Support Us

ގިރާވަރުފަޅު ބިން ހިއްކައި ނިންމައި، ޖޫން މަހު ގޯތިތައް ހަވާލުކުރަން ފެށޭނެ: ރައީސުލްޖުމްހޫރިއްޔާ

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހު ނިންމާލެވި، ސަރވޭކޮށް، ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ގިރާވަރު ފަޅު ހިއްކައި ނިމޭތަން ފެންނަ ފޮޓޯއެއް ވެސް ރައީސް ހިމަނުއްވައިފައިވެއެވެ.

ގިރާވަރު ފަޅަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް ވޯޓު ހޯއްދެވުމަށްޓަކައި، ކަނޑުން ގޯތިތައް ދޫކުރެއްވި ތަނެކެވެ. ނާކާމިޔާބުވި އިންތިހާބަކަށްފަހު 2023 ނޮވެމްބަރު 23ގައި ރައީސް އޮފީހުން ނުކުމެވެވަޑައިގަތުމުގެ ކުރިން ގޯތިތަކުގެ ރަޖިސްޓްރީތައް ވެސް ދޫކުރެއްވިއެވެ. ނަމަވެސް އެތަން ހިއްކަން ފެށީ ރައީސް މުއިއްޒުގެ ސަރުކާރުން، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އެއްފަހަރާ ދެ ޑްރެޖަރުން ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ގައި ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104″ ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ސިފަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ގޯތި ދެއްވާނީ ކަނޑަކުން ނޫން ކަމަށާއި، ގޯތި ދެއްވާނީ ހިކިފަސް ތަނުން ކަމަށެވެ. މި އަމާޒަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް ތިނެއްގައި ބިން ހިއްކާ ނިމުމުން ގޯތި ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *