Support Us

ބޮއިންގ 737 ޖެއްސޭ ގޮތަށް ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ހައި ކޮމިޝަން

ބޮއިންގ 737 މަރުކާގެ މަތިންދާބޯޓަށް ޖެއްސޭ ގޮތަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

ހައިކޮމިޝަނުން ބުނީ އެ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ތައްޔާރުކުރުމުގެ މަސައްކަތް އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭ.އޭ.އައި) ގެ ޓީމަކުން ފަށައިފައިވާ ކަމަށެވެ. މިގޮތުން އޭ.އޭ.އައިގެ އިސް ވަފުދެއް މި ހަފްތާގައި ރާއްޖެ އައިސް ބައެއް ވަޒީރުންނާއި ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. މި ގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް ފައްޔާޒް އިސްމާއިލާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން އުތުރުގެ ބައެއް މަޖްލިސް މެމްބަރުންނާވެސް އެ ވަފްދުން ބައްދަލުކޮށް މައުލޫމާތު ސާފުކުރި ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުފަހަރު ޖެއްސުމަށް އަކަށީގެންވާ ދިގުމިނެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ޓާމިނަލްތަކާއި ފިއުލް ފާމްތައް އަދި ފަޔާ ސްޓޭޝަނާއި ކާގޯ ޓާމިނަލް އަޕްގްރޭޑް ކުރެވޭނެ ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.

ހައިކޮމިޝަނުން ބުނި ގޮތުގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަންޑް ކުރަން ނިންމާފައެވެ. އަދި މި މަޝްރޫއުގެ ޑީ.ޕީ.އާރްގެ މަސައްކަތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެއެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަދި އެގްޒިމް ބޭންކް ގުޅިގެން މި މަޝްރޫއުގެ އީޕީސީ ކޮންޓްރެކްޓަރ ހޮވުމަށްޓަކައި ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކުރެވޭނެ ކަމަށާއި މި މަޝްރޫއުގެ ފައިނަލް ޓެންޑަރިންގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުން ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.

މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވާ ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެ މަޝްރޫއަކަށް ކަމަށާއި މި މަޝްރޫއުގެ ސަބަބުން ލޯކަލް އަދި ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެ ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *