Support Us

އިންޑިއާ އިން ރާއްޖެއަށް "ހަދިޔާކުރި" ޑޯނިއަރ ފްލައިޓު ހަނިމާދޫ އެއަރޕޯޓުގައި - އަދިވެސް ފޮޓޯ:

އިންޑިއާ އިން "ހަދިޔާކުރި" ޑޯނިއަރ ފްލައިޓު ހަނިމާދުއަށް އަތުވެއްޖެ

ކޮޗިން-ކުޅުދުއްފުށި ފެރީ އާގުބޯޓު ރާއްޖެ އައި ދުވަހާ ޚިލާފަށް، އެއްވެސް ކަހަލަ ރަސްމިއްޔާތެއް ނެތި، އިންޑިއާ ސިފައިން ރާއްޖޭގައި އޮޕަރޭޓްކުރާ ޑޯނިއަރ ފްލައިޓު މިއަދު މެންދުރުފަހު ހަނިމާދުއަށް އަތުވެއްޖެއެވެ. ފްލައިޓު ޖެއްސީ އެކެއް ޖަހަން ވަރަށް ކައިރިވެފައި ހުއްޓައެވެ.

އިންޑިއާ އިން ރާއްޖެއަށް "ހަދިޔާކުރި" ޑޯނިއަރ ފްލައިޓު ހަނިމާދޫ އެއަރޕޯޓުގައި – އަދިވެސް ފޮޓޯ:

ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން "ހަދިޔާކުރި" އިންޑިއާ ކޯސްޓުގާޑުގެ ޑޯނިއަރ ފްލައިޓު ރާއްޖެ މި އައީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދިވެހި ސަރުކާރަށް ދިންތާ 10 ދުވަސް ތެރޭގައެވެ.

ކުރިން މޯލްޑިވިއަންގައި ވެސް ބޭނުންކުރި ވައްތަރުގެ މި ޑޯނިއަރ ފްލައިޓު އޮތީ، އަޅި ދަވާދު ލައި، "އެމް.އެން.ޑީ.އެފް" ޖަހައިފައެވެ. ދިވެހި ދިދައެއްވެސް ފަހަތުގައި ހުރެއެވެ.

ކޮޗިން-ކުޅުދުއްފުށި ފެރީ އާގު ބޯޓު ރާއްޖެ އައި ދުވަހާ ޚިލާފަށް، އިންޑިއާ ކޯސްޓުގާޑުގެ މިލިޓަރީގެ ޑޯނިއަރ ފްލައިޓު ރާއްޖެ އަންނަން އުޅޭ ކަމެއް އިންޑިއާ ހައިކޮމިޝަނުން ވެސް ކުރިން ނުބުނެއެވެ. އަދި އިންޑިއާ އޮފިޝަލުންނާއެކު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އިންޑިއާ ސަފީރު ބައިވެރިވެވަޑައިގަންނަވާ ވަރޗުއަލް ރަސްމީޔާތެއް ވެސް މިއަދު ނުބާއްވައެވެ. އެއްވެސް ޓީވީ ޗެނަލަކުން ވެސް ވަގުތަކުން ނުދައްކައެވެ. އިންޑިއާ ކޯސްޓުގާޑުގެ މިލިޓަރީގެ ޑޯނިއަރ ފްލައިޓަށް މަރުހަބާ ވިދާޅުވެ އެއްވެސް ބޭފުޅެއްގެ ޓްވީޓެއް ވެސް އަދި ނުފެނެއެވެ. ފޮޓޯތަކާއެކު އިންޑިއާ އެމްބަސީން، މީޑިއާ އަށް ދެ ބަހުން ބަޔާނެއް ވެސް ނުފޮނުވައެވެ. ނަމަވެސް "އަދިވެސް"އިން ސުވާލުކުރުމުން ބައެއް މައުލޫމާތު އެމްބަސީން ފަހުން ވަނީ ދީފައެވެ.

ހަނިމާދުއަށް އިއްޔެ ގެންގޮސްފައިވާ ވެހިކަލެއް -އަދިވެސް ފޮޓޯ:

މި ފްލައިޓު މިއަދު އައުމުގެ ކުރިން، އިންޑިއާގެ ގިނަ އަދަދެއްގެ އޮފިޝަލުން މީގެ ދެތިން ދުވަސް ކުރިން ވަނީ މޯލްޑިވިއަންގައި ހަނިމާދުއަށް ގޮސްފައެވެ. އަދި ހުޅުމާލޭ ކަސްޓަމުން ނެރެގެން، ބޮޑު އޮޑިއެއްގެ މުދާ އިއްޔެ ވަނީ ހަނިމާދުއަށް ގެންގޮސް ބާލައިފައެވެ. އެ މުދާތަކުގެ ތެރޭގައި ޑޯނިއާ ފްލައިޓުގެ ސްޕެއަރ ފަދަ ތަކެއްޗާއި ބޮޑު ޓްރެކްޓަރު ބޯބުރިއެއް ވެސް ހިމެނެއެވެ. މި ހުރިހައި ސާމާނެއް ކެރޭން ޖަހައިގެން އޮޑިން ބާލައިގެން ޕިކަޕްތަކުގައި ވަނީ އެއާޕޯޓު ސަރަހައްދަށް ގެންގޮސްފައެވެ. އެ ތަކެތި ވެއްދީ ހަނިމާދޫ އެއަރޕޯޓުގައި ކުރިން މެސް ރޫމުގެ ގޮތުގައި ބޭނުންކުރާ ތަނަކަށެވެ.

ހަނިމާދުއަށް އިއްޔެ ގެންގޮސްފައިވާ މުދާތައް ބާލަނީ -އަދިވެސް ފޮޓޯ:

މި ޑޯނިއަރ ފްލައިޓު ބޭނުންކުރާނީ ސަރވެއަލަންސް ދަތުރުތަކަށާއި ރެސްކިއު އޮޕަރޭޝަންތަކަށާއި މެޑިކަލް އިމެޖެންސީ ކަންތައްތަކުގައި ކަމަށް އިންޑިއާ އެމްބަސީން ބުނެއެވެ. އަދި މި ފްލައިޓު އުދުއްސާނީ ދިވެހި ސިފައިންގެ އެންގުމަށް ކަމަށް ވެސް އެމްބަސީން ބުނެއެވެ. އަދި މި ފްލައިޓް ދުއްވަން ދިވެހިން ޕައިލެޓުންނާއި ޓެކްނިކަލް މީހުން ތަމްރީނުކުރުމުގެ މަސައްކަތް 2017 އިން ފެށިގެން ކުރިއަށްދާ ކަމަށް ވެސް އިންޑިއާ އެމްބަސީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *