Support Us

ކޮލަމް ކަލާވެހި: ވަރަށް އާދައިގެ ހަފުތާބަންދެއް

(ހަމަ ކޮންމެހެން ވެސް ވިދާޅުވާން ވާނޭ ކުރުވާހަކަޔެއް)

ދެބައިމީހުންގެ ދެމެދުގައި އެއްވެސް ވަރެއްގެ ގާތްތިމާގެކަމެއް، ރަޙުމަތްތެރިކަމެއް، އެކުވެރިކަމެއް ކީއްކުރާންތޯއޭ ފެނިދެނިވުމެއްހައިހިސާބު ވެސް ނެތް ދެ ޢާއިލާއެއް، ހަފުތާބަންދުގެ ދުވަހެއްގެ ހިތްފަސޭހަކަން ހޯދައިލާން ކޮންމެވެސް ރަށެއްގެ ގޮނޑުދޮށަށް ދިޔައެވެ. ދެބައިމީހުންނަކީ ވެސް ޒަމާނުގެ ތަހުޒީބަށް އަހުލުވެރި، އެކި ކަންކަމުގެ ޢާލަމީ އާދަކާދަޔަށް ފިސާރި ރަނގަޅަށް ލޯހުޅުވިފައި ތިބި، ތަނަވަސްކަމުގައި ދިރިއުޅޭ ބައެއްކަން އެހެން މީހުންނަށް އެނގޭނޭ ބީދައިން، ދެބައިމީހުންގެ ދަރީން އަތިރިމަތީގައި ހިތްހަމަޖައްސައިލާން ހަމަ ކޮންމެހެން ވެސް ބޭނުންވާނޭ އެންމެހައި އާލާތެއް އެ މީހުން އެ ތަނަށް ގެންދިޔައެވެ. ތަފާތު ކުލަކުލައިގެ ޕުލާސްޓިކު ބާލިދީއާއި ފަކީރާއެވެ. ބޮޑުމީހަކު އަނގަޖަހައިގެން ފުއްޕީމައި އެ މީހާ ގުނބުހިލޭ އިރު ތަފާތު އެކި ޖަނަވާރާއި ދޫނިސޫފާސޫފީގެ ބައްޓަމަށް ފުފޭ އެއްޗިއްސެވެ. ކަސްރަތުކޮށްލައި ފަތައިލައި ހަދައިލާން މޫދަށް އެރި ތިބޭ މުސްކުޅިފުރައިގެ އަންހެނުންނަށް އެ ތަކެތި އެ ތަނުން ފެނުނީމައި އެ ތަކެތީގެ ބޭނުން އެ ތާނގައި ކުރާނޭ ކުޑަކުދީންނަށް ޖާގަ ދީފައި ގަންނާކުރައްވާ ބިރުން އަވަސްއަވަހަށް އެއްގަމަށް އަރައިގެން ދުވެ ފިލާ ޒާތުގެ ވޮލީބޯޅަޔާއި ފުޓުބޯޅައެވެ.

ފަތުރުވެރީނަށް ފެންނާނޭ މަގުން ދުނިޔޭގެ އެކި ތަންތަނުގައްޔާއި މަންސަތަކުގައި ބަހައްޓައިފައި އެ ހުންނަ އިސްހާރުތަކުގައި ބުނާ ފަދައިން، ރާއްޖޭގެ ގޮނޑުދޮށްތަކަކީ، ޤުދުރަތީގޮތުން އުފެދިފައިވާ ތަންތަނަށް ވިޔަސް، ގަމު އަހުލުވެރީންގެ ބޭނުމަށް ހަދައިފައި ހުންނަ ތަންތަނަށް ވިޔަސް، އެ ތަންތަނަކީ އަމަންއަމާންކަމާއި، ޞުލްޙަވެރިކަމާއި، ހިތްފަސޭހަކަމާ އެކު ނިޔަނެތިކަމާއި ބަނިޔާދަންކަމުގެ އަހުލުވެރީންނަށް ހުރި، ދުނިޔެމަތީ ސުވަރުގެތަކެއް ފަދަ ތަންތަނެވެ. އަދި އެ ނޫން މީސްމީހުންނަށް ވެސް… ހުރި ތަންތަނެވެ. އެހެންކަމުން، އިސްވެ ދެންނެވި ދެ ޢާއިލާގެ ކުޑަކުދީން ވެސް އަވަސްވެގަތީ ގޮނޑުދޮށުގައި ކުޅޭނޭ ކޮންމެވެސް "ސިވިލައިޒްޑް" ކުޅިވަރެއް ކުޅޭން ފަށާށެވެ. އެގޮތުން، ގޮނޑުދޮށުގައި "ސޭންޑްކާސްލް" ނުވަތަ ވެލިކިއްލާ ހެދުމުގައި އެ ކުދީން މަޝްޣޫލުވެއްޖެއެވެ.

