Support Us

ކޮލަމް ކަލާވެހި: ގަބުޅިޔާއި، މަގު-އޮށްވަޅުގޮނޑިޔާއި، ބޮރްޝަރް ބްރިޝްތީގެ ވާހަކަ

އަޅުގަނޑުމެން ދިވެހީންނަކީ ޒަމާނުގެ ތަހުޒީބާއި ތަމައްދުނަށް މަރުޙަބާކިޔުމުގައި ދުނިޔެއިން އެއްވަނަޔޭ ދެންނެވިއްޔާ ތިޔައިގެން ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިގަންނަވާނެއެވެ. އަދި، ޒަމާނުގެ ގޮތުން އަޅުގަނޑުމެން ޢުމުރުގެ މީހުންނަށްވުރެ ކުރީގައި ތިއްބަވާ، ތަންކޮޅެއް މިހައިރުގެ ބަހުން ދަންނަވާ ނަމަ ދުނިޔޭގެ ޢިލްމީ ސިންދަފާތުކަމުގައި ބާރަށް ހިއްޕަވައި، މަޢުލޫމާތުގެ ޚަޒާނާއިން ބޯކޮށް ލިބިވަޑައިގެން، ދުނިޔޭގެ ކަންކަމައިގެން ފިސާރި ބާރަށް ކުރިޔަށް ކަނޑާ އޮޑިޔެއްގައި ތިއްބަވާ ބައެއް ބޭފުޅުން އަޅުގަނޑު މިދަންނަވާ ކަންކަމާ ވަރަށް ބާރަށް އަތްޕުޅުޖައްސަވައި ތާއީދުކުރައްވާނޭ ކަމެއް މިހައިރަކު އެހައި ކަށަވަރެއް ނޫނެވެ.

ދުނިޔޭގެ ގިނަ ތަންތާނގައި އުޅޭ ގިނަ މީހުންނަކީ، އެ މީހުން ކިތަންމެ މީސް ގިނަ، ބައިބޯ ތަންތާނގައި އުޅުނަސް، އެކަކު އަނެކަކާ ވަކީން، އެކަކު އަނެކަކަށް އެތައް އެއްޗެއް ފޮރުވައިގެން، ގާތަށް ބައްކޮށްގެން އުޅޭ ބައެކެވެ. އެޔާ ޚިލާފަށް، އަޅުގަނޑުމެންގެ ބައެއް ރަށްރަށަކީ، އަދި ވަކީން ޚާއްޞަކޮށް ރާއްޖޭގެ ވެރި ރަށް މާލެޔަކީ، މީސް ގިނަކަމުގެ ޞަފުޙާއިން ލާމަސީލު، ބައިބޯކަމުގެ ކުރިބޯށީގައި ފިސާރި ރަނގަޅަށް ހަރުލައިފައިވާ ތަންތަނަށް ވިޔަސް، މިހައިރަކަށް އައިސް މި ރަށްރަށުގައި އުޅޭ ބައެއް މީހުންނަކީ އެއްވެސް އެއްޗެއް ފޮރުވައިގެން، ގާތަށް ބައްކޮށްގެން އުޅޭ ޒާތުގެ ދަހިވެތި ބަޔެއް ނޫނެވެ. މިކަމަށް ހެކިދޭނޭ ދެތިން މިސާލެއް މި ތާނގައި ދަންނަވައިލާނަމެވެ.

ރާއްޖޭގެ ވެރި ރަށް މާލޭގެ ދެކުނުފަޅީގައި އޮންނަ، ރާއްޖޭގައި ނުހަނު ޢަދުލުވެރިކަމާއެކު ވެރިކަންކުރެއްވި ފުރަތަމަ ދިމިކުރާތީ ރައީސްގެ ނަންފުޅުން ޢިއްޒަތްތެރިކުރެވިގެންވާ މަގަށް ދުއްވައިފައި ދާން ދިޔަ ބަހަކަށް ހަމަ ދާދި އިހަކަށްދުވަހު އަޅުގަނޑު އެރީމެވެ. އަދި ދަތުރަކީ ދުވަހުގެ މަސައްކަތުގެ ހާސްކަމުން ކުޑައިކޮށް ވަރުބަލިވެފައިވާ ސިކުނޑިޔަށް ކުޑަ އަރާމެއް ލިއްބައިދޭން ފަހިވެގެން އައި ފުރުޞަތެއް ކަމުގައި ހީކޮށްލައި، އަމިއްލަ ނަފުސުގެ އަތުގައި ހިފައިގެން ހިނދުކޮޅެއް ހޭދަކޮށްލައި، ކުޑައިކޮށް އެކަނިވެލުމުގެ އުންމީދުގައި، ބަހުގައި ހުރި ރަތްކުލައިގެ "އެއްކަލަ" ހަތަރު ގޮނޑީން ކުރެ ގޮނޑިޔެއްގައި އިށީނދެ، ފުން ނޭވާޔެއްލައި، ހަމަޖެހިލައިފީމެވެ. އެކަމަކު…. ސިކުނޑީގެ އަރާމާއި، އެކަނިވެރިކަމުގެ މީރުކަން ވީ ބިލާހަކަށެވެ.

