Support Us

ކޮލަމް ކަލާވެހި: ގަސްދޮށުކާފަގެ ޒިކުރާ- ދޭތެރެދުރުކުރުން

އެފުރިކާބައްރުގެ ކޮންމެވެސް ހިސާބެއްގައި އޮންނަ، ހުއޯރީއޭ ކިޔުނު އަވަށްގަނޑެއްގެ ރަށްބޭރުގައި ވަރަށް ބޮޑު ޖަހާމުގުރި ގަހެއް ހުއްޓެވެ. އަދި ހުއޯރީގެ މީހުން ގަހުގެ ވަށައިގެން އެޅި، ވަރަށް މުހިންމު އަށްޓެއް ގަހުގެ ވަށައިގެން ކަހަލަ ގޮތަކަށް ހުއްޓެވެ. އެ އަށްޓަކީ އަވަށުގެ އެކި ކަންކަމާ މެދު މީސްމީހުން ވާހަކަދައްކައިލާން ތިބޭން ބޭނުންކުރި އަށްޓެކެވެ. ބަސްވިކޭ ޒާތުގެ މީހުން ބަސްބުނެލައިހަދާން ވެސް އައިސްއުޅުނީ އެތަނަށެވެ.

ކޮންމެއަކަސް، ގަސްދޮށު އަށީގެ އެންމެ ނަޔާ ދުވަސްވަރު، ހުއޯރީއަވަށުގެ ގެ އެކި ކަންކަމަށް ފާޑުކިޔައިލައި، މީސްމީހުން އޭނާ ގާތަށް އައިސް ލަފާއަހައިލައި އުޅުނު، ކަންކަމުގައި ދުރުވިސްނުމާއި ޙިކުމަތާއެކު ފެންނަ އެއްޗެއް ބުނެލައި އުޅުނު، މުސްކުޅިފުރައިގެ މީހަކު ގަސްދޮށު އަށީގައި ވަރަށް ގިނަ ދުވަސްދުވަހު އިންނަކަމަށް ބުނެވުނެވެ. އޭނާޔަށް ގިނައި މީހުން ކިޔައިއުޅުނީ ގަސްދޮށުކާފަގެ ނަމުންނެވެ.

މީލާދީ ސަނަތުން ނަވާރަސަތޭކަ އާހީގެ އަހަރުތަކުގެ ތެރޭގައި، ހުއޯރީއަވަށް އެ ޤައުމަކަށް ނިސްބަތްވާ ޤައުމުގެ އެންމެ އިސް ވެރީންގެ ފަރާތުން އެ ޤައުމުގެ ރަށްފުށުގައި އުޅުނު އެންމެ ކަތުންނަށް މުހިންމު އެންގުމެއް އެންގިއެވެ. އެ އެންގުމުގައި އޮތް ޢިބާރާތަކީ:-

"މި ޤައުމުގެ އެކި ހިސާބުތަކުގައި ދިރިއުޅޭ، ތަސައްރަފުފުދިފައިވާ އެންމެ ކަތުންނަށް އަންގަމެވެ. އަހަރުމެން އެ ތަނެއްގައި ދިރިއުޅެމުން މި ގެންދާ ދުނިޔެއޭ ކިޔޭ ތަނުގައި އިންސާނުންގެ ބައިހެއުވަމުން ދާ ނިސްބަތް އަހަރުން އަހަރަށް ބޮޑުވަމުން އެބަދެއެވެ. ވީމައި، ދުނިޔޭގައި ލައްވައިފައިވާ، އިތުރުނުވާ ވަޞީލަތްތަކުން އިންސާނުންގެ އެންމެނަށް ނުފުދޭ ދުވަސް އައުން އޮތީ ވަރަށް ގާތުގައެވެ. ދުނިޔޭގެ މި ޒާތުގެ އެންމެހައި ކަންކަމާ މެދު ވިސްނައި، ފިކުރުކޮށްއުޅުމުގެ ބާރާއި، ކެރިފޯރުންތެރިކަމާއި، ރަސްމީ ތަޢުލީމު ފުރިހަމަޔަށް ލިބިގެންވާ ޤައުމުތަކުގެ ޢާލިމުންގެ މެދުގައި ޖަލްސާކޮށް، މަޝްވަރާކޮށްފިއެވެ. އަދި މި ކަމާ މެދު އަޅާނޭ ފިޔަވަޅުތަކަކީ ކޮބައިކަން ދުނިޔޭގެ އެންމެހައި ކަންކޮޅުތަކަށް އަންގައިފިއެވެ. އަހަރުމެން ވެސް މިތިބީ އެ ފިޔަވަޅުތައް އަޅާށެވެ.

މީގެ ފަހުން، ހުއޯރީގެ ކޮންމެ ދެމަފިރިޔަކު ވެސް ދޭތެރެދުރުކުރާން ވާނެއެވެ. މީގެ ފަހުން، އެއްވެސް ދެމަފިރިޔަކަށް ދެ ކުދީންނަށް ވުރެ ގިނައިން ލިބިގެންނުވާނެއެވެ. މި ކަމަށް މަގުފަހިކޮށްދޭނޭ ވަސީލަތްތައް ބޭނުން މީހަކަށް ހިލޭ ލިބޭނެއެވެ. އަދި މިކަމުގައި ދެމިތިބޭ މީހުންނަށް އިނާމާއި އެވޯޑު ލިބިދެވޭހުއްޓެވެ!"

މި ޢިބާރާތް ދުށް ގިނަ މީހުން ނިންމީ އެ މީހުން ދޭތެރެދުރުކުރުމައިގެން އަވަސްވެގަންނާށެވެ. އެހެންނަމަވެސް، މަދު މީހެއްގެ ހިތުގައި އެކަމާ ބެހޭގޮތުން ދެތިން ސުވާލު އުފެދިގެން އަޔެވެ. އޭގެ ތެރެއިން ދެތިން މީހުން އިޚްތިޔާރުކުރީ ހަނުތިބޭށެވެ. ދެން ތިބި ދެ މީހަކު ދިޔައީ ޖަހާމުގުރިގަސްދޮށުގައި ހުރި އަށްޓަށެވެ. ގަސްދޮށުކާފަގެ ޚިޔާލު ހުރިނެތް ގޮތެއް ހޯދައިލާށެވެ. އެހެންކަމުން، އެ މީހުން އެ ތަނަށް ގޮސް ދޭތެރެދުރުކުރުމާ ބެހޭގޮތުން ގަސްދޮށުކާފަޔާ ސުވާލުކުރީމައި އެ ކާފާ ދިން ޖަވާބަކީ މިއެވެ:-

"ކަލޭމެން ތިޔަތިބީ ހަމައިގައި ހެއްޔެވެ؟ ދުނިޔޭގެ ބޮޑެތި ދެތިން ދައުލަތެއްގެ މަހުޖަނުން އެއްތަންވެލައިފައި، އާނ ދެންދެނޭ، ދޭތެރެދުރުކުރާންވިއްޔޭ ގޮވައިލައިފައި، ދުނިޔޭގެ މިސްކީނުތަކުން އުޅޭ ބިންތަކުގައި އެ ހަން ފަތުރާން އެއްޗެއް ދޭންޖެހޭ ބަޔަކަށް އެއްޗަކާއި ދޮޅެއް ދިނީމައި، ފަހުން މި ބުނި މީހުން ގުނބޯ ނަށާބީދައިން ނަށާނެއެވެ. އެހެނެކޭ ކިޔައިފައި، އަހަރުމެން އެ ބެރަށް ނަށާންޖެހޭހެއްޔެވެ؟ މަގޭ ބަހެއް އަހާނެންޏާ، ކަލޭމެން އެ ކަމެއް ނުކުރާނެއެވެ. އަދި ކިއެއްތަ، ގިނަ ދަރީން ހޯދައި، އެ ދަރީން ވެސް ގިނަ ދަރީން ހޯދާންވީއެވެ. ފައިދާ އޮތީ އެކަމުގައެވެ. ކަލޭމެންނަށް އެ ކަން އަދި ފަހުން އެނގޭނެއެވެ."

ގަސްދޮށުކާފަގެ ބަސްއަހައިގެން، ދޭތެރެދުރުކުރާން ބޮޑުން ގޮވައިލި ގޮވައިލުމަށް ފުރަގަސްދީ، ގިނަ ދަރީން ހޯދުމުގައި ފަސްނުޖެހޭންކަމަށް ކަމަރުބަނދެގެން އުޅޭން ނިންމީ ސުވާލައިގެން ގަސްދޮށުކާފަ ގާތަށް ދިޔަ މީހުންގެ ތެރެއިން އެއް ގެޔެއްގެ ދެބެއިންނެވެ. އެއީ އެ އަވަށު ކަޅުހުއްތުމޭވާގޭ ބޮޑޭއާއި ކުޑޭއެވެ. އެހެންކަމުން، ބޮޑޭ އަށާއި ކުޑޭއަށް އޭގެ ފަހުން ދަރީން ލިބޭން ފެށީ ވަރަށް ތިޔާގިކޮށެވެ.

ދުނިޔެ އޭގެ ޒާތުގައި ދައުރުވަމުން އޮވެ ދިޔައެވެ. އިރުއަރައި އިރުއޮއްސި އޮވެ ދިޔައެވެ. ދެ ބާވަތުގެ ދެ އަހަރާއި ނަކަތްތައް ބުރު ހަމަކުރަމުން އޮވެ ދިޔައެވެ. އަދި އެ މަގުން ސާޅީހަކަށް އަހަރު ހޭދަވެނިމިއްޖެއެވެ. ހުއޯރީ  ގެ ތަރައްޤީގެ ބިޔަ ބޮޑު މަޝްރޫޢެއް ހިންގާން ޔޫރަޕުގެ އެންމެ ޒަމާނީ ކުންފުންޏަކާ ރަށްބޭރުގެ ބިން ޙަވާލުކުރެވުނު ހިސާބުން ޖަހާމުގުރިގަސް ކަނޑައިލެވިއްޖެއެވެ. ގަހާ އެކީ އަށި ގެއްލިއްޖެއެވެ. ގަސްދޮށުކާފަ ނިޔާވިތާ ވިއްސަކަށް އަހަރު ފާއިތުވެ، އޭނާގެ މަޖާ ވާހަކަޔަކާއި ދުރުވިސްނުމާއި ޙިކުމަތުގެ މަތީން ގިނަ މީހުން ހަނދާންނެތި ހިނގައްޖެއެވެ.

ހުއޯރީއަކީ ވެސް ޒަމާނީ ޑިމޯކުރަސީގެ ނަމޫނާ އަވަށަކަށް ވާން ވާދަކުރާ އަވަށެކެވެ. އެހެންކަމުން، ހުސްބިމެއް އޮތް ކޮންމެ ތާކު ފުޓްސަލް ދަނޑުއަޅައި، ފޯރާ ނުފޯރާ ކޮންމެ މީހަކު ވެސް ކަމަޅިމަތީ ސައިކަލަކަށް އަރައި، އެންމެ ފަހުގެ އައިފޯނު އަދި މުޅީން ރަނގަޅަށް ބޭނުންކުރާން ނޭނގުނަސް އެ ވެސް އެންމެނަށް ފެންނަ ހިސާބުގައި އަތުގައި ބާއްވައި، ތަރައްޤީގެ ދަލީލުތައް ކަމުގައި ހިމެނޭ މި ހުރިހައި ކަމެއް ތަމްސީލުކުރުމުގައި ހުއޯރީ އޮތީ ވަރަށް ކުރީގައެވެ.

ދެން އައީ ހުއޯރީއަށް ވަރަށް މުހިންމު ދުވަހެކެވެ. އެއީ ހުއޯރީގެ ފަރާތުން ޤައުމުގެ ރައްޔިތުންގެމަޖިލީހަށް ހޮވާނޭ މެންބަރަކު ހޮވާން ބާއްވާ ސަރަޙައްދީ އިންތިޚާބުގެ ކެންޕޭނު ފެށުނު ދުވަހެވެ. އެ ދުވަހު އެންމެން ވެސް، އަދި ވަކީން ޚާއްޞަކޮށް އެއިރުވެސް އަތުއޮތް ތަނަސްކަން ނުގެއްލި އިތުރަށް ގުނަވާން ބޭނުންވި މީހުން ހޭލައިގަތީ ވީހައިވެސް ގިނަ ވޯޓު ތިމާމެންގެ ވަށިގަނޑަށް އެޅޭނޭ މަގަކީ ކޮބައިތޯ ބަލާށެވެ.

