ފެނަކައިގެ އިންޖީނުތަކެއް ހިފައިގެން ހދ. ކުޅުދުއްފުއްޓަށް ދަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ށ. ނަލަންދޫ ފަރަށްއެރި ކޮޅުވެއްޓީގައި ހުރި ބައެއް މުދާތައް ބާލައި، އެމް.ޓީ.ސީ.ސީގެ ބާޖަކަށް އަރުވައިގެން ށ. މިލަންދޫއަށް ގެންގޮސް، އަނެއްކާ އެހެން ރަށްރަށަށް އުފުލުމުގެ މަސައްކަތް ކުރަމުންއެބަދެއެވެ. ފެނަކައިގެ 13 މިލިއަން ރުފިޔާގެ މުދާ ހުރީ އިންޝުއަރކޮށްފައި ކަމަށް އެމް.ޑީ އަހުމަދު ސައީދު މީޑިއާގައި ވިދާޅުވެފައި ވީނަމަވެސް، ކޮޅުވެއްޓި ފަރަށް އަރައި، ދިޔަވެ، އިންޖީނުތަކަށް ގެއްލުންވެ، މުދާތައް އުފުލަމުންދާއިރު އިންޝުއަރެންސް ކުންފުނީގެ ފަރާތުން އެއްވެސް މީހަކު އެތާކު ނެތެވެ.

ކޮޅުވެއްޓީގައި ހުރި ކޭބަލް ރޯލްތައް އެމް.ޓީ.ސީ.ސީގެ ބާޖަކަށް ލައިގެން މިލަންދޫއަށް އިއްޔެ ވަނީ ގެންގޮސްފައެވެ. އަދި އެ ކޭބަލްތައް ބަލައި ލިއޯ ކުންފުނީގެ ކޮޅުވެއްޓިއެއް މިއަދު ހެނދުނު މިލަންދުއަށް ދިއުމުން، އެ ކޮޅުވެއްޓިއަށް އެ ސާމާނު ބަރުކުރުމުގެ މަސައްކަތް މިއަދު މެންދުރު ވަނީ ފަށައިފައެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ މިލަންދޫގައި ހުންނަ ފެނަކައިގެ ޑިރެކްޓަރެކެވެ. އެމް.ޑީ.ޕީ އަށް ނިސްބަތްވާ އެ ޑިރެކްޓަރަކީ މިލަންދޫގައި ވަރަށް ނުފޫޒު ގަދަ މީހެއް ކަމަށް ވެއެވެ. އޭނާއާ ގުޅުމުން ބުނީ ކަމާ ބެހޭ މައުލޫމާތު ދޭނީ ހެޑް އޮފީހުން ކަމަށެވެ. ނަމަވެސް، އެމް.ޑީ ސައީދު ފޯނަކަށް ޖަވާބެއް ނުދެއްވައެވެ.
މި ކޮޅުވެއްޓީގައި ހުރީ 13 މިލިއަން ރުފިޔާގެ ތިން ޖެނަރޭޓަރު ސެޓާއި ޕެނަލް ބޯޑާއިި ކޭބަލްތަކެކެވެ. އެއީ ހއ. އިހަވަންދުއާއި ހއ. ފިއްލަދުއާއި ހއ.ދިއްދޫ އަށް ގެންދާ ޖެނަރޭޓަރު ސެޓާއި ކޭބަލްތަކެކެވެ. ކޮޅުވެއްޓިން ކޭބަލްތައް އިއްޔެ ބޭލި ނަމަވެސް، އިންޖީނުތައް އަދިވެސް ހުރީ ދިޔަވަމުންދާ ކޮޅުވެއްޓީގައެވެ. އިންޖީނުތައް ބޭލޭނެ ދުވަހެއް އަދި ނޭނގެއެވެ. ރާޅު އެރުމުގެ ސަބަބުން އިންޖީނުތަކަށް ވަނީ ގެއްލުން ލިބިފައި ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެމް.ޑީ ސައީދާއި ފެނަކައިގެ ލީގަލް ޓީމުން މަސައްކަތްކުރަނީ މިއަދު ހަވީރު ހަނިމާދޫ މަގުން މިލަންދުއަށް ދާށެވެ. ސައީދުގެ ޓީމުގައި ވެސް އިންޝުއަރެންސް ކުންފުނީގެ މީހުނެއް ނުދެއެވެ. އިންޝުއަރކޮށްފައި ވަނީ ކޮން ކުންފުންޏެއްގައި ކަމެއް ވެސް ނޭނގެއެވެ.
ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ މުދާ ރަށްރަށަށް އުފުލާއިރު، އެ ތަކެތި ގެންދަން ޖެހެނީ އިންޝުއަރކޮށްފައި ހުންނަ އުޅަނދުފަހަރުގައެވެ. އަދި އެ މުދާ ވެސް ހުންނަން ޖެހެނީ އިންޝުއަރކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދު ފުރުމުގެ ކުރިން، އޭގެ ސަލާމަތީ ކަންކަން ބަލައި، ޗެކްކުރަންޖެހެއެވެ.
ފެނަކައިގެ 13 މިލިއަން ރުފިޔާގެ މުދާ އުފުލަން މި ކޮޅުވެއްޓި ކުއްޔަށް ހިފީ ވެސް، އާންމުކޮށް އިއުލާންކުރުމެއް ނެތި ކަމަށް މައުލޫމާތު ލިބެއެވެ.

ފެނަކައިގެ އިންޖީނުތަކާއި ކޭބަލްތައް ހިފައިގެން ދިޔަ، ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑު މޯލްޑިވްސްގެ "ހެވީ ސްޓާރ 7″ ނަމަކަށް ކިޔާ 140 ފޫޓުގެ މި ކޮޅުވެއްޓި ނަލަންދޫ ފަރަށް އެރީ މި މަހު 13 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށް އެމް.އެން.ޑީ.އެފުން ބުންޏެވެ. ފެނަކައިން ކުއްޔަށް ހިފައިގެން ދަތުރުކުރި "ހެވީ ސްޓާރ 7″ ގައި ހުރީ ފެނަކައިގެ ފަރާތުން އުތުރުގެ ބައެއް ރަށްރަށަށް ގެންދާ އިންޖީނުތަކަކާއި އެއާ ގުޅޭ ސާމާނެވެ.



advertisment