Support Us

ސަނާ ޔޫސުފު އަދި އުމަރު ހަޔާތު (ވަކި ފޮޓޯގައި)

ޕާކިސްތާންގެ ޓިކްޓޮކް ތަރި ސަނާ ޔޫސުފު މަރައިލި މީހާއަށް މަރުގެ ހުކުމް

ޕާކިސްތާންގެ އުމުރުން 17 އަހަރުގެ ޓިކްޓޮކް ތަރި ސަނާ ޔޫސުފު މަރައިލި އުމުރުން 23 އަހަރުގެ އުމަރު ހަޔާތުއަށް ޕާކިސްތާންގެ ކޯޓަކުން މަރުގެ ހުކުމްކޮށްފިއެވެ.

އަންގާރަ ދުވަހު ކުރި ހުކުމް ތަންފީޒުކުރާނީ ވެރިރަށް އިސްލާމްއާބާދުގެ ހައި ކޯޓުން ބެލުމަށްފަހުއެވެ.

ސަނާގެ އާއިލާއަށް ބަދަލެއްގެ ގޮތުގައި ޕާކިސްތާންގެ 2.5 މިލިއަން ރުޕީސް (9،000 ޑޮލަރު ނުވަތަ 138،690ރ.) ދިނުމަށް ވެސް އުމަރުގެ މައްޗަށް ހުކުމްކުރިއެވެ.

ފެޝަނާއި ސަގާފަތާއި އަންހެންކުދިންގެ ތައުލީމާ ގުޅޭ ކަންތައްތަކާ ބެހޭ ގޮތުން ޓިކްޓޮކަށް ވީޑިއޯ ހަދަމުންދިޔަ ސަނާއާ ލޯބީގެ ގޮތުން ގުޅެން ބޭނުންވެގެން އުމަރު ހުށަހެޅި ހުށަހެޅުން ސަނާ ގަބޫލުނުކުރުމުން މި ދިޔަ އަހަރު ޖޫން ދޭއްގައި ސަނާގެ ގެއަށް ގޮސް އުމަރު ވަނީ ސަނާގެ މަންމަ އާއި ބޮޑުދައިތަގެ ކުރިމަތީގައި ސަނާގެ ގަޔަށް ބަޑިޖަހައި ސަނާ މަރައިލައިފައެވެ. އަދި އެއަށްފަހު ސަނާގެ މޮބައިލް ފޯން ހިފައިގެން ފިލައިފައެވެ.

އިންސްޓަގްރާމްގައި ވެސް އެކައުންޓެއް ގެންގުޅުނު، އެތައް މިލިއަން މީހުން ފޮލޯކުރި ސަނާ މަރައިލުން ވެގެންދިޔައީ މުޅި ގައުމު ސިއްސުވައިލި ކަމަކަށެވެ. އަދި އެ ހާދިސާގެ ސަބަބުން އަންހެނުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން ކުރާ ބަހުސް އަލުން ފެށުނެވެ.

"ކޯޓުން އިއްވި މި ހުކުމަކީ މި ފަދަ އަމަލުތައް ކުރާ ކޮންމެ މީހަކަށް ފިލާވަޅެއް،" ސަނާގެ ބައްޕަ ސައީދު ޔޫސުފު ހަސަން ޝާހު ބުންޏެވެ.

ފުލުހުން ބުނީ ސަނާ މަރައިލައިފައިވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ.

ސަގާފީ ހެދުން އިސްތިހާރުކުރި ސަނާއަކީ ސިއްހީ ދާއިރާއިން ކިޔަވަމުންދިޔަ ކުއްޖެކެވެ. ސޯޝަލް މީޑިއާއިން އޭނާއަށް ލިބުނު ފައިސާ އާއި އޭނާ ލައްވާ އިސްތިހާރުކުރުމަށް ކުންފުނިތަކުން އޭނާއަށް ދިން ހެދުންތައް އޭނާ ދިނީ ފަގީރުންނަށާއި ނިކަމެތި އަންހެންކުދިންނަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *