Support Us

އިންޑިއާއިން ހަދަިޔާކުރި ޑޯނިއާ ފްލައިޓް ރާއްޖެ އަށް ޖައްސަނީ -ފޮޓޯ: އެމް.އެން.ޑީ.އެފް

ޑޯނިއާ ފްލައިޓާ ބެހޭ މައުލޫމާތު ދޭނީ ފޮރިން މިނިސްޓްރީން ކަމަށް ބުނެފައި، ފަހުން ބޮޑު ބަޔާނެއް އެމް.އެން.ޑީ.އެފުން ނެރެފި

"ދިވެހިރާއްޖޭގައި ދާއިމީ ގޮތެއްގައި ބޭއްވުމަށް އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ. މިކަމުގައި އެމްއެންޑީއެފްގެ ބަހެއް ލިބިދާނެތޯ؟" އެމް.އެން.ޑީ.އެފުން ހަދައިފައި އޮންނަ ނޫސްވެރިންގެ ވައިބަރ ގްރޫޕުގައި ނޫސްވެރިއަކު ރޭ ސުވާލުކުރިއެވެ.

އެއާއެކު އެމް.އެން.ޑީ.އެފްގެ މީޑިއާ ހެޑް، މޭޖަރ އިބްރާޙިމް އާޒިމް ވަނީ ވަރަށް ދުރަށް ކުޅުއްވައިފައެވެ.

"ބޭރު ގައުމުތަކާއެކު އޮންނަ އެއްވެސް ގުޅުމަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް. އެއީ ރަސްމީކޮށް މިކަން އޮންނަ ގޮތަކީ، އެއީ ސަރުކާރުގެ ރަސްމީ އިދާރާއަކީ ވެސް. އެއީ ރަސްމީކޮށް މިކަމަށް އައްޔަންކޮށްފައިވާ ރަސްމީ އިދާރާއަކީ ވެސް،" މޭޖަރ އާޒިމްވި ވިދާޅުވިއެވެ.

އެހެންވެ އެކަމާ ބެހޭ އެއްވެސް ސުވާލެއް އެ ގްރޫޕުގައި އޭގެ ފަހުން ނުކުރެއެވެ.

އެކަމަކު އިންޑިއާގެ ޑޯނިއާ ފްލައިޓު ހަނިމާދުއަށް މިއަދު މެންދުރުފަހު ޖައްސައި، ހުރިހާ ކަމެއް ނިމުނު ފަހުން، މިއަދު ދޭއް ޖަހަނިކޮށް، އާޒިމް ވަނީ ފޮޓޯތަކާއެކު އެ ފްލައިޓާ ބެހޭ ހުރިހައި މައުލޫމާތެއް އެ ގްރޫޕުގައި ހިއްސާކުރައްވައިފައެވެ.

"އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ޑޯނިއަރ މަތިންދާބޯޓު ރާއްޖެ އަތުވެއްޖެ،" އާޒިމްގެ ބަޔާނުގައިވެއެވެ.

"2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތްކުރެވެމުންދިޔަ ޑޯނިއަރ މަތިންދާބޯޓު މިއަދުގެ ރާއްޖެ އަތުވެއްޖެއެވެ. މި މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ." އެމް.އެން.ޑީ.އެފްގެ ބަޔާނުގައި ވެއެވެ. "2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސާރވައިލަންސް އޮޕަރޭޝަން ހިންގިފައިވެއެވެ. މިއަދު ރާއްޖެއަށް ގެނެވުނު ޑޯނިއަރ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގަ އާއި، ކަނޑުމަތީގައި ހިންގޭ ޤަވާޢިދާ ޚިލާފު ކަންތައްތައް ހުއްޓުވުމުގަ އާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކަށް ރިއެކްޓްކުރުމުގައި އަދި ދިވެހި ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެއެވެ.
މިފްލައިޓް ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ޙަރަކާތްތެރިވާ ގޮތަށެވެ."

މި މައުލޫމާތު އާޒިމް ހިއްސާކުރެއްވުމާ އެކު ބައެއް ނޫސްވެރިން ވަނީ އާޒިމާ ސުވާކޮށްފައެވެ.

"އާޒިމް ސަރ ކުއްލިއަކަށް ފޮރިން މިނިސްޓްރީއަށް ވީތޯ؟ ރޭގެ އެހެން ވިދާޅުވީމަ ހަމަ ދަންނަވާލީ،" "އަދިވެސް" އިން ސުވާލުކޮށްފައިވެއެވެ.

މީގެ އިތުރުން އާޒިމްގެ ބަޔާނަށް ރައްދުދީ އެހެން ނޫސްވެރިއަކު ބުނެފައި ވަނީ އެ މައުލޫމާތު އެމް.އެން.ޑީ.އެފުން ހާމަ މިކުރީ ކީއްވެތޯ އާއި ރަސްމީކޮށް މި މައުލޫމާތު ހާމަކުރަންޖެހޭ އިދާރާއަކީ ފޮރިން މިނިސްޓްރީއެއް ނޫންތޯއެވެ؟

މިއިން އެއްވެސް ސުވާލަކަށް އާޒިމް ޖަވާބެއް ނުދެއްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *