އެމެރިކާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލުމުން، ބައެއް މީހުން އޭނަ ނުހޮވުމަށް ވާހަކަ ދެއްކިއެވެ. ފުރަތަމަ ދައުރުގައްޔާއި އަދި އެ ދައުރު ނިމުމާ ވިދިގެން އޭނަގެ އަމަލުތައް ހުރި ގޮތުގެ މައްޗަށް ބަލައިފައެވެ. އެ އަމަލުތައް ހުރި ގޮތް ޚުލާސާކޮށްލައިފައި ބުނާ ނަމަ ބުނެވޭނީ، އޭނަ އެދޭ ގޮތާ ފުށުއަރާ ނަމަ، އެމެރިކާގެ ގާނޫނު އަސާސީއާއި އަދި ބައިނަލް އަގުވާމީ ގާނޫނުތަކާއި އަދި އަޚުލާގީ އިންތަކަށް ވެސް ބެލުމެއް ނެތި ކަންކަން ކުރުމެވެ. މި ފަދައިން އޭނަގެ އަމަލުތައް ފެނުމުން، މި ބުނި އޭނައާ އިދިކޮޅު ބައެއް މީހުން ވެރިކަމަށް އޭނަ ގެންނަން ހެޔޮނުވާނެ ކަމަށް ބުންޏެވެ. އޭނަ ވެރިކަމަށް އަތުވެއްޖެ ނަމަ، އިޒުރޭލުގެ އެދުމުގެ މަތިން އީރާނާ ހަނގުރާމަ ކުރާނެ ވާހަކަ ވެސް ބަޔަކު ލަފާކޮށްފައި ބުންޏެވެ. އަދި، އޭރުގައި އޭނަގެ އަމަލުތައް ހުރި ގޮތުން، ދެވަނަ ފަހަރަކަށް އިންތިޚާބުކޮށްފި ނަމަ، އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ ގަދަރު ގެއްލިގެން ހިނގައިދާނޭ ކަމަށް ވެސް އިދިކޮޅު ބައެއް މީހުން ބުންޏެވެ. މިހާރު ހަމަ އެމީހުން ބުނަނީ އެ މީހުން ކުރިން ބުނި ކަންކަން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. އެހެންވީމާ، ކުރިން ވެސް ބުނި ފަދައިން އެ މީހުން ބުނަނީ މިއީ ވެރިކަމަށް ގެންނަން އެއްގޮތަކަށް ވެސް ރަނގަޅު މީހެއް ނޫންކަމެވެ.
މިކަމުން ލިބޭ އިބުރަތަކީ ކޮބައިހެއްޔެވެ؟ މީހެއްގެ ސިޔާސަތާއި އަމަލުތައް ހުންނަނީ ގައުމުގެ މަސްލަހަތާއި ގައުމުގެ އާންމު އަގުތަކާ ފުށުއަރާ ގޮތަކަށްކަން އެނގޭ ނަމަ، އެފަދަ މީހުން ވެރިކަމަށް ގެންނަން ނުވާނޭ ކަމެވެ. އެ ފަދަ މީހަކު ވެރިކަމަށް އަލުން ގެނެސްފި ނަމަ، ޓުރަމްޕުގެ ސަބަބުން އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއްވީ ފަދައިން، އެ ފަދަ އެހެން މީހުންގެ ރާއްޖެތަކަށް ވެސް ގެއްލުން ލިބިދާނޭ ކަމެވެ. މިސާލަކަށް، ތަނުގައި ބޭރުގެ އަސްކަރީ ބާރުތަކުގެ މަރުކަޒުތައް ގާއިމުކުރުމުގެ ހުއްދަ ދިނުމާއި ގައުމީ ހުދޫދުތައް، ސަރަހައްދުތައް ކަނޑައެޅިފައި ނޯތުމަށާއި ތަނުގެ ރައްޔިތުންނަށް ދޭންޖެހޭ، ގޯތިގެދޮރު ލިބުން ފަދަ، ބައެއް އަސާސީ ޚިދުމަތްތައް ހަމަނުޖެހި އޮއްވައި، ލައްކައަށް ވުރެ ގިނަ މީހުންނަށް ރައްޔިތުކަން ދިނުމަށް ގޮވާލުމަކީ ތަނުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ނިޔަތުގައި ކުރާ ކަމެކޭ ބުނެވިދާނެ ހެއްޔެވެ؟ މިފަދަ ސިޔާސަތުތަކުގެ ހުވަފެން ދެކޭ މީސްމީހުނަށް ވެރިކަން ދިނުމުން، ދެން ކަންކަން ގޯހުން ގޯހަށް ދިޔުމުން، ފަހުން ކުރެވޭނޭ ކަމެއް އޮންނާނެ ހެއްޔެވެ؟ ފަހުން އެކަމާ ހިތާމަކުރުމުން ކުރި ނުރަނގަޅު ކަންކަން އަނބުރާ ބަދަލުކޮށްލެވޭނެ ހެއްޔެވެ؟
