ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު އޮތް މި ރަސްމިއްޔާތުގައި ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ އަދި އިސްލާމީ ޙަޟާރަތާބެހޭ މަރުކަޒުގެ ބިންގާއަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އާއި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ސަޢޫދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އަލްރާޖިޙީއާއި ،ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެޔަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަހްޠާނީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ ޢަލީ ޒުހައިރެވެ.
މި މަޝްރޫޢަކީ ސަޢޫދީ ޢަރަބިއްޔާގެ އައްރާޖިޙީ ކުންފުނީގެ ޚަރަދުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މި މަރުކަޒުގައި ހިމެނޭ މިސްކިތުގައި 10 ހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ. މީގެ އިތުރުން، އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކާއި ތަޢުލީމީ، ސަގާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއްވެސް ހިމެނެއެވެ.
ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މަޢުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް މި މަރުކަޒުގައި ހިމެނިފައިވެއެވެ.
މި މަރުކަޒުގައި އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލަކާއި، މިސްކިތަށް ޒިޔާރަތްކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް ހިމެނެއެވެ.



advertisment