ބަސް މަޑުކޮށްލި ހުއްޓިޔަކުން އެ އެރި ދެތިން އަންހެނަކު، އަޅުގަނޑު އިށީނދެގެން އިން ގޮނޑީގެ ފަހަތުގައި ހުރި ގޮނޑިތަކެއްގައި އެތުރިލައިފިއެވެ. އެ ހިސާބުން އެ ފެށުނީ ވާހަކަޔާއި، ރިވާޔަތާއި، އިޝްޓޯރީޔާއި، ކަހާނީގެ އެތައް ބާބެއް އެއްފަހަރާއެވެ. ޒަމީރާޔަށް ގަބުޅިބޯކިބާ ނުބައިކަމުގެ ވާހަކަ އެތަނުން އެކަކު ހަމަ ފަށާއިރަށް، ގަބުޅި އެއީ ކޮން އެއްޗެއްތޯ، އެއީ ދަޅުގައި ބަންދުކޮށްފައި ހުންނަ އެއްޗެއްތޯ އަނެކަކު އަހައިފިއެވެ. ގަބުޅިޔަކީ ކޮން އެއްޗެއްކަން ދަންނަ މީހާ އޭނާގެ ރަޙުމަތްތެރިޔާޔަށް ގަބުޅިޔަކީ ކޮބައިކަން ބުނެދީ ނުނިމެނީސް، އެ މީހުންނާ އެކީ ބަހަށް އެރި ކުޑަކުއްޖަކު މެޓާ ގަންނާން ބޭނުންވެގެން އެ ވާހަކަ ބުނީމައި، އެ ކުއްޖާގެ ތަރުބިއްޔަތުގެ ބާބެއް އެހިސާބުން ފެށިއްޖެއެވެ. އަދި އެ ތަރުބިއްޔަތުގެ ފިލާވަޅުން ދެތިން ނުސުޚާ ބަހުގައި ދެން ތިބި އެހެން އެންމެނަށް ލިބޭން ފެށި މެއެވެ. ހަމަ އެ ދަނޑިވަޅުގައި، ބަސް ދަރުމަވަންތަ ކައިރިޔަށް ހުއްޓާނެތޯ، އެއްކަލަ މަގުގެ ހުޅަނގު ކޮޅު އަދިވެސް އޮތީ އޮށްވަޅުގޮނޑިޔެއްހެން ތޯ ކޮންމެވެސް އެހެން މީހަކު އަހައިފިއެވެ. އަދި އެ ސުވާލާ ވާނެ ސަމައްތަރު ހެޔޮ ހިނިގަނޑެއް ވެސް، އަޑުގައި ނެތްތާކަށް ބަހުގެ ތެރެޔަށް ފިސާރި ދީލަތިކަމާއެކު ފެތުރިގެން ދިޔައެވެ.

އަޅުގަނޑު ބަހުން ފައިބާން ވީ ހިސާބަށް ފޭބިއިރު، ދުނިޔެއިން އެ ވަގުތު އަޅުގަނޑު އެންމެ ބޭނުން އެކައްޗަކީ ހަމަ އާދައިގެ ޕެނެޑޯލްގުޅަޔަކަށް ވީކަން އެއީ ޒަމާނުގެ ތަހުޒީބާއި ތަމައްދުނަށް އަޅުގަނޑު އަދި އަހުލުވެރިނުވާތީ ވީ ކަމެއްކަން ކަށަވަރުނޫންތޯއެވެ!

އަޅުގަނޑުގެ މަންޒިލް މަޤްޞޫދަށް އަޅުގަނޑަށް ވާޞިލުވެވިއްޖެއެވެ. އެކަމަކު… އެތާ މަގުމަތީގައި އެ އިނީ އަޅުގަނޑުމެންގެ މި ޒަމާނުގެ ނުހަނު ރަޙުމަތްތެރި، ހަމަ އެހައި މަސައްކަތްތެރި، މުރާލި، އެކުވެރި ބިދޭސީއެކެވެ. އޭނާ އެ އިނީ، ތަން ހިންގާން ހުއްދަ ދެއްވިއްޔާ ދެއްވިއިރު ތަނުގެ އެތެރެޔަށް ބޮޑުލޯރި ވައްދައިގެން މުދާ އަރުވައިބޭލުން ޝަރުތުކުރެވުނު ކަމަށް ފެންނަ، ޢަމަލީ ދުނިޔޭގައި މުޅި މަގުމަތި މިލްކުކޮށްގެން، ދުވާރު މަތީގައި ފޮށިފޮށިގަނޑު މަތިމައްޗަށް އަރުވައިގެން ދުނިޔެ ތަނަވަސްކުރާ ޒާތުގެ ތަނެއްގެ ކުރިމަތީގައި ހުރި ފޮށިގަނޑެއްގެ މަތީގައި ހަމަޖެހިލައިގެން، ސިނގިރޭޓެއްގެ އުފާ އަނދައި ހުލިވާންދެން ރަށަށް ފޯނުކޮށްލައިގެންނެވެ. އެންމެ މި ޒަމާނުގެ ގޮތަށް، ސުމޭކީ މަންސަޔެއްގެ އެހީގައި އަންހެނުންނަށް ވީޑިޔޯކޯލެއް ކޮށްލާށެވެ. ގޭދޮށުގައި އޮންނަ ގޮންގަނޑުގެރީގެ ދެ ގެރީގެ ޙާލު ރަނގަޅުތޯ، މައިންބަފައިންނަށް މިއަދު ފޮނި މިޝްޓީ ހަދައިދިނިންތޯ، ބޮރްޝަރް ބްރިޝްތީގެ ކޮޅިގަނޑެއް މިއަދު އައިތޯ އަހައިލާށެވެ. އަދި އެ ކޮޅުން ދިން އުފާވެރި ޚަބަރުތައް އެ ވަގުތު އެ ދުވާރުމަތީން ހިނގައިފައި ދިޔަ އެންމެނާ "ފުލް ވޮލިޔުމް"ކޮށް ޙިއްޞާކޮށް، އެންމެންގެ ހިތްތައް އެ މަގުން ރޯޝަންކޮށްދޭށެވެ.

އެ ކަމުން ވެސް ކުޑައިކޮށް ބޮލަށް ތުރާވީ އަޅުގަނޑަށެވެ. އެއީ ވެސް، ޒަމާނުގެ ތަހުޒީބާއި ތަމައްދުނަށް އަޅުގަނޑު އަދި އަހުލުވެރިނުވާތީ ވީ ކަމެއްކަން ކަށަވަރުނޫންތޯއެވެ!

ވާނީ ވެސް އެހެންނެވެ. އަޅުގަނޑަކީ ދުނިޔޭގެ ބައެއް އެހެން ތަންތަނަށް ގޮސްލައި، ދުނިޔޭގެ އެހެން ތަންތާނގައި ކަންކަން ހިނގާނުހިނގާ ގޮތްތައް ހޯދައި ބަލައި، އެ ޒާތުގެ ކަންކަން ކޮށްލައިއުޅޭ ޒާތުގެ މީހަކަށް ވާތީ، އެ ތަންތާނގައި އުޅޭ ގިނަ މީހުންނަކީ އެކަކު އަނެކަކާ ވަކީން، އެކަކު އަނެކަކަށް އެތައް އެއްޗެއް ފޮރުވައިގެން، ގާތަށް ބައްކޮށްގެން އުޅޭ މީހުންކަން އަޅުގަނޑު ދަންނަމެވެ. އަދި އެއީ ކިތަންމެ ނާތަހުޒީބު، ޒަމާނަށް ނުފެތޭ ގޮތަކަށް އަދި ވިޔަސް، އަޅުގަނޑަކީ ވެސް އިހުގެ ބައެއް މީހުންނަށް ކަމުދާ ބީދައިން، އަނެކާ އަވީލައިފައި ހުންނަ މަސްކޮޅު ކާޅު އަދި ކެޔަސް ސޮއްގޮވާން ފަސްޖެހޭ މީހަކަށް ވާތީ، އަޅުގަނޑު އެއްޗެއްނުބުނު ހުރީއެވެ. އެހެނަސް، އަޅުގަނޑާ ނުބެހޭ، އަޅުގަނޑުގެ ޝައުޤުވެރިކަން އެ ދަނޑިވަޅުގައި އެ އެއްޗިއްސަށް ނެތް، ގަބުޅިޔާއި، މަގު-އޮށްވަޅުގޮނޑިޔާއި، ބޮރްޝަރް ބްރިޝްތީގެ ސަބަބުން ބޮލަށްއުނދަގޫވި ވާހަކަ މިތާނގައި ދަންނަވައިލެވުނީތީ…. ސަހަރޯ، މަޢާފު، އިނގޭތޯއެވެ!

ތަހުޒީބާއި ތަމައްދުނަށް ފުރަގަސްދޭކަށް ނުވާނެ، އެހެންނޫންތޯއެވެ!