ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިއްޖެކަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.
ޔައުގޫބްގެ މެމްބަރު ކަމާ މެދު ސުވާލު އުފައްދަވާ އެމައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ މުހައްމަދު ހަލީމެވެ. އެ މައްސަލަ ބަލައިގެންފައިވާ ކަމުގެ ލިޔުން އެކޯޓުން ވަނީ މިއަދު ދީފަ އެވެ.
ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފެދިފައި ވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްގެ ކައުންސިލްގެ މެމްބަރުކަން ގަބޫލް ކުރެއްވުމާ ގުޅިގެންނެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުގައި މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެންނުވާނެ އެވެ.
ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާމެދު ސުވާލުއުފައްދަން ފެށުމާ އެކު އޭނާ މިހާރު ވަނީ އިންސްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްގެ ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.



advertisment