Support Us

ކޮލަމް: އަލި

ބެލަޑާއި މީސް ލަވަތައް

ޅެންވެރިކަމަކީ ކޮންމެ އަދަބިއްޔާތެއްގެ ވެސް އެންމެ މުއްސަނދި އަދަބީ ފަންނެވެ. ޅެންވެރިކަމުގެ މުއްސަނދި ސިންދަފާތުގެ ތެރޭގައި ހިމެނޭ ތަފާތު އެކި ވައްތަރުތައް އަޖައިބުވާހައި ފުރިހަމައެވެ. އޮނިގަނޑުގެ ތަފާތުކަމާއި މައުޒޫގެ ގޮތުން ހުންނަ ނަލަކަމާއި މޮޅުކަން ވެސް ފާހަގަކުރެވެއެވެ. ދުނިޔޭގެ ޅެންވެރިކަމުގެ މުއްސަނދި ސިންދަފާތުގެ ތެރެއިން ފާހަގަކުރެވޭ ޅެމުގެ އެއް ބާވަތަކީ ބެލަޑެވެ. ޑީ. ހެޑް އާއި އައި އޮސްބީ (2006) ހާމަކުރައްވާ ގޮތުގައި ބެލަޑަކީ ވާހަކައެއް މިޔުޒިކުގެ ހަމަތަކަށް ފެތޭހެން އުފައްދާ ޤަޞީދާތަކެކެވެ. ނުވަތަ ބައިތުތަކެވެ. "ބެލަޑް" މި އިސްތިލާހު އުފެދުނީ ފަރަންސޭސި މެދުޒަމާނުގެ ނެށުމުގެ ތެރޭ ހިމެނޭ "ބެލަރެސް" ނަމަކަށް ކިޔާ ލަވަތަކުންނެވެ. ފަހުން ފަހުން އެ ތަކެއްޗަށް ކިޔާން ފެށީ ފަރަންސޭސި ބެލަޑެވެ. ބޭނުންކުރެވުނީ ހަމަ ވާހަކަ ލަވައިގެ ގޮތުގައި ހުށަހެޅުމުގައެވެ.

އެފަދަ ލަވަތަކުގެ ޝިޢާރާއި މަސައްކަތް އުފެދުނީ ސްކެންޑިނޭވިއަންއާއި ޖަރުމަނުގައި ބިއޮވުލް ފަދަ ޅެންޅެން ވާހަކައިގެ ގޮތުގައި ކިޔާ އާދަކާދައިންނެވެ. މެދު ޒަމާންތަކުގައި އިނގިރޭސިވިލާތުގެ އެކި ސަރަޙައްދުތަކުގައި ބެލަޑުގެ ސިފައިގައި އެތަންތާނގެ ޅެންވެރިކަމުގެ އެކިވައްތަރުގެ ލަވަތައް ހުށަހެޅުނެވެ. ނަވާރަ ވަނަ ޤަރުނާ ހަމައަށް އައި އިރު މުޅި ހުޅަނގުގައި ހެން ބެލަޑް ފުޅާ ދާއިރާއެއްގައި ބޭނުންކުރިއެވެ. ފަހުން އެމެރިކާއާއި އޮސްޓްރޭލިޔާއާއި އެފުރިކާގައި ވެސް ބޭނުންކުރިއެވެ. އިހުޒަމާނުގައި ވަރަށް ގިނަ ބެލަޑްތައް ލިޔެވި "މާކޮއްރާސްތަކު" (ބްރޮޑްސައިޑްސް) ގައި ނެރެ ވިއްކައި އުޅުނެވެ.

ޅެންވެރިންނާއި މޫސީޤާރުން (މިޔުޒިކު އުފެއްދުންތެރީން) 18ވަނަ ޤަރުނުން ފެށިގެން ޣިނާޢީ (ލިރިކް) ބެލަޑު ބޭނުންކުރަން ފެށިއެވެ. ފަހުން 19ވަނަ ޤަރުނުގެ ފަހުކޮޅުގައި ބެލަޑް މާނަކުރެވެން ފެށީ ލޯބީގެ މަޑުމައިތިރި ލަވައިގެ ގޮތުގައެވެ.

މިހާރު ބެލަޑް ބޭނުންކުރަނީ ލޯބީގެ ކޮންމެ ވައްތަރެއްގެ ލަވައެއްގެ އާރުގެ ގޮތުގައެވެ. އިހުޒަމާނުގެ މަޝްހޫރު އެއް ބެލަޑަކީ އިނގިރޭސި އަދަބުގެ މަޝްހޫރު ބެލަޑެއް ކަމަށްވާ "ޖޫދާސް" ނަމަކަށް ކިޔުނު ބެލަޑެކެވެ. އެއީ 13ވަނަ ޤަރުނުގެ ފަތްކޮޅެއްގައި އޮތް ބެލަޑެކެވެ. ކުރުކޮށް ދަންނަވާ ނަމަ ބެލަޑަކީ ވާހަކައެއް ޅެމަކުން ހުށަހެޅުމެވެ. ވީމާ އެއީ ވާހަކަޅެމެވެ. ހުޅަނގުގެ އަދަބިއްޔާތުގައި ބެލަޑް ބިނާވެގެންވަނީ އަނގަބަހުން ބަޔާންކުރާ އާދަކާދައިގެ މައްޗަށެވެ. ވާހަކަދައްކާ ދެއްކުމަކަށް ވުރެ ލަވައެއްގެ ބީދައިން ހުށަހަޅާ އެއްޗެއްގެ ގޮތުގައެވެ. އެހެންވުމުން އެ މީހުން ދުށީ އަބަދުވެސް ބެލަޑަކީ ހިތު ދަސްކޮށްގެން ކިޔަން ޖެހޭ އެއްޗެއްގެ ގޮތުގައެވެ.

ބެލަޑުގެ ވައްތަރުތަކެއް ހުރެއެވެ. އޭގެތެރެއިން ފާހަގަކުރެވޭ ބައެއް ވައްތަރުތަކަކީ، މީސް ބެލަޑާއި އަދަބީ ބެލަޑެވެ. މީސް ބެލަޑު އެއީ ހެދީ ކާކުކަން ނޭނގޭ ބެލަޑެވެ. މިފަދަ ބެލަޑު ހުންނާނީ ދޫދޫމަތީ ވާރިދުވެފައެވެ. ހުށަހަޅަނީ މާ ބޮޑު ނިސްބީކަމެއް ނެތިއެވެ. އަދަބީ ބެލަޑު މީސް ބެލެޑާ ތަފާތެވެ. ނަން ހިނގާ އާންމު ބެލަޑަށް ވުރެ އަދަބީ ބެލަޑު ވެފައިވަނީ އުސްލޫބުގެ ގޮތުން މުޢައްޤަދުކަން ހުންނަ އެއްޗެއްސަށެވެ. ހެދީ ކާކުކަން ނޭނގޭ މީސް ބެލަޑާ ޚިލާފަށް އަދަބީ ބެލަޑު ވާންވާނީ ޝާޢިރަކު ހަދައި ލިޔެފައިވާ އެއްޗަކަށެވެ. އެފަދަ ކޮންމެ ބެލަޑެއް މާނަކުރެވެނީ ކިޔޭ އެއްޗެއްގެ ގޮތުގައެވެ. ބެލަޑުގެ ސިފަތަކާ މެދު އެއްޗެއް ދަންނަވާ ނަމަ އެ ވައްތަރުވާނީ ކުރު ވާހަކަޅެމަކާއެވެ. އޭގައި ތަމްސީލުކުރުވަނިވި އާދައިގެ ޙަރަކާތްތަކެއް ހުންނާނެއެވެ. ބެލަޑު ކިޔައިދެނީ ލޯބި، މަރު، ރޫޙާނީ، ތާރީޚީ ކަމެއް، ނުވަތަ މިކަންކަމުގެ ތަރުކީބެކެވެ. އާންމުކޮށް ބެލަޑު ފަށަނީ ކުއްލިއަކަށެވެ. ބެލަޑު ފެށުމުގެ ކުރިން ކުރުކުރު ދެކެވޭ ވާހަކަކޮޅު ބޭނުންކުރެއެވެ. ހަތަރު ބަހުގެ މައްޗަށް ބައިތު ބިނާވެގެންވާ ބެލަޑުގައި ބައިތުގެ ދެވަނަ ބަހާއި ހަތަރުވަނަ ބަހުގެ ކާފިޔާ އެއްގޮތް ވާނެއެވެ. އެހެނަސް ފުރަތަމަ ބަހާއި ތިންވަނަ ބަހުގެ ކާފިޔާ އެއްގޮތެއް ނުވާނެއެވެ.

ދަ ޑައިނަމިކްސް އޮފް ފޯކްލޯރުގައި ބެރޭ ޓޮލްކަން (1979) ބަޔާންކުރައްވާ ގޮތުގައި އެހެނިހެން ލަވައެކޭ ވެސް އެއްފަދައިން މީސް ލަވަ ވެސް އުފެދިފައިވަނީ މޫސީގީއާއި (މިޔުޒިކާއި) ޅެންވެރި އިޙުސާސްތައް ބަޔާންކޮށްދޭ އިންސާނީ ޚިޔާލާތު ނުވަތަ ޖަޒްބާތުގެ މައްޗަށެވެ. ލަވައެއް މީސް ލަވައަކަށް ބަދަލުވަނީ ޖީލުންޖީލަށް އެލަވައެއް ކިޔަމުންކިޔަމުން އައުމުގެ ސަބަބުން އޭގެ ލަފުޒުތައް ބަދަލުވުމުންނެވެ. ނުވަތަ އެހެން ބަޔަކު އެ ބައެއްގެ ތެރޭގައި ހުންނަ އާންމު ޝުޢޫރާއި ޖަޒުބާތުތައް ފާޅުކުޅައުމަށް އެ ލަވައެއް ބޭނުންކުރަން ފެށުމުންނެވެ. ހަމައެހެންމެ މީސް ލަވައެއް ކަމުގައި އެ ހެދި މީހާއާ އެ ލަވައަކާ އޮންނަ ގުޅުން ގެއްލެއެވެ.

މީސް ލަވައަކަށް ވަނީ ކޮންމެހެން ގިނަބަޔަކު އެ އަޑު އަހާތީއެއް ނޫނެވެ. ނުވަތަ އެ ލަވައަކާ ގަޔާވާތީއެއް ވެސް ނޫނެވެ. މީސް ލަވައެއް ކަމުގައި ވަނީ ގިނަ ބަޔަކު އެ ބައެއްގެ އަމިއްލަވަންތަ ގޮތްތަކުގެ މަތީގައި އެ ލަވައެއް ކިޔުމުގައި ދެމި ތިބުމުންނެވެ. ލަވައެއް މީސް ލަވައަކަށް ބަދަލުވުމުގައި އެ ބައެއްގެ ތެރޭގައި ހުންނަ ޒީނަތްތެރިކަމާއި އެ ބައެއްގެ ވައްޓަފާޅި އެ ލަވައެއްގެ ތެރެއަށް މެހޭނެއެވެ. އަދި ލަފުޒުތަކާއި ވަގުތާއި ތަނާއި ކިޔައިދޭ ގޮތާއި ހުށަހެޅުން އަބަދުވެސް ދާނީ ބަދަލުވަމުންނެވެ. އެ ބައެއްގެ ދިރިއުޅުމުގެ ކުލަތައް އެ ލަވައަކުން ފެންނާނެއެވެ. މީސް ލަވައަކީ ވަރަށް މަދުން ނޫނީ ބަހުން ބަހަބަށް މަދަރުސާތަކުގައި އަދަބީ އެހެނިހެން ތަކެތި ދަސްކުރާ ބީދައިން ދަސްކުރެވޭ އެއްޗެއް ނޫނެވެ. އެކަމަކު އެއީ ޖޯކާއި މުޖުތަމަޢުގެ ތެރޭގައި އަރުވާ އަޑުތަކާއި ޢާއިލީ ފޮލާތައް ފަދައިން ދޭހަކޮށް ދެމިހުންނަ ގޮތް އަލުން އުފައްދައި ބޭނުންކުރާ އެއްޗެކެވެ.

އަޅުގަނޑުމެން ޢާއިލީ ލަވަތަކާއި އެއް އުމުރުގެ އެކުވެރިންނާއި މަސައްކަތުގެ ދާއިރާގެ ލަވަތައް އެނގެމުން ދާއިރު އަޅުގަނޑުމެންނަށް އެ ލަވައެއް ކިޔާނެ ގޮތާއި ވަގުތާއި އޭގެ ސަބަބުން ނަގައިކިޔާ ބައިގައި ބައިވެރިވެ އެއް ހަމައެއްގައި ލަވަކިޔަން ދަސްވަނީ އޭގެ މިސާލުތައް ފެންނަ ގޮތުންނެވެ. މީސް ލަވައިގެ މައިގަނޑު ޚިޔާލަކީ ވަކި ލަފުޒުތަކަކަށް ނުވަތަ ވަކި ރާގުތަކަކަށް ވުރެ އާންމު ގޮތެއްގައި މުހިންމު އެއްޗަކަށް ވާތީ އެކި ބާވަތްތަކުގެ ބަދަލުތައް އެއަށް އަންނަމުން ދެއެވެ. އޭގެތެރޭގައި ވެށީގެ އާދަކާދަތަކުގެ ތަފާތުތައް ނުވަތަ ޢިބާރާތްކުރުމާއި ޒަމީރީ ޒައުގާއި އުފެއްދުންތެރި ލަޔާޤަތްތެރިކަމާއި ހަނދާން ބަލިވުމާއި އިޖުތިމާޢީ އަދި ތާރީޚީ އެކި ޙާލަތުތަކުގެ ތަފާތުތައް ފަދަ ކަންކަމުގެ ސަބަބުން ދާއިމީ ބަދަލުތައް ލަވަކިޔުންތެރީންގެ ކިބައިން ޖީލުންޖީލަށް ވާރުތަވެއެވެ. މިބަދަލުތައް ހުއްޓުމެއް ނެތި އަންނާނެއެވެ.

ވަކި ޤައުމެއްގައި ވަކި ސަގާފަތެއްގައި މީސް ލަވައިގައި ދެ ލޯބިވެރިން ވަކިވުމުގެ ހިތާމައިގެ ވާހަކަދައްކައިގެން އެ ބައެއްގެ މުޖުތަމަޢުގެ ތެރޭގައި އެއްބައިވަންތަކަން އުފައްދާން މަސަކަތްކުރާ އިރު ހަމަ އެ މުޖުތަމައުގެ ތެރޭގައި އެހެންބަޔަކު، ބަޔަކު އެވަކިވާވަކިވުމުގެ ހިތްދަތިކަމަކީ އުފާވެރިކަމެއް ކަމުގައި ނުވަތަ މަޖަލެއްކަމުގައި ދެކެއެވެ. މީސް ލަވައަކީ އަދަބިއްޔާތުގެ އެހެނިހެން ވައްތަރުތަކާ ޚިލާފަށް މީސް ލަވައަކަށް ވުމަށް ޓަކައި ޤަދީމީ ނުވަތަ ރަށްފުށު އެއްޗަކަށް ވާކަން ނުޖެހެއެވެ. މީސް ލަވައަކަށް ސިފަގެނެސްދެނީ އެ ހުށަހަޅައިދޭ ބަޔަކު ހުށަހަޅައިދޭ ގޮތުންނާއި ހުށަހަޅައިދޭ ގޮތް ބައްޓަންކުރާ ގޮތުންނާއި ހުށަހަޅައިދޭ މީހުން އެ ލަވައެއްގެ އަގު ވަޒަންކުރާ ގޮތަކުންނެވެ. މީގެ އިތުރަށް ދާއިމީ ގޮތެއްގައި މީސް ލަވައަށް އުނި އިތުރު އަންނަމުން ދާނެއެވެ.

ބައެއް މީސް ލަވައަށް ކުދި ބަދަލުތައް އައިސް އަނެއްބައި ލަވަތަކަށް ބޮޑެތި ބަދަލުތައް އަންނަނީ ކީއްވެ ހެއްޔެވެ؟ ދިރާސާތަކުން ދައްކާ ގޮތުގައި ބަޔަކު ވަކި މުނާސަބަތެއް ފާހަގަކުރަން ނުވަތަ އެއްބައިވަންތަވެ އެކުވެރިކަން ބަދަހިކުރުމަށް ޓަކައި އެއްވާ އިރު އެއް އަޑަކުން އެއް ރާގެއްގައި އެ ކިޔާ ލަވަތަކަށް އަންނަ ބަދަލު ކުޑައެވެ. އެއަށް އުނި އިތުރުވާ ބައި ކުޑައެވެ. ނަމަވެސް މިއާ ޚިލާފަށް މީހަކު އެކަނި ނުވަތަ ވަކި މީހަކު ވަކި ތަނެއްގައި އެކަކު އެކަނި މީސް ލަވައެއް ކިޔާ ނަމަ އެއަށް އަންނަ ބަދަލު މާ ބޮޑުވާނެއެވެ. އެ ލަވައެއް އެހެން މީހުން ކިޔާ އިރު އެއަށް ފޮނިތޮށި ކާފުރުތޮޅި ލާނެއެވެ. މިސާލަކަށް އެމެރިކާގައި އާއިލީ ބައްދަލުވުންތަކުގައި ނުވަތަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަފުލާތަކުގައި ކިޔާ ލަވަތަކަކީ ކުދި ބަދަލުތައް އަންނަ ލަވަތަކެވެ. މިސާލީ “Happy birth day” މިލަވަޔާއި “you are my sun shine” ފާހަގަކުރެވެއެވެ.

ނަމަވެސް މީހުން އެކަނި ކިޔާ ލަވަތަކުގެ ތެރޭގައި ބާބަރާ އެލެން ފަދަ "ބެލަޑްތަކުގައި" އެތަކެއް ހާސް ނުސްޚާތައް ނުވަތަ ވައްތަރުތައް އެބަ ހުއްޓެވެ. މީގެ ސަބަބެއްކަމުގައި ޢިލްމުވެރިން ވިދާޅުވަނީ އެ އިރަކު އެ ލަވަކިޔާ ބައެއްގެ ތެރޭގައި ނަގައިކިޔާ ސަގާފަތާއި މާސްމީޑިޔާގެ ތަރުޙީބު ކަމުގައެވެ. ކުޑަކުދިންގެ ލަވަޔާއި ބެރެކިލަވަ (obscene songs) ބަދަލުތަކެއް ނައިސް އެއް ގޮތެއްގައި ދެމިހުންނަނީ އޭގައި ބޭނުންކުރެވޭ ބައެއް ޗާބީ ލަފުޒުތަކުގެ (key words) ސަބަބުންނެވެ. ތުންތުންމަތިން އަންނަ އާދަކާދަތަކުގެ ތެރޭގައި ހިމެނޭ ލޯބީގެ ޅެންތައް ކިޔާ ކޮންމެ ހިނދަކު ބަދަލުތަކެއް އަތުވެދާނެއެވެ. މީގެ ސަބަބުތައް ނޭނގުނަސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ މި ދެންނެވިހެން ތުންތުން މަތިން ވާރިދުވަމުން އަންނަ އާދަކާދައަކީ ބަދަލުވުމެއް ނެތި ހުއްޓުމެއް ނެތް އާންމު ކަންތައްކެއް ކަމަށް ވުމެވެ.

ކޮންމެވެސް ސަބަބަކާ ހުރެ ހިސާބަކަށް މީސް ލަވަތަކަށް ކުދިކުދި ބަދަލުތައް އައި ނަމަވެސް މިއަދު، ފިކުރީ މުދާ ހިމާޔަތްކުރުމުގެ ޤާނޫނުގެ ސަބަބުންނާއި އެ މީހެއްގެ އަމިއްލަ އުސްލޫބުގެ ގޮތުންނާއި އެ މީހެއްގެ ސަޕޯޓަރުންގެ ސަބަބުންނާއި މީސްމީޑިޔާއިން އެމީހެއްގެ އަމިލައްވަންތަކަން ހާމަކޮށްދޭން ދޭ ފުރުޞަތާއި ތަމްޖީދުގެ ސަބަބުން އެތަކެއް ޒަމާނެއް ވަންދެން އެއްވެސް ބަދަލެއް ނާންނަ ކިތަންމެ މީސް ލަވައެއް އެބަ ހުއްޓެވެ.

