ހެލްތު މިނިސްޓްރީގެ ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ ވަކި ގޮތެއް ނިމެންދެން ރަސްމީ މަސައްކަތްތަކުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންނެވި ނަމަވެސް، ގަވައިދުން މުސާރަ ނަންގަވާކަން ކަށަވަރުވެއްޖެއެވެ. މުސާރަ އާއި އެލަވަންސްގެ ގޮތުގައި އަމީނަށް މަހަކު 66،000ރ. ލިބިވަޑައިގަނެއެވެ.
"ކޮވިޑް 19-އާއިގުޅޭ މިނިސްޓްރީ އޮފް ހެލްތުގެ ޚަރަދުތަކުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ މަނިކުފާނު އަޅުގަނޑަށް ވަކި ގޮތެއް އަންގަވަންދެން، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރާ ވާހަކަ ދެންނެވީމެވެ،" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް 17 އޯގަސްޓް ފޮނުއްވި ސިޓީއެއްގައި އަމީން ވިދާޅުވެފައިވެއެވެ.
އޭގެ ފަހުން ރަސްމީ އެއްވެސް ކަމެއްގައި އަމީން ނުފެނެއެވެ. ނަމަވެސް އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެވަޑައިގެންނެވިއެވެ.
ރަސްމީ މަސައްކަތްތަކުން މީގެ ދޮޅު މަހެއް ކުރިން އެކަހެރިވެވަޑައިގަތީ އަމީން އަމިއްލަފުޅަށް ކަމުގައި ވިީނަމަވެސް، އޯގަސްޓްމަހުގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 66،000ރ. ވަނީ ނަންގަވައިފައިކަން "އަދިވެސް" އަށް ލިބިފައިހުރި ލިޔެކިއުންތަކުން އެނގެއެވެ. އެއީ މުސާރަ 42،500ރ. އާއި ލިވިން އެލަވަންސް 15،000ރ. އާއި ކާރު އެލަވަންސް 7،500ރ. އަދި ފޯން އެލަވަންސް 1،000ރ. އެވެ. އަދި މި ހިނގާ ސެޕްޓެމްބަރު މަހު ވެސް ހަމަ އެ އަދަދަށް ފައިސާ ވަނީ ނަންގަވައިފައެވެ.
ހެލްތު މިނިސްޓްރީގެ ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ ވަކި ގޮތެއް ނިމެންދެން އެ މިނިސްޓްރީގެ އިސް އެހެން މުވައްޒަފުންތަކެއް ރައީސް އޮފީހުގެ ފަރާތުން ވަނީ ސަސްޕެންޑްކޮށް، ގެޔަށް ފޮނުވާލައިފައެވެ. އެއީ ސްޓޭޓް މިނިސްޓަރު ޝާޙު އަބްދުﷲ މާހިރާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމެވެ. ނަމަވެސް އެ މުވައްޒަފުން ގެޔަށް ފޮނުވާލީ މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ކަމަށް ވަނީ އެނގިފައެވެ.
"ރައީސް އޮފީހުން ބޭނުންވެގެން މުވައްޒަފަކު ގެއަށް ފޮނުވާލަންޏާ މުސާރަ ދީފާނެ. އެކަމަކު އަމިއްލައަށް ގެއަށް ވަޑައިގެންފައި، މުސާރަ ނެންގެވީމާ ވަރަށް ހުތުރު،" ގާނޫނީ ބޭފުޅަކު، ނޫހުގައި ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.
އަމިއްލަފުޅަށް ގޭގައި ހުންނަވަން ނިންމަވާފައި، ޓެކްސް ދައްކާ މީހުންގެ ފައިސާއިން މަހަކު 66،000ރ. ނަންގަވަނީ ކީއްވެގެންތޯ "އަދިވެސް" އިން ދެންނެވުމުން އަމީން މިއަދު ވަކި ޖަވާބެއް ނުދެއްވިއެވެ.
އަމިއްލަފުޅަށް ގޭގައި ހުންނެވި ވަޒީރަކަށް ރަސްމީ މުސާރަ އާއި އެލަވަންސް ދޭ އުސޫލެއް ސާފުކުރުމުގެ މަސައްކަތް "އަދިވެސް" އިން ގެންދަނީ ކުރަމުންނެވެ.
ވެންޓިލޭޓަރުތަކާ ބެހޭ އޮޑިޓް ރިޕޯޓުގައި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި މަކަރާއި އޮޅުވާލުން ހިމެނޭކަން ފާހަގަކޮށް، އެކަމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ވަނީ އަންގަވައިފައެވެ.
އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ހިންގަވާފައި ނުވާނެ ކަމަށް އަމީން ގެންދަވަނީ ވިދާޅުވަމުންނެވެ.
ވެންޓިލޭޓަރުތަކާ ބެހޭ އޮޑިޓް ރިޕޯޓާ ގުޅިގެން އަމީން އިއްޔެ ވަނީ އޭ.ސީ.ސީ އަށް ޖަވާބުދާރީވެވަޑައިގެންފައެވެ.



advertisment