Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ރަސްގެފާނުގެ ބޮޑު ބެރުފުޅު

އެވޭލާ ޒަމާނުގައި އުޅުއްވި ރަށެއްގެ ރަސްކަލަކު ވަރަށްބޮޑު ބެރެއް ހެއްދެވުމަށް ގަސްދުކުރެއްވިއެވެ. އެ ބެރު ޖަހާލުމުން މުޅި ރަށުގެ ކަންކޮޅުތަކަށް އޭގެ އަޑު އިވޭ ވަރުގެ ބެރެކެވެ. މީގެ ބޭނުމަކީ އެ ބެރުގެ އަޑު އިވުމުން ރަށުގެ ހުރިހާ ރައްޔިތުން މަގުތަކު މައްޗަށް ނިކުމެ ރަސްގެފާނަށް ތައުރީފުކުރުމެވެ.

މިތާ ހަނދާންކޮށްލަން ޖެހެނީ އިހުގައި ރަށްރަށުގައި ބެރާއި ސަންގުގެ ދައުރެވެ. މިހާރުގެ މީސްމީޑިޔާގެ ދައުރު ފަދަ ދައުރެކެވެ. ރޭޑިޔޯތަކާއި ޓީ.ވީތަކުގެ ދައުރެވެ. ރަސްގެފާނުންގެ މޮޅުފުޅުކަމާއި ހިކުމަތްތެރިކަމާއި ޚިދުމަތްތަކުގެ ވާހަކަތައް ކެނޑިނޭޅި އިއްވޭ އެއްޗިއްސަށް ޓީވީއާއި ރޭޑިޔޯ ފަދަ ޚަބަރުފަތުރާ ވަސީލަތްތައް މިހާރު ވެފައި އޮންނަ ފަދައިން އެ ދުވަސްވަރު ބެރާއި ސަންގު މި ދައުރު ކުޅުނެވެ. ބެރު ޖަހާލުމުން ނުވަތަ ސަންގު ފުމެލުމުން ރައްޔިތުން އެއްވެއެވެ. ދެން ރަސްގެފާނު ބޭނުންފުޅު އަމުރެއް އިއްވަވައެވެ.

ކޮންމެއަކަސް ރަސްގެފާނުގެ ބޮޑުބެރު ހަދަން އަމުރުފުޅު ނެރުއްވުމުން އެކަމާ ކުރިމަތިލާނޭ އެކަކު ވެސް ނުވިއެވެ. ހުރިހާ ވަޑިންނާއި ފަންނުވެރިން ރަސްގެފާނު ބޭނުންފުޅުވާ ވަރުގެ ބެރެއް ހެދުމުގެ ކުޅަދާނަކަން އެ ވެރިންނަށް ލިބިގެން ނުވާ ކަމަށް ބުންޏެވެ.

ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވަނީސް ރަށުގެ ފަގީރު ސޮރު މިކަމާ ކުރިމަތިލައިފިއެވެ. އަދި، އެ ބެރު އޭނައަށް ހެދިދާނެ ކަމަށް ރަސްގެފާނަށް ދެންނެވިއެވެ. އެއްވެސް މީހަކު މިކަން ގަބޫލެއް ނުކުރިއެވެ. ޚުދް ރަސްގެފާނު ވެސް ފަގީރު ސޮރަށް އެ ބެރު ހެދިދާނެ ކަމަށް ގަބޫލުފުޅެއް ނުކުރައްވައެވެ. އެހެންވެ، ވަކި މުއްދަތެއް ފަގީރު ސޮރަށް ދެއްވާފައި، ރަސްގެފާނު ވިދާޅުވީ އެ މުއްދަތު ތެރޭގައި ފަގީރު ސޮރަށް އެ ބެރު ނުހެދިއްޖެ ނަމަ އޭނަ ގަތުލުކުރައްވާނޭ ކަމަށެވެ.

