އުތުރުގެ ބައެއް ރަށްރަށަށް ދަތުރުކުރަނިކޮށް ށ. ނަލަންދޫ ފަރަށްއެރި ކޮޅުއްވެއްޓީގައި ހުރި ފެނަކައިގެ 13 މިލިއަން ރުފިޔާގެ އިންޖީނުތަކާއި ކޭބަލްތައް ހުރީ އިންޝުއަރކޮށްފައި ކަމަށް ފެނަކައިގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު ސައީދު މީޑިއާގައި ވިދާޅުވެފައި ވީނަމަވެސް، އެ ލިއުން ފެނަކަ ބޯޑުގެ މެމްބަރުންނަށް އަދިވެސް ނުދައްކާ ކަމުގައި ފެނަކައިގެ ޑިރެކްޓަރަކު ވިދާޅުވެއްޖެއެވެ.
ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ މިއަދު ވިދާޅުވީ މި މަހު 13 ގައި ފަރަށްއެރި ހެވީ ލޯޑްގެ ކޮޅުވެއްޓީގައި ހުރި މުދާ އިންޝުއަރކޮށްފައިވާ ކަމަށް ސައީދު މީޑިއާގައި ވިދާޅުވުމުން، އެކަން ކަށަވަރުކުރަން ބޯޑުގެ ބައެއް ޑިރެކްޓަރުން ބޭނުންވި ކަމަށެވެ.
"އޮޑިޓް ކޮމިޓީން ވެސް ބޭނުންވި އިންޝުއަރެންސް ލިއުން ބަލަން. އެކަމަކު އަދިވެސް އެ ލިޔުމެއް ނުލިބޭ. އިންޝުއަރކޮށްފައި އޮތް ނަމަ އެ ލިއުން ދައްކަވަންވީނޫންތޯ؟" އޭނާ ވިދާޅުވިއެވެ.
ފެނަކައިގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ކުންފުނި ތެރޭގައި ތަފާތު ކަންކަން އެބަހިނގައެވެ.
ފެނަކައިގެ ކޮރަޕްޝަންގެ 27 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދާދި ފަހުން ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަތަކުގެ ތެރޭގައި އެކިއެކި ނުފޫޒުގެ ބޭނުންކޮށްގެން، ކޮރަޕްޝަންގެ ބޮޑެތި އަމަލްތައް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން ފެނަކަގެ މުވައްޒަފެއް ކަމަށް ބުނެ، މީހަކު އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އެ މައްސަލަތައް އޭ.ސީ.ސީ އަށް ހުށަހެޅުމުން، ހުރިހައި މުވައްޒަފުންގެ ކޮމްޕިއުޓަރުތައް، ޓެކްނިކަލް ޓީމުން ކޮންމެ ދުވަހަކު ޗެކްކުރަމުންދާ ކަމަށެވެ.
"ފެނަކަ އެމް.ޑީގެ 27 މައްސަލަ އޭ.ސީ.ސީ އަށް ހުށަހެޅުމުން މިހާރު ކޮންމެ ދުވަހަކު އަހަރެމެން ހުރިހައި ސްޓާފުންގެ ޕީ.ސީތައް (ކޮމްޕިއުޓަރުތައް) އައި.ސީ.ޓީ ޝާމީން ތި ޗެކްކުރަނީ ކީއްވެގެންތޯ؟ އެމް.ޑީ އަށް ގޯހެއް ހެދިފައި އޮތީތޯ؟ މިކަމުން ސްޓާފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި،" އާމިނަތު ހުދާ ނަމަކަށް ކިޔާ މީހަކު ޓްވީޓުކޮށްފައި ވެއެވެ.
@TeamFenaka MD @myfoona ge 27 massala @ACC_Maldives ah husha elhumun mihaaru konme dhuvaaku aharemem hurihaa staff ge PC thah ICT Saameen thi check kuranee keevegen tho? MD ah goaheh hedhifa othee tho? Mikamun staff thibee biruveri kamehge thereyga. @ShainJetly @MvSpokesperson
— Aminath.hudha (@Aminathhudha2) September 29, 2020
ހުދާ އަކީ ފެނަކައިގެ މުވައްޒަފެއްކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް "އަދިވެސް" އާ ވާހަކަ ދެއްކެވި އެ ޑިރެކްޓަރު ވިދާޅުވީ "ތިއީ ހިނގާ ކަމެއް" ކަމަށެވެ.
"ތިއީ ހިނގާ ކަމެއް. ކުރިން ވެސް ތީނަގެ ޓްވީޓުތައް ފެނޭ. ތިއީ އޮފީސް ސްޓާފަކަށް ނުވަންޏާ އެއީ ސްޓާފެއް މައުލޫމާތު ދީގެން ލިޔާ އެކައުންޓެއް،" ޑިރެކްޓަރ ވިދާޅުވިއެވެ. "މުވައްޒަފުން ގިނަކަމުން ނަންތަކެއް ނޭނގޭ. މި މަހު ވެސް ހަތަރު މުވައްޒަފުން ވެއްދި. މާލޭ ހެޑް އޮފީހުގައި ވެސް 300 އަށްވުރެ ގިނަ މުވައްޒަފުން އުޅޭ."
މި ކަންކަމާ ބެހޭ ގޮތުން ވިދާޅުވަނީ ކީކޭތޯ ދެންނެވުމުން އެމް.ޑީ ސައީދު ވަނީ ވަރަށް ހިތްޕުޅުހަމަނުޖެހިފައެވެ.
"ތީ ވަރަށް އޮއްޓަރު ހުރި ތެދު ހަބަރުތަކެއް. ހެޑިން ހަދާލަން ހަމަ ރަނގަޅު،" ވަޓްސްއަޕުން ދެއްވި ޖަވާބުގައި ސައީދު ވިދާޅުވިއެވެ.
ފެނަކައިގެ 13 މިލިއަން ރުފިޔާގެ އިންޖީނު ހިފައިގެން ހދ. ކުޅުދުއްފުއްޓަށް ދަނިކޮށް މި މަހު 13 ވަނަ ދުވަހުގެ ރޭ ނަލަންދޫ ފަރަށްއެރި ކޮޅުވެއްޓި، ފުން ނުކުރެވި އަދިވެސް ހުރީ ފަރުމަތީގައެވެ. ނަމަވެސް އޭގައި ހުރި މުދާތައް މިހާރު ވަނީ ބާލައިފައެވެ.
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުދާ ރަށްރަށަށް އުފުލާއިރު، އެ ތަކެތި ގެންދަން ޖެހެނީ އިންޝުއަރކޮށްފައި ހުންނަ އުޅަނދުފަހަރުގައެވެ. އަދި އެ މުދާ ވެސް ހުންނަން ޖެހެނީ އިންޝުއަރކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދު ފުރުމުގެ ކުރިން، އޭގެ ސަލާމަތީ ކަންކަން ބަލައި، ޗެކްކުރަންޖެހެއެވެ.
ފެނަކައިގެ 13 މިލިއަން ރުފިޔާގެ މުދާ އުފުލަން މި ކޮޅުވެއްޓި ކުއްޔަށް ހިފީ ވެސް، އާންމުކޮށް އިއުލާންކުރުމެއް ނެތި ކަމަށް މައުލޫމާތު ލިބެއެވެ.



advertisment