Support Us

ކުރި ގާނޫނާ ޚިލާފު ކަމެއް ފެނޭތޯ ދެ ސަރުކާރުން ބަލައިފި، 'ހުދު ވަލެއް' ނޫން އެއްޗެއް އަދި ނުފެނޭ: އުމަރު

ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަމުގެ މަގާމު އުމަރު ނަސީރު އަދާކުރެއްވިއިރު ޤާނޫނާ ޚިލާފް އެއްވެސް ކަމެއް ހިންގާފައިވޭތޯ ބެލުމަށް ވޭތުވެދިޔަ ފަސް އަހަރުތެރޭ، ދެ ސަރުކާރަކުން ތަހުގީގުތައް ކޮށްފައިވާ ކަމަށާއި ފަސް އަހަރު ފުރި ހަ ވަނަ އަހަރަށް އެޅެމުންދާއިރު، 'ހުދު ވަލެއް' ނޫން އެއްޗެއް އަދި ފެނިފައިނުވާ ކަމުގައި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ "2023 ވަނަ އަހަރުގެ އިންތިޚާބު ކައިރިވަމުން އައި ވަރަކަށް މިފަދަ ލަވަތަކުގެ އަޑު ގަދަވެ ގަދަވެ ހުންނާނެ" ކަމަށެވެ.

އުމަރު މިހެން ވިދާޅުވީ ކުށްވެރިންގެ ފައިގާ ޓެގް އެޅުވުމުގެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަނެއްކާ ވެސް ހާޒިރު ކުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އުމަރު ވިދާޅުވީ އޭނާގެ މިނިސްޓަރު ކަމުގައި ކުރެވުނު އެންމެ މުހިންމު އަދި އެންމެ ގިނަ ހުރަސްތަކާ ކުރިމަތިވި އެއް ކަމަކީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓް ކަމަށާއި އެކަމަށް ހުރަސް އެޅުމަށްޓަކައި ބާރު ގަދަ އެތައް ބަޔަކު ސިޔާސީ ގޮތުންނާއި ޤާނޫނީ ގޮތުންނާ އަދި އިދާރީ ގޮތުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ހުރަސްތައް ފޫއަޅުވާލައި ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓް ކާމިޔާބު ކުރެވުނު ކަމުގައި އުމަރު ވިދާޅުވިއެވެ.

"ނަމަވެސް އަޅުގަނޑު ވަޒީރުކަމުގެ މަޤާމުން އިސްތިޢުފާ ދިނުމަށްފަހު ވަޑައިގެންނެވި އެއްވެސް ވަޒީރަކަށް މިކަން ކުރިޔަށް ގެންދެވޭ ވަރެއް ނުވިއެވެ. އަދި މިހާރު މި މަސައްކަތް މުޅީންހެން ހުއްޓިފައެވެ. މިއީ ދައުލަތަށް އަހަރަކު 30 މިލިއަން ރުފިޔާ ޚަރަދު ކުޑަކޮށްދޭނެ އަދި ޖަލުތައް ފުރިބަންޑުންވުން ޙައްލުކޮށްދޭނެ، ކުށްވެރިން އަނބުރާ މުޖްތަމައަށް އައުމަށް ފަސޭހަކޮށްދޭ މުހިންމު ޕްރޮޖެކްޓެކެވެ. މިއީ ތަރައްޤީވެފައިވާ ހުރިހާ ޤައުމެއްގައި ބޭނުންކުރެވޭ ކާމިޔާބު ނިޒާމެކެވެ." އުމަރުގެ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އުމަރު ވިދާޅުވީ މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލުކުރީ ހުޅުވާލެވިފައިވާ ބިޑެއްގައި، އާންމުކޮށް އިޢުލާން ކޮށްގެން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށްވާތީ އާއި ފިނޭންސް މިނިސްޓްރީ އަށް ލިޔެ ހުއްދަ ހޯދައިފައިވާތީ އޮޑިޓަރ ޖެނެރަލްގެ އޯޑިޓް ރިޕޯޓްގައި އެއްވެސް ކަމެއް ފާހަގަކުރައްވާފައެއް ނުވާ ކަމަށެވެ. އަދި މި ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިޔެ ލަފައެއް ހޯދުނުއިރު އެ ފަރާތުންވެސް އެއްވެސް ކަމެއް ފާހަގަކުރައްވާފައެއްނުވާ ކަމަށާއި މަސައްކަތް ހަވާލުކުރި ދިވެހި ކުންފުންޏަކީ އުމަރުގެ އެއްވެސް މަސްލަހަތެއް އެއްވެސް ޒަމާނެއްގައި އޮތް ކުންފުންޏެއް ނޫން ކަމަށެވެ.

"ނަމަވެސް މި މަސައްކަތް ފަށައިގަނެގެން ކުރިއަށް ދަނިކޮށް، ކުށްވެރިންނާ ގުޅުން ހުރި އަމިއްލަ ފަރާތަކުން މި މައްސަލަ ވަނީ އެއިރު އެންޓިކޮރަޕްޝަން އަށް ހުށަހަޅާ އެ ކޮމިޝަން އިން ބައްލަވާފައެވެ. އަނެއްކާ މިހާރުގެ ކޮމިޝަން އިން ދަނީ މި މައްސަލަ އަލުން ބައްލަވަމުންނެވެ. އަދި އެކަމާ ގުޅިގެން އިއްޔެ ވަނީ އަޅުގަނޑާ ސުވާލުކުރައްވާފައެވެ. މި މައްސަލަ ނުނިމި އޮންނަތާ މިހާރު ފަސް އަހަރު ފުރި ހަ ވަނަ އަހަރަށް މިވަނީ އެޅިފައެވެ." އުމަރުގެ ވިދާޅުވެފައިވެއެވެ. "ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައް ބައްލަވާ ޤާނޫނާ ޚިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުއްވުމަކީ އަޅުގަނޑު އަބަދުވެސް އެދޭ އަދި އަޅުގަނޑު ވަކާލާތުކުރާ ގޮތެވެ. އެގޮތުން މި މައްސަލައިގައިވެސް އަޅުގަނޑު ކުށެއް ކޮށްފައިވާ ނަމަ އަޅުގަނޑަށް އަދަބު ދެއްވައި، ކުށެއް ކޮށްފައި ނުވާނަމަ އެކަން އިޢުލާން ކޮށްދެއްވުމަށް އަޅުގަނޑު ވާނީ ދަންނަވާފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *