Support Us

އިންޑިއާއާ އެކު ހަދަމުންދާ އެގްރިމަންޓްތައް އުވާލާނެކަމުގެ އިޝާރާތެއް ދެއްވައިފި

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާނެ ހުރިހާ އެއްބަސްވުންތަކެއް 2023 ގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރައީސުލްޖުމްހޫރިއްޔާ ކަމަށް އަލުން އިންތިޚާބުވެވަޑައިގަތުމަށްފަހު އުވާލައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ޕީ.އެން.ސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާ އެކު ހަދަމުންދާ އެގްރިމަންޓްތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ކަންކަން އެބަހުރި ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލިސްގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި، ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.

"ރާއްޖޭގެ މިނވަންކަމާއި ސިޔާދަތަށް ނުރައްކާވާނެ ހުރިހައި އެއްބަސްވުންތައް ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތުމަށްފހު އުވާލާނަން. 2023ގެ ރިޔާސީ ކެންޑިޑޭޓް ލިސްޓުގައި ރައީސް ޔާމީނުގެ ނަންފުޅު އޮންނާނެ އިންޝާﷲ. އެމަނިކުފާނު ގައުމުގެ ސިޔާދަތު އަލުން ހޯއްދަވައިދެއްވާނެ. ރައްޔިތުންނަށް ހިދުމަތް ކުރައްވާނެ އިންޝާﷲ،" ރައީސް ޔާމީން އެންމެ އިތުބާރު ކުރެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އާދަމް ޝަރީފުގެ ޓުވީޓުގައި ވިދާޅުވިއެވެ. އާދަމް ޝަރީފަކީ ރައީސް ޔާމީންގެ ތިން ވަނަ ޑިފެންސް މިނިސްޓަރެވެ.

ދެހާސް ތޭރައިން ފެށިގެން ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފައިވާ ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ފަސް އަހަރުގެ ޖަލު ހުކުމެެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

ރައީސް ސޯލިހުގެ، ދެ އަހަރުވާން ކައިރިވެފައިވާ ސަރުކާރަކީ "އިންޑިއާ ފަސްޓް" ޕޮލިސީގެ ސަރުކާރެއް ނަމަވެސް، ރައީސް ޔާމީނުގެ ފަސް އަހަރު ފާހަގަވެގެން ގޮސްފައި ވަނީ އިންޑިއާއާ ދުރު، އަދި އިންޑިއާ އެންމެ އަދާވާތްތެރިކަން ބާއްވާ ޗައިނާއާ ދޯޅު ސަރުކާރެއްގެ ގޮތުގައެވެ.

ރާއްޖެއިން އިންޑިއާއާއެކު އޮންނަ ގާތްގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލިގެން ހިނގައިދާނެ ކަމަށް އިދިކޮޅުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލަމުން ގެންދަނީ ވެސް އިދިކޮޅު ކޯލިޝަނުންނެވެ.

މި ރާއްޖެއަކީ މިހާރު އިންޑިއާގެ އަވަށެއް ކަމަށާއި ފޮރިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިންދީ ބަހުން ވާހަކަ ދައްކަވާފައިވާތީ އިދިކޮޅު ކޯލީޝަންގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދާދި ފަހުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ ރަސްމިއްޔާތުގައި ޝާހިދު ހިންދީ ބަހުން ވާހަކަ ދައްކަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އޭގެން ވެސް ގައުމު މިއަދު އޮތް ހާލަތު ވަރަށް ރަނގަޅަށް ދޭހަވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލީ އެހީގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ ލޯނު އެހީއެއް އިންޑިއާ ސަރުކާރުން ދާދި ފަހުން ވެސް ވަނީ ރާއްޖެއަށް ދީފައެވެ. މި ލޯނު އެހީގެ ޕެކޭޖުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަނެ، ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ އިންޓަރެސްޓަކާއެކު ދިން ލޯނުތަކެއް ކަމެއް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތެއް ވެސް ނޭނގޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދިި ރާއްޖެއަށް ދެ ހެލިކޮޕްޓަރު "ހަދިޔާކޮށް" އެ ދެ ހެލިކޮޕްޓަރު އުދުއްސަން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ތިބޭ މައްސަލައާއި ރާއްޖޭގައި ދުއްވަން އިންޑިއާ ކޯސްޓްގާޑުގެ ޑޯނިއާ ފްލައިޓެއް ގެންނަން އުޅޭ މައްސަލައާއި އައްޑޫ ހަންކެޑައިގައި އިންޑިއާ އިން ހަދާ ޕޮލިސް ޓްރޭނިން ސްކޫލަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ބުނެވެސް އިދިކޮޅު ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ. އެކަމަކު ދިވެހި އަދި އިންޑިއާ ސަރުކާރުން އެކަން ދޮގުކުރެއެވެ.

ލޯނާއި މިލިޓަރީ އެހީތައް ދީ، އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ގިނަ ބަޔަކު #އިންޑިއާއައުޓް ކެމްޕެއިން ހިންގަމުންދާއިރު ދިވެހި ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ އިންޑިއާގެ އެހީތެރިކަމާއި މަދަދުގެ ވާހަކަތައް ދައްކައި އިންޓަވިއު ދީ، އިންޑިއާ ރުހޭ ކަހަލަ ޓްވީޓްތައް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ނުވާނެ ތިކަމެއް ޔާމީނަށް ހެލިކެޕްޓަރުވެސް ބޭރު ނުކުރެވުނު.. ފަސް އަހަރު ވެރިކަން ކުރިއިރު އެހެން ކިޔަކިޔާ ތިބީ.. މިއަދު ކޮން ހާބޮޑެއް ތިކަނޑަނީ..

    ތިބޭފުޅާ ނޫންތޯ އަޑީގަހުރީވެސް އޭރުގައި..

    ދިވެހީން ގުބޯ ހައްދަން ނޫޅޭ..

    މިހާރު ހަމަ އެކަނި ޓެސްޓު ނުކުރެވި ހުރީ އުމަރު ނަސީރު.. މިފަހަރު އޭނާ ވެސް ޓެސްޓުކޮށްލަމާ ބަހީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *