"އެވަޓާ" ފްރެންޗައިޒްގެ ތިންވަނަ ބައި "އެވަޓާ: ފަޔާ އެންޑް އޭޝް" މި ދިޔަ އަހަރު ޑިސެމްބަރުގައި ނެރެފައި އޮއްވައި، ބާކީ އޮތް ދެ ބައި ޑިރެކްޓް ނުކޮށްފާނެ ކަމަށް ކެނެޑާގެ ޑިރެކްޓަރު ޖޭމްސް ކެމަރަން ބުނެފިއެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) ހޯދި ފިލްމަކަށް އޭނާގެ "ޓައިޓޭނިކް"ވިއިރު "އެވަޓާ"ގެ ފުރަތަމަ ބައި "އެވަޓާ"އަށް 2.92 ބިލިއަން ޑޮލަރު (45.11 ބިލިއަން ރުފިޔާ) ލިބި، ދުނިޔޭގެ ބޮކްސް އޮފީހުގެ އެއްވަނައިގައި އަދިވެސް އެ ފިލްމް އޮތްއިރު، ކެމަރަން ބުނީ "އެވަޓާ"ގެ ހަތަރުވަނަ ބަޔާއި ފަސްވަނަ ބައިވެސް ނެރޭނެ ކަމަށެވެ. އަދި މި ދިޔަ އަހަރު ޑިސެމްބަރުގައި ބުނެފައިވަނީ އެ ދެ ބައި ޑިރެކްޓްކުރާނީވެސް އޭނާ ކަމަށެވެ.
މި ދެ ބައި ހަރަދު ކުޑަކޮށް ހެދުމާ ގުޅޭ ގޮތުން މި އަހަރު ކުރީކޮޅުވެސް ކެމަރަން ވާހަކަދެއްކިއިރު ދެ ބައި ޑިރެކްޓްކުރުމާމެދު އޭނާގެ ރާގު މިހާރު ބަދަލުވެއްޖެއެވެ.
"އަހަރެން އަހަރެންގެ ނަފުސާ މިހާރު ސުވާލުކުރަމުން މި ދަނީ އަހަރެން ދެން ކިޔައިދޭނެ ވާހަކަތަކަކީ ކޮބައިތޯ،" އުމުރުން 71 އަހަރުގެ ކެމަރަން މި ދިޔަ ހަފުތާގައި ބުންޏެވެ.
އޭނާ ބުނީ އޭނާ މިހާރު ވިސްނަމުންދަނީ އޭނާގެ ފިލްމީ ކެރިއަރުގެ "ނިންމާލައި ބައި"ގައި ކުރާނީ ކޮން ކަމެއްތޯއާމެދު ކަމަށެވެ. އަދި "އެވަޓާ"ގެ ބާކީ ދެ ބައި ޑިރެކްޓްކުރުމަކީ ކޮންމެހެން ސީދާ އޭނާ ކުރަން ޖެހޭ ކަމެއްތޯއާމެދު އޭނާގެ ހިތުގައި ސުވާލު އުފެދޭ ކަމަށެވެ.
ކެމަރަން މިހެން ބުނި ނަމަވެސް "އެވަޓާ"ގެ ބާކީ ދެ ބައި ޑިރެކްޓްކުރާނީ އެހެން މީހުންކަމެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ.
އޭނާ ބުނީ "އެވަޓާ" ފްރެންޗައިޒްއަށް މިހާތަނަށް އޭނާގެ އުމުރުން 21 އަހަރު ހޭދަކޮށްފި ކަމަށެވެ. އަދި އުމުރުގެ ބާކީ ބައިގައި ހަދަން ބޭނުންވާ ފިލްމްތައް އެބަހުރި ކަމަށާއި "އެވަޓާ" ފްރެންޗައިޒަށް ވަގުތު ދޭން ހަދައިގެން އެހެން ޕްރޮޖެކްޓްތައް ކުރިއަށްނުގެންދެވި ހުރީ ކަމަށެވެ. ނަމަވެސް "އެވަޓާ"ގެ ހަތަރުވަނަ ބަޔާއި ފަސްވަނަ ބައި ޑިރެކްޓް ކުރުމާއި ނުވަތަ ނުކުރުމާމެދު ކަނޑައެޅިގެން އަދި ވަކި ގޮތެއް މި ވަގުތު ނިންމައިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"އެވަޓާ"ގެ އިތުރުން ކެމަރަން ހަދަން ބޭނުންވާ އިތުރު ފިލްމްތަކުގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން ޖަޕާންގެ ހިރޮޝިމާ އަދި ނަގަސަކީއަށް ނިއުކްލިއަ ބޮން އެޅި ހާދިސާއާ ބެހޭ ފިލްމް "ދަ ލާސްޓް ޓްރެއިން ފްރޮމް ހިރޮޝިމާ" ހިމެނެއެވެ. އަދި ޓޭލާ ސްޓީވަންސްގެ ވާހަކަ "ދި އިންފޮމޭޝަނިސްޓް" އާއި ޖޯ އެބަކްރޮމްބީގެ ވާހަކަ "ދަ ޑެވިލްސް"ގެ ފިލްމް ވެސް ހަދަން ބޭނުންވެއެވެ.
ކެމަރަން ބުނީ އޭނާ ވިސްނަމުންދަނީ އެހެން ބައެއް ފިލްމްތައް ޑިރެކްޓްކުރާށާއި ސްކްރީންޕްލޭ ލިޔާށާއި އަދި ފިލްމް ހަދާ އެހެން މީހުންނާ ގުޅިގެން އެހެން ބައެއް ފިލްމްތައް ޕްރޮޑިއުސްކުރާށެވެ.
"އަހަރެން 2005 އިން ފެށިގެން ހުރިހާ ވަގުތެއްހެން މި ހޭދަކުރީ 'އެވަޓާ' ފްރެންޗައިޒް ހެދުމުގައި. އަހަރެން މިހާރު ބޭނުން އަހަރެމެންގެ ދުނިޔެއަށް ހެޔޮ ބަދަލެއް ގެނެވިދާނެ، އަހަރެމެން މި އުޅޭ ދުނިޔެ އަހަރެމެންގެ ދަރިންނަށް ރަނގަޅު ތަނަކަށް ހަދަން އެ ކަމަށް މަގުކޮށައިދެވިދާނެ ފިލްމްތައް ހަދަން،" އޭނާ ބުންޏެވެ.
"އެވަޓާ"ގެ ދެވަނަ ބައި ކަމަށްވާ "އެވަޓާ: ދަ ވޭ އޮފް ވޯޓާ"އަށް މުޅި ދުނިޔެއިން 2.33 ބިލިއަން ޑޮލަރު (35.99 ބިލިއަން ރުފިޔާ) ލިބިފައިވާއިރު ތިންވަނަ ބައި "އެވަޓާ: ފަޔާ އެންޑް އޭޝް"އަށް 1.48 ބިލިއަން ޑޮލަރު (22.86 ބިލިއަން ރުފިޔާ) ލިބިފައިވެއެވެ.



advertisment