ކޮންމެއަކަސް އެ ބޮޑު ބެރު ހެދުމަށްޓަކައި ބޮޑު އަދަދެއްގެ ފައިސާ ފަގީރު ސޮރު ނެގިއެވެ. ދެން، ބެރު ހަދަން ކަނޑައެޅިފައި އޮތް މުއްދަތު ހަމަވުމުން، ރަސްގެފާނު މަގުމައްޗަށް ނިކުމެވަޑައިގަތެވެ. ރަސްގެފާނު ހައިރާންފުޅުވެ ވަޑައިތީ މަގުތަކުގައި މީހުން އެއްވެ، ހިތް ހެޔޮކަމާއެކު، ރަސްގެފާނަށް މީސްތަކުން ޝުކުރުއަދާކޮށް ސަނާކިޔަމުންދާތީއެވެ.

އަދި މިއަށްވުރެވެސް ބޮޑަށް ރަސްގެފާނު ހައިރާންވެ ވަޑައިގަތީ މީސްތަކުން އެއްކުރުމަށް ބޮޑު ބެރު ޖެހި އަޑު އިވިވަޑައިނުގަތީމައެވެ. އެހެންވެ، މައްސަލަ ސާފުކުރެއްވުމަށްޓަކައި ފަގީރު ސޮރު ގެންނެވިއެވެ. އަދި، ބޮޑު ބެރު ކޮބައިތޯ ފަގީރު ސޮރާ ރަސްގެފާނު ސުއާލުކުރެއްވިއެވެ. ދެން، ޖަވާބުގައި އެފަދަ ބެރެއް ނުހަދާ ވާހަކަ ފަގީރު ސޮރު ރަސްގެފާނަށް ދެންނެވިއެވެ.

ރަސްގެފާނު އިތުރަށް ހައިރާންވެވަޑައިގެން، މީސްތަކުން އެއްވެ، ރަސްގެފާނަށް ޝުކުރު އަދާކޮށް ތައުރީފުކުރުމުގެ ސިއްރަކީ ކޮބައިތޯ ފަގީރު ސޮރު ކުރެން ރަސްގެފާނު އެއްސެވިއެވެ. އެ ހިނދު ރަސްގެފާނަށް ފަގީރު ސޮރު އޮޅުންފިލުވައިދެއްވިއެވެ.

މާތްވެގެންވާ އިއްޒަތްތެރި ރަސްގެފާނެވެ. ބެރު ހެދުމަށް ރަސްގެފާނު ދެއްވި ގިނަގުނަ ފައިސާ އަޅުގަނޑު ބޭނުން ކުރީ އެހެން ބައެއް ކަންކަން ކުރުމަށެވެ. ރައްޔިތުން އެދޭ އަދި ނުވެފައި ހުރި ކަންތައްތައް ކުރުމަށެވެ. އެ މީހުންނަށް ގެދޮރު ލިބިދިނުމުގެ މަގު ފަހިކޮށްދިނުމަށާއި ރަށުގެ މަގުތައް ހެދުމަށެވެ. ވާރޭވެހުމުން ފެން ބޮޑުވެ ނަޖިސް ފެންގަނޑަކަށް މަގުތައް ބަދަލުވެ ނުދިޔުމަށެވެ. އަދިވެސް، ބޭސްފަރުވާ ނުކުރެވިފައި ތިިބި އެތައް ބަޔަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އަދިވެސް ފަގީރު ސޮރު ރަސްގެފާނަށް ދެންނެވިއެވެ. ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ބޮޑު ބެރާއި އަދި އެ ނޫން ވެސް އެ ފަދަ ބޭކާރު ކަންތައްތައް ކުރެއްވުން ދޫކޮށްލައްވައި، ރައްޔިތުންގެ ހަގީގީ ބޭނުންތައް ފުއްދައިދިނުމުން، ޚުޝާމަދުކުރުމެއް ނެތި އިޚްލާސްތެރިކަމާއެކު ރައްޔިތުން ރަސްގެފާނަށް ޝުކުރުވެރިވެ، އަދި ތައުރީފުކޮށް، ރަސްގެފާނަށް ހެޔޮ އެދިގެން ދުއާކުރާނެއެވެ. އެހެންވެ، ރައްޔިތުންގެ ތައުރީފާއި ސަނާ ހޯއްދަވަން ރަސްގެފާނު ބޭނުންފުޅު ނަމަ މިކަންކަން ކުރައްވާށެވެ!