ގޮނޑުދޮށުގައި ކިއްލާ ހަދާން ތިބި ކުދީން ކުރެ މި ދެންނެވި ދެ ޢާއިލާގެ ކުދީންނަށް ތިބެވުނީ އެއް ބަޔަކު އަނެއް ބަޔަކާ ދާދި ގާތުގައިކަމުން، އިސާހިތަކު އެއް ބަޔަކަށް އަނެއް ބަޔަކު ފެނި، ދެބައިމީހުންނަށްމެ މި ކުރެވެނީ އެއް ކަމެއްކަން ވެސް އެނގިއްޖެއެވެ. އެހެންކަމުން، އެއް ބަޔަކު އަނެއް ބަޔަކާ ދިމާޔަށް ބަލައިލިއެވެ. އެންމެ ފުރަތަމަ، އެއް ބަޔަކު އަނެއް ބަޔަކާ ދިމާޔަށް ބަލައިލީ ޒާތެއްގެ ޝައުޤުވެރިކަމަކާ އެކުގައެވެ. އެޔަށް ފަހު، ތިމާމެންގެ މަސައްކަތް އަނެކުންގެ މަސައްކަތަށްވުރެ ފުރިހަމަކަން ދެއްކުމުގެ ނަޒަރަކުންނެވެ. އެޔަށް ފަހު، އާނދޮގޭގެ ރޫޙު އެކުލެވިގެންވާ ނަޒަރަކުންނެވެ!

ދެންފަހެ، މި ދެންނެވި ކުޑަކުދީންގެ ދެ ޖަމާޢަތް ނިސްބަތްވާ ދެ ޢާއިލާގެ މެންބަރުންގެ ތެރޭގައި ހިމެނޭ ބޮޑެތި މީހުން، އެއް ބަޔެއްގެ އަތުގައި ހުރި އަގުބޮޑު ފޯނުތަކާއި، އަޅައިގެން ތިބި މޮޅު ގަޑިތަކާއި، ދެން ވެސް ދެއްކޭން ހުރިހައި "ތަށަށް ވުރެ މަ މޮޅު" ހަރުމުދަލުން ހިމޭން މަޢުރަޒެއް ބާއްވަމުން ދިޔައެވެ. އަދި ގޮނޑުދޮށުގެ ތަންތަންކޮޅުގައި ބަހައްޓައިފައި ހުރި ކުނިއަޅާ އެއްޗިއްސާއި އެ އެއްޗިހި ބޭނުންކުރާން އަންގާން އެތަންމިތާނގައި ބަހައްޓައިފައި ހުރި އިޢުލާނުތަކަކީ އާދައިގެ ދެރަވަރު މީހުންގެ ސަމާލުކަމަށް އެކަނި ބަހައްޓައިފައި ހުރި އެއްޗިހިކަމާއި، ތިމާމެންނަކީ އެޔަށް ވުރެ މަތީގައި ތިބި ބައެއްކަން ދައްކަމުންދިޔައެވެ. އަދި އެ މީހުން އެ މީހުންގެ ދަރީންނަށް މާކަ ބޮޑު ސަމާލުކަމެއް ނުދޭތީ ވެސް ކަންނޭނގެޔޭ، އެ ކުދީން އެ ކުދީންގެ ތަރުބިއްޔަތުގެ މަޢުރަޒެއް އެތާނގައި ބާއްވާކަށް މާކަ ގިނަ ވަގުތެއް ހޭދައެއް ނުކުރިއެވެ.

އަޅުގަނޑު ތަންކޮޅެއް ކުރީން ދެންނެވި، އާނދޮގޭގެ ރޫޙަށް އިސާހިތަކު އަޑާއި ޙަރަކާތް ލިބިއްޖެއެވެ. ސުވާލާއި ޖަވާބު ދިމާކުރުމާއި ޒުވާބަށް ބަދަލުވެއްޖެއެވެ. އަދި ހަމަ އިސާހިތަކު، ދެބައިމީހުންގެ ދެމެދުގައި ކުރެވެން ފެށި ޒުވާބުގެ އަޑު ގަދަވެ، ބަސްމަގުގެ ފެންވަރު ދޯހަޅިވެ، އާދައިގެ އިންސާނުންގެ ކަންފަތު ތޫރީގެ ދުޅަހެއުކަމާއި ބުއްދީގެ ސަކުމަކަށް ޚަލަލެއް އައުން ގާތްކަމަށް ފެނިގެން، މޫދަށް އެރި ތިބި ތަންކޮޅެއް ހިތްވަރުގަދަ ޒާތުގެ އަންހެން ފިރިހެން އެންމެ ކަތުން ވެސް ދެން މިހައިރު ފުދިއްޖެއޭ ބުނާ ކަހަލަ ޒާތަކަށް، ފަހަރަކު މީހަކު އެއްގަމަށް އަރައިގެން ދާން ފަށައިފިއެވެ. ކުޑަކުދީންގެ ދެ ޖަމާޢަތުގެ ދެމެދުގައި ކުރެވެމުން ދިޔަ ޒުވާބު ހަމަ ދެންމެދެންމެ ގަޔަށްއަތްލުމަކާ ހަމަޔަށް ހިނގައިދާނޭ ކަމަށް ބަޔަކު މީހުންނަށް ވިސްނިގެން އެންގީމައި ވެސް ކަންނޭނގެޔޭ، އެ ހިސާބުގައި ބައެއް ދުވަސްދުވަހު ބުރުއަޅައިލާއަޅައިލާ ތިބޭ ތަނުން ދެ ފުލުހަކު އެ ތަނަށް އައިސް، އެ ކަމަށް ސަމާލުކަން ދީފިއެވެ. އަދި ދުނިޔޭގެ އެކި ތަންތަނުގައްޔާއި މަންސަތަކުގައި ބަހައްޓައިފައި އެ ހުންނަ އިސްހާރުތަކުގައި ބުނާ ފަދައިން، ރާއްޖޭގެ ގޮނޑުދޮށްތަކަކީ އަމަންއަމާންކަމާއި، ޞުލްޙަވެރިކަމާއި، ހިތްފަސޭހަކަމާ އެކު ނިޔަނެތިކަމާއި ބަނިޔާދަންކަމުގެ އަހުލުވެރީންނަށް ހުރި ތަންތަންކަން އެންމެނަށް ބުނެދީފިއެވެ.

ދެބައިމީހުންގެ ދެމެދުގައި އެއްވެސް ވަރެއްގެ ގާތްތިމާގެކަމެއް، ރަޙުމަތްތެރިކަމެއް، އެކުވެރިކަމެއް ކީއްކުރާންތޯއޭ ފެނިދެނިވުމެއްހައިހިސާބު ވެސް ނެތް ދެ ޢާއިލާ، ހަފުތާބަންދުގެ ދުވަހެއްގެ ހިތްފަސޭހަކަން ހޯދައިލާން އެ ދުވަހު އެ ގޮނޑުދޮށަށް ދިޔައެވެ. ދެބައިމީހުންނަކީ ވެސް ޒަމާނުގެ ތަހުޒީބަށް އަހުލުވެރި، އެކި ކަންކަމުގެ ޢާލަމީ އާދަކާދަޔަށް ފިސާރި ރަނގަޅަށް ލޯހުޅުވިފައި ތިބި، ތަނަވަސްކަމުގައި ދިރިއުޅޭ ބައެއްކަން އެހެން މީހުންނަށް އަންގާން އެ މީހުން އަބަދުވެސް ބޭނުންވިއެވެ. އެހެންކަމުން، ދެބައިމީހުންގެ ދަރީން އަތިރިމަތީގައި ހިތްހަމަޖައްސައިލާން ހަމަ ކޮންމެހެން ވެސް ބޭނުންވާނޭ އެންމެހައި އާލާތެއް އެ މީހުން އެ ތަނަށް ގެންދިޔައެވެ. ތަފާތު ކުލަކުލައިގެ ޕުލާސްޓިކު ބާލިދީއާއި ފަކީރާޔާއި، އެކި ޖަނަވާރާއި ދޫނިސޫފާސޫފީގެ ބައްޓަމަށް ފުފޭ އެއްޗިއްސެވެ. ވޮލީބޯޅަޔާއި ފުޓުބޯޅައެވެ.

މި ދެންނެވި ދެ ޢާއިލާ އެ ދުވަހު އެ ގޮނޑުދޮށުން ގެޔަށްދިޔައީ އެއް ބަޔަކަށް އަނެއް ބަޔަކު ފިސާރި ރަނގަޅަށް އެނގި، ދަސްވެގެންނެވެ. އެބައިމީހުންނަކީ ހަމަ ތިމާމެންނާ އެއްވެސް ގޮތަކުން ތަފާތު ބައެއް ނޫންކަން އެނގި، ދަސްވެގެންނެވެ. އެބައިމީހުންނަކީ ތިމާމެން ގެޔަށް ގޮސް، އިންޓަނެޓުގެ އެކި މަންސަތަކުގައި އެބަޔަކަށް މަލާމާތްކޮށް، ހަޖޫޖަހައި، ފުރައްސާރަކޮށް ހަދާން ތިމާމެންނަށް އަލަށް ލިބުނު ބައެއްކަން ހަމަ އެހައި ބޮޑު ޔަޤީންކަމަކާއެކު އެނގި، ދަސްވެގެންމެއެވެ.

އާދެ! އެ ހަފުތާބަންދަކީ ވެސް ހަމަ ވަރަށް އާދައިގެ، ފާހަގަކުރެވޭ ވަރުގެ ޚާއްޞަކަމެއް ނުހިގާ، ހަފުތާބަންދެކެވެ.