ހުއޯރީއަކީ ރަޙިމުގެ ގުޅުމާއި ގާތްތިމާގެކަމަށް ޙައްޤު އަހުމިއްޔަތެއް އެއިރުވެސް ދީދީ އޮތް އަވަށެކެވެ. އެއްބަނޑުއެއްބަފާ، ނުވަތަ ދެބެއިންގެދެދަރި، ނުވަތަ ދިލަކޮޅުފޯރާ ހިސާބުން ނަމަވެސް ތިމާގެކަމެއް އޮތް މީހަކަށް ވޯޓުލެވޭން އޮތިއްޔާ، އެ މީހަކީ ހަތް އައިބުގެ ވެރިޔަކަސް ވޯޓުލާނީ އެ މީހަކަށޭ ފައުޅުގައި ބުނެއުޅުނު އަވަށެކެވެ. އެހެންކަމުން، ކެންޕޭނަށް ނިކުތް މީހުންނާއި އަވަށުން ބޭރުން އައި މީހުން ވެސް އެ ދުވަހު އަވަސްވެގަތީ އަވަށުގެ އެންމެ ބޮޑު ޢާއިލާޔަކީ ކޮބައިތޯ ބަލާށެވެ.

ހުއޯރީގެ އެންމެ ބައިހެޔޮ ޢާއިލާއެއްކަމަށް އެންމެނަށް ވެސް އެ ދުވަހު ފެނުނީ ކަޅުހުއްތުމޭވާގޭ ބޮޑޭއާއި ކުޑޭގެ ޢާއިލާއެވެ. އެ ގޭ ދަރީންނާއި އެ ދަރީންގެ ދަރީންނާއި، އެ އެންމެންގެ ޅިޔަންފަހަވެރީން އެއްކޮށްލީމައި އެ ނިކުންނަ ޢަދަދަކީ ހުއޯރީގެ އާބާދީގެ ތިންބައިކުޅަދެބަޔާ ގާތްކުރާ ޢަދަދެކެވެ. އެ ޢާއިލާގެ އެންމެންގެ ވޯޓު ލިބޭ މީހާޔަކީ ކޮންމެ ފަދަ ގޮތަކަށް ބޭއްވޭ ކޮންމެ އިންތިޚާބެއް ވިޔަސް ޔަޤީންކަމާ އެކީ ކާމިޔާބުކުރާނޭ މީހާއެވެ!

އެ ދުވަސް ވެސް އިސާހިތަކު މާޒީވެއްޖެއެވެ. ވޯޓު ވެސް ލެވިއްޖެއެވެ. އިންތިޚާބު ވެސް ކާމިޔާބުކުރެވިއްޖެއެވެ. އޭގެ ފަހުން ފަސް އަހަރު ވެސް ވެއްޖެއެވެ. ހުއޯރީގެ ކަޅުހުއްތުމޭވާގޭ މީހުންނަކީ މިއަދު އަވަށުގެ އެންމެ ތަނަވަސް، މީހުންގެ މެދުގައި އެންމެ މަޤުބޫލު، މީހުންނަށް އެންމެ ކަމުދާ މީހުންނެވެ. ހިސާބުގަނޑަށް އަލަށް ތަޢާރަފުވި ޓޫރިޒަމްގެ ހޮޓާތައް އެއީ އެމީހުންގެއެވެ. އަވަށުގައި ދުއްވާ އަގުބޮޑު ކާރުތަކާއި އަސްގާޑިޔާތައް އެއީ އެމީހުންގެއެވެ. ކެންޓީނުތަކާއި ރެސްޓޯރަންޓުތައް އެ މީހުންގެއެވެ. އެންމެ ފަހުގެ ސައިކަލާއި އައިފޯނު ވިއްކާ ފިހާރަތައް އެމީހުންގެއެވެ.

ކަޅުހުއްތުމޭވާގޭ މުސްކުޅި ގެޔަކީ މިއަދު ހަނދާނީ މަރުކަޒެކެވެ. އެ މަރުކަޒު ތަޚްޞީޞްކުރެވިފައި ވަނީ އެ ފަރާތެއްގެ މަތީން ގިނަ މީހުން ހަނދާންނެތިފައިވާ ޢިއްޒަތްތެރިޔަކަށެވެ. އެއީ "ގަސްދޮށުކާފަ" ނަމަކަށް ކިޔުނު ޙަކީމެކެވެ. އެ ޙަކީމަކާ ބެހޭގޮތުން ދޫދޫމަތީން އިވޭގޮތުގައި، އެއީ ދޭތެރެދުރުކުރުމާ ބެހޭގޮތުން ޞައްޙަ ފަލްސަފާއެއް ގެންގުޅުއްވި ޙަކީމެކެވެ. ކަޅުހުއްތުމޭވާގޭ ތަނަވަސްކަމުގެ ޙަޤީޤީ ބާނީޔަކީ އެއީއެވެ!