Support Us

ފިޝަރީޒަށް ޝިޔާމް ޢައްޔަންކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ކަމަށް އަޙްމަދު ޝިޔާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސް މުއިއްޒު ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި ފިޝަރީޒާއި އެގްރިކަލްޗަރު މިނިސްޓްރީ އޮތީ ވަކިންނެވެ. ނަމަވެސް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ މަރްޔަމް މާރިޔާ އިއްޔެ އިސްތިއުފާ ދެއްވުމުން، އެގްރިކަލްޗަރު މިހާރު ވަނީ ފިޝަރީޒާ އެއްކޮށްލައިފައެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ސޮއިކުރެއްވިއެވެ.

ޖުމްލަ 21 މެމްބަރުންގެ ވަޒީރުންގެ މަޖިލީހުގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ބަދަލުތަކެއް ގެންނަވައިފައެވެ. އަދި އިއްޔެ ވަނީ 12 ވަޒީރަކަށް މަޤާމުގެ ފަތްކޮޅު ދެއްވައިފައެވެ.

މި 13 ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި ޑިފެންސް މިނިސްޓަރެވެ. ޑިފެންސް މިނިސްޓަރުގެ މަގާމަށް އަދި ބޭފުޅަކު އައްޔަން ނުކުރައްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *