Support Us

ކޮލަމް ކަލާވެހި: ގަސްދޮށުކާފަގެ ޒިކުރާ- "އެ ޒާތުގެ މީހުން ތިމާޔާ ގާތްވިޔަނުދޭށެވެ!"

އެފުރިކާބައްރުގެ ކޮންމެވެސް ހިސާބެއްގައި އޮންނަ، ހުއޯރީއޭ ކިޔުނު އަވަށްގަނޑެއްގެ ރަށްބޭރުގައި ވަރަށް ބޮޑު ޖަހާމުގުރި ގަހެއްގެ ވަށައިގެން އަޅައިފައި ހުރި ވަރަށް މުހިންމު އަށްޓެއްގެ ވާހަކަޔާއި އެ އަށީގައި ތިބޭ މީހުންގެ ތެރެއިން "ގަސްދޮށު ކާފަ"ގެ ނަމުގައި އިން މީހެއްގެ ވާހަކަ މީގެ ކުރީން ވެސް ދަންނަވައިފައި ވާނެއެވެ. އަދި އެއީ އޭނާގެ ލަފަޔާއި އިރުޝާދު، އެއްދުވަސްވަރެއްގައި ނަމަވެސް، މީހުން އިޙްތިރާމާއެކު ބަލައިގަނެ އުޅުނު މީހެކޭ ވެސް ދަންނަވައިފައި ވާނެއެވެ. އަޅުގަނޑު މި ފަހަރު މި ދަންނަވަނީ ވެސް ގަސްދޮށުކާފަގެ ނަސޭހަތެއްގެ ވާހަކައެވެ.

ހުއޯރީ އަވަށުގެ ތަންކޮޅެއް އާދައިގެ ދެރަވަރު ޢާއިލާޔަކަށް ނިސްބަތްވާ، އެކަމަކު ޚިދުމަތުގެ ގޮތުން އަވަށަށް ނުހަނު ގިނަ ޚިދުމަތްކޮށްދީފައިވާ، މިސްޓަރު އެޑުވަޑުގެ ނަމުން އެންމެން ދަންނަ މީހަކު އެއް ދުވަހަކު ގަސްދޮށަށް ގޮސް، ގަސްދުށުކާފަޔާ ދެ ސުވާލެއް ކުރިއެވެ. މި ފަހަރު އަޅުގަނޑު ތިޔަ ބޭފުޅުން އަރިހު ދަންނަވައިލާނީ މިސްޓަރު އެޑުވަޑު ގަސްދޮށުކާފަޔާ ކުރި ސުވާލަކާއި، ގަސްދޮށުކާފަ އެ ސުވާލަށް ދިން ޖަވާބެވެ.

"އަޅުގަނޑަކީ މި އަވަށުގެ ދެކުނުގައި އެ އޮންނަ ކޯރުގެ އައްސޭރިޔަށް ހަމަ ކޮންމެ ދުވަހަކު ފަތިހު ގޮސްލައި އުޅޭ މީހަކީމެވެ. އަދި މިހައިރަކަށް އައިސް، އަޅުގަނޑަށް އެ ތަނަށް ދާ ހަމަ ކޮންމެ ދުވަހަކުހެން އެ ތަނަށް ދުރުވާ ތަންކޮޅެއް ދުވަސްވީ މުސްކުޅިޔަކާ އެ ތަނުން އެބަ ބައްދަލުވެއެވެ. އަދި އަޅުގަނޑުމެން ދެ މީހުންނަކީ ބައެއް ފަހަރު ބައެއް ކަހަލަ ކަންކަމުގައި އެއްކަހަލަ ގޮތަކަށް ވިސްނާން ދަސްވެފައި ތިބި ދޭ މީހުންނަށް ވީމައި ވެސް ކަންނޭނގެޔޭ، އަޅުގަނޑުމެން އެކަކު އަނެކަކާ ވާހަކަދައްކައިލައި ހަދައިލާން ހަމަ ކޮންމެ ދުވަހަކު ހެން އަޅުގަނޑުމެން އެ ތާނގައި ތިބެމެވެ." މިސްޓަރު އެޑުވަޑު ގަސްދޮށުކާފަ ގާތު ބުނާންފެށިއެވެ.

މިސްޓަރު އެޑުވަޑު އޭނާގެ ވާހަކަޔައިގެން ކުރިޔަށްދިޔައެވެ. "ދެން އަޅުގަނޑުމެން އެތާނގައި ވާހަކަދައްކައިލާން ތިއްބައި، އެ ތަނަށް ތިންވަނަ މީހަކު އަތުވެދާނެއެވެ. އެހެން އެ އަންނަ މީހުންނަކީ މުސްކުޅިޔާޔާ ސަލާންކޮށްލައި، ކުޑައިކޮށް ވާހަކަދައްކައިލާން ބޭނުންވެފައި ތިބޭ ވަކި ޒާތެއްގެ ބަޔަކަށް ވެސް ވެދާނެއެވެ. އަޅުގަނޑަށް ފާހަގަވާ ގޮތުގައި އެ ގޮތަށް އަންނަ ގިނަ މީހުންނަކީ މި ނަންގެން މުސްކުޅިޔާގެ ދަރިދަރިކަނބަލުންގެ ތަޢުލީމުޔާފުތާކަމާއި ސިޔާސީ ގުޅުންތަކުގެ ސަބަބުން އަންނަ މީހުންހެން ބައެއް ފަހަރު އަޅުގަނޑަށް ހީވެއެވެ. ކޮންމެއަކަސް، އެ ގޮތަށް އަންނަ މީހުން މި ނަންގެން މުސްކުޅިޔާޔާ އަތާއިއަތްޖޯޑުކޮށް ސަލާންކޮށްލައިފައި، އޭގެ ފަހުން ސަލާމުގެ އަތެއް އަޅުގަނޑަށް ވެސް ފާޑަކަށް ފޯރުކޮށްލައެވެ. އެހެން ނަމަވެސް، އެ ގޮތަށް ފޯރުކޮށްލާ އަތް އަޅުގަނޑާ ދިމާޔަށް އަދި އަޔަސް، އަތުގެ ވެރިޔާގެ ނަޒަރު ހުއްޓިފައި ހުންނަނީ އެހެން ދިމާޔަކަށެވެ. އެ މީހާ އަޅުގަނޑަކާ ހަތަރުކަޅިހަމައެއްނުކުރެއެވެ. އަޅުގަނޑު މި ވާހަކަ މި ނަންގަންނަނީ އެކަމާ އަޅުގަނޑަށް އުނދަގޫވާތީއެވެ."

ގަސްދޮށުކާފަ ހީނލިއެވެ. އަދި ބުނާން ފެށިއެވެ. "ދަރިޔާ އެޑުވަޑޫއެވެ. އަޑުއަހާށެވެ. އެ ޒާތަށް އެ އަންނަ މީހުންނަކީ ކަލެޔާ ވާހަކަދައްކާން އަންނަ މީހުންނެއްނޫނެވެ. އެ މީހުން އެ އަންނަނީ ތިޔަބުނާ މުސްކުޅިޔާޔާ އަތާއަތްޖޯޑުކޮށް ސަލާންކޮށްލައި، ކޮންމެވެސް އެއްޗެއް ވެސް ބުނެލައިފައި ދާށެވެ. އެ މީހުންނަށް ކަލެޔަކީ މީހެއް ނޫނެވެ. ހަތަރުކަޅި ހަމަނުކުރަނީ އެހެން ވީމައެވެ. ދަންނާށެވެ! އެ މީހުންނަކީ އަޚުލާޤާއި ސުލޫކުގެ ގޮތުން އެހައި ކަމުދާ ބަޔެއް ނޫނެވެ. އެހެންޏާ، ދެ މީހަކު ވާހަކަޔެއްގައި ތިއްބައި، ގޮތެއް ހުރި މީހަކު ނަމަ އެ ދޭތެރެޔެކަށް އައިސް އެ ގޮތަކަށް ތޮރުފިއެއްނުގަންނާނެއެވެ. އަދި ހަމަ ކޮންމެހެން ބުނާނޭ އެއްޗެއް އޮވެ، އެ އެއްޗެއް އެޔަށް ވުރެ މުނާސަބު ވަގުތަކުން ބުނާން ބާއްވައިފި ނަމަ ދެ ފަރާތަށް ވެސް ބޮޑު ގެއްލުމެއްވެދާނޭ ފަދަ ޙާލަތެއް މެދުވެރިވެފައިވާ ނަމަ ވެސް، އެ ކަން ވެސް ކުރާނީ ދެ މީހުންނަށްމެ ސަލާންގޮވައިލައި، އެއްޗެއް ބުނެލިޔަސް އެންމެރަނގަޅުތޯ ދެމީހުން ގާތު ވެސް އަހައިލައި ހަދައިފައި ދެނެވެ. އެކަކު މީހަކަށް ހަދައިފައި އަނެކާ ނުމީސްކޮށްފައެއް ނޫނެވެ."

ގަސްދޮށުކާފަ އޭނާގެ ނަސޭހަތައިގެން ކުރިޔަށްދިޔައެވެ. "އެހެންވީމައި، ދެން ފަހަރަކުން އެ ޒާތުގެ މީހަކު އެ ގޮތަށް ސަލާމަށް ދިއްކޮށްލާ އަތުގައި ނުހިފާށެވެ. ކަލޭ ވެސް ދުރު ބަލަހައްޓައިގެން އިންނާށެވެ! އެ މީހަކަށް ކަލޭ މީހަކަށް ނުވާ މީހާޔަކީ ކަލެޔަކަށް ވެސް މީހެއް ނޫނެވެ!"

މިސްޓަރު އެޑުވަޑު ގަސްދޮށުކާފަޔަށް ޝުކުރުއަދާކޮށްފައި ގޭދޮށަށް ދިޔައީ ގަސްދޮށުކާފަގެ ނަސޭހަތާ އެއްގޮތަށް ޢަމަލުކުރާން ނިންމައިގެންނެވެ.