ކޮންމެ އިންސާނެއްގެ ވެސް އުނދަގޫ ތަޞައްވުރުތަކާއި ވިސްނުންތައް އެންމެ ފުރިހަމައަށް ބަޔާންކޮށްދެވެނީ އެމީހެއްގެ މާދަރީ ބަހުންނެވެ. ބަހަކީ ހަމައެކަނި މުއާސަލާތު ކުރުމުގެ ވަސީލަތެއް ނޫނެވެ. އެއީ އިންސާނާގެ ތަހުޒީބާއި، ސަގާފަތާއި، އަމިއްލަވަންތަކަމުގެ ފުރާނަކަމުގައި ބަހަވީ ޢިލްމުވެރިޔާ ހެލިޑޭ (1978) ވިދާޅުވެފައިވެއެވެ. ތެދެކެވެ. ޅަފަތުގެ ތައުލީމުގެ މަރުހަލާގައި ކުދީންގެފިކުރީ އަދި ނަފްސާނީ ތަރައްގީ ބިނާވަނީ އެ ކުދީން އެންމެ ފަރިތަ ބަހެއްގެ މައްޗަށެވެ. މިހެންވުމުން، ކުދީން ހެދިބޮޑުވުމުގެ ބިންގާ އެޅޭ ދުވަސްވަރު އަމިއްލަ ބަހުން ތައުލީމު ދިނުމަކީ އެ ކުދީންގެ އުނގެނުމުގެ ގާބިލުކަން އިތުރުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަވާނެ ކަމެކެވެ. ޅަފަތުގެ ތައުލީމު އަމިއްލަ ބަހުން ދިނުން މުހިންމެވެ. އޭގެ ސަބަބުން ލިބޭ ފައިދާތައް ގިނަގުނައެވެ.
އާދޭހެވެ! ޅަފަތުގެ ތައުލީމަކީ ކުދީންގެ އުމުރުގެ ކުރީކޮޅުގެ އަހަރުތަކުގައި ލިބޭ ތައުލީމާއި ތަރުބިއްޔަތެވެ. މި މަރުހަލާގައި "އަމިއްލަ ބަސް" ނުވަތަ "މާދަރީ ބަހަކީ" ކުއްޖާ ދުނިޔެއަށް އުފަންވުމަށްފަހު އެންމެ ފުރަތަމަ ދަސްކުރާ، އަދި ގޭތެރެއާއި މުޖުތަމައުން އެންމެ ގިނައިން އަޑުއިވޭ ބަހެވެ. ޔުނެސްކޯ (2003)އިން ހާމަކުރައްވާ ގޮތުގައި، ކުދީންގެ ވިސްނުން އެންމެ ފުރިހަމައަށް ތަރައްގީވަނީ އެ ކުދީން އެންމެ ފަރިތަ ބަހުން ތައުލީމު ފޯރުކޮށްދިނުމުންނެވެ. މިހެންވުމުން، އަމިއްލަ ބަހުން ތައުލީމު ދިނުމަކީ އާ މައުލޫމާތުތައް ދެނެގަތުމަށް ޓަކައި ކުދީންނަށް ފަސޭހަވާނެ ކަމެކެވެ.
މަޝްހޫރު ފިލޯސަފަރު ރަބިންދްރަނާތް ޓޭގޯރ ވިދާޅުވާ ގޮތުގައި، "ކުދީންގެ ވިސްނުން ފުޅާވާނީ ޅަފަތުގައި އެ ކުދީންނަށް އެ ކުދިންގެ އަމިއްލަބަހުން ތައުލީމު ދީގެންނެވެ. އަމިއްލަބަހުން ވިސްނާނީ ވެސް އޭރުންނެވެ. އެހެން ބަސްބަސް ދަސްވެ ވިސްނުމާއި ފިކުރު ފުޅާވާނީ އަމިއްލަބަހުން ވިސްނިގެންނެވެ. އެ ކަމަށް އޮތް ހައްލަކީ ޅަފަތުގެ ތައުލީމު އަމިއްލަބަހުން ދިނުމެވެ." ޓޭގޯރގެ މި ވިސްނުންފުޅުން އެނގެނީ ކުދީންގެ ބަހަވީ ބިންގާ ވަރުގަދަވުމަކީ އެހެން ބަސްތައް ދަސްކުރާން އޮތް އެންމެ ފަހި މަގު ކަމެވެ. ކަމިންސް (1979)ގެ "އިންޓަރޑިޕެންޑެންސް ހައިޕޮތެސިސް"ގައި ބަޔާންކުރައްވައިފައި އޮތް ގޮތުގައި، މާދަރީ ބަހަށް މޮޅު ކުދިންނަކީ ދެވަނަ ބަހެއް ދަސްކުރުމުގައި ވެސް އެހެން ކުދިންނަށް ވުރެ ހަލުވި އަދި ކާމިޔާބު ކުދިންނެވެ.
އަމިއްލަ ބަހުން އުނގަންނައިދިނުމަކީ ކުދީންގެސިކުނޑީގެ އުފެއްދުންތެރިކަމާއި ފާޑުކިޔައި ވިސްނުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ. އުނގެނުމުގެ މަރުހަލާގައި ބޭރު ބަހެއް ބޭނުންކުރުމުން، ކުއްޖާއަށް އެކިއެކި މަފްހޫމްތައް ދެނެގަންނަން ވުރެ ބޮޑަށް ބަހުގެ ތަރުޖަމާއަށް ސަމާލުކަން ދޭން ޖެހި، ވިސްނުމަށް ބާރުބޮޑުވެއެވެ. ތޯމަސްއާއި ކޮލިއަރ (2002) ކުރެއްވި ދިރާސާއިން ދައްކާ ގޮތުގައި، ކުދިން ނިސްބަތްވާ ގައުމިއްޔަތުގެ އަމިއްލަބަހުން ބިންގާ އެޅޭ ކުދިންގެ ފިކުރީ ހޯދުންތަކާއި މައްސަލަ ހައްލުކުރުމުގެ ހުނަރު އެހެން ކުދިންނަށް ވުރެ މަތީ ދަރަޖައަކަށް ކުރިއަރައެވެ.
ޝައްކެއްވެސް ނެތެވެ. ޅަފަތުގެ ތައުލީމުގައި އަމިއްލަ ބަސް ބޭނުންކުރުމަކީ ކުދީންގެ ޖުމްލަ ތައުލީމީ ފެންވަރު މަތިކުރުމަށް ޓަކައި އެޅޭ ވަރުގަދަ ބިންގަލެކެވެ .ދުނިޔޭގެ ކުރިއަރައިފައިވާ ބައެއް ގައުމުތަކުން މި ހަގީގަތް ގަބޫލުކޮށް، އެ ގައުމުތަކުގެ ތައުލީމީ ނިޒާމު ވަނީ ބައްޓަންކޮށްފައެވެ. މީގެ ތެރޭގައި ޖަޕާނާއި ޖަރުމަނު ފަދަ އިލްމީ އަދި އިގްތިސާދީ ގޮތުން ކުރިއަރައިފައިވާ ގައުމުތަކުގައި ކުދީންގެ ކިބައިަގއި ތައުލީމުގެ ބިންގާ އަޅައިދެނީ އެ ގައުމުތަކުގެ އަމިއްލަ ބަހުންނެވެ. ފިންލޭންޑަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމު އޮތް ގައުމެވެ. ސާލްބާގް (2011) ފާހަގަކުރައްވާ ގޮތުގައި ފިންލޭންޑުގެ ތައުލީމީ ނިޒާމުގެ ކާމިޔާބީގެ އެއް ސިއްރަކީ ޅަފަތުގެ މަރުހަލާގައި ކުދިންގެ އަމިއްލަ ބަހުން ތައުލީމު ދިނުމެވެ. ފިންލެންޑުގެ މާދަރީ ބަހަކީ ފިންނިޝް ބަހެވެ. މީގެ އިތުރުން ސުވިޑިޝް ބަހަކީ ވެސް އެ ގައުމުގެ ރަސްމީ ދެ ބަހުގެ ތެރެއިން ބަހެކެވެ. ފިންލެންޑުގެ އާބާދީގެ ގާތްގަނޑަކަށް %84 މީހުން މާދަރީ ބަހެއްގެ ގޮތުގައި ބޭނުންކުރަނީ ފިންނިޝް ބަހެވެ. އަދި %5ހައި މީހުން މާދަރީ ބަހެއްގެ ގޮތުގައި ސުވިޑިޝް ބަސް ބޭނުންކުރެއެވެ. ފިންލެންޑުގެ ޅަފަތުގެ ތައުލީމީ ނިޒާމުގައި ތައުލީމުދޭން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އެ ގައުމުގެ ރަސްމީ ދެ ބަސް ކަމަށްވާ ފިންނިޝް ބަހާއި ސުވިޑިޝް ބަހެވެ.
ފިންލެންޑުގެ ތައުލީމީ ނިޒާމުގައި "ލެންގުއޭޖް އިމަރޝަން" ޕްރޮގްރާމްތައް ވަރަށް ބޮޑަށް ބޭނުންކުރެއެވެ. މިސާލަކަށް ފިންނިޝް ބަހުން ވާހަކަދައްކާ ކުދިންނަށް ސުވިޑިޝްބަސް ދަސްކޮށްދިނުމަށް ޓަކައި މުޅިން ސުވިޑިޝްބަހުން ކުރިއަށްގެންދާ ކްލާސްތައް ހުރެއެވެ. އަދި ބޭރު ގައުމުތަކުގެ ކުދިންނަށް އެ ކުދިންގެ މާދަރީބަސް ކުރިއެރުވުމަށް ޓަކައި އެހީތެރިވުމާ އެކު، ފިންނިޝް ބަސް ދެވަނަ ބަހެއްގެ ގޮތުގައި ދަސްކޮށްދޭން ޚާއްޞަ އަހަންމިއްޔަތެއް ވެސް ދެއެވެ. ތަފްސީލު މި ކުރީ ކުރިއަރައިފައިވާ ގައުމެއްގައި އެ ގައުމުގެ ދަރީންނަށާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ކުދީންނަށް ތައުލީމު ދޭން ކަނޑައަޅައިފައިވާ ހަރުދަނާ ނިޒާމެއްގެ ވާހަކައެވެ. އެ ނިޒާމުގައި އެ ބައެއްގެ އަމިއްލަ ބަހަށް ދީފައިވާ އިސްކަމުގެ ވާހަކައެވެ. އެ ބައެއްގެ އަމިއްލަ ބަހަކީ އެ ބައެއްގެ މާދަރީ ބަހަށް ހަދަން ކުރަން ޖެހޭ އަސާސީ މަސައްކަތުގެ ވާހަކައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ކަން އޮތީ މިހެންތޯއެވެ. ހުރިހައި ސްކޫލަކުން ވެސް ބޭނުންވަނީ ފިންލެންޑްގެ ނިޒާމު ތޯއްޗެކެވެ. އެކަމަކު ތައުލީމު ދީ ޅަދަރީންގެ ހިތްތައް އަންދައި ފިކުރު ފިއްތަނީ ފުރެއްދެބަހުގެ ހޫނާއި ގިނީންނެވެ.
އަމިއްލަ ބަހުން ތައުލީމު ދިނުމަކީ ކުދިންގެ މާދަރީބަހަށް އެ ތަނެއްގެ އަމިއްލަ ބަސް ވުމުގެ އިތުރަށް އެއީ ކުދީންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ ގުޅުންތަކަށް ލިބޭ ވަރަށް ބޮޑު ބާރެއް ވެސް މެއެވެ.. ފިޝްމަން (1991) ބަޔާންކުރައްވާ ގޮތުގައި ބަހަކީ ހަމައެކަނި މުއާސަލާތީ ވަސީލަތެއް ނޫނެވެ. އެއީ އާއިލާއާއި މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭ "ސަގާފީ ދާލަމަކެވެ."
ދިވެހި މުޖުތަމައުގައި ދިވެހި ބަހުން ވާހަކަދައްކައި އުނގެނުމަކީ އިސްލާމީ އަޚުލާޤާއި ދިވެހި އާދަކާދަތައް ކުދީންގެ ކިބައިގައި ހަރުލައްވާން އޮތް އެންމެ ފަސޭހަ މަގެވެ. މި ޒަމާނުގެ ތައުލީމީ ނިޒާމުގެ ތެރެއިން އަމިއްލަ ބަހުން ކިޔަވައިދިނުމަށް ޓަކައި ޒަމާނީ ފަންނިއްޔާތު (ޓެކްނޮލޮޖީ) ބޭނުންކޮށްގެން ދިވެހިބަހުން ތައުލީމީ އެޕްލިކޭޝަންތަކާއި ވީޑިއޯތައް އުފެއްދުމަކީ މުހިންމު ކަމެކެވެ. އަދި ވާހަކަ ފޮތްތަކާއި މަޖައްލާތައް އަމިއްލަ ބަހުން ލިބޭނޭ މަގުތައް ތަނަސްވަކުރުން ވެސް މުހިންމެވެ. ދިވެހި ކުޑަކުދިންނަށް ދިވެހިބަހުން ތައުލީމު ދިނުމަކީ ދިވެހިވަންތަކަން ދެމެހެއްޓުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެ ކުދީންނަށް ދިވެހިބަހުގެ އަދަބިއްޔާތާއި، ރައިވަރާއި، ބަސްމަގު ކުދިންނަށް ދަސްކޮށްދިނުމަކީ އެ ކުދިންގެ ވިސްނުން ތަރައްގީވެ، މުޖުތަމައަށް އަހުލުވެރިވާން ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ.
އާދޭހެވެ! އަމިއްލަ ބަހަކީ ކޮންމެ ކުއްޖެއްގެ ވެސް އުނގެނުމުގެ ތަޅުދަނޑިއެވެ. ބޯލް (2010) ފާހަގަކުރައްވާ ގޮތުގައި މާދަރީ ބަހުން ދެވޭ ތައުލީމަކީ ކުދީންގެ މުސްތަގުބަލުގެ ކާމިޔާބީގެ ބިންގަލެވެ. ޅަފަތުގެ ތައުލީމު މާދަރީ ބަހުން ދިނުމަކީ ހަމައެކަނި ބަސް ދިރުވުމެއް ނޫނެވެ. އެއީ ކުދިންގެ ފިކުރީ ގާބިލުކަން އެންމެ މަތީ ދަރަޖައަށް އުފުލައިދޭ ބާރެކެވެ. އަޅުގަނޑުމެންގެ ދަރިންނަކީ ދުނިޔެއަށް ލޯހުޅުވިފައިވާ، ހަމައެއާ އެކު އަމިއްލަ ބަހާއި ސަގާފަތަށް ފަޚުރުވެރިވާ ބަޔަކަށް ހެދުމަށް ޓަކައި، ޅަފަތުގެ ތައުލީމު ދިވެހިބަހުން ދޭންޖެހެއެވެ. މީގެ މާނައަކީ އެހެން ބަހެއް ކުދިންނަށް ދަސްކޮށް ނުދޭށެކޭއެއް ނޫނެވެ. ވީހައި ވެސް ގިނަ ބަސްބަސް ކިޔަވައިދޭންވީއެވެ. އެކަމަކު ބަސްބަސްހުގެ ގޮތުގައެވެ. ބަހަކުން ތައުލީމު ދިނުމާއި ބަހެއް ކިޔަވައިދިނުމާ މިއީ މުޅީން ދެ ކަމެކެވެ. މި ތަފާތަށް ވިސްނައިގެން ތައުލީމީ ނިޒާމުގެ ޅަފަތުގެ މަރުހަލާ އަލުން މުރާޖާކުރަން ގޮވައިލަމެވެ. އަޅުގަނޑުމެންގެ ގައުމިއްޔަތަށް ޓަކައެވެ. ދިވެހިބަހުގެ ކުރިމަގަށް ޓަކައެވެ. އެހެނީ ދިވެހިބަސް ނެތިއްޖެ ނަމަ، ދިވެހި ގައުމިއްޔަތެއް ނޯންނާނެއެވެ. ހަމައެހެންމެ އަމިއްލަ ބަހުން ފިކުރު ނުކުރެވޭ ކުއްޖަކަށް، އެހެން ބަހަކުން އުފެއްދުންތެރި މީހަކަށް ވުމަކީ ދަތި ކަމެއް ކަމަކަށް ވުމުން ކުދިންނަކީ ހުރިހައި ގޮތަކުން ގާބިލް އުފެއްދުންތެރި ކުދީންނަށް ހެދުމަށް ޓަކައި ވެސް ޅަފަތުގެ ތައުލީމު ދިވެހިބަހުން ދޭން ސިޠާސަތެއް ކަނޑައަޅާށެވެ.
ޅަފަތުގެ މަރުހަލާތަކުގައި ދަރީންނަށް ދިވެހިބަހުން ތައުލީމު ދިނުން ވަނީ އެ ދަރީންގެ ހިތާއި ސިކުނޑި ގުޅުވައިދޭ ވާފަށަކަށެވެ. މިހެންވުމުން، ދިވެހިބަހަކީ ހަމައެކަނި މާޒީގެ ތަރިކައެއް ކަމަށް ދުށުމުގެ ބަދަލުގައި، އެއީ މުސްތަގުބަލުގެ ޖީލުތަކުގެ ފިކުރީ ތަރައްގީގެ މުހިންމު ބަހާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. އަޅުގަނޑުމެންގެ ބަހާއި ތައުލީމު ފުނުއްސައިގެން މެނުވީ، އަމިއްލަ ވަންތަކަމުގެ ބިންގާ ވަރުގަދަ، އުފެއްދުންތެރި ޖީލެއް ބިނާއެއް ނުކުރެވޭނެއެވެ. ބަހަކީ ގައުމެއްގެ ފުރާނަ ކަމަށްވާ އިރު، އެ ފުރާނަ ދިރުވައި އާލާކުރަން ފަށަންވީ ކުދީންގެ ތައުލީމުގެ އެންމެ ފުރަތަމަ ސަފުހާއިންނެވެ. ދިވެހިބަހަށް ވެސް ދޭންވީ މި މަގާމެވެ. މި ހައިސިއްޔަތެވެ. ކުރާންވީ މި ގަދަރެވެ. ދޭންވީ މި ހައިބަތެވެ.
