Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

1. ތިމާގެ ކުރިމަތީގައި އެހެން މީހަކަށް އިހާނަތްތެރިކޮށް ހިތޭ ވަގުތުގައި އެއީ ތިމާއަށް ވެސް ވެވޭ އިހާނަތްތެރިކަމެއް ކަމުގެ އިހުސާސު އަމިއްލަ ނުވާ ކަމަށް ވަންޏާ ތިމާއަކީ މިނިވަނެއް ކަމުގައި ނުބެލެވޭނެއެވެ.

2. ފަގީރުން ބަނޑު ފުރެންދެން ކާންދީ ހިތްހަމަޖައިސައިދެވެއެވެ. ނަމަވެސް، ޔަގީންވާ ކަމަކީ މުއްސަނދިން ބަނޑުފުރެންދެން ކާންދިނުމަށް އަހަރުމެން ނުކުޅެދިފައިވާ ކަމެވެ. މިއިން އެނގެނީ މުއްސަނދިންނަކީ ކިތަންމެ ވަރަށް ކެޔަސް ހިތް ފުރޭނޭ ބައެއް ނޫންކަމެވެ!!

3. "ކަރުނައަކީ ފެން ތިކިތަކެއް ނޫނެވެ. އެއީ ވެސް އިބާރާތްކޮޅެކެވެ. ނަމަވެސް އެ އިބާރަތްކޮޅު ކިޔާލަން އެނގޭ މީހުން ފެންނާނީ ވަރަށް ވެސް މަދުންނެވެ."

4. "ދުނިޔޭގެ ތާރީޚުގައި ވެސް އުފެއްދުނު އެންމެ ނުބައިކަން ބޮޑުވެގެންވާ ދެ އެއްޗަކީ ފޭސްބުކް އާއި ފިސްތޯލައެވެ. ފޭސްބުކް އުފެއްދުމުން، ތަންދޮރު ނުދަންނަ ޖާހިލުންނަށް، ތަންދޮރު ދަންނަ، އިލްމުވެރި މީހުންނާ ޖަދަލުކުރުމުގެ ފުރުސަތު ލިބުނެވެ. ފިސްތޯލަ އުފެއްދުމުން، އެއްވެސް ހިއްވެރެއް ނެތް، ފިނޑި މީހުންނަށް ހިއްވަރުގަދަ ކެރޭ މީހުންނާ ކުރިމަތިލެވޭ ގޮތްވިއެވެ!"

5. އަންހެނަކު ދެކެ ފިރިހެނެއް ލޯބިވުމަކީ އޭނާގެ އުފެދުމުގައި ލެއްވިފައިވާ ކަމެކެވެ. އޭނާގެ ތަބީއަތުގައި ލެއްވިފައިވާ ކަމެކެވެ. ދެން، އެ ލޯތްބަށް ރައްކާތެރިވި، އެ ލޯބި ދެމެހެއްޓުމުގެ ސިފައަކީ، ފިރިހެންވަންތަ ކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ބުނެވެއެވެ. އަދި، އެހެންވެ، ހަގީގީ ފިރިހެނަކީ އެތައް މިލިޔަން އަންހެނުން ދެކެ ލޯބިވާ މީހާއެއް ނޫނެވެ. ނަމަވެސް، އެތައް މިލޔަން ގޮތެއްގައި އެއް އަންހެނަކު ދެކެ ލޯބިވާ މީހާއެވެ!

6. ހަގީގަތް ދައްކުވައިދޭ ތަމްސީލުތައް ކުޅުމަށްޓަކައި މިލިޔަނުން ފައިސާ ހޭދަކޮށްލެވެއެވެ. ކުރިމަތިން ފެންނަން އޮންނަ ހަގީގަތް ބަދަލުކޮށްލުމަށް އެ ފައިސާ ޚަރަދުކުރެވޭނެ ނަމައެވެ.

ހަގީގަތް ދެނެގަތުމަށްޓަކައޭ ބުނެ، ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން މިލިޔަނުން ޚަރަދުކޮށް އަގު ބޮޑު ދަރުތުތައް ކުރެއެވެ. އެންމެން ވެސް ދަންނަ، އެންމެނަންނަށް އެނގޭ ހަގީގަތް- ބޯހިޔާވެހި ކުރުމާއި އަދިވެސް މިނޫން ވެސް ޒަރޫރީ ބޭނުންތައް ނުފުއްދުފައި އޮންނަ އޮތުން- މި ކަންކަން ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ އެ ފައިސާ ޚަރަދުކުރެވޭނެ ނަމައެވެ!