Support Us

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވައިލައިފި

ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް އެޗްޑީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ، އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.

އެޗްޑީސީން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ. އެގޮތުން މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި ބައިވެރިވުމަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫން އެވެ.

މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ތިން ދާއިރާއެކެވެ. އެއީ، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، އަދި ސާވޭއިން ޓެކްނީޝަން ދާއިރާއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކުރެވޭނެއެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000ރ.ގެ އެލަވަންސެއް ލިބޭނެއެވެ.

"ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ." އެޗް.ޑީ.ސީން ބުނެއެވެ.