Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އިރު ދައުރުވުމުގައިވެސް އިލާހީ ހެކިތަކެވެ!

މާތްالله ލައްވަވައިފައިވާ ތަކެއްޗާއި ނިޒާމުތަކުގައިވެސް އެކަލާނގެ ވޮޑިގެންވާ ކަންކަމާމެދު ޝައްކުކަމެއް ނެތް މިންވަރަށް ޢަޤުލީ ހެކިތައް ލައްވައިފައިވާކަން އެނގޭން ހުރެއެވެ. އެކަން އެހެން ލައްވަވައިފައިވަނީ ކޮން ސަބަބަކަށްޓަކައިކަން ވިސްނައި އޭގެ ފައިދާ ލިބިގަތުމަކީ، އިންސާނާގެ ޙަޔާތުގައި އަދާކުރެވޭ މަތިވެރި އަޅުކަމެކެވެ.

އާނއެކެވެ! އެކަން އެހެން ނުވެއެއް ނުދާނެތާއެވެ! އިންސާނާޔަށް އޭނާ ހެއްދެވި އޭނާގެ ވެރިރަަަަސްކަލާނގެ ކަށަވަރުވެ ދެނެގަތުމަށްވުރެން ވަކީން މަތިވެރި އެހެންކަމެއް ނުވާނޭކަމީ ކަށަވަރު ކަމެކެވެ. ސަލާމްލެއްވި އިބްރާހީމްގެފާނުގެ ޙަޔާތްޕުުޅުންވެސް އެކަން ފެންނާން ހުރިކަން ކީރިތި ޤުރުއާނުންވެސް އެނގޭން އޮވެއެވެ. އެއްކައުވަންތަ ކަލަކާމެދު އެކަލޭގެފާނުގެ ފިކުރުފުޅު ކާއިނާތާއި އިރު ހަނދާއި ތަރިތަކަށް އަމާޒު ކުރެއްވިކަން ބަޔާންވެ އެނގޭން އޮވެއެވެ.

އަހުރެމެންގެ ނަބިއްޔާ މުޙައްމަދު ނަބީކަލޭގެފާނުން ދެ ފަހަރެއްގެ މަތީން ހިރާފަރުބަދައިގެ ހޮހަޅައިގައި ހުންނަވައިގެން ކުރެއްވި ކަމެެއްގެ ބާވަތާމެދު ސާބިތުވެގެންވަނީ ކަލަކާމެދު ފިކުރުފުޅު ކުރެއްވުމާއި ކަލާނގެ އެއްކައުވަންތަކަން ދެނެވަޑައިގަތުމުގެ މައްޗަށް ވިސްނުންފުޅު ހިންގެވުންކަން ސާބިތުވެއެވެ. އެ ބާވަތުގެ ކަންކަމާމެދު ކީރިތިޤުރުއާނުގައި ކަން ހުރީ ކިހިނެއްތޯ ބަލާއިރު އާލުއިމްރާނު ސޫރަތުގެ 190 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 193 ވަނަ އާޔަތަށް ބަލައިލުމުން ކަލަކު ވޮޑިގެންވާކަން ދެނެގަތުމަށާއި ކަލާނގެ އެއްކައުވަންތަކަން ކަށަވަރުކުރުމަށް އުޑުތާކައި ބިމުގައިވާހައި ތަކެއްޗާއި ކަންކަމުގެ ޢިލްމުގެ ތެރެއަށް ފީނުމުގެ މުހިއްމުކަމާއި ބޭނުން ވަރަށްވެސް ސާފުކޮށް ދޭހަވާން އޮވެއެވެ.

އެއީ، ދާއިރާވެސް ވަރަށް ތަނަވަސް ވަރަށް ފުން ދާއިރާއެއް ކަމަށްވާތީ އެ ވާހަކަޔަށް ސީދާ ނުގޮސް އިރުގެ ދައުރުވުމުގެ ވާހަކަތަކުން، މާދަމާ، ޖޫންމަހުގެ 21 ވަނަ ދުވަހު އިރު ޓްރޮޕިކް އޮފް ކެންސަރ (އުތުރުދަނޑި) އަށް ދަތުރުކުރާ ވާހަކައިގެ މައުޟޫ އަށް ޖެހިލާނަމެވެ. އިރު ދުނިޔެއަށް ފެންނާން ހުންނަ ފަލަކީ ޕޮޒިޝަނަށް ބަލާއިރު އިރަކީވެސް އޭގެ ޕޮޒިޝަންތައް ހިސާބުގެ އަލީގައި ދެނެގަނެވޭ ގޮތެއްގެ މަތީން ދަތުރުކުރާ ތަރިއަކަށްވާތީ، ކޮންމެ ޖޫންމަހެއްގެ 21 ވަނަ ދުވަހު ދުނިޔޭގެ ބައްރުގެ ނިސްބަތުން އިރު ދުނިޔޭގެ އެންމެ އުތުރަށް ދަތުރުކުރާ މިންވަރު ކަމަށްވާ 23 ދަރަޖަ 26.3 ދަގީގަށް ދަތުރު ކުރެއެވެ. އެއީ، ޚައްޠުއިސްތިވާ (އީކްއޭޓަރ) އިން ފެށިގެން އުތުރަަށް އިރަށް ދެވޭ އެންމެ އުތުރު މިންވަރެވެ. އެތާނގައި އިރު މި އަހަރު ހުންނާނީ މާދަމާ ހެނދުނު މާލޭ ގަޑިން ފަތިހު ފަހެއް ޖެހީއްސުރެ މާދަމާ ރޭ ނުވައެއް ޖެހުމާ ދެމެދުއެވެ.

ޔާސީން ސޫރަތުގެ 38 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި އިރުގެ މި ދައުރުވުންވެސް ހިމެނިގެންވެއެވެ. މި ކަންކަން މި މަގަށް ހިނގާކަން ބަލައި ދެނެގަތުމުގެ މަގުސަދަކީ، ކަލާނގެ އެއްކައުވަންތަކަމާއި އެކަލާނގެ ކަންކަން ހިންގަވާ ނިޒާމުގެ ފުރިހަކަމާއި ކީރިތިޤުރުއާނުގެ ތެދުކަމާއި ޤުރުއާނުގެ ޢިލްމީ ހަގީގަތްތަކުގެ ކަށަވަރުކަން ޔަގީން ކުރެވި އީމާނީ މަންފާތައް ޙާޞިލުވުމެވެ.

މާދަމާއަކީ، ޚައްޠު އިސްތިވާއިން ފެށިގެން އުތުރު ޢަރުޟު (ލެޓިޓިޔުޑް) އެއް ކަމަށްވާ 23 ދަރަޖަ 26.3 ދަގީގުގެ ދެކުނުގައި ހުރި ހުރިހައި ތަނެއްގައިވެސް ހިޔަނި އެންމެ ދެކުނަށް ދެމިގެންވާނޭ ދުވަހެވެ. މިފަދަ ކަންތައްތައް ބަލައި ދެނެގަތުމަކީ، އިސްލާމުން ކުރަން މުހިއްމު، ބޭނުންތެރިކަން ބޮޑު ކަންކަމެވެ.