ޕާކިސްތާންގެ ޓިކްޓޮކް ތަރި ޝަމްސޫ ބީބީ މަރައިލުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
"ހަމަލާދިނުމުގައި މައިގަނޑު ދައުރު އަދާކުރި މީހުން އަދި ހައްޔަރެއް ނުކުރެވޭ. ނަމަވެސް ހަމަލާދިނުމަށް މަގުފަހިކޮށްދިން މަދުވެގެން ތިން މީހަކު ހައްޔަރުކޮށްފިން،" އޮފިޝަލަކު ބުންޏެވެ.
އައިޝާ ޖީލާމާނާގެ ނަމުން އޮންލައިން ދުނިޔޭގައި އިންފްލުއެންސާއަކަށްވި އުމުރުން 28 އަހަރުގެ ޝަމްސޫ (ފޮޓޯ) މަރައިލީ މި މަހު 14 ގައި އޭނާގެ ފިރިހެން ކޮއްކޮ ނިއަމަތުﷲ އާއި އަންހެން ކޮއްކޮ އަސީމާއާއެކު ކާރެއްގައި ދަނިކޮށް ބަޑިޖަހައެވެ.
ޓިކްޓޮކްގައި 1.3 މިލިއަން ފޮލޮވަރުން ތިބި، މަޖާ ޒާތުގެ ވީޑިއޯތައް ހަދާތާ ހަތަރު ވަރަކަށް އަހަރުވެފައިވާ ޝަމްސޫގެ ކަރަށް ވަޒަން އެރީ ސައިކަލެއްގައި ދިޔަ ދެ މީހުން ކާރާ ދިމާއަށް ބަޑިޖެހުމުންނެވެ. މި ހަމަލާގައި އަސީމާއަށް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ.
ފުލުހުން މި މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ މީހުން މެރުމުގެ ކޭސްއެއްގެ ގޮތުގައެވެ.
ޝަމްސޫގެ ޓިކްޓޮކް އެކައުންޓާއި ޔޫޓިއުބް ޗެނަލްވެސް މިހާރު ވަނީ އިންޓަނެޓުން ނަގައިފައެވެ.
ޝަމްސޫގެ އާއިލާއިން ބުނީ އޭނާ މަރައިލުން ގުޅެނީ ފައިސާގެ މައްސަލައަކާ ކަމަށެވެ. އަދި ކުރިންވެސް ބަޔަކު އޭނާއަށް އިންޒާރުތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ ޝަމްސޫ މަރައިލީ ކީއްވެކަން އަދި ނޭނގޭ ކަމަށެވެ.
"ހަމަލާދިނީ އޭނާގެ އަޑު ކަނޑުވައިލައި އޭނާގެ ފައިސާ އަތުލުމަށް،" ޝަމްސޫގެ ބައްޕަ ފަޒާލު ސާހިބްޒާދާ ބުންޏެވެ.
ނިއަމަތުﷲ ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރު މަރްޔަމު ނަވާޒު ޝަރީފުއަށް ގޮވައިލީ ދައްތައަށް އިންސާފު ހޯދައިދިނުމަށެވެ.
ޝަމްސޫ މަރައިލުމުން ސޯޝަލް މީޑިއާގައި މަޝްހޫރު ޕާކިސްތާން އަންހެނުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމާމެދު އަނެއްކާވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ޓިކްޓޮކް ތަރި އުމުރުން 17 އަހަރުގެ ސަނާ ޔޫސުފުގެ ގަޔަށް ބަޑިޖަހައި މަރައިލި އުމުރުން 23 އަހަރުގެ އުމަރު ހަޔާތުއަށް ކޯޓަކުން މި ދިޔަ މެއިގައި މަރުގެ ހުކުމް އިއްވިއެވެ. ފެޝަނާއި ސަގާފަތާއި އަންހެންކުދިންގެ ތައުލީމާ ގުޅޭ ކަންތައްތަކާ ބެހޭ ގޮތުން ޓިކްޓޮކަށް ވީޑިއޯ ހަދަމުންދިޔަ ސަނާއާ ލޯބީގެ ގޮތުން ގުޅެން ބޭނުންވެގެން އުމަރު ހުށަހެޅި ހުށަހެޅުން ސަނާ ގަބޫލުނުކުރުމުން މި ދިޔަ އަހަރު ޖޫން ދޭއްގައި ސަނާގެ ގެއަށް ގޮސް އުމަރު ވަނީ ސަނާގެ މަންމަ އާއި ބޮޑުދައިތަގެ ކުރިމަތީގައި ސަނާގެ ގަޔަށް ބަޑިޖަހައި ސަނާ މަރައިލައިފައެވެ. އަދި އެއަށްފަހު ސަނާގެ މޮބައިލް ފޯން ހިފައިގެން ފިލައިފައެވެ.
އެހެން ޓިކްޓޮކް ތަރިއެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސަނާ ޖާވިދު މަރައިލީ އޭނާއާ ގުޅުން ކެނޑިފައިވާ ފިރިމީހާއެވެ. އެއީ ސަނާގެ ގަޔަށް ބަޑިޖަހައިގެންނެވެ. އެއަށްފަހު ފިރިމީހާ އަމިއްލައަށް މަރުވިއެވެ. އަމިއްލައަށް ގަޔަށް ބަޑިޖަހައިގެންނެވެ.
އުމުރުން 16 އަހަރުގެ ޓިކްޓޮކް އަންހެން ތަރިއެއް މަރައިލީ އޭނާގެ ބައްޕައެވެ. އެއީ އޭނާގެ އެކައުންޓް ޑިލީޓްކޮށްލަން ދެކޮޅުހެދުމުންނެވެ.
ޓިކްޓޮކަކީ ވީޑިއޯއަށް ބިނާވެފައިވާ ސޯޝަލް މީޑިއާ މަންސައަަކަށްވާތީ ލިޔަންކިޔަން ނުދަންނަ ގިނަ ބަޔަކަށް ޓިކްޓޮކް ކަމުދެއެވެ. އަދި ޕާކިސްތާންގެ ރަސްމީ ވަޒީފާ ދާއިރާގައި އަންހެނުން 25 ޕަސެންޓްވެސް ހިއްސާނުކުރާއިރު ސޯޝަލް މީޑިއާއަކީ އޯޑިއެންސެއް ހޯދައި އާމްދަނީ ހޯދުމަށް އަންހެނުންނަށް އޮތް ނާދިރު ފުރުސަތެކެވެ.



advertisment