ފެނަކައިގެ ކޭބަލްތަކެއް ހއ. ބާރަށަށް ގެންދަން ކޮޅުވެއްޓިއެއް ކުއްޔަށް ހިފައިފައި، ބާރަށް ކައިރީގައި ހުރި އެހެން ރަށްތަކަށް ސާމާނުތަކެއް ފޮނުވުމަށް އެއް ކުންފުންޏަކުން، އެއް ދުވަހެއްގައި އަނެއްކާ ވެސް އެހެން ކޮޅުވެއްޓިއެއް ބޮޑު އަގުގައި ކުއްޔަށް ހިފިކަން "އަދިވެސް" އަށް ލިބިފައިވާ ލިޔެކިއުންތަކުން އެނގިއްޖެއެވެ.
ފެނަކައިގެ ލިޔެކިއުންތަކުން ފެންނަން ހުރި ގޮތުގައި ދެ ދަތުރެއްގެ ގޮތުގައި ލިޔެކިއުން ތައްޔާރުކޮށް، ސެޕްޓެމްބަރު 9 ގައި ދެ ދަތުރު ވެސް ދީފައި ވަނީ އާކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ. ފުރަތަމަ ދަތުރުގެ ޕާޗޭސް އޯޑަރު ތައްޔާރުކޮށްފައި ވަނީ ބާރަށަށް ކޭބަލްތަކެއް ގެންދަން، ހެވީ ވެހިކަލާއެކު ކޮޅުވެއްޓި ކުއްޔަށް ހިފުމަށް 150،308ރ. އަށެވެ. ހަމަ އެ ދުވަހު، އެ ވަގުތު، އަނެއް ޕާޗޭސް އޯޑަރު ތައްޔާރުކޮށްފައިވަނީ ބާރަށް ކައިރީގައި ހުރި އެހެން ރަށްތައް ވެސް ހިމެނޭ ގޮތަށް، އުތުރުގެ 18 ރަށަކަށް ސާމާނު ގެންދިއުމަށް 380،858ރ. އަށެވެ.
ފެނަކައިގެ ދަތުރުތަކަށް ކޮޅުވެއްޓި އާއި ދޯނިފަހަރު އެންމެ ގިނައިން ކުއްޔަށް ހިފައިފައި ހުންނަނީ އާކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އާކާ އިންވެސްޓްމަންޓަށް ދަތުރުތައް ދީފައި ހުންނަނީ މާލީ ގަވައިދުގައި ބުނާ ތިން ކޯޓޭޝަން ހޯދައިގެންނެވެ. މި ކޯޓޭޝަންތަކުގެ ތެރޭގައި ހެވީލޯޑް މޯލްޑިވްސްގެ ކޯޓޭޝަން ވެސް ހުރެއެވެ. ނަމަވެސް، ގިނަ ދަތުރުތައް ލިބެނީ އާކާ އިންވެސްޓްމަންޓަށެވެ. ހެވީ ލޯޑުން ހުށަހަޅާ އަގަށްވުރެ އާކާ އިންވެސްޓްމަންޓުން ހުށަހަޅާ އަގު ކުޑަކަމުންނެވެ. އެކަމަކު، އާކާ އިންވެސްޓްމަންޓުގެ ދަތުރުތައް ކުރަނީ ހެވީލޯޑުގެ އުޅަނދުފަހަރުގައެވެ. އެހެންކަމުން، މިއީ ވަރަށް ރަނގަޅަށް ރޭވިގެން ހިނގާ ކަމެއް ކަމުގައި، "އަދިވެސް" އަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.
މި ކަމާ ގުޅިގެން ފެނަކައިގެ އެމް.ޑީ އަހުމަދު ސައީދު "އަދިވެސް" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ބާރަށަށް ކޭބަލްތަކެއް ގެންދިއުމަށް އާކާ އިންވެސްމަންޓަށް ޕީއޯއެއް ހެދި ކަމަށެވެ. ނަމަވެސް އެދުވަހު އެތަކެތި ސްޓެލްކޯއިން ނުލިބުމުން ބާރަށަށް ކުރަން އޮތް ދަތުރު ކެންސަލްވެފައިވާ ކަމަށެވެ. އަދި ކޮޅުވެއްޓި ހިފައިފައި އޮތުމުން ރ. ހުޅުދުއްފާރަށާއި އިތުރު އެހެން ރަށްތަކަކަށް ޖެނެރޭޓަރުތަކެއް ގެންގޮސްފައިވާ ކަމަށެވެ.
"އެ ޑޮކިއުމަންޓްގައި ބާރަށް އޮތް ނަމަވެސް އެ ދަތުރު ބާރަށަކަށް ނުދޭ، އެއީ އޮޅުމެއް. އެދުވަހު ސްޓެލްކޯއިން ލިބެންޖެހޭ ކޭބަލްތަކެއް ނުލިބިގެން އެތަކެތި ބާރަށަށް އެދުވަހު ނުގެންދެވުން. ދެން އިތުރު ރަށްތަކަކަށް ޖެނެރޭޓަރުތަކެއް ގެންދަން ޖެހިގެން އެ ލޭންޑިން ކްރާފްޓް މި ދިޔައީ އެ ރަށްތަކަށް،" ސައީދު ވިދާޅުވި އެވެ.
އުތުރުގެ 18 ރަށަކަށް ހަމަ އެދުވަހު އިތުރު ދަތުރުތަކެއް އެޅުމަށް ޕީއޯ ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމަންޓް ވެސް އަދިވެސް އަށް ލިބިފައިވާއިރު އެ ދަތުރުތައް ނަގަން ހަމަޖެއްސީ ބާރަށަށް ކުރަން ހަމަޖެހުނު ދަތުރު ކެންސަލްވި ފަހުންތޯ އަދި ޕީއޯ ކެންސަލް ނުކޮށް، އިތުރު ދަތުރުތަކެއް އެ ޕީއޯ އަށް ނަގާފައިވަނީ ހަމަ އެއަގުގައި ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ސައީދު ވިދާޅުވީ އާކާ އިންވެސްޓްމަންޓަކީ ވަރަށް ގިނަ ހެވީ ވެހިކަލް ހުންނަ ކުންފުންޏެއް ކަމުން އިތުރު ދަތުރުތަކެއް އެ ކުންފުނިން ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އުތުރުގެ 18 ރަށަކަށް ދިއުމަށް ލޭންޑިން ކްރާފްޓަކާއި ހެވީ ވެހިކަލް ކުއްޔަށް ހިފާފައިވާއިރު ބާރަށަށް ވަކިން ދަތުރެއް އަޅަން ޕީއޯއެއް ހަދާފައިވަނީ ކީއްވެ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. އަދި ބާރަށަށް ދިއުމަށް ކުއްޔަށް ހިފި ޑޮކިއުމަންޓް ކެންސަލްނުކޮށް އިތުރު ރަށްތަކަށް އެ ދަތުރު ގޮސްފައިވަނީ ހަމަ އެ އަގުގައިތޯ ވެސް އަދިވަނީ ސާފުވާގޮތް ނުވެފައެވެ.
ސައީދު ވިދާޅުވީ ބާރަށަށް ގެންދިއުމަށް ކުރިން ގެންދަން ހަމަޖެއްސި ކޭބަލްތައް ފަހުން ގެންގޮސްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ށ. ނަލަންދޫ ފަރަށް އެރި ހެވީ ސްޓާގައި ކަމަށެވެ. އެ ކޮޅުވެއްޓީގައި ގެންދިޔަ އެއްޗެހި ބާލައި، އިތުރު ލޭންޑިން ކްރާފްޓެއް ބޭނުންކޮށްގެން އެ ރަށްރަށަށް ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



advertisment