Support Us

ކޮލަމް: އަލި

ކޮލަމް އަލި: ދިރިއުޅުމުގެ ހަގީގީ ކާމިޔާބީއަކީ އެއީއެވެ.

"ކޮންމެ އެއްޗެއްގައި ވެސް ކޮންމެވެސް ވަރެއްގެ ރެނދެއް ނުވަތަ އުނިކަމެއް ހުރެއެވެ. އަލިކަން އެތެރެއަށް ފޯރަނީ އެ ރެނދުންނެވެ. ނުވަތަ އެ އުނިކަމުގެ ތެރެއިންނެވެ."

ތެދެކެވެ! ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައި ވެސް ކޮންމެވެސް ވަރެއްގެ އުނިކަމެއް ނުވަތަ "ރެނދެއް" ހުރެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އަމިއްލަ ނަފްސުގައި ހުންނަ އުނި ސިފަތަކާއި، ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބީތަކާއި ހިތާމަތައް ފޮރުވަން މަސައްކަތްކުރާ ބަޔެކެވެ. ހަގީގަތުގައި، އެއްވެސް އެއްޗަކީ ސައްތައިން ސައްތަ ފުރިހަމަ އެއްޗެއް ނޫނެވެ.

އިންސާނާގެ ކިބައިގައި ހުންނަ ކޮންމެ އުނިކަމަކީ ދިރިއުޅުމުގެ ގުދުރަތީ ބައެކެވެ. މި އުނިތަކަކީ އަޅުގަނޑުމެން ބަލިކަށިކޮށްލާ އެއްޗެހީގެ ގޮތުގައި ދުށުމުގެ ބަދަލުގައި، ދެކެންވާނީ އެއީ އަޅުގަނޑުމެން އިންސާނުންގެ ޙަޤީޤީ ސޫރަ ހާމަކޮށްދޭ މުހިންމު ނިޝާންތަކެއްގެ ގޮތުގައެވެ.

އިންސާނާގެ ތަޖުރިބާތަކާއި ކުރިމަތިވާ ހިތްދަތި ދަނޑިވަޅުތަކަކީ އޭނާގެ ދިރިއުޅުމަށް އާ އުންމީދަކާއި، ޙިކުމަތްތެރިކަމާއި، ރޫޙާނީ ހޭލުންތެރިކަން ގެނެސްދޭ "ދޮރުތަކެކެވެ". ކޮޓަރިއެއްގެ ތެރެއަށް އަލި ވަންނަނީ އެ ތަނެއްގައި ހުންނަ ރެނދުތަކާއި ހުޅުވުންތަކުގެ ތެރެއިންނެވެ. ހަމަ މި ފަދައިން، އަޅުގަނޑުމެންގެ ދިރިއުޅުމަށް ވެސް އާ ހިތްވަރު ލިބި ތެދު މަގު ފެންނަނީ ކުރިމަތިވާ ގޮންޖެހުންތަކާއި ހުންނަ އުނިކަންތައްތަކުގެ ތެރެއިންނެވެ. މިހެންވުމުން، އަމިއްލަ ނަފްސުގެ އުނިކަންތަކާ މެދު މާޔޫސްވުމުގެ ބަދަލުގައި، އެއީ ތިމާ އިތުރަށް ވަރުގަދަވެ، ދިރިއުޅުމުގެ އަލިކަން ލިބިގަތުމަށް ޓަކައި ހުޅުވިފައިވާ ފުރުޞަތެއްގެ ގޮތުގައި ބަލާށެވެ. ކޮންމެ އިމްތިހާނަކަށް ފަހު ލުޔެއްވާކަން ދަނެ، އުނިކަމުގެ ތެރެއިން ފުރިހަމަކަން ހޯދާން މަސައްކަތް ކުރާށެވެ! ދިރިއުޅުމުގެ ހަގީގީ ކާމިޔާބީއަކީ އެއީއެވެ.