"މިނިސްޓްރީ އޮފް ޑިފެންސް"ގެ ނަން، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް"ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރި ދެންނެވުމަކުން މިގޮތަށް ބަދަލުކުރެއްވުމާ ގުޅިގެން އެ މިނިސްޓްރީއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ" އެވެ. އަދި ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް" އަށް ލިޔާ ސިޓީގައި ޖަހާނީ މިހާތަނަށް ވެސް މިނިސްޓްރީ އޮފް ޑިފެންސަށް ހަމަޖައްސައިފައިވާ ނަންބަރު 28 ކަމުގައިވެސް އެ ދެންނެވުމުގައި ވެއެވެ.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް ޙަސަން ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ޢައްޔަންކުރައްވައިފައެވެ.
ތ. ވިލުފުއްޓަށް އުފަން ޙަސަން ރަޝީދު ވަނީ 2012 ގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. މުއިއްޒެވެ. ޙަސަން ރަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދުގެ ބޭބެއެވެ. އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އަރިސް، އާއިލީ ބޭފުޅެކެވެ.



advertisment