...

Support Us

އިންޑިއާގެ ޑޯނިއަރ އާއެކު މިލިޓަރީ ސިފައިން ހަނިމާދޫ އެއާޕޯޓުގައި -އަދިވެސް ފޮޓޯ:

ކަޅު ދުވަހެއް، ހަދިޔާއެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަނދާއި 200 ސިފައިންނަށް ބަދަލުވެއްޖެ: އުމަރު

މިއަދަކީ އަނެއްކާ ވެސް ކަޅު ދުވަހެއް ކަމަށާއި ހަދިޔާއެއް ދޭން އައި މީހުން، އަށް އަހަރުވީއިރު ތިން އުނޅަދާއި 200 ސިފައިންނަށް ބަދަލުވެއްޖެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން "ހަދިޔާކުރި" ޑޯނިއަރ ފްލައިޓު މިއަދު ރާއްޖެ އައި ވާހަކަ އަށް އިޝާރާތް ކުރައްވައި އުމަރުގެ ފޭސްބުކްގައި ވިދާޅުވީ އިންޑިއާ ސިފައިންގެ "ކިތަންމެ ބައިވަރު ތިއްބަސް އިރާދަކުރެއްވިއްޔާ ބާލާނަން" ކަމަށެވެ.

އިންޑިއާގެ މިލިޓަރީ ރާއްޖެއަށް އަތްގަދަކުރުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުލާ އުމަރަކީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ލީޑަރެކެވެ.

އުމަރު ވިދާޅުވެފައިވާ ގޮތުގައި މިހާރު ދިވެހި ރާއްޖޭގައި މިއޮތް އެމްޑީޕީއާ ޕީޕީއެމްގެ ސިޔާސީ ސިސްޓަމް ބޭރުން އައިސް 2023 ގެ އިންތިހާބް ކާމިޔާބު ކުރައްވާނެއެވެ.

"މިހާރު މިއޮތް ސަރުކާރު އަޅުގަނޑުމެން އަތުން ބަލިވާނެ. ބަލިވީމަ އިރާދަކުރެއްވިއްޔާ އިންޑިއާ ސިފައިން ވެސް މިގައުމުން ބާލާނަން. ކިތަންމެ ވަރުގަދަ އެގްރީމެންޓެއް ހަދާފައި އޮތް ނަމަވެސް އިންޑިއާ ސިފައިން ބާލާނަން،" އުމަރު ވިދާޅުވެފައިވެއެވެ.


އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތަށް އަޑު އުފުލަމުން ގެންދާއިރު ބޭރުގެ އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ދާދި ފަހުން ވިދާޅުވުމާ ގުޅިގެން، އެއަށް ރައްދު ދެއްވައި އުމަރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަތުގައި މިވަގުތު ހަތިޔާރު ނެތުން އެއީ ނުރައްކާ ކުޑަވާ ކަމެއް ނޫން ކަމަށާއި ހެލިކޮޕްޓަރުގައި ގޮސް އިންޑިއާ މަނަވަރަކުން ހަތިޔާރު ގެނެސް، ރާއްޖޭގައި މިތިބަ 150 އިންޑިއާ ސިފައިން ހަތިޔާރު އެޅި ފައުޖަކަށް ބަދަލުވުމަށް ބޭނުންވާނީ އެންމެ ދެ ގަޑިއިރު ކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖެ އައިސް ރާއްޖޭގައި އިންޑިއާގެ ތިން އުޅަނދެއް ބާއްވައިގެން އަށް އަހަރު ދުވަހުގެ ތެރޭގައި އައްޑޫއިން ފެށިގެން ހދ. ހަނިމާދޫއާ ހަމައަށް ފެތުރިގެންފައިވާއިރު މި ސަރުކާރަށާއި ސަރުކާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް މިމަންޒަރު ނުފެންނަނީތޯ އުމަރު ސުވާލުކުރެއްވި އެވެ.

އުމަރު ވިދާޅުވީ އައްޑޫގައި 2011 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހެލިކޮޕްޓަރެއް ބާއްވައިގެން ކުރާ މަސައްކަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ދުޝްމަނުންނަށް ފާރަލުން ކަމަށާއި ވަރަށް މަދު ފަހަރަކު ނޫނީ ދިވެހިންގެ ބޭނުމެއްގައި އެ ހެލިކޮޕްޓަރު ބޭނުން ނުކުރާ ކަމަށެވެ.

އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު ބުނާގޮތުން ދިވެހި ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ގާއިމްވެ މިލިޓަރީ ބޭސްއެއް ހަދާނަމަ އެކަން ކުރަންވާނީ މަޖިލީހުގެ ރުހުން ހޯދައިގެން ކަމުގައިވާއިރު އެމްޑީޕީއަށް އޭރު މަޖިލިސް މެޖޯރިޓީ ލިބިފައި ނެތުމުން އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިހާރު އެތިބީ ވަލު ދޮރާށިން ވަދެ ތިބި އިންޑިއާ ސިފައިންގެ މިލިޓަރީ ބޭސްއެއްގެ ގޮތުގައި އުމަރު ސިފަކުރެއްވި އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް މީގެ ކުރިން އިންޑިއާ ސިފައިން ބައިތިއްބާފައިނުވާ ކަމަށާއި މިއީ މިނިވަން ގައުމެއް ކަމުގައިވާއިރު އެހެން ގައުމެއްގެ ސިފައިން އެގޮތަށް އައިސް ފައިބާ ތިބުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް އެކަން އެނގެނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެކަނި ކަމަށާއި މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ އެކިއެކި ބަހަނާތައް ދައްކައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުން ދިފާއުކުރަން ކަމަށް އުމަރު ވިދާޅުވި އެވެ.

"މިއީ މިނިވަން ގައުމެއް މިގައުމަށް އެހެން ގައުމެއްގެ ސިފައިން ފައިބާ އެގޮތަށް ނުތިބެވޭނެ. ދިވެހި ތާރީހުގައި ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ބެހެއްޓީ ދެ ފަހަރެއްގައި. ފުރަތަމަ ފަހަރު ދޮންބަންޑާރައިން ދިވެހި ރާއްޖެއަށް ފަރަންސޭސި ސިފައިން ގެނައުން، އޭގެ ފަހުން ދެވަނަ ބޮޑު ހަނގުރާމައިގައި ދުވަސްވަރުގައި ދިވެހިރާއްޖެއަށް ހަމަލާއެއް އައިސްފާނެތީ އިނގިރޭސި ސިފައިން އައްޑޫގައި ބޭތިއްބީ،" އުމަރު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޢުމަރާ!! ހިތާމައިގެ ކޮޅެއްވެސް ނެތް! މައްސަލައަކީ އެމް ޑީ ޕީ އަންނަ ކޮންމެ ފަހަރަކު މިޤައުމް އެތައް ހާސް ދުވަހެއްގެ ފަހަތައް ދާތީ!! ބޭރު ކަރަކަރައިގެ މީހުން ނަށް ބަސް ކިޔަން ބާރުލިބޭތީ!! އެހެން ދީން ތަކަށް ޖާގަ ލިބަެތީ!! ޤައުމްގެ އަމާންކަން ގެއްލި ރައްޔިތުން ބިކަވެ ނިކަމެތި ވާތީ!! ﷲ ޢިރާދަ ކުރެއްވިއްޔާ އެމް ޑީ ޕީ ނިކަމެތި ވާނީ ވަރަށް ޙިތި ގޮތަކަށް!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.