
ކުރީ ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވީ އެންމެ ގާތް އެކުވެރިޔާ އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޔަރު ކުރުމާ ގުޅިގެން ކަމަށާއި އޭރު އެމްޑީޕީއާ އެކު އަދާލަތު ޕާޓީން ޑީލެއް ހަދާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ޕީ.ޕީ.އެމްގެ އެޑްވައިޒަރު ކަމަށް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީމު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް އެފެއާޒް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ އެންމެ ގާތް އެކުވެރިޔާ ހައްޔަރުކުރުމުން ކެބިނެޓްގައި ހުންނެވުމަށް އަމިއްލަ ޒަމީރު ތަން ނުދިނީމާ ކަމަށާއި ނަމަވެސް މޭޑޭގެ ހަރަކާތަކީ އެމްޑީޕީއާ އެކު އަދާލަތުގެ އިސްވެރިން ހަދާފައިވާ ޑީލެއްގެ ދަށުން ކޮށްފައިވާ ކަމެއްކަން ކުރިން އެނގިވަޑައިގެންނެވި ނަމަ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް މަސައްކަތް ކުރެއްވި ޑރ. ޝަހީމް މިއަދު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ރައީސް ޔާމީނަކީ ރައްޔިތުންނާއި ގައުމު ދެކެ ވަރަށް ލޯބިވާ ބޭފުޅެއް ކަމަށާއި ގައުމަށްޓަކައި ބޮޑު ގުރުބާނީއެއް ރައީސް ޔާމީން ވެވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުން އަދި މާލެއާއި ހުޅުމާލޭގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ހިދުމަތްތައް ވަރަށް ގިނަ ކަމުގައި ވިދާޅުވިއެވެ.

ޕީ.ޕީ.އެމް/ޕ.ީއެން.ސީ ކޯލީޝަނަކީ މިހާރު އެންމެ އެޑްވައިޒަރުން ގިިނަ ޕާޓީއެވެ. އެޑްވައިޒަރު ކަމަށް އެންމެ ފުރަތަމަ އައްޔަން ކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެއަށްފަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ. ނަމަވެސް މިއަދުގެ ރަސްމިއްޔާތުގައި އެއިން އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިނުގަންނަވައެވެ.
ރިޔާސީ އިންތިހާބުގެ 2018 ގައި ލިބިވަޑައިގެންނެވި ނާކާމިޔާބާއެކު ޑރ. ޝަހީމު ވަނީ ސައުދީ އަރަބިޔާގެ ޖިއްދާގައި ހުންނަ އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުކަމުގެ މަގާމު އަދާކުރައްވައިފައެވެ. އެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު ޑރ. ޝަހީމު އެނބުރި ރާއްޖެ ވަޑައިގަތީ މި މަހު ކުރީކޮޅުއެވެ.
ޑރ. ޝަހީމު ޕީ.ޕީ.އެމްގެ ކުރީ ސަފާ އަލުން ގުޅިވަޑައިގަތުމުން، 2023 ގެ ރިޔާސީ އިންތިހާބުގެ ޕީ.ޕީ.އެމް/ޕީއެންސީ ޓިކެޓަށް އޮތް ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް، ސިޔާސީ ފަރާތްތަކުން ބުނެއެވެ.



advertisment