Support Us

ދޫކޮށްފައިވާ ލޯންތަކުގެ ބަދަލުގައި ރަށްތަކެއް ހޯދަން ޗައިނާއިން ނޭދޭނެ: ސަފީރު

ރާއްޖެއަށް ޗައިނާ އިން ދީފައިވާ ލޯންތައް ނުދެއްކިޖެނަމަ ބަދަލެއްގެ ގޮތުން އެގައުމަށް ރާއްޖޭގެ ރަށްތަކެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެ ދައްކާ ވާހަކަތައް ޗައިނާގެ ސަފީރު ޖަންގް ލި ޖޮންގް ދޮގުކުރައްވައިފިއެވެ.

ރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯންތައް ރާއްޖެއަށް ނުދެއްކިއްޖެ ނަމަ ރާއްޖޭގެ ބައެއް ރަށްތަށް ޗައިނާއަށް ދޫކޮށްލަން ޖެހިދާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ދާދިފަހުން ބީބީސީއަށް ދެއްވި އިންޓަވިއެއްގައި ވެސް އެފަދަ މޭރުމަކުން ނަޝީދު ވަނީ ވާހަކަދައްކަވާފައެވެ.

ޗައިނާގެ ސަފީރު ޓުވީޓާ މެދުވެރިކޮށް ދެއްވާފައިވާ ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯންތައް ރާއްޖެއަށް ނުދެއްކޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެގައުމުން ރާއްޖޭގެ ރަށްތަކެއް ނޫނީ ބިންތަކެއް ހޯދަން އެދޭނެ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ޗައިނާއިން އެއްވެސް ގައުމަކަށް ދޫކޮށްފައިވާ ލޯން ފައިސާ ހޯދަން އެގައުމަކަށް އުނދަގޫވާ ހާލަތެއްގައި ބާރުނާޅާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް އަމަލް ކުރާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދެ ފަރާތުން ވާހަކަ ދައްކައިގެން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުން ދައުވާކުރާ ގޮތުގައި ދިވެހި ސަރުކާރަށް ޗައިނާއިން ދީފައިވާ ލޯންތައް ނުދެއްކިއްޖެ ނަމަ ބަދަލެއްގެ ގޮތުގައި ބިންތަކެއް ނޫނީ ރައްތަކެއް ދޭން ޗައިނާއިން އެދޭނެ. އެހެންނަމަވެސް އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް،" ސަފީރު ވިދާޅުވިއެވެ.

ޗައިނާއާ ރާއްޖެއާ ދެމެދުގައި އޮތް އެއްބާރުލުމަކީ ރަހުމަތްތެރިކަމާ އެކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި މިއީ އެއް ފަރާތުން ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ނިންމާ ގޮތަށް އޮތް ގުޅުމެއް ނޫން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *