ ކުއްޖަކަށް ވެދާނޭ ގޮތް ހިތަށް ގެންނާށެވެ. އެކުސިޑެންޓުވެ، އެކުއްޖާ ޒަޚަމްވެ، ނޫނީ މަރުވެ، ނެތި ދިޔުމެވެ. ގައުމީ މައްސަލަތަކުގައި މައުލޫއީ ސިފައެއްގައި، ހެކީގެ މައްޗަށް ބުރަވެ ވާހަކަ ނުދައްކާ ނަމަ، ހަމަ މިފަދައިން، ގައުމުގެ މައްސަލަތަކަށް ހައްލެއް ނުގެނެވި، ގައުމު ހަލާކުވުމުގެ މަގަށް ހުށަހެޅިގެން ދާނެއެވެ. ތިމާގެ ހުރި ނަމަ ހުރި އުނިކަމާއި ނުކުޅެދިނުމުގެ ވާހަކައެއް ފާހަގަކޮށް، އެވާހަކަ މީހަކު ބުނެފި ނަމަ، އޭގެ ރައްދުގައި އެހެން މީހެއްގެ ނުކުޅެދޭ ވާހަކަ ދެއްކުމަކުން، ތިމާގެ އުނިކަމާއި ނުކުޅެދޭކަން އިސްލާހުކުރުމުގެ މަސައްކަތް އޮންނާނީ ނުކުރެވިފައެވެ. އެކަން ކުރުމުގެ ބޭނުމެއް އޮތްކަމަށް ވެސް ނުފެންނާނެއެވެ. ވައްކަމާއި ފަސާދަ އާންމުވަނިއްޔޭ ބުނެ މީހަކު އެކަން ފާހަގަކޮށްފި ނަމަ، މިވެނި މީހަކުވެސް ވައްކަމާއި ފަސާދައިގެ އަމަލުތައް ހިންގަނިއްޔޭ ބުނުމުން، އެފަދަ އިޖުތިމާއީ ބަލިތަކަށް ފަރުވާލިބޭނެ ހެއްޔެވެ؟ ގައުމުގެ މައްޗަށް ބޭރުގެ އަސްކަރީ ބާރެއް ވެރިވެ، ތަނުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަދެ، ގޮތް ކިޔައި، ތަނުގެ އިގުތިސާދީ ރަނގަޅު ފިޔަވަޅާއި ނުރަނގަޅު ފިޔަވަޅަކީ ކޮބައިކަން ބުނެ އިއުލާނުކޮށް، ފާޅުގައި ގޮތްކިޔައި ހެދުމުން، ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލެނިއްޔޭ ބުނެވިއްޖެ ނަމަ، އޭގެ ރައްދުގައި، ކުރިން އުޅުނީ މިވެނި ގައުމަކަށް ތަން ވިއްކާލާށޭ ބުނުމުން، ތަނުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރި ކުރެވުނީ ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ ފަހަރެއްގައި ވެސް ނުބެލެވޭނެއެވެ.

ދެން އާންމުންގެ ފިކުރުކުރުން އޮތީ ކިހިނެއް ހެއްޔެވެ؟ އެބައެއް ތާއީދުކުރާ ބައެއްގެ ނުފަރާތުގައި ހިއްޕާލައިގެން ތިބެ އެތަނުން، ކުނި ނަޖިހުގެ ކިސަޑު ފެން ބުއިމުގެ ލައްޒަތު ހޯދަމުންދާ، ނޫނީ އެ ފަދަ ލައްޒަތެއް ލިބިގަތުމުގެ ދަހިވެތިކަމުގައި ތިބޭ، ކުރަފި ސިކުނޑީގެ ފަނިފަކުސަ ފަދަ ބަޔަކަށް ވެގެން އުޅުމެވެ. އެގޮތުގައި ތިބެ، އެބަޔަކު ތާއީދުކުރާ ބަޔަކު ޖަހާހާ ބެރަކަށް ނަށަމުން ދިޔުމެވެ. ތަނުގައި މިހާރު އަށަގެންފައި އޮތް، ކަންނެއްކަމާއި އަމަލީ އެއްވެސް މަސައްކަތެއް ނުކުރުމުގެ ސަގާފަތުގެ ތެރެއަށް، ވިސްނުމާ ފިކުރުކުރުމުގެ ކަންނެއް ކަމުގެ ސަގާފަތް ވެސް ވައްދައި އަށަގެންނެވުމެވެ. ކޮންމެ މީހަކަށް ވެސް، އަމިއްލަ ބޮލަކާއި ސިކުނޑިއެއް ގުދުރަތުން ދެއްވާފައި އޮތް ނަމަވެސް، އެއްބަޔަކު ވެސް، އޭގެ ބޭނުންކުރަން ބޭނުންވާހެނެއް ހިޔެއް ނުވެއެވެ. އޭގެ ބަދަލުގައި، އެމީހުން ތާއީދު ކުރާ ބަޔަކު ދައްކާހާ ވާހަކައެއް، އެ ވާހަކައިގެ މައްޗަށް އަމިއްލަ ބުއްދީގެ ނަޒަރެއް ހިންގާ ނުލައި، ގޮވައި ތަކުރާރުކުރަނީއެވެ. އެހެންވީމާ މުހައްމަދު ނަޝީދަށް ތާއީދު ކުރާ މީހާއަށް، ނަޝީދު ސަންގުޕްތާއަށް ދިން ރައްދުވާނީ ވަރަށް ވެސް މޮޅު ރައްދަކަށެވެ. އޭނާގެ ރައްދުން، ސަންގުޕްތާގެ ވާހަކަތަކަށް، ނުސީދާ ގޮތެއްގައި، އިއުތިރާފުވެވޭކަން ވެސް އިހުސާސު ނުވާ ކަހަލައެވެ. ހަމަ އެހެންމެ، އަބްދުﷲ ޔާމީނަށް ތާއިދުކުރާ މީހުން، އޭނާގެ ދިފާއުގައި ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް، އަދި އެވާހަކައަކީ ހަމަ ބުއްދި ގަބޫލު ނުކުރާނޭ ވާހަކައެއް ކަމުގައި ވިޔަސް، އެވާހަކަ ވެސް ބަލައިގަނެ ގަބޫލުކުރެވެނީއެވެ.

މިނަންގަތް ގޮތެއްގައި އާންމުންނާއި ޚާއްސުންގެ ފިކުރުކުރުން ހުރި ކަމަށްވަންޏާ ކަންކަން އިސްލާހުކުރެވިދާނެ ހެއްޔެވެ؟ ވައްކަމާއި ފަސާދައިގެ ސަގާފަތަށް ނިމުމެއް ގެނެވިދާނެ ހެއްޔެވެ؟ ގައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރި ކުރެވިދާނެ ހެއްޔެވެ؟ ޖަވާބުގައި ބުނަން ޖެހޭނީ ނޫނެކެވެ. އެކަންކަން ކުރަން އެދޭ ނަމަ، ފުރަތަމަ ފިޔަވަޅަކީ ލީޑަރު ތަސްބީހަ ކިޔުން ހުއްޓާލައި، ލީޑަރުން ޖަހާހާ ބެރަކަށް ނުނަށައި، ކޮންމެ މީހަކުވެސް، ކަންކަމާ ދޭތެރޭ، މައުޟޫއީ ސިފައެއްގައި، އެމީހެއްގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން ވިސްނަން ފަށަންވީއެވެ. އަދި، ތިމާމެންނީ ސިޔާސީ ވެރިން ދައްކާހާ ވާހަކަތައް، ތިމާމެންގެ ބުއްދީގެ ހަމަތަކުގެ މަތިން ކިރައި، އެވާހަކަތައް ވަޒަންކުރަން އެނގޭ ބަޔެއްކަން، ބަހާއި އަމަލުން، ސާބިތުކޮށްދޭންވީއެވެ. މިގޮތަށް ކަންތައް ކުރެވިއްޖެ ނަމަ، އާދެ، ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް، މުސްތަގިއްލު ގޮތެއްގައި، ވިސްނަން ފަށައިފި ނަމަ، ހަމައެކަނި، މައްސަލަތަކާ ބެހޭ ގޮތުން ހެޔޮގޮތުގައި ބަހުސްކުރެވި، މައްސަލަތައް ހައްލުވުމާ ހަމައަށް ދިޔުމުގެ މަގު ފަހިވާނީކީ ނޫނެވެ. މީގެ އިތުރުން، މަތީގައި ބަޔާން ކުރެވި ދިޔަ ފަދަ، އެއްވެސް ތާކުން ތާކު ނުޖެހޭ ވާހަކަތައް ދެއްކުމުން، ސިޔާސީވެރިން ވެސް ދުރުވާނެއެވެ. އެމީހުންގެ ޖުމްހޫރަކީ، އެމީހުންގެ އޯޑިޔަންސްއަކީ، އެމީހުން މިހާރު ދެކޭ ގޮތަށް، އެމީހުން ޖަހާ ކޮންމެ ބެރަކަށް ނަށާ ގުނބޯލުންކަމުގައި އެމީހުން ނުދެކޭނެތީއެވެ.