އެމެރިކާ މީހުން އަޑުއަހާ މިޔުޒިކަކީ އަދި އެމީހުން ގެންގުޅޭ މިޔުޒިކަކީ އެއްވެސް ޙާލަތެއްގައި ބައެއްގެ ފަރާތުން ވާރުތަވެގެން އައިސްފައިވާ އެއްޗެއް ނޫނެވެ. މިއާ ޚިލާފަށް އެ މިޔުޒިކާއި އެ ލަވަތަކަކީ އެ މީހުންގެ މިޔުޒިކު ސިނާޢަތުގައި މަސައްކަތްކުރާ މުސީގާރުންނާއި ލަވަކިޔުންތެރީންނާއި އެ ހުށަހަޅައިދޭ މީހުންގެ ފަރާތުން އެ މީހުން ދަސްކުރާ އެއްޗެހި ކަމުގައި ވެއެވެ. މި ސަބަބަށް ޓަކައި ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ މީސް ލަވަޔާއި އެހެން ލަވަތަކާ ހުންނަ ތަފާތުތަކަކީ އެއްވެސް ޙާލެއްގައި އެ ލަވައެއްގެ ފެންވަރާއި އެއިން ލިއްބައިދޭ ހިތްހަމަޖެހުމުގެ ލައްޒަތާއި ސާފުކަމާއި ވިޔަފާރީގައި މަޝްހޫރުވުމުގެ މައްޗަށް ބިނާވާ ތަފާތުތަކަށް ނުވާކަމެވެ. މި ތަފާތުކުރުންތައް ބިނާވެގެންވަނީ މޫސީގީއާއި ޝާޢިރާނާ ޝުޢޫރުތައް ފާޅުކޮށް އުފައްދާ އުފެއްދުންތައް އެކި ސަގާފަތްތަކުގެ ތެރޭގައްޔާއި މުޖުތަމަޢުތަކުގެ ތެރޭގައި އިންތިޤާލްކުރެވޭ ގޮތުގެ މައްޗަށެވެ. މީސް ލަވަތައް ތާއަބަދަށް ދެމިގެންދާ ސަބަބަކީ އެކިއެކި ސަގާފަތްތަކުގެ ތެރޭގައި އެ ލަވައެއް ކެނޑިނޭޅި ބޭނުންކޮށް އެއަށް އުނި އިތުރު ގެންނަމުންދިޔުމެވެ. މިއާ ޚިލާފަށް ތިޖާރީ ލަވަތަކަށް ބަދަލެއް ނައިސް އެ އުފެއްދި މީހާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ދެމިހުރެއެވެ.

ކުރިން މި ދެންނެވި މީސް ލަވަޔަށް ބަދަލު އަންނަ ގޮތާ ޚިލާފަށް ތުންތުންމަތިން އައިސްފައިވާ މީސް ލަވަތައް ނުވަތަ ބެލަޑްތަކަށް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ލިބި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާ ދާއިރާއެއްގައި ފެތުރިފައެވެ. އަށާރަ ވަނަ ޤަރުނުގެ އެތަކެއް މާކޮއްރާސް ބެލަޑްތައް ވަނީ ތުންތުންމަތީން ކިޔަމުން އައި ލަވަތަކުގެ ތެރެއިން ވަކިކޮށް މިޔުޒިކުގެ ގޮތުގައި ބަލައިގަނެވި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަޝްހޫރުކަން ހޯދައިފައެވެ. ހަމަ ބީދައިން ވިޔަފާރީގެ އުސޫލުން އުފެއްދި ބައެއް ތިޖާރީ ލަވަތައް ވެސް ވަނީ މީސް ލަވަތަކަށް ބަދަލުވެ ދޫދޫމަތީން ކިޔޭ އެއްޗެއްގެ ގޮތުގައި ދާއިމުވެފައެވެ.

މިސާލަކަށް ދޫދޫމަތިން ކިޔަމުން އައި ލަވަތަކެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ލަވަތައް 1950ގެ އަހަރުތަކުގައި ވަނީ މަޤުބޫލު ލަވަތަކެއް ކަމުގައި ވެފައެވެ. މިއިން މި ހާމަކޮށްދެނީ މީސް ލަވަޔާއި ތިޖާރީ ލަވަޔާ ގުޅުންތަކެއް ވާކަމެވެ. މީގެ ސިއްރަކީ ޤަދީމީ މޫސީގާރުން އުފައްދާ މިޔުޒިކުގައި އެ މީހުން އާންމުކޮށް މީސް މިޔުޒިކު ބޭނުންކޮށްފައިވާކަމެވެ.

ދިވެހި އަދަބިއްޔާތުގައި ވެސް މި ދެންނެވުނު ފަދަ ވާހަކަ ޅެންތަކާއި މީސްލަވަތަކާއި ބެލަޑުތައް ހުންނާނެކަން ޔަގީނެވެ. ބަޔާން މި ކުޅަ ކަންކަމުގެ އަލީގައި އެކަންކަން ދެނެގަނެވި އާންމު ކުރުމަކީ ކުރެވޭ އުންމީދެކެވެ. ދިވެހި އަދަބާއި ދިވެހި ޅެންވެރިކަމަށް އަދަށް ވުރެ ފެހި މާދަމާއަކަށް އެދެމެވެ.