1. މަރުވުމުގެ ކުރިން ވީހާ ވެސް ގިނަ ޖަނާޒާތަކުގައި ބައިވެރިވާށެވެ. އަދި، މައްޔިތާއާ ބެހޭ ގޮތުން މީހުން ބުނާ ވާހަކަތައް ކަނުލައި އަޑުއަހާށެވެ. ގިނައިން އަޑު އިވޭނީ މައްޔިތާގެ މުއްސަނދި ނުވަތަ ފަގީރުކަމުގެ ވާހަކައެއް ނޫނެވެ. އެކަމުގެ ބޭނުމެއް މަރުވުމަށް ފަހު ނޯންނާނެތީއެވެ. ނޫނީ އަޑު އިވޭނީ މައްޔިތާގެ ކާމިޔާބުތަކާއި ނާކާމިޔާބުތަކުގެ ވާހަކައެއް ވެސް ނޫނެވެ. އެ ކަންކަމުގެ ބޭނުމެއް ވެސް ދެނެއް ނޯންނާނެއެވެ. މައްޔިތާއާ ބެހޭ ގޮތުން އެއްޗެއް އިވުނު ނަމަ އިވޭނީ އޭނަގެ ހެޔޮ ކަމުގެ ވާހަކައެވެ. އޭނަ ކުރި ރަނގަޅު ކަމެއް ވާހަކައެވެ. އެހެނީ މައްޔިތާއަށް ފައިދާ ދެން ކުރާނީ މި ކަމުން ކަމަށްވާތީއެވެ. އެހެންވެ، މި ކަމުން އިބުރަތް ލިބިގަނެ، މައްޔިތާގެ މަގާމަށް ދާންޖެހޭ ދުވަސް އައުމުގެ ކުރިން ހެޔޮ އަމަލު ގިނަކުރެވޭތޯ ބަލާށެވެ!
2. ޚުޝާމަދުކުރާނޭ މީހުން ފައިސާއަށް ގަނެވިދާނެއެވެ. ނަމަވެސް ހެޔޮ އެދޭ ރަހުމަތްތެރިން ނުގަނެވޭނެއެވެ. ފައިސާއަށް އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަފާނެ މީހަކު ހޯދިދާނެއެވެ. ނަމަވެސް، ފައިސާއަކަށް ހަގީގީ ލޯބިވެރިއެއް ނުގަނެވޭނެއެވެ. ހަޔާތުގެ އެންމެ އަގު ހުރި އެއްޗިއްސަކީ ގަންނަން ލިބޭ އެއްޗިއްސެއް ނޫނެވެ. ނަމަވެސް، އެއީ ކަލޭގެ އަޚްލާގާއި އުޅުމުގެ ތެރެއިން ލިބިގަނެވޭ އެއްޗިއްސެވެ.
3. ކަލޭ ހާސިލުކުރަން އެދޭ ކަންކަމުގެ އިއުލާނުކުރުންތައް ދޫކޮށްލައިފައި އެ ކަންކަމަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާށެވެ. އަދި، ކަލޭގެ އަމަލުތަކުގެ ނަތީޖާ ވާހަކަދެއްކިޔަދޭށެވެ. ހުސް އަޑުތައް ފަނޑުވެ ނެތިދެއެވެ. ނަމަވެސް ކަލޭގެ އަމަލުތަކާއި އޭގެ ނަތީޖާގެ އަޑު ނުކެނޑި ދެމިހުރެއެވެ.
4. އުމުރުން ދުވަސްވެ، މުސްކުޅިވުމުގެ ކުރިން ކަލޭގެ ކިބައިގައި ހުރި ނަމަ ނުރަނގަޅު އާދަތައް ނެތިކޮށްލައި، ރަނގަޅު އާދަތަކެއް ކަލޭގެ ކިބައިގައި ހިއްޕާލާށެވެ. އެހެނީ، އިންސާނާއީ އޭނަގެ އާދަތަކުގެ އަޅެކެވެ. ދުވަސްވެ، މުސްކުޅިވުމުން، ނުބައި އާދަތަކުގެ އަޅުވެތިކަމުން މިނިވަންވެގަންނަށް ވަރަށް ވެސް އުނދަގޫވާނެއެވެ.
5. ކަލެއާ ދިމާވާ ނުރަނގަޅު މީހުންނާ ދުރަށްދާން ނޭނގޭ ނަމަ، ކަލޭގެ ހަޔާތަށް ހެޔޮ ރަނގަޅު މީހުން އައުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެހެނީ، އެހެން މީހުންގެ ނަޒަރުގައި ކަލެއަކީ ކާކުން ކަނޑައަޅާލާނީ ކަލެއާ އެކުގައި އުޅޭ މީހުންނަށް ވެސް ބަލާފައެވެ. ނުބައި ނުލަފާ މީހުންނާ އެކުގައި އުޅޭ ނަމަ، ނުވަތަ ކަލޭގެ އެންމެ ގާތް ރަހުމަތްތެރިންނަކީ އެފަދަ މީހުން ކަމުގައިވާ ނަމަ، ކަލޭވެސް ހިމަނާލެވޭނީ އެފަދަ މީހުންގެ ތެރޭގައެވެ.
6. ބުއްދިވެރިއަކީ އަމިއްލައަށް ހެދޭ ގޯސްތަކުން އިބުރަތް ލިބިގަންނަ މީހާއެއް ނޫނެވެ. ނަމަވެސް، އެހެން މީހުންގެ ހަޔާތަށް ނަޒަރު ހިންގައި އެ މީހުންނަށް ހެދުނު ގޯސްތަކުން އިބުރަތް ލިބިގަނެ އެކަން ތަކުރާރު ނުކުރާ މީހާއެވެ.
